މާލޭގައި ފެންބޮޑުވި ދުވަހެއްގައި މަގަކުން ފެން ހިންދަން ބަހައްޓާފައި ހުރި ޕަމްޕެއް ކައިރީގައި ސިފައިގެން މީހަކު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
13 ޖެނުއަރީ 2025 - 12:16
ރާއްޖޭގައި އާންމުކޮށް ފެންބޮޑުވާ 72 ރަށަކަށް ފެން ހިންދާ ޕަމްޕް ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
ރާއްޖެއަށް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ވަރަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވާތީ، ވިއްސާރާގައި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވާން ފުލުހުންނާއި ސިފައިން އަދި އެންޑީއެމްއޭ ގުޅިގެން ޖޮއިންޓް އޮޕަރޭޝަނެއް މިއަދު ވަނީ ފަށައިފަ އެވެ.
އެ އޮޕަރޭޝަންއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ ފެންބޮޑުވުމުގެ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގައި އާންމުކޮށް ފެންބޮޑުވާ ރަށްރަށަށް ފެން ހިންދަން ބޭނުންވާ ވަސީލަތްތައް އެ އިދާރާއިން ފޯރުކޮށްދީފައިވާ ކަމަށެވެ.
"އެންޑީއެމްއޭ އިން މިހާރު ވެސް، އާންމުކޮށް ފެންބޮޑުވާ 72 ރަށަކަށް ފެން ހިންދާ ޕަމްޕާއި އެއާ ގުޅޭ ވަސީލަތްތައް ފޯރުކޮށްދެވިފައި ވާނެ. މީގެ އިތުރުން ފިކްސްޑް ބޭސްޑް ފެން ހިންދާ ނިޒާމެއް ވެސް ރަށްރަށުގައި ގާއިމްކުރެވިފައި ހުންނާނެ،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ރަށްރަށުގައި ފެންބޮޑުވާ ހާލަތްތަކުގައި އަބަދުވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެނީ އެކަމަށްޓަކައި އެ ރަށެއްގައި ކައުންސިލްގެ ބައިވެރިވުމާ އެކު އެކުލަވާލާފައި އޮންނަ ކޮމިއުނިޓީ އިމަޖެންސީ ރެސްޕޮންސް ޓީމްތަކުން ކަމަށެވެ. އަދި އެ ޓީމްގެ ކެޕޭސިޓީއަށް ނުފެތޭ ވަރަށް ފެންބޮޑުވެއްޖެ ނަމަ، ފުލުހުންނާއި ސިފައިންނާއި ކުންފުނިތަކުން ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ މި ކަހަލަ ކޮންމެ ކާރިސާއެއްގައި ވެސް، މީގެ ކުރިން ވެސް އަމަލުކުރަމުން އަންނަ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުން ފެށިގެން އަނެއްކާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންޑީއެމްއޭ އިން ކުރިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މި މަހު ކުރީކޮޅު ވެސް ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވި އެވެ. އެ ފަހަރު ވެސް ވިއްސާރާގައި މާލެ އާއި ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯރަ ހުސޭނު
13 January 2025
ހޯރަފުއްޓަށް ވެސް ޕަމްޕެއް ހަދިޔާކޮށް ދޭންވީނު. އަހަރު ތަކެއް ކުރިން ހަދިޔާ ކުރި ޕަންޕު ވަނީ ކައުންސިލުގެ އިހުމާލުން ހަލާކުވެފަ. ނަމެއްގަ މަގު ހެދި ފަހުން ވިއްސާރަވެއްޖާ ކަކުލުން ފެން ނުހިކޭ.
ަކަބީ އައިލެންޑު
13 January 2025
ހިސާނު ތިޔަ ހެއްދެވީ އިތުތުފުޅެއް ރައްރަށުގައި ފެންހިއްކަނީ ސިފައިން ސިފައިން ނޫޅޭ ހިސާބުގައި ފުލުހުން ތިބުނާ ކައުންސިލް އެއްބާރު ލިބިގެން އުފައްދާ ސާރ ޓީމެއް ނުފެނޭ ވެހެން ފަށާ ބޮޑުވާން ފެށީމަ. އަދި ނުވިތާކަށް ކައުންސިލްވެސް ނުފެނޭ އަދި ވެހޭއރު ހުންނާނީ ފަންޕުގައި ދަބަރުޖަހާފައި ގުދަން ގަނޑަށް އެއްލާލާފަ. ޙިސާނުމެން ކުރަންވީ ކަމަކީ މިކަން ބަލަންވީ. ޢަދި ރަނގަޅު ރިސާޗެއް ހަދާފަ ކޮންރަށެެއއގައިތޯ ހުރީ މައްސަލަ ނުޖެހި ޕަންޕެއް ހުރީ ބަލާލާދޭންވީ
މަހުވެއި
13 January 2025
ހީކުރަން މިގެ ދުވަސްތަކަކަށްފަހުން މިއަޑު ނީވޭނެކަމަށް. ކޮވިޑު ދުވަސްވަރު ވެންޓިލޭޓަރ ގަންނަން އެކަމާނުގުޅޭ ބަޔަކާ މިލިއަނުން ހަވާލުކުރިގޮތަށް ޕަންޕު ގަންނަން ހަވާލުކުރީ އިންޖެކްޝަން ސްރިންޖު ވިއްކާ ބަޔަކަށް ނުވާނެކަމަށް.