ރިޓަޔާ ކޮށްފައިހުރި ޗެތުރީ ވަނީ އަލުން ގައުމީ ޓީމަށް ކުޅެން އެއްބަސްވެފައި.-- ފައިލް ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
07 މާޗް 2025 - 20:32
މިދިޔަ އަހަރު ގައުމީ ޓީމުން ރިޓަޔާކުރި އިންޑިއާގެ ފުޓްބޯޅަ ލެޖެންޑް ސުނިލް ޗެތުރީ، މި މަހު އިންޑިއާގެ ގައުމީ ޓީމަށް އޮތް މެޗުތަކުގައި ކުޅެން، އަލުން ޓީމާ ގުޅެން ނިންމައިފި އެވެ.
އިންޑިއާގެ ކޯޗު މަނޯލޯ މާކުއޭޒް ވަނީ، މި މަހުގެ 19 ވަނަ ދުވަހު ދިވެހިރާއްޖެއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި އަދި 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި، އުމުރުން 40 އަހަރުގެ ޗެތުރީ ހިމަނައިފަ އެވެ.
"އޭޝިއަން ކަޕަށް ކޮލިފައި ވުމަކީ އަހަރެމެންގެ އަމާޒު. ކުރިއަށް ހުރި މެޗުތަކަށް ބަލާފައި އަހަރެން ސުނިލް ޗެތުރީއާ މަޝްވާރާ ކުރިން، ޓީމު ވަރުގަދަކުރަން މަސައްކަތް ފަށާފައި ވާތީ އަލުން ޓީމާ ގުޅެން. އޭނާ އެއްބަސް ވުމުން ސްކޮޑުގައި ހިމެނީ،" މާކުއޭޒް ބުނެފައިވެ އެވެ.
މިހާރު ކުރިއަަށްދާ އިންޑިއަން ސުޕަ ލީގުގައި މިހާތަނަށް 23 މެޗުން 12 ގޯލު ޖަހައިގެން ޗެތުރީ އޮތީ ލަނޑު ލިސްޓުގެ ދެވަނައިގަ އެވެ.
އިންޑިއާ ގައުމީ ޓީމަށް 19 އަހަރު ކުޅުނު ޗެތުރީ ރިޓަޔާކުރީ މިދިޔަ އަހަރުގެ ޖޫން މަހު ވޯލްޑް ކަޕް ކޮލިފައިންގައި ކުވެއިތާ އެކު ކުޅުނު މެޗަށް ފަހު އެވެ.
ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު ވަނީ 146 މެޗުން 94 ލަނޑު ޖަހައިފަ އެވެ. ދުނިޔޭގެ ފުޓްބޯޅައަށް ބަލައިލާއިރު ޗެތުރީ އަށް ވުރެ ގިނައިން ގައުމީ ޓީމަށް ގޯލު ޖަހައިދީފައި ވަނީ އީރާންގެ ލެޖެންޑް އަލީ ދާއީ އާއި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ އިތުރުުން، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
08 March 2025
ޗެތުރީގެ ޑިސިޕްލިންއާ ދަގޭގެ ޑިސިޕްލިން ވަރަށް ތަފާތު. ދަގޭއެއީ ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑު އަދި އޭނާގެ ކާމިޔާބީ އެއީ މިހާރު މާޒީ. ރާއްޖޭގެ އެހެން ދަގޭއެއް ޤައުމީ ޓީމަށް މިހާރު ބޭނުންވަނީ. ބައިވަރު އެބަތިބި. އެކަމަކު ހިންގުންތެރިކަން އެފްއޭއެމްގަ ނެތީމަ މިކުދިންނަށް ހިންދެމި ނުލެވެނީ އުރިއަށް.
ބޯޅަ އަލިބޭބޭ
08 March 2025
މީނަ އަށް ހީވެދާނެ، މުޅި އުމުރުގައި ކުރީގައި ކުޅުނު ކުޅުން ކުޅެވިދާނެ ކަމަށް
ސީދިބެ
07 March 2025
ދަގޭވެސް ޑައިރެކްޓަރުގެ މަގާމު ދޫކޮށްލާފާ އަނެއްކާ ގައުމަަށްޓަކާ ނުކުންނަންވީ.
މަބުނީ…
07 March 2025
މިހާރު ދަގަނޑޭމެން ފިޓެއްނުވާނެ.. ދަގަނޑޭގެ ދިވެހި ވަންތަ ލޭ އާއި ޖޯޝު އެއީ ދިވެހީންގެ ފޮނި އުފާވެރި މާޒީ. މިހާރު ހުންނާނީ ސިޔާސީ ލޭ ، ސިޔާސީ ޖޯޝު.
ކިތުނާ
08 March 2025
ސުނިލަށް 40. ދަގޭއަށްވެސް 40. ދަގޭ ސަރުބީތައް ވިރުވާލަނިކޮށް އަނެއްކާ އާރޯވެ ފިޓުވެދާނެ.
ނޯވޭ
08 March 2025
ދަގޭ އިޒް ފިނިޝްޑް