ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ބަޔަކު އަޅުކަމުގައި.
21 އެޕްރީލް 2025 - 12:31
ހައްޖު ދަތުރަށް މި އަހަރު ގެނައި ބަދަލުތަކުން، ސައުދި އަރަބިއްޔާގައި ތިބޭ މުއްދަތު ކުރުވެއްޖެ އެވެ.
ރާއްޖެ އިން ހައްޖަށްދާ މީހުންނަށް އަޅުކަމުގައި މީގެ ކުރިން މަސް ދުވަސް ހޭދަވެ އެވެ. އެކަމަކު، މި ފަހަރު ގެނައި ބަދަލުތަކުން ހައްޖުގައި ހޭދަވާނީ ގާތްގަނޑަކަށް 19 ދުވަހެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް "މިހާރު"އަށް މިއަދު ވިދާޅުވީ މަދީނާއަށް މީގެ ކުރިން ޒިޔާރަތްކުރަމުން ދިޔައީ ހައްޖުގެ އަޅުކަމަށް ފަހު ކަމަށެވެ.
މަދީނާގައި މަސްޖިދުއް ނަބަވީ އާއި ކީރިތި ރަސޫލާގެ ގަބުރުފުޅާއި އާސާރީ ތަންތަން ބެލުމަށްފަހު އަނބުރާ މައްކާއަށް އަދި މައްކާއިން ޖިއްދާއަށް ދަތުރުކުރެ އެވެ. އެކަމަކު، އެ ދަތުރުތަކުގެ ބަދަލުގައި މި ފަހަރު މަދީނާ އެއާޕޯޓުން ސީދާ މާލެއަށް ދަތުރުކުރެވޭ ގޮތަށް ބަދަލުކުރީ ކަމަށް ޝަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ބަދަލުތައް ގެނައުމުން ހާޖީންނަށް ދަތުރުކުރުމުގައި ލުޔެއް ލިބޭނެ އެވެ.
"ހައްޖަށް ފަހު ހާޖީން ތިބެނީ ވަރަށް ބޮޑަށް ބަލިވެފައި ކަމަށް ވުމާ އެކު މި ދަތުރުތައް މަދުކޮށްލީމަ ހާޖީންގެ ތަކުލީފުތަކަށް ވަރަށް ބޮޑު ލުއެއް ލިބޭނެ." ޝަކީލް ވިދާޅުވި އެވެ.
މި އަހަރު ހައްޖަށްދާ ފުރަތަމަ ބެޗު އަންނަ މަހުގެ 26 ގައި ފުރާނެ އެވެ. އަނބުރާ ރާއްޖެ އަންނާނީ އަންނަ ޖޫން މަހުގެ 13 ގަ އެވެ. އެހެންވެ، މި ފަހަރު ގާތްގަނޑަކަށް ހައްޖަށް މި ލިބެނީ 19 ވަރަކަށް ދުވަހެވެ.
އެކަމަކު، ގާތްގަނޑަކަށް މަސް ދުވަހަށް ހައްޖަށް ދާން މީގެ ހައެއްކަ އަހަރު ކުރިން ފައިސާ ދައްކައި އަދި އެ މުއްދަތު ކުރު ކުރިއަސް ރިފަންޑު ނުލިބޭތީ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމާ ގުޅިގެން ޝަކީލް ވިދާޅުވީ ހައްޖަށް އަގު ނަގާފައިވަނީ އޭގެ އަޅުކަމަށް ކަމަށެވެ. އެއީ ވަކި މުއްދަތަކަށް ނަގާ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެކުރިން ވެސް ހަމަ ދޭ ހުރިހާ ހިދުމަތްތަކެއް ދޭނެ. ދަތުރުން ނަގާ 2-3 ދުވަސް މަދު ވާނީ މިހާރު،" ޝަކީލް ވިދާޅުވި އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނުން ހައްޖު ދަތުރަކަށް މީހަކަށް ނަގަނީ 69,965ރ. އެވެ.
ކިއު ކުޑަކުރަން މިދިޔަ އަހަރުން ފެށިގެން ސަރުކާރުން އަންނަނީ ހައްޖު ކޯޓާ ސަރުކާރުގެ ކުންފުންޏަށް އެކަނި ދެމުންނެވެ. އޭގެ އިތުރުން ހައްޖު އުސޫލަށް މި އަހަރު ގެނައި ބަދަލުން، އަލަށް ހައްޖަށް ދާ މީހުންނަށް އިސްކަންދޭން ޖެހެ އެވެ. އަދި ހައްޖު އަޅުކަން އަދާކޮށްފައިނުވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނަށް ހައްޖު ކޯޓާގެ ވަކި ޕަސެންޓެއް ހާއްސަކުރަން ވެސް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ހަސަނު
21 April 2025
2،3 ދުވަހެއް ނޫނެއްނުން ތި މަދުވަނީ. ޖުމްލަ 10 ވަރަކަށް ދުވަސް ތި މަދުވަނީ. އަދި އެ ދެމެދު ކުރާ ވަރަށް ގިނަ އެއްގަމު ދަތުރުތައް. ވީމާ 10 ދުވަހުގެ ހުރުމުގެ ޙަރަދާއި އެ ދަތުރުތަކުގެ ޙަރަދަވެސް ހިމެނިގެންތާ ކުރިން އަގުނަގާފަވާނީ.
ކަޑަ11
21 April 2025
ހާދަ ދަރުމައަކާ ސަވާބެކޭ ތި ގެއްލެނީ. ތި ގޮތް ކަމަކު ނުދޭ. ވީހާވެސް ދަރުމަ ހޯދަން މިދަނީ ބޮޑު އަގުދީފަ.
އިބްރާހިމް7773991
21 April 2025
ޙައްޖު އަޅު ކަމަށް ދައްކާ ރުފިޔާއިން ވިޔަފާރި ކޮށް ބޮޑެތި ބިން ގަނެ ފައިދާ ބޮޑު ކުރަން ބޭނުން ވީމާ މިހެންވެސް ހަދާނެ،
ޕޫރުބެ
21 April 2025
ޝަކީލު! ހަމަބުއްދީގަތޯ ތިހުންނެވީ؟ ހުރިހާކަމެއްގަވެސް އޮޅުވާލުން! އެއްކަމެއް ނެތް ތެދުނިޔަތުގައި ތެދުބަހުން ކުރާ!
އަބްޑޫޅް +
21 April 2025
ފާނަބަސަނދު ޖެހުން ދުރުވާނެ ދޯ؟
އިހްސާސް
21 April 2025
2 ނުވަތަ 3 ދުވަހު ސައުދީން ޙައްޖާޖީންނަށް ކޮޓަރި މީގެކުރިން ދީފަހުރީ ހިލޭތަ؟ ސައުދީގައި ތިބޭއިރު ހޮޓާ ހުންނާނީ އެބަޔަކު ތިބޭ ދުވަހަކަށް ފައިސާދޭގޮތަށް ނޫންތަ؟ ދެން ދުވަސްމަދުވީމަ ދައްކަންޖެހޭ ފައިސާވެސް މަދުވާންޖެހޭނެ ނޫންތޯ؟
ފުރޭތަ1
21 April 2025
ހައެއްކަ އަހަރު ކުރީގަ އަގަށް ހައްޖަށް ދެވޭތީ ހަމްދު ކުރަން ޖެހޭ. އަމިއްލަމީހުން މިކަން ކުރިއިރު ހުރިހާއެއްޗެއްގެ އަގު ބޮޑު ވާހެން އަހަރުން އަހަރަށް ހައްޖުގެ އަގުވެސް ދިޔައީ ލައްކައިން މަތީގެ އަގުތަކަށް ބޮޑުވަމުން. އިތުރު ފައިސާ ނުނަގާ އަޅުކަމަށް ދުވަސް މަދުނުވާނެހެން ދަތުރު ޚަރަދު ކުޑަކުރެވޭނެ ގޮތްވެސް ބަލަން ޖެހޭ.
ޚިޔާލެއް
21 April 2025
ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެހީތެރިންގެ ގޮތުގަ ގެންދާ ފަރާތްތަކުގެ ތެރެއިން ކީއްވެގެންތޯ އެެއްބަޔަކަށް އެ ފުރުސަތުދެނީ. ގައިބާރުހުރި އަލަށްވެސް ހައްޖަށް ނުދާ ފަރާތްތަކަށް އެފުރުސަތުދޭން ފެނޭ. ހައްޖު ކޯޕަރޭޝަންގެ ފަރާތުން ގެންދާއިރު ސަރުކާރު މުއައްސަސާ ތަކުން ވެސް އެފަދަ މީހުނަށް އިސްކަން ދޭން ފެނޭ. ގާތް މީހުނަށް ވީމަ އަބަދު އެކަކަށް އެފުރުސަތު ދިނުން މީ ރަނގަޅު ގޮތްބާ؟
އުނބުށޭމު
21 April 2025
އެހީތެރިންގެ ގޮތުގަ ގެންދަންވާނީ ގާތްކަމަށް ބަލައިގެނެއްނޫން ނުވަތަ އާ މީހުންނެއްނޫން. އެހީތެރިވެވޭނީ ތަޖުރިބާހުރި ފަރާތްތަކަށް. އަލަށްދާ މީހާ އުޅެންޖެހޭނީ ވާނުވާ ނޭންގި.
ޑެބީ
21 April 2025
ހަމަ ކޮންމެކަމެއްގައިވެސް އޮޅުވާލުމާ މަކަރުހެދުމޭ އޮތީ. 10 ދުވަސް މަދުވަންޏާ ހޮޓަލަށްދާ ހަރަދާ ކެއިންބުއިމަށްދާ ހަރަދު ކުޑަވީނު. ބާކީލާރިކޮޅު ހަމަޔަށް ބަހާލަނީއުތަ. ކޮންމެވެސް ކޮންމެވެސް ބައި އަޅައިގެން ބަހާތި. އެހެންނޫނީ އެއްކަލަ ސޮރާ އެއްގޮޅިއަކަށް ލާފަނެ ވާނުވާ ޖަހާފަ.
ވަރަށް ރަނގަޅު ބަދަލެއް
21 April 2025
މާނައަކީ މަދީނާ އަށް ދާނީ ވަދާޢީ ޠަވާފް ވެސް ކޮށްގެންނެވެ. ޙައްޖުގެ އަޅުކަމަކީ ވަރަށް ބުރަކޮށް އުޅެގެން އަދާކުރެވޭ އަޅުކަމަކަށް ވާއިރު ދަތުރުތައް މަދުވުމަކީ ދެފަރާތަށް ވެސް ވަރަށްބޮޑު ލުޔެކެވެ.