ދިވެހި މުޖުތަމައުގެ އުފާވެރިކަން މިންކުރުމަށް ކުރިއަށް ގެންދާ "ހެޕިނަސް އިންޑެކްސް" އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ބައެއް މީހުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
02 ފެބުރުއަރީ 2025 - 20:52
ލޯކަލް ގަވަމެންޓް މިނިސްޓްރީން އިސްނަގައިގެން ދިވެހި މުޖުތަމައުގެ އުފާވެރިކަން މިންކުރުމަށް ކުރިއަށް ގެންދާ "ހެޕިނަސް އިންޑެކްސް" މިއަދު އިފުތިތާހުކޮށްފި އެވެ.
ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ހެޕިނަސް އިންޑެކްސްގެ ލޯގޯ "އުފާވެރި ރާއްޖެ" އިފުތިތާހުކޮށްފަ އެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވީ، ދިވެހި ގައުމުގެ އުފާވެރިކަމުގެ ނިސްބަތް ބަލަން މިއަދު ފެށުމަކީ ވަރަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށެވެ.
ފަސްޓް ލޭޑީ ވިދާޅުވީ، ވަރަށް ގިނަ ގައުމުތަކުގައި އުފާވެރިކަން ވަޒަން ކުރަމުން އަންނަ ކަމަށާއި ގައުމީ އެކި ކަންކަމުގައި ގޮތް ނިންމާއިރު، ރައްޔިތުންގެ އުފާވެރިކަން ބަލާ ކަމަށެވެ. ވަކިން ހާއްސަކޮށް ޑިމޮކްރަސީގެ ރިވެތި އުސޫލުގެ ދަށުން ސަރުކާރުތަކުން އެކަން ބަލާ ކަށަވަރު ކުރާ ކަމަށް އެ ކަމަނާ ވިދާޅުވި އެވެ.
ސާޖިދާ ވިދާޅުވީ ދިވެހި ބަސް ފޮތުގައިވާ ގޮތުން އުފާވެރިކަމަކީ ހިތަށާއި ސިކުނޑި އަށް ލިބޭ ތަނަވަސްކަމާއި އަރާމު ކަމަށެވެ. ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދުމުގެ ތަނަވަސްކަން ލިބުމާއި ބޯހިޔާވަހިކަމުގެ އިތުރުން އަމާން ވެއްޓެއް ލިބުމާއި އެކަކު އަނެކަކާ އޮންނަ ގުޅުން ރަނގަޅު ވުމަކީ ވެސް އުފާވެރިކަމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ފަސްޓް ލޭޑީ ފާހަގަކުރެއްވި އެެވެ.
ދިވެހި މުޖުތަމައުގެ އުފާވެރިކަން މިންކުރުމަށް ކުރިއަށް ގެންދާ "ހެޕިނަސް އިންޑެކްސް" ފަސްޓް ލޭޑީ ސާޖިދާ މިއަދު އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
އެކަމަނާ ވިދާޅުވިގޮތުގައި، ގައުމެއްގައި އުފާވެރިކަން އަށަގަތުމަށް އެ ބައެއްގެ މާދަރީ ބަހާއި ސަގާފަތާއި ތަރިކަ އާއި ފަންނު މުހިއްމު ދައުރެއް އަދާކުރެ އެވެ. ޖަމާނުއްސުރެ އެ ބައެއްގެ މާދަރީ ބަހުން ލިޔެފައި ހުންނަ ޖޯކުތަކާއި ބުއްދިވެރި ބުނުންތަކާއި ވާހަކަތަކާއި ރޭޑިއޯ ނުވަތަ ޓީވީ ޑްރާމާތަކުން އަދަބީ އުފާ ލިބޭ ކަމަށް ސާޖިދާ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް މިދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުން ދިރިއުޅުމަށް އައި ބަދަލުތަކާއި މަސްތުވާތަކެތި ފަދަ ބޮޑެތި ވަބާތައް އެކި ރަށްރަށުގައި އޮތުމުގެ ސަބަބުން އައިސްފައިވާ ނޭދެވޭ ބަދަލުތަކަށް މިނިސްޓަރު އަލި އަޅުއްވާލެއްވި އެވެ.
ދިވެހި މުޖުތަމައުގެ އުފާވެރިކަން މިންކުރުމަށް ކުރިއަށް ގެންދާ "ހެޕިނަސް އިންޑެކްސް" އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގެ ހެޕިނެސް އިންޑެކްސް އެކުލަވައިލަން ޖެހެނީ ކޮންމެ ރަށެއްގައި އެ ރަށެއްގެ ކަންތައްތައް ދަނެގަނެވޭނެ އޮނިގަނޑެއްގެ ދަށުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ހެޕިނެސް އިންޑެކްސްގެ މަސައްކަތް ކުރިއަށް ގެންދާނީ ލޯކަލް ކައުންސިލުތަކާ ގުޅިގެން ކަމަށާއި އެ ކަމަށް އަހުލުވެރިކުރުމަށް ކުރަންޖެހޭ ކަންކަން ވެސް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އުފާވެރިކަމުގެ މިންތީގައި އެންމެ މަތީގައި އޮންނަ ރަށްތަކަށް އެވޯޑު ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހެޕިނެސް އިންޑެކްސްގެ ދަށުން ކުރިއެރުން ހޯދާ ރަށްތަކަށް އެވޯޑު ދެވޭނެ ގޮތެއް އޮތުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މުހިއްމު ކަމެއް،" އާދަމް ޝަރީފު ވިދާޅުވި އެވެ.
ދިވެހި މުޖުތަމައުގެ އުފާވެރިކަން މިންކުރުމަށް ކުރިއަށް ގެންދާ "ހެޕިނަސް އިންޑެކްސް" އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިޓަމެއް ހުށަހަޅަނީ.---ފޮޓޯ: ރައީސް އޮފީސް
ރާއްޖެއަކީ އުފާވެރި ތަނަކަށް ހެދޭނީ މުޅި މުޖުތަމައު ގުޅިގެން ކުރާ މަސައްކަތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު އެކުލަވައިލުމުގެ ދިރާސާ ކުރަނީ އިސްލާމިކް ޔުނިވާސިޓީންނެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކީ ވެސް އުފާވެރި ބަޔަކަށް ހެދުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަށްކެތްކޮށްގެން މިތިބީ
04 February 2025
ހެޕިނެސް އިންޑެކްސް ހުރިވަރު އިނގޭނަމަ އިސްތިއުފާދޭނެ
ޑރ ވާންޗޯ
03 February 2025
ހެޕިނެސް އިންޑެކްސް ވަރަށް ތިރީގަ މިއުޅެނީ، ޑޮކްޓަރއަށް ދައްކާފަ ބޭސްސިޓީހިފައިގެން ގިނަފާމަސީތަކަކަށް ދުވެވިއްޖެ، ބަލާލާފަ ބޭސްނެތް، ޖަވާބުކުރު. އެކަމަކު ފައިސާހިފައިގެން ދިޔައީމަ ގަންނަންލިބޭ. އާސަންދަ މިހާރު ވަރަށްސަޅި މަޖްލިސް މެންބަރުންނަށާ ސިޔާސީ ބޮޑުންނަށް. ބެންކޮކް ދުބާއި އަށް ބޭހަށްދެވޭ. އޭސީސީއަށް ކެރޭނެތޯ އެންސްޕާ، އާސަންދަ ރެއިޑްކުރަން. އޭރުން ވަރަށްރަނގަޅަށް މިކިޔާއެއްޗެއްގެ ހަގީގަތް ސާފުވާނެ.
މާފިއާ
04 February 2025
ތިއީ އާސަންދަ މަައްސަލައެއްތޯ ނުނީ މެޑިކަލް މާފިއާ ސައިޒު ކުރާތީ އެމީހުން ކުރާ ކަންތަށްތޯ؟ ތިކަހަލަ ހާސްކަންކަން ދޫކޮށްފަ މިހާ ޒަމާނަށް އޮތުމުގެ ނަތީޖާ
ޢެޑްމުންޑޯ
03 February 2025
މީކޮންކަމަކާ އަޅާގަނެގެން އުޅޭ މިނިސްޓަރެއްތަ ؟
ތެފައާސާ.
03 February 2025
މަ މި އައީ ޑޮކްޓަރު ލިޔެދިން ބޭހެއް ނުލިބިގެން މެންދުރު 12 ގެ ރަތްދަކަ އަވީގައި މުޅި މާލެ ކުޑަކުރަން ދުއްވާފައި، އެއްވެސް ތަނަކުން ނުލިބުނު. ހެޕިނެސް އިންޑެކްސް އިނީ އަރާ އުހުގައި. ހަމަ ބުނެލީ.
މިންކުރިއަލީ
03 February 2025
ކިލޯގުރާމުންތަ ޓަނުންތަ
އަލީި
03 February 2025
އަހަރެމެން އެންމެ އުފާވަނީ ރިޝްވަތަކާ ނުލާ މިގައުމުގަ އެއްވެސްކަމެއް ނުކުރެވޭތީ.
މިނިމަލް
03 February 2025
ނެތްތަ ވަޒީފާ ދީފަ ތިބޭ މީހުން މަސައްކަތް ކުރަނީ ކިހާވަރަކަށްތޯ މިން ކުރެވެން؟ ހާއްސަކޮށް ސިޔާސީ ވަޒީފާ ތަކުގަ ތިބި މިހުން
ޒިހުނާ މުހައްމަދު
03 February 2025
ހެޕީ އިންޑެކްސް އަކީ ރައްޔިތުން ހެޕީ ތޯ ނޫންތޯ ބަލާ އެއްޗެއް. މީގެ ސަބަބުން ގެންނަންވީ ބަދަލްތައް އިނގޭނެ. އޭރަށް ރައްޔިތުން އެދޭ ގޮތަށް ދާނީ.
ކުޑަސޮރު01
03 February 2025
ދަންނަވަން - މިއިން ކޮންމެ ކަމަކީ ކުރަން ރަނގަޅު ކަމެއް- ރާއްޖޭގެ މުޖުތަމައުގެ ސިއްހީ އަދި ނަފްސާނީ ދުޅަހެޔޮކަންމަތީގައި ތިބުމަށް މަގުފަހި ކުރުވާނެ ކަމެއް - މައްސަލައަކީ މިއިން ކޮންމެ ކަމަކީ ވެސް ނަމަކަށް ކޮއްލާ ކަމަކަށްވާތީ - އެކަށީގެންވާ ފައިސާ އާއީ ވަޞީލަތް ނެތިގެން ކުރުމަކީ 'ކޮރަޕްޟަން' ކަމުގައި ބެލެވެނީ - ކޮންމެވެސް ބަޔަކު މިސަރުކާރުން ކުރަމުން ދާކަންކަން ނަކަލްކޮށް އެކަން ތަށް ބަލަމުން އަންނަނަމަ އެނގޭނީ - ދިވެހިންވެސް މޮޔައީ!
ހުސްނުހީނާ
03 February 2025
ބުރަކަށީގަ ބަޑި ޖައްސާފަ ފޮޓޯއަކަށް ހީލާށޭ ބުނީމަ ހީލަފާނެ! ބަލި މީހާ އެޕޮއިންޓްމަންޓް އަކަށް އެދޭތާ 2 - 3 މަސްފަހުން ޑޮކްޓަރ އަށް ދައްކާ ލެވެނީ. ބޭސް ނަގަން ބޭސްފިހާރައަށް ދާއިރު ބޭހެއް ނުހުރޭ. ހޮސްޕިޓަލްގަ ސާރޖަރީ ހަދަން ބޭނުންވާ ސާމާނެއް ނުހުރޭ. އަގު ބޮޑުކަމުން އަނގަޔާ އަތާ ދިމާ ނުކުރެވޭ. ކަރަންޓު އެހާމެ އަގުބޮޑު. ހެޕީވާނީ މިނަކަށްވަރަށް ދޯ؟