އީދު ބައިބަލާ ޗެމްޕިއަން ޓީއެފްޓީ.-- ފޮޓޯ: ސިޑިބަރި
07 އެޕްރީލް 2025 - 11:29
އީދު ބައިބަލާ ޗެލެންޖް 1446ގެ ޗެމްޕިއަންކަން ހޯދައި ދަ ފުޓްސަލް ޓައުން (ޓީއެފްޓީ) މުބާރާތުގެ ތާރީހުން ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ ފެއާޕްލޭ އެވޯޑް ވެސް ހޯދި ޓީއެފްޓީ، ޗެމްޕިއަންކަން ހޯދީ ރޭގެ ފައިނަލްގައި ސީދާ ދެ ގޭމުން ލޮރެންޒޯ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ހަސަން ތައުހީދު (ތައު) އެވެ.
ރޭ ކުޅުނު ސެމީ ފައިނަލްގައި ޓީއެފްޓީ ވަނީ ސީދާ ދެ ގޭމުން، މިދިޔަ އަހަރުގެ ރަނަރަޕް ކްލަބް ކާސިންޖީ (ސީކޭ) ބަލިކޮށްފަ އެވެ. އަދި ލޮރެންޒޯ ވަނީ ގަދަހިފުމަކަށް ގޮސްގެން، މިއަހަރުގެ މުބާރާތުގައި ވަރުގަދަ ޓީމުތައް ސިއްސުވާލި ޒެޕޯ ބަލިކޮށްފަ އެވެ. މިއީ ޓީއެފްޓީ އާއި ލޮރެންޒޯ ވެސް ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ޓީއެފްޓީ އަކީ، ފިތުރު އީދުގެ މުނާސަބަތުގައި 1996 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ބައިބަލާ ޗެލެންޖް ކާމިޔާބު ކުރި 11 ވަނަ ޓީމެވެ. ރެކޯޑް 10 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ބީޖީ ސްޕޯޓްސް ކްލަބް ނެޓީ ކުއާޓާ ފައިނަލްގައި ސީކޭ އަތުން ގަދަހިފުމުގައި ބަލިވެގެންނެވެ.
ޓީއެފްޓީ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ. ކުއާޓާ އަށް ދިޔައީ ބީޖީ ނިއު ޖެނެރޭޝަން ބަލިކޮށްގެންނެވެ. އަދި ކުއާޓާގައި ވަނީ ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ލޮރެންޒޯ ސެމީ އަށް ދަތުރު ކުރީ ވީކޭ ސްޕޯޓްސް ކްލަބާއި ޓީސީ ފްރެޓާނިޓީ އަދި އެލްޓީ ސްޕޯޓްސް ބަލިކޮށްގެންނެވެ.
މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ވެސް ހޮވުނީ ޗެމްޕިއަން ޓީއެފްޓީ އެވެ. "ޕީއެސްއެމް އެއާ" މެދުވެރިކޮށް ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ޓީމާއި ކުޅުންތެރިޔާ ވެސް ވަނީ ހޮވައިފަ އެވެ. ޖުމްލަ 14،098 ވޯޓާ އެކު މަގުބޫލު ޓީމަކަށް ކުޑަހެންވޭރު ޔުނައިޓެޑް ހޮވުނު އިރު އެންމެ މަގުބޫލު ކުޅުންތެރިއަކަށް ހޮވުނު ކުޑަހެންވޭރު ލަޔަންސްގެ އިބްރާހިމް ލުބާން އަށް ވަނީ 10،837 ވޯޓު ލިބިފަ އެވެ.
މިއަހަރުގެ މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ، ޓީއެފްޓީގެ ތައު، އިޖާބަތު ލަތީފް، މުހައްމަދު ރިލްވާން (ބުޅާ މޯޑް)، އިބްރާހިމް މުބީން އަހުމަދު ރަޝީދު (މުއްކި)، ލޮރެންޒޯގެ އަބްދުﷲ ނިޝާން (އަބޯ)، އަހުމަދު ރަސްލާން (ރަސޭ)، ކުޑަހެންވޭރު ލަޔަންސްގެ މުހައްމަދު ނާސިހު އަސްޖަދު، މުހައްމަދު ޝަޔާމް އަލްސަން، ސީކޭގެ އަހުމަދު މުހައްމަދު (އަންމަޑޭ) އަދި ޒެޕޯގެ އަހުމަދު ރަނީން އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ އަހުމަދު ނާސިރެވެ.
މި އަހަރުގެ މިސްޓަ ބައިބަލާ އަށް ހޮވުނީ ރަނަރަޕް ލޮރެންޒޯގެ އަބޯ އެވެ. މިއީ އަބޯ މިސްޓަ ބައިބަލާގެ މަގާމް ހޯދި ތިން ވަނަ ފަހަރެވެ. މީގެ ކުރިން 2012 ވަނަ އަހަރު އޮތް މުބާރާތުގައި ލޮރެންޒޯ އަށް ކުޅެމުން ފުރަތަމަ ފަހަރަށް މިސްޓަ ބައިބަލާގެ މަގާމް ހޯދި އަބޯ، އެންމެ ފަހުން އެ މަގާމު ހޯދާފައި ވަނީ 2015 ވަނަ އަހަރު ކްލަބް ޒެފްރޯލް އަށް ކުޅެމުންނެވެ.
މިއާ އެކު އަބޯ މިވަނީ މިސްޓަ ބައިބަލާގެ ތާރީހުގައި އެންމެ ގިނަ ފަހަރު މި އެވޯޑް ހޯދި ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. މީގެ ކުރިން ތިން ފަހަރު މިސްޓަ ބައިބަލާގެ އެވޯޑް ހޯދާފައި ވަނީ މުހައްމަދު ޝިނާން (ނާނި) އާއި އަސްލަމް ވަހީދެވެ.
ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި މަހު 1 ގައި ފެށި މުބާރާތުގައި ޖުމްލަ 29 ޓީމެއް ވާދަ ކޮށްފައިވެ އެވެ. އެޗްޑީސީއާ ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތުގެ މައިދާން ތައްޔާރު ކުރި ސްޓޭޖް ކޯގެ މަސައްކަތަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބައިތަ ތާރީޚުން ބޭރަށް ދިއުމަކީ
08 April 2025
ބަލިވި ޓީމުތައްވެސް ދާނީ ތާރީޚުގެ ތެރެއަށް ދޯ
ހަސަނު
07 April 2025
މިދެން ކޯއްޗެއް؟
މިއައު
07 April 2025
ތިޔަ މުބާރާތް ކުޅުނު ޓީމު ތަކުގެ ނަންތަކާ މި މާލޭގެ އަބުރުވެރި އިއްޒަތްތެރި ގޭންގުތަކުގެ ނަންތަކާ ހާދަ ވައްތަރޭ.
ޒަރީ
07 April 2025
ތިބުނާ ގޮތުން ގޭންގު ނޫން ބަޔަކު ނެތެއްނު ކުޅިވަރެއް ކުޅެންވެސް.