22 މާޗް 2025 - 11:28
ކޮލަމްބިއާގެ ކެޕްޓަން ހަމޭސް ރޮޑްރިގޭޒް ކުޅެމުން އަންނަ މެކްސިކޯގެ ލިޔޯން، މި އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕުން ބޭރުކޮށްފި އެވެ.
ލިޔޯން އަށް މުބާރާތުގައި ނުކުޅެވޭނެ ކަމަށް ފީފާ އިން ނިންމީ، ކްލަބް އޯނާޝިޕްގެ މައްސަލައެއްގަ އެވެ. ލިޔޯންއާ އެކު، މެކްސިކޯ ލީގުގައި ކުޅޭ ކްލަބް ޕަޗޫކާގެ އޯނަރަކީ ވެސް ގްރޫޕޯ ޕަޗޫކާ އެވެ.
މުބާރާތުގެ ގަވާއިދުގައިވާ ގޮތުން އެއްވެސް ފަރާތަކަށް، މުބާރާތުގައި ވާދަކުރާ އެއް ކުލަބަށް ވުރެ ގިނަ ކްލަބްތަކަށް ނުފޫޒު ނުފޯރުވޭނެ އެވެ.
ރެއާލް މެޑްރިޑާއި ބެޔާން މިއުނިކަށް ވެސް ކުރިން ކުޅުނު ރޮޑްރިގޭޒް، 33، ލިޔޯން އަށް ބަދަލުވީ މިދިޔަ ޖެނުއަރީ މަހު އެވެ. ލިޔޯން މުބާރާތަށް ކޮލިފައި ވެފައި ވަނީ 2023 ވަނަ އަހަރު ކޮންކާކަފް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ.
ކްލަބް ޕަޗޫކާ ޗެސް ކްލަބް ވޯލްޑް ކަޕްގައި ކުޅޭނެ އެވެ. އެ ޓީމު މުބާރާތަށް ކޮލިފައިވީ މިދިޔަ އަހަރުގެ ކޮންކާކަފް ޗެމްޕިއަނުންގެ ގޮތުގަ އެވެ. މުބާރާތުގައި ދެކުނު އެމެރިކާ ސަރަހައްދު ދެން ތަމްސީލު ކުރާނީ މެކްސިކޯގެ މޮންޓެރޭ އާއި އެމެރިކާގެ ސީޓްލް ސައުންޑާސް އެވެ.
ލިޔޯންގެ ބަދަލުގައި މުބާރާތުން ޖާގަ ދޭނެ ކޮންކާކަފް ސަރަހައްދުގެ ޓީމެއް ފީފާ އިން ފަހުން އިއުލާން ކުރާނެ އެވެ. މިއާ އެކު، ވެސް ލިޔޯން އާއި ޕަޗޫކާ ގުރޫޕުން ވެސް ވަނީ މައްސަލަ ކާސް އަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.
މި އަހަރު 32 ޓީމާ އެކު މުޅިން އާ ފޯމެޓަކަށް ކްލަބް ވޯލްޑް ކަޕް ކުރިއަށް ގެންދާއިރު، ލިޔޯން އޮތީ ޗެލްސީ އާއި ޓިއުނީޝިއާގެ އެސްޕަރާންޒޭ ޑި ތޫނިސް އަދި ބްރެޒިލްގެ ފްލަމިންގޯއާ ގުރޫޕް ޑީގައި ވާދަކުރާ ގޮތަށް ހަމަޖެހިފަ އެވެ.
އެމެރިކާގެ 11 ސިޓީއެއްގައި ކުޅުމަށް ހަމަޖެހިފައިވާ ކްލަބް ވޯލްޑް ކަޕް ބާއްވާނީ މި އަހަރުގެ ޖޫން 14 އިން ޖުލައި 13 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަނޑުން
22 March 2025
ޔޫއެފާ ހަޑިހާވަނީ. ޢޮސްޓްރޭލިއާ އޭޝިޔާއިންވެސް ބޭރުކުރަންޖެހޭ، އިޒްރޭލް ބޭރުކުރަންޖެހޭ
ޕްލެޓިނީ
25 March 2025
މަ ހުރި ނަމަ ލާހިކު ކުޅަދާނައެއް ނޫން އިޒްރޭލާއި ގުޅުންހުރި އެއްވެސް ޓީމަކަށް ފީފާގެ އެއްވެސް މުބާރާތެއްގައި ކުޅޭކަށް. މަ ބޭރުކޮއްލީ ބޮޑު ތުހުމަތެއް ބޮލުގައި އަޅުވާ ބަދުނާމުކޮއްފައި