25 ޖެނުއަރީ 2025 - 09:00
އިޓަލީ އާއި ރޯމާގެ ކުރީގެ މިޑްފީލްޑަރު ޑެނިއަލީ ޑި ރޮސީ، އޭނާ ކުޑައިރު ކުޅުނު ކްލަބް ކަމަށްވާ އިޓަލީގެ ހަތަރު ވަނަ ޑިވިޝަނުގައި ވާދަކުރާ އޮސްޓިއާ މަރޭ ގަނެފި އެވެ.
ދަރަނި ނުދެއްކޭ ހާލަތުގައި އޮތް އޮސްޓިއާގެ މެޖޯރިޓީ ހިއްސާ ޑި ރޮސީ ގަތުމާ އެކު ކްލަބް ބަނގުރޫޓުނުވެ ސަލާމަތްވާނެ އެވެ. އެ ކްލަބަށް ދިމާވެފައި އޮތް މައިގަނޑު މައްސަލައަކީ ސަލާމަތީ ގޮތުން ރައްކާތެރިނުވާތީ ސްޓޭޑިއަމް ބަންދުކޮށްފައި އޮތުމެވެ. ޑި ރޮސީގެ ފުރަތަމަ އަމާޒަކީ، އެ މައްސަލަ ހައްލުކުރުމެވެ.
އޮސްޓިއާ އަކީ ޑި ރޮސީ އުފަން ސިޓީ ކަމަށްވާ އިޓަލީގެ ވެރިރަށް ރޯމަށް ނިސްބަތްވާ ކްލަބެކެވެ. އޭނާ އެ ސިޓީގެ އެންމެ ބޮޑު ކްލަބް ކަމަށްވާ ރޯމާ އަށް ބަދަލުވީ އޮސްޓިއާގެ ޔޫތު ޓީމަށް 1997-2000 އަށް ކުޅުމަށް ފަހު 2001 ގަ އެވެ.
ރޯމާގައި ދެއްކި މޮޅު ކުޅުމާ އެކު ސްޕެއިނުގެ ރެއާލް މެޑްރިޑާއި، އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑުން ފުރުސަތު ލިބުނު ނަމަވެސް ޑި ރޮސީ އިސްކުރީ ރޯމާ އަށް ވަފާތެރިކަމެވެ. ކުޅުން ހުއްޓާލުމަށް ފަހު ޑި ރޮސީ މިދިޔަ ސީޒަނުގައި ރޯމާގެ ކޯޗުކަމާ ހަވާލުވި އެވެ. އެކަމަކު މި ސީޒަނުގެ ކުރީކޮޅު ނަތީޖާ ދަށްވުމުން މަގާމުން ވަކިކުރީ އެވެ.
އޭނާ އޮސްޓިއާ ގަނެ ކްލަބް ހިންގުމުގެ ތެރެއަށް ވަތް ނަމަވެސް، ކޯޗިން އެއްކޮށް ދޫކޮށްލީކަމެއް އަދި ނޭނގެ އެވެ. ޑި ރޮސީ ބުނީ އޮސްޓިއާގައި އޭނާގެ އަމާޒަކީ ވަރުގަދަ، ދެފުށް ފެންނަ، ޒަމާނީ ކްލަބެއް ބިނާކުރުން ކަމަށެވެ. އެ ކްލަބް އިޓަލީ ފުޓްބޯޅައިގެ އެންމެ މަތީ ފަޑިއަށް އަރުވަން ޑި ރޮސީ ބޭނުންވެ އެވެ.
އިޓަލީގައި ފަހަކަށް އައިސް އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ޑި ރޮސީ އަކީ، އެ ގައުމުން 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އިޓަލީ ގައުމީ ޓީމަށް އޭނާ 117 މެޗު ކުޅެދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy