މުނިފޫހިފިލުވުން / ވާހަކަ

ދިގު ވާހަކަ: ޑައިރީއަށް ފަހު - 17

24 މާޗް 2025 - 09:09

1 comments

17 ވަނަ ބައި

ވަރަށް ވިސްނާފައި އެއީ އޭނާ މަޖަލަކަށް ބުނި އެއްޗެކޭ ނާންނާށޭ ބުނަން ބެލިއިރު ގުރޭޝާގެ ފޯނު އޮތީ ނިވާލާފައެވެ.

ޒިލާލު ދޭތެރެއަކުން އެހިސާބު ގަނޑުގައި އުޅޭ އެހެން ވިޔަފާރިވެރިންނާ އެކީ މަހަށް ގޮސް ކޮފީއަށް ގޮސް އެކަހަލަ ކަންކަންވެސް ކުރެއެވެ. އެހެންކަމުން އޭނާގެ ރައްޓެހި ބަޔަކާއި އެކީގައި ތުލުސްދޫއަށް ދާ ވާހަކަ ބުނުމުން ޝިއުނާ ހީކުރީ އެ ގުރޫޕާއި އެކީގައި ދަނީ ކަމަށެވެ. އެނބުރި އަންނާނީ މެންދުރުފަހުންނޭ ބުނީމާ އެހެންވިއްޔާ ހުކުރަށް ދާ އެއްޗެހި ވެސް ގެންދަންވާނެއެއް ނޫންހޭ ބުނެ ދަބަސް ތައްޔާރުކޮށް ދިނެވެ.

ޒިލާލު ގެއިން ނައްޓާލިއިރު ހުރީ ފިނިވެފައެވެ. އެހެންނަމަވެސް ހުޅުމާލޭއަށް ދާން ބުރިޖް މައްޗަށް އެރިއިރު އޭނާއަށްވުރެ ކުރިން އޭނާގެ ޚިޔާލުތައް ގުރޭޝާއާ ހަމައަށް ގޮސް ނިމިއްޖެއެވެ.

ގުރޭޝާ ހުރީ އޭނާގެ ރައްޓެހި ލ. އަތޮޅު މީހެއްގެ އެޕާޓްމަންޓުގައެވެ. އެތަނަށް ވަދެފައި ޒިލާލު ކުޑަކޮށް ފަސްޖެހުނެވެ. އެގޭމީހާ ވީ ވީކެންޑަށް ރަށަށް ގޮސް ކަމަށާއި މިތަނަކަށް އަންނާނެ އެހެން މީހެއް ނުހުންނާނެ ކަމަށް ގުރޭޝާ ބުނެދިނެވެ. އަދި ޒިލާލުގެ އަތުގައި ހިފައިގެން ގެންގޮސް ސޯފާގައި ބޭންދިއެވެ.

ގުރޭޝާ އޭނާގެ ކުރިމަތީގައި ހުރެގެން ބުރުގާގައި ޖަހާފައިވާ ޕިން ތަކުން ފަހަރަކު ޕިނެއް މަޑުމަޑުން ނައްޓަމުން ގެންދާ މަންޒަރު ބަލަން ޒިލާލު އިންއިރު އޭނާއަށް ހީވަނީ ފިލްމެއް ބަލަން އިނދެވުނު ހެންނެވެ. އިރުކޮޅެއް ނުވެ އެބުރުގާ ނަގާފައި ކައިރީގައިހުރި ގޮނޑު މައްޗަށް އެއްލާފާއި ފަރިގޮތަކަށް އިސްތަށިގަނޑު ނިއުޅާލަމުން ޒިލާލުއާ ދިމާލަށް އައެވެ.

އިސާހިތަކު ގުރޭޝާގެ ޖާދޫގައި ރަނގަޅަށް ޖެހި އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ބާރެއް ނުފޯރުވޭ ހިސާބަށް ޒިލާލުއަށް ދަތުރުކުރެވުނެވެ.

ޒިލާލު ގެއަށް އައިރު ތިންގަޑި ބައި ވެއްޖެއެވެ. ވަރަށް ޖެހިލުންވެ ހުރެ ކޮޓަރި ދޮރު ހުޅުވާލިއެވެ. އޭރު ޝިއުނާ އަޞުރު ނަމާދުކޮށް ނިންމާފައި ތެދުވީއެވެ. އޭނާ ފެންނައިރަށް ހުކުރަށް ދިޔައިންތޯ އަހާލިއެވެ. ޒިލާލު ބޯޖަހާލަމުން ބެކްޕެކް ގޮނޑިމަތީގައި ބެހެއްޓިއެވެ.

ޝިއުނާ މިއުޅެނީ މަންމައާ އެކީގައި ފޮތިކޮޅެއް ގަންނަން ދާންކަމުގައި ބުނެލިއެވެ. މިހާރު އޭނާގެ ގިނަ ހެނދުންތައް ބަނޑަށް ބާރުކަމުން ލާން އުނދަގުލީއޭ ބުންޏެވެ. ޒިލާލު އެހެން ހެއްޔޭ ބުނެފައި އިތުރު ވާހަކައެއް ދައްކަން މަޑުނުކޮށް ފެންވަރަން ވަނީއެވެ.

ޝިއުނާ ތައްޔާރުވެ ނިމިގެން ޒިލާލުގެ ދަބަސް ހުސްކުރާނަމޭ ހިތާ އެހުޅުވާލިއެވެ. ހުކުރަށް ދާން ގެންދިޔަ އެއްޗެތި ހަމަ އެހުރިގޮތަށް އޭގެ ތެރޭގައި ހުއްޓާ ފެނުނެވެ. ޝިއުނާގެ ދެއަތުން ފަތްޖަހާފައި ލީގޮތަށެވެ.

އެރޭ ޝިއުނާ ނިދަން އޮށޯތް އިރުވެސް ޝިއުނާއަށް ވިސްނެމުން ދިޔައީ އެކަމާއެވެ. ތުލުސްދޫއަށް އޭނާ ދިޔައީ މަހަށް ދާ ގުރޫޕާއި އެކީގައި ކަމަށް ވަންޏާ ގަޑި ޖެހެނުއިރު ކަނޑުމަތީގައި އުޅެވުނީ ކަންނޭނގެއޭ ހިތަށް އެރިއެވެ. އެކަމަކު އެހެންވިޔަސް ހުކުރަށް ދިޔައީމޭ ކިޔާފައި ދޮގުހަދަން ޖެހުނު ސަބަބެއް ޝިއުނާއަކަށް ހަމަ ނުވިސްނުނެވެ.

އަޒީމާ ބުނާހެން ހަމަ ކުޑަކުޑަ ކަމަކުން އެތައް ބައިވަރު ނެގެޓިވް އެއްޗެތިތަކެއް އޭނާގެ ހިތަށް އަރާފައިބަމުން ދިޔައެވެ. އޭނާއަށް ނުވިސްނެނީ އެވަރު ކަމެއްގައި ޒިލާލު ދޮގުހަދަން ޖެހުނު ސަބަބެވެ. ޝިއުނާ އިތުރަށް އެވާހަކަ ދައްކަން ހިތަށްއެރިއެވެ. އެހެންނަމަވެސް ޒިލާލު އޮށޯވެފައި ގުޑްނައިޓްއޭ ބުނެލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެ ލޯމަރާލީމާ އޭނާއަކަށް ނުކެރުނެވެ.

އެރޭ ޝިއުނާއަށް ހުވަފެނުން ފެނުނީ ކަޅުބުޅަލެއް ޒިލާލުގެ ގައިގަ ވަކި އަޅާތަނެވެ. ޒިލާލު ސަލާމަތްކުރަން ދާން އުޅެއުޅެ ޝިއުނާއަށް ކުރިޔަށް އެއްވެސް ފިޔަވަޅެއް ނޭޅިގެން އުޅެނިކޮންނެވެ. އޭނާ ވަރަށް ހާލުން ކޮޅަށް ތެދުވާ އިރަށްވެސް ކަކުލު ހުޅުން ވަރު ދޫވެގެން ހަމަ ވެއްޓެނީއެވެ.

ޒިލާލުއަށް ހޭލެވުނީ ޝިއުނާ ނޫނެކޭ ނޫނެކޭ ކިޔަމުން ނިދީ ތެރޭގައި ރޯއަޑަށެވެ. އޭނާ ޝިއުނާއަށް ގޮވިއެވެ. އެޔާއެކު ޝިއުނާ ޒިލާލުގެ ގައިގަ ބައްދާލައިގެންފައި ބޮޑަށް ރޯންފެށިއެވެ. ކިހިނެތްތޯވީ އަހާ އަހާވެސް ވާހަކައެއް ނުދެއްކުނެވެ. ޝިއުނާއަށް ފެނުނީ ނުބައި ހުވަފެނެއްކަން އެނގުނީވެސް އެތައް ވަރަކަށް ސުވާލު ކުރިފަހުންނެވެ. އެޔާއެކު ޒިލާލު ކަންބޮޑުވިއެވެ. އޭނާއަށް ކުރިން ފެންނަ ހުވަފެން ފެންނަން ފެށީތޯ އަހާލިއެވެ. ޝިއުނާ ބޯ ހޫރާލިއެވެ.

"އިނގޭނު ނުބައި ހުވަފެނެއް ފެނުނީމާ ކަންކުރަން ޖެހޭ ގޮތް" އޭނާ ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ. އަދި ޝިއުނާގެ ގައިގާ ފިރުމާ އޭނާ ހިތްހަމަ ޖެއްސޭތޯ މަސައްކަތް ކުރަންފެށިއެވެ. އިސާހިތަކު އޭނާގެ އަތުތެރޭގައި އޮވެގެން ޝިއުނާއަށް ނިދުނެވެ.

ޒިލާލު އެހެން އޮވެގެން އެދުވަހު ހެނދުނު ހިނގާ ދިޔަ ހާދިސާއާ މެދު ވިސްނިވަރަކަށް އޭނާގެ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. އޭނާގެ އަންހެނުންނަށް ބޭފަވާތެރިވުމުގެ އިތުރުން އެއީ އޭނާގެ ހަޔާތުގައިވެސް ގަދަވެ ސަލާމަތުން ހުރެ، ހުކުރެއް އެޅުނު ފުރަތަމަ ފަހަރެވެ. އެކަމާ އޭނާ ވަރަށް ދެރަވެ ބިރުގަތެވެ. ހަޤީޤަތުގައި އެއީ ހުކުރު ވަގުތުކަން އޭނާގެ ހަނދާނުން ކައްސާލީއެވެ. އެހެން ނޫންނަމަ އޭނާ ހުކުރަށް ދިޔައީސްއެވެ.

އަތުތެރޭގައި ނިދާލާފައި އޮތް އޭނާގެ އަނބިމީހާގެ މޫނު މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ނަގާ ކަންފަތުގެ ފުރަގަހަށް ލައްވާލަދިނެވެ. ކޮޓަރީގައި ދިއްލާފައިވާ ނިދާބޮކީގެ ފަނޑުއަލީގެ ތެރޭގައި އޭނާގެ މޫނު ފެންނަނީ ނުހަނު ނިޔަނެތި ކޮށެވެ. މާބަނޑުވުމުގެ ސަބަބުން އާދަޔާ ޚިލާފަށް އަލިވެފައިވާ ސާފު ސީދާ މޫނެކެވެ. ހުވަފެން ފެނިގެން ބިރުން ހާސްވެގެން އުޅުނުކަމުގެ އަލާމާތެއްވެސް އެ މޫނު މައްޗަކުން މިހާރަކު ފެންނާކަށް ނެތެވެ.

ޝިއުނާ ހިތުން އޭނާ އެއޮތީ އޭނާގެ ފިރިމީހާގެ ހިމާޔަތުގައި ނިދާލާފައެވެ. އެހެން ހިތަށް ވަނުމުން ޒިލާލުގެ ދެލޮލުން ކަރުނަ ހިލުނެވެ. އޭނާއަށް އެ ކުރެވުނީ ކީއްހެއްޔެވެ؟

އޭނާ އާއި ގުރޭޝާއާ ކުރިން ނުދެވޭ ހިސާބަށް ދަތުރުވެސް ކުރެވުނެވެ. އެއީ އެވަގުތު އޭނާވެސް އެކަމަށް އެދިގެންނެވެ. އޭނާއަށް ނުވިސްނެނީ އޭނާ ހަމަހޭގައި ހުރެ އެހިސާބަށް ދެވުނީ ކިއްވެގެން ކަމެވެ. ޒިލާލުގެ އަމިއްލަ ނަފްސު އޭނާއަށް މަލާމާތްކޮށް އެއްޗެހި ކިޔަންފެށިއެވެ.

ޒިލާލު ހިތާހިތުން ޝިއުނާގެ ކިބައިން މަޢާފަށް އެދުނެވެ. އަދި ޝިއުނާގެ ބަނޑުގައި އަތްޖައްސައިގެން އޮވެ، އަދި މިދުނިޔެއަށް އުފަން ނުވާ ކުޑަކުޑަ ދަރިފުޅުގެ ކިބައިންވެސް މައާފަށް އެދުނެވެ.

"ނުނިދަންތަ؟" ޝިއުނާ ހޭލެވިގެން އަހާލިއެވެ.

ޒިލާލު ދޫކޮށްލީ ފުން ނޭވާއެކެވެ. ޝިއުއަށް ވީގޮތުން މުޅިން ނިދިފިލީ ކަމުގައި އޭނާ ބުނެލިއެވެ. އެވަގުތު ޝިއުނާގެ ބަނޑު ތޮޅެލިއެވެ. ޝިއުނާ އަވަސް އަވަހަށް ޒިލާލުގެ އަތް ގެންގޮސް އެދިމާލުގައި ޖެއްސިއެވެ.

"މިހާރު އެއުޅެނީ އަހަރުމެންނާއި ހަމައަށް ނާދެވިގެން ... ލަސްވެގެންކަންނޭގެ!" ޝިއުނާ އުފަލުން ވާހަކަ ދެއްކިއެވެ.

އެވަގުތު ޒިލާލުއަށް ހިންދިރުވާލެވުނެވެ. އޭނާއަށް މިއަދު އެކުރެވުނު ކަންތައް އެނގިއްޖިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟

ދެން އެކަހަލަ ކަމެއް ވިޔަ ނުދޭން އެވަގުތު އޭނާ އަޒުމު ކަނޑައެޅިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ޝިއުނާ ވިހާ ދުވަސް ކައިރިވަމުން އައިވަރަކަށް ގޭ އެންމެން ވެސް ކެތްމަދުވަމުން ދިޔައެވެ. ގެއަށް އަންނަން އުޅޭ ކުޑަކުޑަ މެހުމާނަށްޓަކައި ތައްޔާރު ކުރަން ފެށިއެވެ. އެކޮޓަރިއަށް ކުޑަ އެނދެއް ވައްދާ އެއްކަނެއްގައި ބޭބީ ކޯނަރއެއް ހަދައި ދިނެވެ. އެހުރިހާ ކަމެއްގައި އިސްކޮށް އުޅުނީ ޒިލާލުއެވެ. އޭނާއަށް ލިބޭ ހުސް ވަގުތުތައް ޝިއުނާއާ އެކީގައި ހޭދަކުރަމުން ގެންދިޔައެވެ.

އެހެންނަމަވެސް، އޭނާގެ ސިކުނޑީގެ އެއްކަނެއްގައި ތަތްކޮށްފައި އިން ފޮޓޯގަނޑެއްހެން ގުރޭޝާ އިނެވެ. ދޭތެރެއަކުން އޭނާ ހާލު އަހުވާލު ބަލާށޭ ކިޔާފައި ގުރޭޝާ ވާހަކަ ދެއްކީމާ ޖަވާބު ނުދީއެއްވެސް ނުހުރެވެއެވެ. ފޯނުން ވާހަކަ ދައްކާ ނިމޭއިރު ޒިލާލު ހުންނަނީ އެ ހަނދާންތައް މުޅިން އާވެފައެވެ. އަލުން ގުރޭޝާއާ ބައްދަލުކުރާ ހިތްވެ، ކެތް މަދުވެފައެވެ. އެކަހަލަ ވަގުތު ވަގުތުގައި ސިއްރު ސިއްރުން ގުރޭޝާގެ ފޮޓޯ ބަލަންވެސް އިނދެވެން ފެށިއެވެ.

ގުރޭޝާ ވެސް ޒިލާލުއާ ބައްދަލުކުރަން ބޭނުންވެއެވެ. ޝާހިދު ރަށުން ފުރައިގެންދާ ދުވަސްކޮޅެއްގައި ރަށަށް އަންނަންވީ ނޫންހޭ އޭނާ ބުނާނެއެވެ. ހަމަ އެންމެ ދުވަހަކަށް ނަމަވެސްއޭ ކިޔާ އާދޭސް ވެސް ކުރެއެވެ. ޒިލާލުވެސް ދާން ބޭނުންވެއެވެ.

އެކަމަކު ވެސް އެއީ ޝިއުނާގެ ދުވަސް ފުރޭ މަހަށް ވާތީ އޭނާއަކަށް ރަށުން ބޭރަށް ދާކަށް ނުކެރުނެވެ.

އެއްރެއަކު ވަރަށް ލަސްވި ފަހުން ޙަމީދު ގުޅިއެވެ. އޭރު ޒިލާލު އޮތީ ނިދަން އޮށޯވެއެވެ. ޝާހިދު މަސްތުވާތަކެތި ބޭނުންކުރާކަން ޒިލާލުއަށް އޭނގޭތޯ ޙަމީދު އެއްސެވެ. ޒިލާލު ވަރަށް ކަންބޮޑުވެފައި ކިހިނެއްތޯވީ އެއްސެވެ.

ޝާހިދު އަމަލުވެފައި ހުރެގެން އޭނާގެ އަންހެނުންނާއި ދިމާލަށް ހަޅޭއްލަވާ ގަޔަށް އަތްލާ ހިސާބަށް ދުއްވާލީ ކަމަށްވެއެވެ. އެންމެފަހުން ފުލުހުން ގެންނަ ހިސާބަށް ދިޔުމުން އެމީހުން އޭނާ ގަދަކަމުން އެތަނުން ގެނައީ ކަމުގައި ޙަމީދު ކިޔައިދިނެވެ. ޒިލާލު ވަރަށް ހާސްވިއެވެ. އޭނާ މިހާރު ކޮބައިތޯ އަހާލެވުނެވެ.

"އެބައޮތް އަހަރުމެންގޭގައި ނިދާފައި" ޙަމީދު ބުނެދިނެވެ.

މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި ގުރޭޝާމެން ރިޕޯޓް ކޮށްފިއްޔާ ޝާޑުގެ ދުވަސް ދާނެއޭ ޙަމީދު ބުންޏެވެ. އަދި އޭނާ މިހާރު މި ވިސްނަނީ ވީހާވެސް އަވަހަކަށް ޝާޑު ޑިޓޮކްސް ތަނަކަށް ނަމަވެސް ފޮނުވާލެވޭތޯ ކަމުގައި ބުނެދިނެވެ. އެއާއެކު ތިއީ ވަރަށް ރަނގަޅު ޙިޔާލެކޭ ޒިލާލު ބުންޏެވެ. އަދި އެކަމުގައި އޭނާއަށްވެސް ވެވުނު އެހީތެރިކަމެއް ވެދޭނަން ކަމުގައި ވެސް ބުންޏެވެ.

އެ ފޯނު ނިންމާލާފައި ބަލައިލިއިރު ގުރޭޝާ މެސެޖްކޮށްފައި އޮތެވެ. އޭނާ މިހާރު ބޭނުންވަނީ ޝާޑުއާ ވަކިވާން ކަމަށް ލިޔެފައި އޮތެވެ. ޕޮލިހަށް ރިޕޯޓު ކުރަންވީއޭ ހިތަށް އަރާ ކަމަށްވެސް ލިޔެފައި އޮތެވެ. އެޔާއެކު އެއްކަމެއްވެސް ނުކޮށް އިހަށް މަޑުން ހުރުމަށް ޒިލާލު އެދުނެވެ. އަދި މާދަމާގެ ވަގުތަކުން ގުޅާނަން ކަމުގައި ލިޔުނުވެ.

އަނެއް ދުވަހު ހެނދުނު ޒިލާލު އެންމެކުރިން ގުޅީ ޝާހިދުއަށެވެ. އޭރު އޭނާ ހުރީ ގުރޭޝާމެން ގެއިން ނުކުމެގެން ގޮސް އޭނާގެ އަމިއްލަ ގޭގައި ކަމަށް ކިޔައިދިނެވެ. މައްސަލައަކަށްވީ ގުރޭޝާ މިހާރަކަށް އައިސް ސިއްރު ސިއްރުން ކޮންމެވެސް މީހަކާ މާ ގިނައިން ވާހަކަ ދައްކާތީ ކަމުގައި އޭނާ ކިޔައިދިނީއެވެ. އެޔާއެކު ޒިލާލުގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އަޅާލިހެންނެވެ.

"ފާޑެއްގެ މުނީރެކޯ... ބަންގާޅު ގޮލައަކާ ވައްތަރީ.. މަށަށް ފެނިއްޖިއްޔާ ހޭއަރުވާލާނަން!"

ޒިލާލު އެކަމަށް މާބޮޑަށް އަޅާނުލާ ބެލީ އޭނާ ޑިޓޮކްސް ސެންޓަރަށް ދާން އެއްބަސް ކުރުވޭތޯއެވެ. އެހިނދު އޭނާވެސް މިހާރު ބޭނުމީ އެގޮތް ކަމުގައި ބުނުމުން ޒިލާލު ހިތްހަމަ ޖެހުނެވެ. އަދި ވީހާވެސް އަވަހަކަށް ތިކަމާ އުޅެމާ ހިނގާށޭ ބުނެލިއެވެ.

ދެން ޒިލާލު މެސެޖް ކުރީ ގުރޭޝާއަށެވެ. މުނީރަކީ ކާކުތޯ އެހުމަށެވެ. އެޔާއިއެކު ގުރޭޝާ 'ޔޫ' އޭ ޖަހާފައި ހެވިގެން ދެލޮލުން ފެން އައިސްފައިވާ އިމޯޖީތަކެއް ފޮނުވާލިއެވެ.

އެވަގުތު ޒިލާލުއަށްވެސް ހަމަ ބާރަށް ހެވުނެވެ. އޭރު އޭނާ އިނީ ފިހާރައިގައެވެ. އެ ފިހާރައިގައި އުޅޭ ބަންގުލަދޭޝް މީހާ ޒާކިރުއާ ދިމާލަށް މުނީރު ކިޔާ މީހަކު ދަންނަންތޯ އަހާލިއެވެ.

ޝިއުނާއާއި ޒިލާލުއަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އެންމެ ކުރީއްސުރެ ކޮންމެ ވައްތަރެއްގެ ކުއްޖަކު ލިބުނަސް ހެވޭ ޒިލާލު ކިޔަކަސް އޭނާ އޭރުވެސް ބޭނުންވީ ފިރިހެން ކުއްޖެކެވެ. އެހެންކަމުން އޭނާ ވަރަށް އުފާވިއެވެ. އެ ތުއްތު ދަރިފުޅާއި ދިމާލަށް ބަލަހައްޓައިގެން ޒިލާލު ހުރިއިރު އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ އިހުސާސްތަކެއް ކުރުވަމުން ދިޔައެވެ.

ޝިއުނާ ވިހޭ ޚަބަރު ލިބުމުން ޒިލާލުގެ މަންމަމެން ވެސް މާލެއައެވެ. ޒުހުދާއާއި އޭނާގެ ދަރިފުޅު މަލްސާ ވެސް އައެވެ. ކުޑަމީހާއަށް ހަތް ދުވަސް ވުމުން ނަން ކިޔުން އޮތެވެ. އެދުވަހު ކެއްކި ބޮޑިބަތާއި ބަކަރި މެންދުރު ފަހުގެ ފުލައިޓުން ޒިލާލުމެންގެ ރަށަށްވެސް ފޮނުވިއެވެ. އެދަރިފުޅަށް ކީ އަލްވާން ޒިލާލުއެވެ.

ނުނިމޭ

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަނޫޝާ

24 March 2025

މި ޒިލާލް ދެކެ ފޫހިވެއްޖެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454