13 ފެބުރުއަރީ 2025 - 09:23
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގައި ހދ. ނައިވާދޫ، ރ. އިނގުރައިދޫ، ގދ. ވާދޫ އަދި އދ. މަހިބަދޫ ޒޯން ޗެމްޕިއަންކަން ހޯދައިފި އެވެ.
ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި ރޭ ކުޅުނު ޒޯން އެކެއްގެ ފައިނަލު މެޗު ހއ. ދިއްދޫގެ މައްޗަށް ނައިވާދޫ ކާމިޔާބު ހޯދީ 2-0 ގެ ނަތީޖާ އަކުންނެވެ. މެޗުގައި ނައިވާދުއަށް ގޯލުތައް ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަހުމަދު ހަމީދެވެ. މި ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޝާއްޕެ އަށް ހޯދި އެވެ. އެންމެ ގިނަ ގޯލު ޖަހާފައި ވަނީ އަހުމަދު ހަމީދާއި ދިއްދޫގެ އަލީ ސާމެވެ.
އިނގުރައިދޫން ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ރ. ދުވާފަރާ ވާދަކޮށް 4-2 އިން މޮޅުވެގެންނެވެ. ދުވާފަރުގެ ދެ ގޯލު ވެސް ޖަހައި ދިނީ ހަސަން އަޒޫމް އެވެ. އިނގުރައިދޫގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު މަމްދޫހާއި އަހުމަދު މަޝީދުގެ އިތުރުން އަހުމަދު އައިހަމް (އައިހު) އާއި އަލީ ހާފިޒް (ހާއްޕެ) އެވެ. މި ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ވެސް ހާއްޕެ އެވެ.
ޒޯން ހަތަރެއްގެ މިދިޔަ އަހަރުގެ ޗެމްޕިއަން އއ. މަތިވެރި ބަލިކޮށް، އެ ޒޯންގެ މިއަހަރުގެ ޗެމްޕިއަންކަން މަހިބަދޫން ހޯދީ ޕެނަލްޓީ ޖަހައިގެން 4-2 އިންނެވެ. ފުރިހަމަ ވަގަުތު 3-3 އެއްވަރުވެގެން ނިމުނު މެޗުގައި މަތިވެރީގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ޝަފުރާޒާއި އަބްދުﷲ ފިޒާން އަބްދުލްޣަފޫރު އަދި އަލީ އަލްސަން އެވެ. މަހިބަދޫ އެއްވަރުކުރީ އިބްރާހިމް އުސާމާ އަބްދުލް މަޖީދާއި އާދަމް ފަހުމާން އަދި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ގެ ގޯލުތަކުންނެވެ. މި ޒޯންގެ އެންމެ މޮޅު ކުޅުންތެރިއަކީ މިދުހަތެވެ. އެންމެ ގިނަ ގޯލު ޖެހީ އދ. މަންދޫގެ އިބްރާހިމް އިމްރާން އެވެ.
ވާދޫން ޒޯން ހަތެއްގެ ތަށި ހޯދީ އިބްރާހިމް ޝައުފް މުހައްމަދު ޖަހައިދިން ގޯލުން 1-0 އިން ޏ. ފުވައްމުލަކު ދަޑިމަގު ބަލިކޮށްގެންނެވެ. މި ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އަޔާޒް އަހުމަދެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ސ. ހިތަދޫގެ އަލީ ސަނޫން އެވެ.
މުބާރާތުގައި ދެން އޮތީ ނޮކައުޓް ބުރެވެ. އަށް ޒޯންގެ ފައިނަލްގައި ވާދަކުރި ޓީމުތައް ގަދަ 16 ގައި ވާދަކުރާނެ އެވެ. މި ބުރުގެ މެޗުތައް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.
- ރ. އިނގުރައިދޫ = ލ. ގަން
- ބ. އޭދަފުށި = ޏ.. ދަޑިމަގު
- އދ. މަހިބަދޫ = ފ. ދަރަބޫދޫ
- ހދ. ނޭކުރެންދޫ = މައްޗަންގޮޅި
- ދ. ކުޑަހުވަދޫ = އއ. މަތިވެރި
- ގދ. ވާދޫ = ހއ. ދިއްދޫ
- ވިލިމާލެ = ރ. ދުވާފަރު
- ތ. ތިމަރަފުށި = ކ. ކާށިދޫ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެރޫން
13 February 2025
ތީން މުބާރަތަކުން އިޖްތިމާއީ އެތައްމައްސަލަ ތަކެއް އުޅޭ ރާއްޖެ އަށް ގިނަމެސެޖް ތަކެއްދެވޭނެ ގޮތަކަށް މުބާރާތުގެ މޮޑިއުލް ބަދަލުކުރަން ޖެހޭ، ހަމަ ބޯތަޅާފަ ފޭބީމަ އެއީ ދެން އެހާކަމުދާ ކަމެއް ނޫން.
ޖެރޫންގެ ކާފަ
13 February 2025
ދެން ކިހިނެއް ވާންވީ؟ ކަލޭ ބުނެލަދީބަލަ ކޮޔާ.