އީޓުކުކުރީގެ ޕެކޭޖެއް ޕެކު ކޮށްފަ. އީޓުކުތި އަކީ އޮންލައިން ޕްލެޓްފޯމެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
13 ފެބުރުއަރީ 2025 - 18:46
މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށާ "ރަށު އެކްސްޕޯ" ގައި އޮންލައިން ޕްލެޓްފޯމް، އީޓުކުރި ބައިވެރިވެ ހާއްސަ ސްޓޯލެއް ހިންގާނެ ކަމަށް ބުނެފި އެވެ.
އެ ސްޓޯލުން އޮންލައިން ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ބޭނުންތެރި މުހިންމު މައުލޫމާތުތައް ފޯރުކޮށްދޭނެ އެވެ. އޭގެތެރޭގައި އީޓުކުރި ޕްލެޓްފޯމްގައި ވިޔަފާރި ރަޖިސްޓްރީކޮށް، އޮންލައިން ވިޔަފާރިއެއް ކުރިއަށް ގެންދާނެގޮތާއި، ވިޔަފާރި އިތުރަށް ފުޅާކޮށް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި އެ ޕްލެޓްފޯމުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދޭނެ އެވެ.
އެ ސްޓޯލްގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި، "ފިލެޓެލިކް ޕްރޮޑަކްޓްސް" ގަތުމުގެ ފުރުސަތާއި، ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް ޕޯސްޓް ކާޑު ފޮނުވުމުގެ ފުރުސަތު ހުޅުވާލެވޭނެ އެވެ. އަދި މޯލްޑިވްސް ޕޯސްޓުގެ ފަރާތުން ދެމުންގެންދާ ހިދުމަތްތަކުގެ މައުލޫމާތުތައް ވެސް އެ ސްޓޯލުން ލިބޭނެ އެވެ. އޭގެ އިތުރުން އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި އީޓުކުރިން ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ހާއްސަ ޕްރޮމޯޝަނެެއް ކުރިއަށް ދާނެ އެވެ. އެ ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އީޓުކުރި ގިފްޓް ވައުޗަރެއް ކާމިޔާބުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އީޓުކުރި އަކީ މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ރާއްޖޭގެ އީކޮމާސް ވިޔަފާރިކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށްޓަކައި، އޮންލައިން ވިޔަފާރިއަކަށް ބޭނުންވާ ހުރިހާ ސިފަތަކެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމުގައި އެކި އުފެއްދުންތަކާއި މުދާ ލިސްޓުކުރުމާއި މާކެޓްކުރުމާއި ވިއްކުމާއި ފައިސާބަލައިގަތުމާއި ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެ އެވެ.
އެ ޕްލެޓްފޯމުން، ރާއްޖޭގައި އުފައްދާ ތަކެތި ގަންނަ ބޭރުގެ ފަރާތްތަކާ ހަމައަށް ބައިނަލްއަގްވާމީ ޕޯސްޓުގެ ވިއުގައިގެ ތެރެއިން ފޯރުކޮށްދިނުމާއި ކޯޕަރޭޓިވްސްތަކާއި މައިކްރޯ އަދި ސްމޯލް މީޑިއަމް އެންޓަޕްރައިސަސްތަކަށް އިންޓަނޭޝަނަލް މާކެޓްގައި ހުރި އެކި ޕްލެޓްފޯމުތަކަށް ވާސިލުކޮށްދޭން މަގުފަހިކޮށްދެ އެވެ.
އީޓުކުރި ޕްލެޓްފޯމުގައި "ރަށު އޮންލައިން ފިހާރަ" ގެ ނަމުގައި ހާއްސަ ވާޗުއަލް ފިހާރައެއް ވަނީ ގާއިމުކޮށްފަ އެވެ. ރަށު އޮންލައިން ފިހާރައަކީ، ރަށްރަށުގެ އުފެއްދުންތެރިންނަށް އަމާޒުކޮށް، އެ އުފެއްދުންތެރިންގެ އުފެއްދުންތައް، ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ގާއިމުކުރި ވާޗުއަލް ފިހާރައެކެވެ.
އީޓުކުރި ޕްލެޓްފޯމުގައި އެފަދަ އޮންލައިން ފިހާރަތަކެއް ގާއިމްކުރުމުގެ މަގުސަދަކީ، ރަށްރަށުގެ ތިބި ތަފާތު އުފެއްދުންތެރިންނަށް އިޓުކުރި ޕްލެޓްފޯމުގެ ތެރެއިން އޮންލައިން ބާޒާރެއްގައި އެފަދަ ފަރާތްތަކުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ހުޅުވައިދިނުމާއި އެފަދަ އުފެއްދުންތެރިންގެ އުފެއްދުންތައް، މާކެޓްކޮށް އިޝްތިހާރުކޮށްދިނުމާއި، ޕޯސްޓުގެ ވޯލްޑްވައިޑް ޑެލިވަރީ ނިޒާމުގެ ތެރެއިން އެފަދަ އުފެއްދުންތައް ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޓްރާންސްޕޯޓްކޮށް ޑެލިވަރކޮށްދިނުމެވެ.
ކޮމިއުނިޓީ އޮންލައިން ޝޮޕްތަކަށް ހާއްސަކޮށްގެން އެ ޕްލެޓްފޯމްގައި ހާއްސަ "ޕްރީ އޯޑާ" ފީޗާއެއް ވެސް ހިމެނެ އެވެ. އެ ފީޗާ އަކީ ރަށުފެންވަރުގައި އުފައްދާ ތަކެތި އުފައްދާ ފަރާތަކަށް އެފަރާތްތަކު ވިޔަފާރި އިތުރަށް ފުޅާކޮށް އާމްދަނީ އިތުރުކުރުމަށް ލިބޭނެ ފަހި ފުރުސަތެއްގެ ގޮތުގައި އީޓުކުރިން ފާހަގަކުރެ އެވެ.
މިއަދު ހަވީރު ފަށާ ރަށު އެކްސްޕޯ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާނެ އެވެ. އެކްސްޕޯ އޮންނާނީ ހަވީރު 4 އިން ރޭގަނޑު 10:30 އާ ހަމައަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
13 February 2025
ރަށު އެކްސްޕޯ އެކަމަކު ބާއްވަނީ ހުޅުމާލޭ ސެންޓުރަލްޕާކުގަ، އޭގެބަދަލުގައި ބޮޑެތިރައްތަކުގައި އެއްފަހަރާ އެއްވަގުތެއްގައި ތިޔަހަރަކާތްބާއްވާނަމަ މުޅިރާއްޖެއަށް އިޝްތިހާރުވާނެ، ރަށްރަށުގައި އެއްޗެހިއުފައްދާމީހުން ހުޅުމާލެއަކުނުތިބޭނެ، ތިޔަތަނުގައި ގިނަވާނީ މާލެ ހުޅުމާލޭގައި ދިރިއުޅޭ ރައްރަށުގެ މީހުންދޯ
ތުރުކީ އޮސްމާނު
13 February 2025
ރާއްޖޭން ބޭރަށް ޕޯސްޓް މެދުވެރިކޮށް ދިވެހީންނަށް މިފްކޯ މަސް ކޭސް ފޮނުވާ ދިނަސް މާ ފައިދާ ވާނެ. ހެޑެއް ނުހެރެއޭ ބޮލަކު!