13 ފެބުރުއަރީ 2025 - 09:59
އޭނާގެ ވިދުވަރުން ދިވެހި މިއުޒިކީ ޖައްވު ދިއްލައިލި އެވެ. ދެން އިވުނީ ގުގުރީގެ އަޑެވެ. އެންމެންގެ ސަމާލުކަން އެ ހިސާބުން އޭނާ އަށް ހުއްޓުނެވެ. ދިވެހި މިއުޒިކުގެ ޖައްވުގައި އެއްހާސް ތަރި ފިޔަޖަމުން ދަނިކޮށް، 90ގެ ތެރޭގައި އެ ހުރިހާ ތަރިއެއް ފަނޑުކޮށްލި އެ ހުނަރުވެރިޔަކީ މިއުޒިކުގައި ގަލޮޅުގެ އެންމެ ނަން ހިނގާ އެއް ގެ ކަމަށްވާ ކްރީމްގޭ މުހައްމަދު މާޖިދެވެ. ނުވަތަ މެޒޯ މޯޑެވެ.
އިއްޔެ ހަވީރު ދިވެހީން ރޮއްވައިލީ އެ ހުނަރުވެރިޔާގެ ކުއްލި މަރުގެ ހަބަރުންނެވެ. އޭނާ އަކީ ރާއްޖެ ދުށް އެންމެ ނުފޫޒުގަދަ އެއް މިއުޒިކް ޝަހުސިއްޔަތެވެ. ވަރުގަދަ އަޑެއްގެ ވެރި، ހިތްގައިމު އެތައް ލަވައެއް ދިވެހީންނަށް ހަދިޔާކޮށްދިން ލަވަ ކިޔުންތެރިއެކެވެ. އަދި ރާއްޖޭގެ ސިޔާސީ އިސްލާހީ ހަރަކާތްތަކުގެ މުހިއްމު ބައިވެރިއެއް ވެސް މެ އެވެ.
މޯޑަކީ އެންމެ ކުޑައިރުއްސުރެ މި ފަންނުގައި ހަރަކާތްތެރިވަމުން އައި ފަންނާނެކެވެ. އުމުރުން އެންމެ ހަތް އަހަރުގައި ގިޓާގައި ކޯޑުއަޅާށާއި، ބެރުޖަހަން ދަސްކުރި އެވެ. އީދު ދުވަސްދުވަހު ދަމާގާޑިޔަލަށް މިއުޒިކު ސާމާނު އަރުވައިގެން އެކި ގޭގެޔަށް ހިނގައި، ލަވަ ކިޔައިދީ ހެދި އެވެ.
އޭނާގެ މިއުޒިކުގެ ކެރިއަރު ރަސްމީކޮށް ފެށުނީ އޭރުގެ މަޝްހޫރު ކޯބްރާސް ބޭންޑާ އެކު، އުމުރުން އެންމެ ނުވަ އަހަރުގައި 1977 ވަނަ އަހަރު ރިޒޯޓް މިއުޒިކަށް ވަން ހިސާބުންނެވެ. އޭގެ ފަހުން އިއްޔެ ދުނިޔެ ދޫކުރުމާ ހަމަޔަށް އޭނާ ވަނީ މެދުކެނޑުމެއް ނެތި 48 އަހަރު މިއުޒިކަށް ހިދުމަތްކޮށްދީފަ އެވެ. ހަތަރު އަލްބަމަކަށް، އަމިއްލަ ރާގުގެ 40 ލަވަ ހެދި އެވެ. އޭނާ އަހަރެމެންނާ ވަކިވެގެންދިޔައީ ފަސް ވަނަ އަލްބަމެއްގެ އިންތިޒާރުގައި ބައިތިއްބާފަ އެވެ.
ރާއްޖޭގެ އޭރުގެ އެންމެ ވަރުގަދަ އެއް ބޭންޑް އެމޭޒަން ޖޭޑާއި، ކުއިކްސޭންޑް، އަދި ޓްވެންތިއަތު ޗެންޗަރީ ބީސީން ވެސް ފެނިލި މޯޑަކީ، އޭރުގެ އެންމެ ވަރުގަދަ މިއުޒިކް ޝޯތައް ކަމަށްވާ 'ދިވެހި ފަންނާނުންގެ މިއުޒިކީ އީދު' އަދި ކްލަބް ވެލެންސިއާގެ 'ހެޕަނިން' ގައި ވެސް ފޯރިހިއްޕާލި ފަންނާނެކެވެ. އެކަމަކު އޭނާގެ މިއުޒިކުގެ ރަންޒަމާން ފެށުނީ 1990ގެ އަހަރުތަކުގައި ނެރުނު 'ގުގުރި' އަލްބަމާ އެކު އެވެ.
އޭނާގެ ބޭބެ އަބްދުލްމާޖިދު (ލެކިއުޓް މާޖީ) ލިޔެފައިވާ ރީތި، ހިތްގައިމު ދިވެހިވަންތަ ޅެންތަކަށް ފުރާނައަޅުވައިދިނީ މޯޑުގެ ވަރުގަދަ އަޑާއި، ރީތި ކިއުމުންނެވެ. އެ އަލްބަމުގައި ހިމެނޭ 'މޮޅު އޮޑި' ނުވަތަ އާއްމުކޮށް ކިޔާ ގޮތަށް ނަމަ 'ކަމަނަ ގޯތީ އާދަނު' އެއީ، މޯޑު ބުނެފައިވާ ގޮތުގައި އޭނާ ވިދައިލި ލަވަ އެވެ. މީގެ އިތުރުން 'އަކިރި ދެމޭ'، 'ވެއްޖެ ކަމަކާ'، މިއީ ވެސް އެ އަލްބަމުގައި ހިމެނުނު މޯޑުގެ މަޝްހޫރުވި ލަވަތަކެވެ. އެ ހުރިހާ ލަވައެއްގައި ވެސް ދިވެހި ވެށްޓާއި، ދިވެހި އާދަކާދަ އާއި، ދިވެހި ސަގާފަތުގެ ރަހަ ލައްވާފައިވެ އެވެ.
އޭނާ އަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ރާއްޖޭން ބޭރުގައި ވެސް އެތައް ޝޯއެއް ދީފައިވާ ފަންނާނެކެވެ. އެގޮތުން މޯޑުގެ 'މެޒޯ' ބޭންޑުން ވަނީ އައިޓީބީ ބާލިން އަދި އައިޓީބީ މިލާންގައި ދިވެހި މިއުޒިކުގެ އަޑު އިއްވައިދީފަ އެވެ. އަދި ދެކުނު އެފްރިކާ، ސޭޝެލްސް، ގަތަރު އަދި، އިންޑިއާގައި ވެސް ކުޅެފައިވެ އެވެ.
ފަހުން އިވިގެން ދިޔައީ މޯޑު އަމިއްލަ އަށް ލިޔުނު ލަވަތަކެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކުރެވެނީ 2004 ވަނަ އަހަރު ނެރުނު އޭނާގެ 'ޓެންތު' އަލްބަމުގައި ހިމެނޭ 'ވިސްނާ ވިސްނާ' ލަވަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ލަވައެކެވެ. މަޝްހޫރޫ ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ޑައިޓެރްކްޓްކުރި އެ ލަވައިގެ ވީޑިއޯ އަކީ، ދުނިޔޭގެ އެންމެ ވަރުގަދަ އެއް މިއުޒިކް ޗެނަލް 'އެމްޓީވީ' އިން ދެއްކި ފުރަތަމަ ދިވެހި ލަވަ އެވެ.
އެކަމަކު މޯޑަށް އެ ލަވަ އެންމެ ހާއްސަވާ ސަބަބަކީ މިއީ އޭނާގެ އަމިއްލަ އިހުސާސްތަކާއި، ތަޖުރިބާއިން އިން ލިޔުނު ލަވައަކަށް ވުމެވެ. 'މިހާރު' ގެ ޕޮޑްކާސްޓުގައި ވާހަކަދައްކަމުން ދާދި ފަހުން މޯޑު ބުނީ އެއީ ހަގީގަތުގަވެސް އޭނާގެ ބޮޑު ވިސްނުންގަނޑެއް ކަމަށެވެ.
"އޭރު އަހަރެން ހިތަށް އަރާ ވާހަކައެއް އެއީ... ސުވާލެއް. ހީވޭ އޮއްސެނީހެން ތަރި ހަނދާ ތަރިތަކާ.. އެކު އިރާ.. އިރާއެކު ހުރިހާ އެއްޗެއް އޮއްސެނީހެން ހީވޭ.. ހީވޭ ހުއްޓިފާވޭހެން ކާއިނާތުގެ ހިނގުން ... ހީވޭ ކޮސްގޮވޭހެން ... މަށަށް މަމީ މޮޔައެކޭވެސް ހިތަށް އަރައޭ.. ހީވޭ އެންމެން މިތިބީ މޮޔަވެފަހެން. މަށަށް ހީވެޔޭ އެންމެންވެސް ނަށާހެން. އެއީ ހަމަ ސީދާ މަގޭ ޑައިރެކްޓް އިހުސާސް!،" މޯޑު ބުންޏެވެ.
މޯޑަކީ އޭނާގެ މަޝްހޫރުކަމާ އެކު ވެސް ހިތްތިރި، ސާދާ ދިރިއުޅުމެއް އުޅުނު އެންމެންނާ ގުޅޭ ސަކަ މިޒާޖެއްގެ މީހެކެވެ. އޭނާ އަކީ ފެށުނީއްސުރެ ޓްވިޓާގައި ހިޔާލުފާޅުކުރާ މީހެކެވެ. ހާއްސަކޮށް ސިޔާސީ ކަންކަމުގަ އެވެ. އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި ހަރަކާތްތެރިވި މޯޑަކީ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެ ޕާޓީގެ މުހައްމަދު ނަޝީދު ކާމިޔާބުކުރެއްވިއިރު ފަންނާނުންގެ ތާއީދު އެމަނިކުފާނަށް ހޯދައިދެއްވަން މަސައްކަތްކުރި މީހެއް ވެސް މެ އެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Detune Band (@detuneband) February 12, 2025
Today, we mourn the loss of a true legend, Mezzo Mohamed.. His contributions to Dhivehi music are immeasurable, and his legacy will live on through his compositions, every melody, and every heart he touched. May he rest in peace. pic.twitter.com/85Oo9CjuUQ
ޑިޓިއުން ބޭންޑުން އެކްސް ގައި ކޮށްފައިވާ ޕޯސްޓެއް.
މޯޑުގެ ހިދުމަތް ބަލައިގަނެ ދިވެހި ސަރުކާރުން 2010 ވަނަ އަހަރު ވަނީ އޭނާ އަށް ގައުމީ އިނާމު ދީފަ އެވެ. އެއީ އޭނާ މި ދާއިރާގައި މަސައްކަތްކުރާތާ 33 އަހަރުވީ ފަހުންނެވެ. އޭރު އޭނާ ބުނީ މި އިނާމު ލިބޭއިރު އެންމެ އުފާވަނީ ދަރިފުޅު މީރާ މުހައްމަދު މާޖިދު މި ދާއިރާގައި ވިދަމުން އަންނާތީވެ އެވެ. އޭނާގެ ހަގު ދަރިފުޅު މަހްރާން މާޖިދު ވެސް ކޮންމެވެސް ވަރަކަށް މިއުޒިކް ދާއިރާގައި ހަރަކާތްތެރިވެ އެވެ.
I had the pleasure of meeting Mezzo Mohamed when our flight was delayed in DRV, and we had to wait until the next day for the next one. He graciously offered dinner and effortlessly befriended everyone on that flight, making it feel as if we had known him for years. A true…
— Visham (@vichalhey) February 12, 2025
މެޒޯ މޯޑާއި ބެހޭގޮތުން އެކްސްގައި މީހަކު ކޮށްފައިވާ ޕޯސްޓެއް.
މޯޑުގެ އެންމެ ބޮޑު އުފަލަކީ އޭނާގެ ލަވަތައް ދިވެހީން، ހާއްސަކޮށް ޒުވާނުން ހެޔޮހިތުން ބަލައިގަންނާތީވެ އެވެ. ހަމައެކަނި ބަލައިގަތީ އެއް ނޫނެވެ. އޭނާގެ ލަވަތަކާއި، މިއުޒިކަށް ދިވެހީން ވަނީ ވަރަށް މަތީ ދަރަޖައެއް ދީފަ އެވެ. އޭނާ އަކީ ދިވެހި މިއުޒިކުގައި މުޅިން ވެސް ހިންދީ ރާގަށް ލަވަކިޔަމުން ދަނިކޮށް އަމިއްލަ ރާގުގެ ވަރުގަދަ ލަވަތަކެއް އުފަންކޮށް، ދިވެހީންގެ އަމިއްލަ މިއުޒިކް ޕްރޮމޯޓްކުރި މި ދާއިރާގެ ލެޖެންޑެކެވެ. މޯޑުގެ 'ތި ހަނދާނުގައި' ލަވައިގައި ބުނެފައިވާ ފަދައިން އޭނާގެ ހަނދާންތައް ފިލާ ދާނީ ކިހިނެއް ހެއްޔެވެ؟
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހީމް
13 February 2025
މުހައްމަދު ގެ އަހުލާގަކީ ނަމޫނާއެއް. ބޮޑާ ކަމާއި ކިބުރުވެރި ކަމެއް ނެތް.އުޅެނީ ސާދާ ދިރިއުޅުމުގައި. މުހައްމަދު އަކީ މީހުނާ ގުޅޭ މަޖާ މިޒާޖެއްގެ މިތުރެެއް.