23 މާޗް 2025 - 08:43
16 ވަނަ ބައި
ޝާހިދު ދެން ވިސްނާނަމޭ ބުނެލިއެވެ. އޭނާގެ އަތުގައިވާ ސިނގިރޭޓު ބުރި އެއްލާލާފައި ސައިތައްޓެއް ބޯން ދަމާ ހިނގާށޭ ކިޔާފައި އެދެމީހުން އާއްމުކޮށް ވަންނަ ކަޑައާ ދިމާލަށް މިސްރާބު ޖެހިއެވެ. އެމީހުން ސައިބޯން ތިއްބާ ޝިއުނާ ގުޅިއެވެ. އެދުވަހަކީ ހަވީރު ބޭރަށް ދާން ރާވާފައި އޮތް ދުވަހެއް ކަމެއް ޒިލާލު އެއްގޮތަކަށްވެސް ހަނދާނެއް ނެތެވެ.
"ސޮރީ ޝިއު ހަމަ ހަނދާނުން ކައްސާލީ.. ޝާޑުއާ އެކީގައި ކުޑަ މަސައްކަތެއްގައި މިއުޅެނީ" ޒިލާލު ދެރަ ވެލާފައި ވާހަކަ ދެއްކިއެވެ.
"އޯކޭ އެހެންވިއްޔާ ޝިއު މިދަނީ.. ޒިލާ ނިމުނީމާ އާދޭ އަޒީމާމެން ގެއަށް"
ޒިލާލު ފޯނު ނިންމާލާފައި ފުން ނޭވާއެއް ދޫކޮށްލިއެވެ. ޝިއުނާ އޭނާއަށް ފުރިހަމައަށް އިތުބާރު ކުރެއެވެ. އޭނާއަށް ލިބިފައިވަނީ ކޮންފަދަ ހެޔޮލަފާ އަންބެއް ހެއްޔޭ އޭނާގެ ހިތަށް އެރިއެވެ.
އަނެއްދުވަހު ހެނދުނު ހޭލައިގެން ޒިލާލު ބޯޓު ކައިރިއަށް ދިޔައީ ޒުހުދާގެ ކުޑަ ދަރިފުޅަށް ޝިއުނާ ފޮނުވާ އެއްޗެތި ކޮޅަކާއި އޭނާ މަންމަމެންނަށް ފޮނުވާ ލާރިކޮޅު ޝާހިދުއާ ހަވާލުކުރަށެވެ. އޭނާއަށް ދެވުނުއިރު ބޯޓު ނައްޓާލަން ތައްޔާރު ވަނީއެވެ. ޒިލާލު ފެނުމުން ޝާހިދު ބޯޓުން ފޭބިއެވެ.
އެވަގުތު ގުރޭޝާ ގުޅިއެވެ. ކުލީ ކޮޓަރިއަށް ލާރި ދައްކާނެ ފައިސާ ކޮބައިހޭ ކިޔާފައެވެ. އެކަން ޝާހިދުގެ ހަނދާނުން ކައްސާލީއެވެ. ވީގޮތް ޒިލާލުއަށް ކިޔައިދީފައި އޭނާ ގޮވައިގެން އެންމެ ކައިރި އޭޓިއެމް އަކަށް ދާން ޝާހިދު އެދުނެވެ.
އޭރު ބޯޓު ނައްޓާލަން ހުރީ އެންމެ ދިހަވަރަކަށް މިނެޓެވެ. އެހެންކަމުން އޭނާ ލާރި ނަގާފައި ދިނީމާ އެލާރިކޮޅު ގެންގޮސް ގުރޭޝާއާ ހަވާލު ކޮށްދޭނަން ދޯއޭ ޝާހިދު ބުނެލިއެވެ.
"ޝާޑު ކަލޭ ހާސްނުވޭ.. މަ ތިލާރި ދައްކާލަފާނަން" ޒިލާލު ޖަވާބުދިނެވެ.
"ތޭންކްސް މޭން!" ޝާހިދު އޭނާގެ އެކުވެރިޔާގެ ކޮނޑުގައި ޖަހާލިއެވެ. އަދި ގުރޭޝާއަށް ގުޅާފައި އެލާރި ޒިލާލު ގެންގޮސް ދޭނެ ކަމުގައިވެސް ބުނެދިނެވެ.
ބޯޓު ނައްޓާލައިގެން ގޮސް ނެރުން ނުކުންނަންދެން ބަލަން ހުރެފައި ޒިލާލު ސައިކަލުގައި ނައްޓާލީއެވެ. ލާރި ނަގައިގެން ގުރޭޝާ ހުރި ކުލީ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއިރު އޭނާގެ ހިތުގެ ވިންދަން ކޮންމެވެސް ކަހަލަ އަސަރުތަކެއް ކުރަމުންދާކަން އިހުސާސް ވަމުން ދިޔައެވެ.
ޒިލާލު ގޮސް ޓަކި ޖަހާލުމާއިއެކު ހުޅުވާފައޭ ތިހިރީ ވަންނާށޭ ގުރޭޝާ ބުނެލިއެވެ. ވަރަށް ޖެހިލުންވެ ހުރެ އޭނާ ދޮރު ހުޅުވާލިއެވެ. އޭރު ގުރޭޝާ ހުރީ ލޯގަނޑު ކައިރީއަށް ހުއްޓި ބުރުގާ އަޅާށެވެ. އޭނާގެ ދަބަސް ޕެކުކޮށްފައި އެނދުމަތީގައި އޮތެވެ.
"މިއޮތީ ލާރި!" ޒިލާލު ވޮލެޓު ހުޅުވާލާފައި ފަސްސަތޭކައިގެ ފަސް ނޫޓު ނެގިއެވެ. ކޮޓަރި ތެރެއަށް ވަންނަތާ އަރިމަތީގައި ހުރިމޭޒުމަތީ އެލާރިކޮޅު ބަހައްޓަން ޒިލާލުގެ ހިތަށް އެރިއެވެ. އެވަގުތު އެތަނުގައި ހުރުން އެއީ އެހާ ބުއްދިވެރިކަމެއް ނޫންކަމަށް ޒިލާލުގެ ސިކުނޑި ބުނަމުން ގެންދިޔައެވެ. އެހެންނަމަވެސް އޭނާއަށް އެ މޭޒުގައި ލެނގިލައިގެން ހުއްޓެވުނެވެ. ލޯގަނޑުން ފެންނަންހުރި ގުރޭޝާގެ މޫނަށް ވަރަށް ނޫންގޮތަކަށް ބަލަން ހުރެވުނެވެ.
އެކަން ނިންމާފައި ގުރޭޝާ އޭނާއާ ދިމާލަށް އެނބުރިލުމުން ލާރިކޮޅު ދިއްކޮލިއެވެ. އޭނާ އައިސް ހުއްޓުނީ ޒިލާލުއާ ވަރަށް ކައިރިއަށެވެ. އެހިނދު ޒިލާލުއަށް ފަހަތަށް ޖެހެވި ގާތްގަނޑަކަށް މޭޒުމަތީގައި އިށީނދެވުނެވެ.
"ތޭންކްސް!" އޭނާ ލާރީކޮޅުގައި ހިފަމުން ހިނިތުންވެލިއެވެ. ގުރޭޝާގެ ގައިން ދުވާ ލުއިލުއި މީރުވަހުގެ އަސަރު އޭނާގެ ހިއްސުތަކާއި ހަމައަށް ފޯރަންފެށިއެވެ.
"މިފަހަރު މިދަނީ ވަރަށް އުފަލުން...." ގުރޭޝާ ބުނެލިއެވެ. އަދި އެއީ ކީއްވެގެންތޯ ނާހާނަން ހެއްޔޭ އަހާލިއެވެ. މަސްތީ އަޑަކުންނެވެ.
ޒިލާލު ހިންދިރުވާލިއެވެ. އޭނާ އެވަގުތު އެތަނުގައި ހުންނާކަށްވެސް ބޭނުމެއްނޫނެވެ. އެހެންނަމަވެސް ދާނެހާ ހިތްވަރެއްވެސް ނުލިބުނެވެ. ކިރިޔާ އަތަކަށް ގުޑުވާލިއަސް އޭނާ ގުރޭޝާގެ ގައިގަ ޖެހޭނެއެވެ.
"ޒިލާ އަހަރެން އަންބުލޮކް ކުރީމަ... އަހަރެން ރަހުމަތްތެރިއެއްގެ ގޮތަށް ގަބޫލު ކުރީމާ"
ގުރެޝާގެ ކަނާއަތް ޒިލާލުގެ ކޮލުގައި ޖައްސާލިއެވެ. ކުރިއެކޭވެސް އެއްގޮތަށެވެ. ޒިލާލު އެކަން ހުއްޓުވަން އެއަތުގައި ހިފަން މަސައްކަތް ކުރިއެވެ.
އެހެންނަމަވެސް އެވަގުތު ޒިލާލުއަށް ހީވީ އޭނާ ނުވިސްނާ ހުއްޓާ ބޮޑު ރާޅެއް ބިންދާލާ އޭގެ ހޮޅިދަށުލައި އޮޅާލިހެންނެވެ. ގޮނޑު ދޮށަށް ގެންދިޔުމުން ތެދުވެ ހަމަޖެހި ނުލެވެނީސް އަނެއްކާވެސް އޭނާ ދަމައިގަތެވެ. އޭގެ ތެރޭގައި ހަމަ ރަނގަޅަށް ތާށިވެ ހަމަ ހޭވެރިކަން ފިލައިގެން ދިޔައެވެ. އޭނާގެ ގައިގަ ތަތްވެފައި އޮތް ގުރޭޝާ އުފުލާލައިގެން ކަހަލަ ގޮތަކަށް ގެންގޮސް އެނދު ހުރަހަށް ބޭއްވިއެވެ.
ދެމީހުންނަށްވެސް ހޭވެރިކަންވީ އެނދު މައްޗަށް ވެއްޓިފައި އޮތް ގުރޭޝާގެ ފޯނު ރިންގުވާން ފެށީމައެވެ.
"ޝި...! މަންމަމެން އެއައީ!" ގުރޭޝާ ފުންމައިގެން ތެދުވެ ހާސްވެގެން ތެޅިގަތެވެ.
ޒިލާލުވެސް ފުންމައިގެން ތެދިވިއެވެ. ލޯގަނޑު ކައިރިއަށް ހުއްޓި އޭނާގެ އަމިއްލަ މޫނަށް ބަލައިލިއެވެ. އަތުން ބޯ ރަނގަޅުކޮށްލިއެވެ.
"ޒިލާ! އަވަހަށް ދޭ .. އެމީހުން މަޖީދީމަގުން އައިސް ލަނބާލައިފި!".
ޒިލާލު އަވަހަށް އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު ކޮންމެވެސް އެމީހުންނަށް ނުފެންނައްޗޭ ގުރޭޝާ ބުނެލިއެވެ.
އޭނާ ސައިކަލަށް އަރައިގެން ނައްޓާލީ ވަރަށް ބާރަށެވެ. މަޖީދީމަގު އެއްކޮޅުން އަނެއްކޮޅަށް ދުއްވާފައި ގޮސް އާޓިފިޝަލް ބީޗް ސަރަހައްދަށް ނުކުމެވުމުން އޭނާ ސައިކަލު މަޑުކޮށްލިއެވެ. ސައިކަލު ޕާކުކޮށްލާފައި ގޮސް ތޮށިގަނޑު މަތީގައި އިށީން އިރު ފެންކަޅި ވެއްޖެއެވެ. އަހަންނަށް ކުރެވެން މިއުޅުނީ ކީއްހެއްޔޭ ޒިލާލުގެ ހިތަށް އެރިއެވެ.
އިސްނެގީ ގުރޭޝާ ކަމުގައި ވިޔަސް އޭނާއަށްވެސް ބައިވެރިވެވުނީ އެކަމަށް ހިތް އެދުނީތީއެވެ. ޒިލާލުއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
ދެންމެ ގުރޭޝާއަށް އެ ފޯނު ނައިނަމަ ވާނީ ކިހިނެތްބާއެވެ؟. އޭނާ އެހެންމީހުންނަށް ސިއްރުން ކުރާ ކަންތައްތަކުގެ ލިސްޓުގައި ގުރޭޝާވެސް ހިމަނަންވީ ހެއްޔެވެ؟ އޭނާގެ އަންހެނުންނާއި ޝާހިދުއާ ދެމީހުންގެ މަތިން އޭނާ ހަނދާން ނައްތާލެވުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.
އެތައްއިރެއް ވަންދެން ތޮށިގަނޑު މަތީގައި އިށީނދެގެން ޒިލާލު އިނެވެ. ޝިއުނާއާ ކުރިމަތިލާނެ ގޮތެއް ނުވިސްނިފައެވެ. އެދުވަހު ޝިއުނާ އޮފީހަށް ދިޔަކަން ހަނދާނަށް އައީވެސް މާފަހުންނެވެ.
އޮފީސް ނިމޭ ގަޑިއަށް ޝިއުނާ ބަލާ ގޮސް އިންއިރުވެސް އޭނާ ހަމައަކަށް ނޭޅެއެވެ. ޝިއުނާއާއި އަޒީމާއާ އަދިވެސް އޮފީހު އެހެން ދެކުއްޖަކު އެއްފަހަރާ ނުކުމެގެން އަންނަތަން ފެނުމުން ޒިލާލު ހާސްވާގޮތްވިއެވެ. އޭނާ މޫނުމަތިން އެމީހުންނަށް ކޮންމެވެސް އެއްޗެއް ވިސްނިދާނެބާއޭ ހިތަށް އެރުމުންނެވެ. އޭނާގެ ހާސްކަން ފޮރުވުމަށްޓަކައި މާދުރުން އެމީހުންނަށް ހީލައިގެން އިނެވެ. ޝިއުނާ ލާފައި ހުރި ދޫ ހެދުމުން އޭނާގެ ބަނޑު މާ ދުރަށް ފާހަގަވާން ހުއްޓެވެ.
"އައްދޭ! މިއަދު ދެކުދިން ހާދަ ގުޅުވާލައިގެން" އަޒީމާ ދިމާކޮށްލިއެވެ. ޒިލާލުއާއި ޝިއުނާއާ ދެމީހުންވެސް ލައިގެން ތިބީ ގަދަ ނޫކުލައެވެ.
"ކޮންއިރަކު ގަމީސް ބަދަލުކުރީ؟" ޝިއުނާ ނިތްކުރިއަށް ރޫއަރުވާލިއެވެ. ހެނދުނު ލައިގެން ދިޔައީ ތިޔަ ގަމީހެއް ނޫނެއްނޫންހޭ ބުނެލިއެވެ.
"އާނ އެވީގޮތަކީ ބައެއް ތަންތަނަށް ދުއްވަން ޖެހުނީމަ މާބޮޑަށް ދާހިތްލީ .. އެހެންވެ ގެއަށް ވަދެވުނީމަ ފެންވަރާލީ!" ޒިލާލުއަށް ދޮގެއް ހަދަން މަޖްބޫރުވިއެވެ.
އެގޮތަށް އެއްޗެހި ބަދަލުކުރިން އެއީ ކުރިންވެސް ޒިލާލު ކުރާ ކަމެކެވެ. މާބޮޑަށް ހޫނުވެ، ދާހިއްލައިފިއްޔާ ގެއަށް ވަދެވޭ ފަހަރަކު އެއްޗެހި ބަދަލުކޮށްފާނެއެވެ. އެހެންކަމުން ޝިއުނާ އެއްވެސް ޝައްކެއް ނެތި އޭނާގެ ވާހަކަ ގަބޫލުކުރިއެވެ.
އެހާދިސާ މަތިން ހަނދާން ނައްތާލާފައި ހަމަ ކުރިއެކޭވެސް އެއްގޮތަށް އުޅެވޭތޯ ޒިލާލު މަސައްކަތް ކުރިއެވެ. އެހެނަސް އޭނާއަށް ވަރަށް ގިނައިން ގުރޭޝާއާ މެދު ދޭތެރޭ ވިސްނެއެވެ. އެދުވަހު އެގަޑީގައި އޭނާގެ މަންމަގެ ފޯނުކޯލު ނައިނަމަ ކަންތައް ވީހީ ކިހިނެތް ހެއްޔޭ ހިތަށް އެރުމާއި އެކު ފިނިވެގެންދެއެވެ. އޭނާގެ އެއްވެސް އިޚުތިޔާރަކާ ނުލާ އެމަންޒަރުތައް ފެންނަން ފަށައެވެ. އެފޯނު ކޯލު ނައިނަމަ ދެންވާނެ ގޮތް ހުވަފެނުންވެސް ފެންނަން ފެށިއެވެ.
އެހެންކަމުން ޒިލާލުއަށް އެހާދިސާ ހަނދާން ނައްތާލުން ވީ ދަތިކަމަކަށެވެ. ކިތަންމެ ފަހަރަކު އޭނާ ގުރޭޝާއަށް ގުޅާލަންވެސް ހިތަށް އަރައެވެ. އެގޮތަށް ގުރޭޝާ ކަންތައް އެކުރީ ކީއްވެ ހެއްޔެވެ؟ އެއީ ޒިލާލުގެ ހުރިވަރެއް ބަލަން ކުރިކަމެއް ބާވައެވެ؟ ޒިލާލުގެ ސިކުނޑި ތެރޭގައި ޖަވާބު ނޭނގޭ އެތައް ސުވާލެއް އެނބުރެން ފެށިއެވެ. އެފަދަ ވިސްނުން އަންނަ ވަގުތު ވަގުތު އެއީ މިހާރު ޝާޑުގެ އަންހެނުންކަން ވެސް އޭނާގެ ހަނދާނުން ކައްސާލައިގެން ދެއެވެ.
އޭގެ ހަފްތާއެއްހާ ދުވަސް ފަހުން އެއްދުވަހަކު ޒިލާލު ވަޓްސްއަޕް ބަލައިލިއިރު ގުރޭޝާ މެސެޖެއް ފޮނުވާފައި ޑިލީޓް ކޮށްފައި އޮތެވެ. އެހިސާބުން ޒިލާލުއަށް ހިތްވަރު ލިބުނެވެ. ލިޔެފައި ތި ޑިލީޓްކުރީ ކޮންއެއްޗެއްތޯ އޭނާ އަހާލިއެވެ.
"ސޮރީ!" އެޔާއެކު ގުރޭޝާ ލިޔުނެވެ. ޒިލާލަކަށް ނުވިސްނުނެވެ. އޭނާ ފޮނުވީ ސުވާލު މާކެކެވެ.
"މަލިޔުނީ ސޮރީއޭ" ގުރޭޝާ ހިނިއައިސްފައިވާ މޫނަކާއި އެކު ފޮނުވިއެވެ.
އޭރު ޒިލާލު އިނީ ފިހާރައިގައެވެ. ޝިއުނާގެ ބައްޕަވެސް އެތަނުގައި ނެތް ވަގުތެކެވެ. ޒިލާލު ގުޅަންތޯ އަހާލިއެވެ.
އެހިނދު އޭނާ މިހިރީ ކުލާހެއްގައި ކަމަށާއި ގުޅައިގެން ވާހަކައެއް މިވަގުތު ނުދެއްކޭނެ ކަމުގައި ބުނެލިއެވެ. އަދި އެ ކުލާސް ނިމުނީމާ އަންގާލާނަން ކަމުގައި ވެސް ބުންޏެވެ. އެމެސެޖް ކިޔާފައި ޒިލާލުގެ ހިތަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ.
ގުރެޝާއާ ވާހަކަ ދައްކަން އޭނާ ދިޔައީ މާރުކޭޓް ކައިރިއަށެވެ. އެދިމާލުގައި ސައިކަލު މަޑުކޮށްލައިގެން ސައިކަލު މަތީގައި ވަރަށް ހަމަޖެހިލައިގެން އިނދެ އޭނާއަށް ގުޅާލިއެވެ.
އޭނާއަށް އިސްނެގުނީތީ އެކަމާ ލަދުގަނެފައި ހުރި ވާހަކަ ގުރޭޝާ ބުނެދިނެވެ. އަދި އޭނާ ސޮރީއޭ ބުނީ ޒިލާލު އެކަމާ ހިތްހަމަ ނުޖެހިފައި ހުރެދާނެތީ ކަމުގައިވެސް ބުނެލިއެވެ.
"ކުރިންވެސް އެގޮތަށް ދިމާވިދޯ ވިލިނގިލިން... އެދުވަހެކޭ އެއްގޮތަށް ހަމަ މިފަހަރުވެސް އަހަންނަށް ތީނަ ހޫރާލާފައި ދެވުނީސް ދޯ" ޒިލާލު ބުނެލިއެވެ.
ކޮންމެއަކަސް، ޒިލާލުއާއި ގުރޭޝާއާ ދެމެދުގައި އަލުން ގުޅުމެއް އުފެދިގެން ދިޔައީ އެ ހިސާބުންނެވެ. ގުރޭޝާގެ އަޑު ޖެހޭވަރަކަށް ޒިލާލުގެ ހިތާއި ނަފްސަށް މުޅިން އެހެންކަހަލަ އަސަރުތަކެއް ކުރުވަން ފަށައެވެ. އިންސާނަކު މަސްތުވާ ތަކެއްޗަށް ދެވި ހިފާގޮތަށް އޭނާވެސް ދިޔައީ މަޑުމަޑުން ގުރޭޝާއަށް ހިތްޖެހެމުންނެވެ. ގުރޭޝާއާ ވާހަކަ ދެއްކުމުގެ އިތުރުން އޭނާ ދެކޭހިތް ވެސް ވާން ފެށިއެވެ.
ޒިލާލުއަށް އެއީ ގޯހެއްކަން ވެސް އިނގެއެވެ. ކިތަންމެ ދުވަހަކު އަލުން ގުރޭޝާ ބުލޮކް ކުރަންވެސް ނިންމައެވެ. އެހެންނަމަވެސް އެ ހިތްވަރެއް އެނާއަކަށް ނުލިބުނެވެ. އެދެމީހުންގެ ދެމެދުގައި އެދުވަހުގެ ހާދިސާއާ ބެހޭގޮތުންވެސް ވާހަކަ ދެއްކައެވެ. ގުރޭޝާގެ މަންމަ ނުގުޅިނަމަ ދެން ވާނީ ކިހިނެތްތޯ އަބަދުވެސް ސުވާލު އުފައްދާ އެފަދަ ވާހަކަތައްވެސް ދެކެވެއެވެ. އެހެން ވާހަކަ ދެކެވުނު ދުވަހެއްގައި ފިލްމުގެ ނުނިމި އޮތްބައި ކުޅެވޭނީ މިކޮޅަށް އައީމާ ނޫންހޭ ޒިލާލު ބުނެލިއެވެ.
ހުކުރު ދުވަހަކު ހެނދުނު ގުރޭޝާ މެސެޖްކޮށްފައި މިހިރީ މާލެ އަންނަން ގޮސް އެއާޕޯޓުގައޭ ބުނެލިއެވެ. ޒިލާލު ހީކުރީ އޭނާ ސަމާސާ ކުރަނީ ކަމަށެވެ. ހަމަ އަސްލުވެސް ހޭ އަހާލުމުން އެއާޕޯޓު ބޭރުގެ ފޮޓޮއެއް ލާފާއި "ޔޯ ވިޝް، މައި ކޮމާންޑު" މިހެން ލިޔެފައި ފޮނުވިއެވެ. އެވަގުތު ޒިލާލު ފިނިވެގެން ދިޔައެވެ. އޭނާ އެދުވަހު އެހެން ބުނީ ސީރިއަސް ކޮށެއްނޫނެވެ.
ދެން ހަދާނީ ކިހިނެތްތޯ ޒިލާލު ވިސްނަންފެށިއެވެ. ވަރަށް ބިޒީއޭ ކިޔާފައި ދޮގެއް ހަދަންވީ ހެއްޔެވެ؟. އެހެން ނަމަވެސް މުޅި ހަތަރުދަމު ބިޒީއެއްވެސް ނުވާނެކަން ގުރޭޝާއަށްވެސް އެނގޭނެތާއޭ އޭނާގެ ހިތަށް އެރިއެވެ. ވަރަށް ވިސްނާފައި އެއީ އޭނާ މަޖަލަކަށް ބުނި އެއްޗެކޭ ނާންނާށޭ ބުނަންވެގެން ގުޅިއިރު ގުރޭޝާގެ ފޯނު އޮތީ ނިވާލާފައެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy