މުނިފޫހިފިލުވުން / ވާހަކަ

ދިގު ވާހަކަ: ޑައިރީއަށް ފަހު - 14

19 މާޗް 2025 - 08:29

14 ވަނަ ބައި

ޒިލާލުއަށްވެސް ކުއްޖަކު ލިބެން އުޅޭކަން އެނގުމުން އޭނާގެ މަންމަވެސް ވަރަށް އުފާވިއެވެ. "މަންމަ ދުނިޔޭގައި ހުރެ ދެކެން އެންމެ ބޭނުންވި ދުވަސް މިއީ" ޒިލާލު މަންމައަށް އުފަލުން ގޮސް ފެންކަޅިވެވުނެވެ.

ޝާހިދު އެކިރަށްރަށަށް މުދާ ބާލާ ހަދާފައި ރަށަށް އައީ އެރޭ އިރުއޮއްސުނު ފަހުންނެވެ. ޒިލާލު އައިސް އުޅޭކަން އެނގުމުން އޭނާ އެންމެ ފުރަތަމައިނުންވެސް ދިޔައީ އެގެއަށެވެ. ޒުހުދާ އާއި ކުޑަމީހާ ދެކިލާފައި ޙަމީދު އާއި ތިންމީހުން ބޭރު ޖޯލީގައި ވާހަކަ ދައްކަން ތިބީއެވެ. އެމީހުން ދެއްކީ ފިހާރަ ހަދާ ވާހަކައެވެ.

ޒިލާލު ހީކުރި ގޮތާއި ޚިލާފަށް އޭނާ އާއި ޝާހިދުއާ ދެމީހުން އެކީގައި މަގުމަތިން ހިނގާފައި ދިޔައިރު ފެނުނު އެކަކު ވެސް އެމީހުންނާއި ފޮށި ދިމާކޮށެއް ނަހަދައެވެ. ޝާހިދު އިނދެގެން އުޅެނީ އެއް ދުވަސްކޮޅެއްގައި ޒިލާލުއާ ހެދި މަރުދަން ޖެހޭވަރު ވެފައިހުރި ކުއްޖަކާކަން އެކަކުވެސް ހަނދާން ހުރިހެނެއް ހިޔެއްނުވެއެވެ. ދެމީހުން އެކީގައި ގޮސް ހޮޓަލަށް ވަނީމާ ކޮންމެ މީހަކު ވެސް އޭނާގެ އަންހެނުން ކޮބައިތޯ އާއި އޭނާ ނުލައި އެކަނި ތިއައީ ކީއްވެގެންތޯ ސުވާލު ކުރެއެވެ.

"އޭނާ ކުޑަކޮށް ބަލިކޮށް އުޅެނީ" މުހައްމަދުބެއަށް ޒިލާލު ޖަވާބު ދިނެވެ. އަދި އޭނާ އައީ ހަމަ ޒުހުދާ އާއި ދަރިފުޅު ދެކިލަން ކަމަށާއި މާގިނަ ދުވަހަކު މަޑެއްނުކުރެވޭނެ ކަމުގައި ޒިލާލު ބުނެލިއެވެ.

"މިއީ މިހާރު ބޮޑު ވިޔަފާރިވެރިއެއްނު!... ދުވަސްކޮޅަކުން ބޮޑު މަހުޖަނަކަށް ވާނެ!" އެވަގުތު ޝާހިދު އިނދެފައި ބުނެލިއެވެ.

މާގިނައިރެއް ނުވަނީސް މުބީން އާއި މޯޑު އާއި އަދިވެސް ދެތިން މީހަކު އެތަނަށް އައެވެ. އެންމެން އެއްވެގެން އެކިއެކި ވާހަކަ ދައްކަން އެތާނގައި އެތައްއިރެއް ހޭދަކުރިއެވެ. އޭނާ އާއި ޝާހިދުއާ ދެމީހުންގެ ގުޅުމެއް އަދި ކުރާ ވިޔަފާރީގެ ދޮންކަޅުމިންވެސް އެއިން އެކަކަށް ވެސް ނޭނގެއެވެ.

އަނެއް ދުވަހު އާމިރާއާ ދިމާވެގެން ޝިއުނާ ނުލާ އައީތީ އޭނާ ވަރަށް ޝަކުވާ ކުރިއެވެ. އެޔާއެކު އޭނާ ނައީ ކިއްވެގެންތޯ ގުޅާފައި އަހާބަލާށޭ ޒިލާލު ބުނެލިއެވެ.

އިސާހިތަކު ޒިލާލުވެސް ބައްޕައަކަށް ވާން އުޅޭ ކަމުގެ ޚަބަރު މުޅި ރަށުތެރެއަށް ފެތުރިގެން ހިގައްޖެއެވެ. އެހިސާބުން މީހުން އޭނާއަށް މަރުހަބާ ކިޔަން ފެށިއެވެ. ކައިވެނީގެ ސެޓްފިކެޓް ތިޔަ ލިބެނީ އަދިކިރިޔާ އޭ ކިޔާފައި ބައެއް މީހުން ޒިލާލުއާ ދިމާވެސް ކުރަން ފެށިއެވެ.

އެ ޚަބަރު ގުރޭޝާއަށް އިވުނީމާ ހިތަށް އަރާނީ ކީކޭ ބާވައޭ ޒިލާލު ހިތަށް އެރިއެވެ. ޒުހުދާ ކޮޓަރިތެރެއިން ފެނުނު ގޮތަކަށް އެނާއަކަށް ގުރޭޝާއެއް ނުފެނެއެވެ. ޝާހިދުގެ އަންހެނުންނަށް ވީތީ މަގުމަތިން ނަމަވެސް ފެނިއްޖިއްޔާ މަރުޙަބާކިޔާ ވާހަކަ ދައްކާލާނަމޭ ޒިލާލުގެ ހިތުގައި އޮތެވެ. އެހެންނަމަވެސް އޭނާއަކަށް ވާހަކަ ދެއްކޭ ގޮތަކަށް ދިމަލެއްނުވިއެވެ. އޭނާއަށް ގުރޭޝާ ފެނުނީ ދަނޑުގައި ހުއްޓައެވެ. ސްކޫލު ކުދިން ގޮވައިގެން ގޮސް ކޮންމެވެސް ކަހަލަ މުބާރާތަކަށް ފަރިތަކުރަން އުޅެނިކޮންނެވެ.

އޭނާ އެހިސާބަށް ދިޔުމުންވެސް ގުރޭޝާ އޭނާއާއި ދިމާލަށް ބާލަވެސް ނުލިކަން ޒިލާލުއަށް ފާހަގަވިއެވެ.

ޝިއުނާއަށް ކުއްޖަކު ލިބެން އުޅޭކަން އެނގުމުން އެގޭތެރެއަށް މުޅިން އެހެންކަހަލަ އުފާވެރިކަމެއް ފެތުރިގެން ދިޔައެވެ. ހުސްނާ އެންމެ ފުރަތަމައިނުންވެސް ބޭނުންވީ ގޭގައި ގެންގުޅޭނެ މީހެއް ހޯދާށެވެ. ކުޑަމީހާއާ އެކީގައި އޭނާއަށް ވަގުތު ހޭދަކުރެވޭނީ އޭރުންނެއްނޫންހޭ ބުނަމުންނެވެ.

"ކާފަ ކީމާ ދެން ބައްޕަވެސް ރިޓަޔާ ކުރަން މިވިސްނަނީ" ޙަނީފު ބުންޏެވެ.

ޙަނީފުއަކީ އަބަދުވެސް ކަނޑުމަތީގައި އުޅޭހިތްވާ މީހެއްކަމުން އޭނާ ރިޓަޔަރ ކުރުމަށްފަހު ކުޑަ ލޯންޗެއް ކަހަލަ އެއްޗެއް ހޯދައިގެން މަހަށް ދާ ވާހަކަ އަބަދުވެސް ދައްކާނެއެވެ.

"އޭރުން އަޅުގަނޑުވެސް ބޭނުންވާނީ ބައްޕައާ އެކީގައި މަހަށް ދާން!" އެވާހަކަ ދެކެވުމުން ޒިލާލު އިނދެފައި ބުނެލިއެވެ.

"އޭރުން ދެން ކާކު ވިޔަފާރި ބަލަހައްޓާނީ؟ މިހާރުވެސް މަޑުމަޑުން ހުރިހާކަމެއް ދަރިފުޅާ މި ޙަވާލު ކުރަނީ އެކަމަށޭ" ޙަނީފު ހީލާފައި ބުނެލިއެވެ.

"ޝަހުދު ގޮވައިގެން ލަންކާއަށްވެސް ދާންޖެހޭނެ މިއަންނަ އަހަރު.. އެދުވަސަކޮޅު ދަރިފުޅު ޖެހޭނީ ހުރިހާ ކަމެއް ބަލަހައްޓަން"

އެވާހަކައަށް ޝިއުނާ ކުޑަކޮށް ހާސްވިއެވެ. އޭރު ޝިއުނާ އުޅޭނީ ވިހައިގެންނެވެ. އޭނާއަށް އެކަނި މާ އެކަނި ކުޑަކުއްޖަކު ގެންގުޅެން ނޭނގިދާނެތީ އޭނާ ވަރަށް ކަންބޮޑުވާކަމަށް ޝިއުނާ ބުނެލިއެވެ.

"ނޫން ދަރިފުޅާ! ވިހޭމަ ތިހީކުރާ ހުރިހާ އެއްޗެއް ބަދަލުވާނެ!" ހުސްނާ ވަރަށް ލޯބިން ޝިއުނާގެ ބުރަކަށީގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ. އަދި ދަރިފުޅު އެންމެ ބޭނުންވި ދުވަހު ދޫކޮށްލާފައި ނުދާނެ ނޫންހޭ ހުސްނާ ބުނެލިއެވެ.

ހަނީފު ފިހާރައަށް ވަރަށް ގިނަ ސާމާނު އިންޑިޔާއިން ގެންނަން ފެށިއެވެ. ހަމަ އެޔާއެކު އެތަނުން މުދާ ނަނގާ މީހުންވެސް ގިނަވަމުން ދިޔައެވެ. ބޯޓުން ގެންނަ މުދާ ފިހާރައަށް ގެނެސް ގުދަންކޮށް ހަދަނީ ސީދާ ޒިލާލުގެ ބެލުމުގެ ދަށުންނެވެ. އެމުދާތައް އޯޑަރުތަކަށް އެކި ތަންތަނަށް ފޮނުވާ ހަދަނީވެސް ޒިލާލުއެވެ. ދޭތެރެއަކުން ތަރިންދު ވެސް އެފިހާރައަށް އާދެއެވެ. ޙަނީފުއާ ވާހަކަ ދައްކާ އެންމެން އެކީގައި ސައިބޯން ހޮޓަލަށް ގޮސް ހަދާވެސް އުޅެއެވެ. އެހެންނަމަވެސް ޒިލާލު ތަރިންދުމެންގެއަށް ދަނީ ހަމަ އެކަނި ޝާހިދު މާލެ އައީމައެވެ.

އެއްދުވަހަކު ޒިލާލު ފިހާރައިގައި ވަރަށް ބުރަކޮށް އުޅެނިކޮށް ޢަލީ ރަޝީދު އެތަނަށް އައެވެ. އޭނާ އާއި ޝިއުނާ ބައްޕައާ ދެމީހުން ވާހަކަ ދައްކަމުން ގޮސް މިހާރު ރަށުގައި ވެސް މަސްތުވާ އެއްޗެހި ބޭނުންކުރާ ޒުވާނުން ވަރަށް ގިނަވެއްޖެ ކަމުގައި ޢަލީ ރަޝީދު ބުނިއަޑު އިވުނެވެ.

ޒިލާލު ޝާހިދު ކައިރީގައި އެވާހަކަ ބުންޏެވެ. އަދި ވަރަށް ބަލައިގެން އުޅޭށޭ ބުނެލިއެވެ. ޝާހިދު ޖަހާލީ ހިނިގަނޑެކެވެ. އެރަށުގައި އެކަން ކޮށްދެނީ ޢަލީ ރަޝީދު އަންހެނުންގެ ކޮއްކޮ ކަމުގައި އޭނާ ބުންޏެވެ.

އެރޭ ތަރިންދުމެންގެއަށް ދަމުން ޒިލާލު އަނެއްކާވެސް އެވިޔަފާރި ހުއްޓާލަމާހޭ ކިޔާފައި ވާހަކަ ފެށިއެވެ. އެ ވިޔަފާރިން ފުދޭވަރަކަށް ފައިސާއެއް ކުރެވިއްޖެ އެއްނޫންހޭ އަދި ދެން އެކަން ހުއްޓާލާފައި ރަނގަޅު ގޮތުގައި ވިޔަފާރި ކުރަމާހޭ ބުނެލިއެވެ. ޝާހިދު އެކަމަކާ އެއްބަހެއް ނުވިއެވެ. ފައިސާއަކީ ދުވަހަކުވެސް ހިތްފުރޭ ވަރަށް ލިބޭނެ އެއްޗެއް ނޫނޭ އޭނާ ބުނެލިއެވެ.

އެރޭ އެދެމީހުން ދިޔައިރު ތަރިންދުގެ ރައްޓެހި އިންޑިޔާ ދެމީހުންވެސް އެގޭގައި ތިއްބެވެ. އެރޭ އެމީހުން ގެންގުޅުނީ ޒިލާލު ކުރިން ދުވަހަކުވެސް ނުދެކޭ ކަހަލަ ފުޅިއެކެވެ. ޝާހިދު ވަން ގޮތަށް ވަދެ އެމީހުންނާއި ބައިވެރި ވިއެވެ. ޒިލާލު އެކައްޗެއްވެސް ނުބޯނަމޭ ބުނެ އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް މަންޒަރު ބަލަން އިނީއެވެ. މާގިނައިރެއް ނުވަނީސް ޝާހިދު ޒިލާލު ކައިރީގައި ދާން ހިނގާށޭ ބުނެލިއެވެ.

އެފަހަރު ޝާހިދު ހުރީ މާފަންނު ކޮޅުގައި ހުރި ތަންކޮޅެއް ފެންވަރު ރަނގަޅު ގެސްޓުހައުސް އެއްގައެވެ. އޭނާ އެތަނަށް ބާލާފައި ޒިލާލު ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އޭރު އަދި ކިރިޔާ ދިހައެއް ޖެހީއެވެ.

ޒިލާލު ގޮސް ގޭ ގޯޅިއަށް ވަންތަނާ ފޯނު ވާން ފެށިއެވެ. ގޭދޮށަށް ސައިކަލު މަޑުކޮށްލާފައި ބަލައިލިއިރު އެއީ ޝާހިދުގެ ކޯލެކެވެ. އޭނާއަށް ނުނެގި އުޅެނިކޮށް ކެނޑުނީއެވެ. ޒިލާލު ވަގުތުން ގުޅާލިއެވެ. އެކޮޅުން ފޯނު ނެގީ ގުރޭޝާއެވެ.

"ޝާޑުއަށް ކޮންމެވެސް ގޮތެއް ވެއްޖެ!" ވަރަށް ހާސްވެފައި ގުރޭޝާ ވާހަކަ ދެއްކިއެވެ.

"ކޮންތާކު ތިހިރީ؟ މާލޭގަތަ؟" ޒިލާލުއަށް އަހާލެވުނެވެ. ގުރޭޝާ އުޅޭ ކަމެއް އޭނާއަކަށް ނޭނގެއެވެ.

ޝާޑުއަށް އެވީގޮތް ޒިލާލުއަށް ވިސްނުނެވެ. ގުރޭޝާ މާލޭގައި ހުރިކަން އެނގުނު ނަމަ އޭނާ ޝާޑުގޮވައިގެން ތަރިންދު މެންގެއަކަށް މިރޭ ނުދިޔައީމުހޭ އޭނާގެ ހިތަށް އެރިއެވެ. މިދަނީއޭ ބުނަމުން ޒިލާލު ފޯނު ބޭއްވިއެވެ. ފިނިވެފައިވާ ހިތަކާއިގެން އަލުން އަނބުރާ ގެސްޓުހައުސްއާއި ދިމާލަށް އޭނާ މިސްރާބު ޖެހިއެވެ. އޭނާ ގޮސް އެކޮޓަރި ދޮރުގައި ޓަކިޖަހާލުމާއި އެކު ގުރޭޝާ ދޮރުހުޅުވާލިއެވެ. އޭރު ޝާޑު އޮތީ އެނދުގެ ފައިލާކޮޅުގައި ދެބުރިކޮށް އެއްބުރި ބޭރަށް ވާގޮތަށް އޮށޯވެގެންނެވެ.

"އައި ގޮތަށް އެނދަށް ވެއްޓުނީ.. ދެން ގޮވާ ގޮވާ އޭނާގެ ޚަބަރެއްނުވި.. އެހެންވެ ބިރުން ގުޅީ" ގުރޭޝާ ކިޔައިދިނެވެ.

"އޭނާ އިހަށް އެގޮތަށް ބޭއްވިއްޔާ ރަނގަޅު ވާނީ" ޒިލާލު ބުނެލިއެވެ. އަދި އެނދު މައްޗަށް އަރާ ވަރަށް ހާލުން ޝާހިދު ދަމާފައި ރީތިކޮށް އެނދަށް އެރުވިއެވެ.

"ކިހިނެތްތަ އެވީ އޭނައަށް؟"

ޒިލާލު ގުރޭޝާގެ މޫނަށް ބަލައިލިއެވެ. އޭނާގެ ބުޅި އިސްތަށި ގަނޑު އޮތީ ނިއުޅާލާފައެވެ. އިސްޕިރޭން ތަކެއްހެން ކޮނޑުމަތިން ދެފަރާތަށް ފައިބާފައޮތެވެ. ގުރޭޝާ ބުރުގާ ނާޅާ ހުއްޓާ އެނާއަށް މިފެނުނީ އެތައް ޒަމާނަކަށް ފަހުގައެވެ.

"ޒިލާ؟."

އޭނާއަށް އެއްޗެއް ބުނަން ނޭނގިފައި ހުއްޓާ ގުރޭޝާ ގޮވާލިއެވެ. "ޝާޑު ބުނި ޒިލާއާއި އެކީގައޭ މިދަނީ... ކޮންތާކަށްގޮސް ކީއްކޮށްގެން ތިއައީ؟" ގުރޭޝާ ސުވާލު ކުރިއެވެ.

"އޭނާ ބުނި ވަރަށް ބޮލުގައި ރިއްސާ ވާހަކަ" ޒިލާލުއަށް ބުނާނެ އެއްޗެއް ނުވިސްނިގެން އެންމެފަހުން ބުނެލިއެވެ.

އެޔާއިއެކު އަނެއްކާވެސް އެމީހުން ދިޔައީ ކޮންތާކަށްތޯ ގުރޭޝާ އަހާލީމާ އެމީހުން ދިޔައީ ހުޅުމާލޭގައި ހުރި ހޮޓަލަކަށް ކާން ކަމުގައި ޒިލާލު ބުނެލިއެވެ

."ދެން ރަނގަޅަށް ދުފާލަންވާނެއޭ ކިޔާފަ އެތާހުރި ދުންފަތްފުޅިން ދެތިން ބުރަށް ދުންފަތް އެޅީ، މަ ބުނިން ތިހާ ގިނައިން ކައިގެން އެނބުރުން އަރާނެޔޭ. އެކަމުވެސް ދުފުމުގެ ފޯރީގައި އެވެސް އެޅީވިއްޔަ!"...ޒިލާލު އަށް ޖެހުނީ ހިތާއި ދެކޮޅަށް ބޮޑު ދޮގެއް ހަދާށެވެ.

"އަޅެ ހާދަގޯހޭ..." އެވަގުތު ގުރޭޝާއަށް ބުނެލެވުނެވެ. އަދި އޭނާ މިހުރީ މެންދުރު ކޭ ގޮތަށް ކަމަށާއި ޝާޑު ދިޔައީ މިރޭ ދެމީހުން ތަނަކަށް ކާންދާނީއޭ ކިޔާފައިކަމަށް ގުރޭޝާ ކިޔައިދިނެވެ.

ގުރޭޝާ އައިސް އުޅޭކަމެއް ނުދެނަހުރީމޭ ޒިލާލު ބުނެލިއެވެ. އެނަ އައިސް އުޅޭތާ ދެދުވަސް ވެއްޖެކަމަށާއި އައި މަންމަ ޑޮކްޓަރަށް ދައްކާލަން ކަމުގައި ގުރޭޝާ ބުނެދިނެވެ.

ޝާހިދު ހޮސްޕިޓަލަށް ގެންދަމާ ހިނގާށޭ ގުރޭޝާ ބުނުމުން ޒިލާލު ވަރަށް ކަންބޮޑުވިއެވެ. އިރުކޮޅަކު އަރާމްކޮށްލަން ބާއްވާށޭ ކެވުނު ދުންފަތްތަކުގެ އަސަރު ދިޔައީމާ އޯކޭވާނެޔޭ އޭނާ ބުނެލިއެވެ. އަދި ގުރޭޝާއަށް ކާއެއްޗެއް ހިފައިގެން އެބަ އަންނަމޭ ކިޔާފައި އަވަސް އަވަހަށް ނުކުތީއެވެ.

ޒިލާލު ނުކުމެގެން ގޮސް އެހިސާބު ގަނޑުގައި ހުރި ކެފޭއަކުން ޗިކަން ސަބްމެރީނަކަށް އޯޑަރު ދިނެވެ. އޭނާ އެތާނގައި މަޑުކޮށްގެން އިން އިރުވެސް އިނީ ވަރަށް ކަންބޮޑުވެފައެވެ. ކުރިންވެސް ޝާހިދު މާބޮޑަށް މަސްތުވީމާ އެހެންވެފައި އެބަހުއްޓެވެ. އެކަހަލަ ރޭރޭ އޭނާ ތަރިންދުމެންގޭގައި ބާއްވާފައި ޒިލާލު ގެއަށް އަންނަނީއެވެ. އަނެއްދުވަހު ހެނދުނު ހޭލާއިރު އޭނާ ހުންނާނީ ރަނގަޅުވެފައެވެ.

ޒިލާލު އެނބުރި އެތަނަށް ދިޔައިރު ހުރީ ކުޑަކޮށް ހިތްއަވަސް ވެފައެވެ. ތެދުތެދަށް ބުނަންޏާ އޭނާއަށް ގުރޭޝާ އެހާ ގާތުން ފެނުމުން އޭނާގެ ހިތު ތެރޭގައި ވަޅުލާފައިވާ ޝުއޫރުތައް ތިލަވެގެން އައެވެ. ވަކިން ޚާއްސަކޮށް އޭނާގެ ކޮއްކޮއާއި ފޯނުން ދައްކާފައި ހުރި ވާހަކަތައް ހަނދާނަށް އައެވެ.

ޒިލާލުގެ ފިޔަވަޅުގެ އަޑަށް ގުރޭޝާ ދޮރުހުޅުވާލިއެވެ. ހީވީ އިންތިޒާރުގައި ދޮރުކައިރީ އޭނާ ހުރިހެންނެވެ. އޭރުވެސް ޝާހިދު ހަމަ އެއޮތްގޮތަށް އެއްތަނެއްވެސް ގުޑުވާވެސް ނުލާ އޮތެވެ.

ނުނިމޭ

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454