29 އެޕްރީލް 2025 - 12:21
ޓީ20 ކްރިކެޓް މެޗެއްގައި 100 ލަނޑާ އެކު ސެންޗަރީ ހެދި އެންމެ ޒުވާން ކުޅުންތެރިޔަކަށް، އިންޑިއަން ޕްރިމިއާ ލީގުގެ ރާޖަސްތާން ރޯޔަލްސް އަށް ކުޅޭ އުމުރުން 14 އަހަރުގެ ވެއިބަވް ސޫރިޔަވަންޝީ ވެއްޖެ އެވެ،
އައިޕީއެލްގައި ރޭ ރާޖަސްތާން ރޯޔަލްސް އިން 8 ވިކެޓުން ގުޖުރާތު ޓައިޓެންސް ބަލިކުރި މެޗުގައި، ރާޖަސްތާނުން 210 ލަނޑުގެ ޓާގެޓަކާ އެކު ދެ ވަނަ އިނިންސްގައި ނުކުތް އިރު އޯޕަނިން ބެޓްސްމަނުންގެ ތެރޭގައި ސޫރިޔަވަންޝީ ހިމެނުނެވެ.
ސޫރިޔަވަންޝީ ވަނީ 38 ބޯޅައިން 101 ލަނޑު ހަދައިފަ އެވެ. އޭގެ ތެރޭން 11 ބޯޅަ ހަޔަކަށް ޖެހި އިރު ހަތް ބޯޅަ ހަތަރަކަށް ވެސް ޖަހާފައިވެ އެވެ. އޭނާ އާއެކު އޯޕަނިންގައި އެރި ޖޭސްވާލް ވަނީ ނުބައި ނުވެ 70 ލަނޑު ހަދައިފަ އެވެ. އަދި ދެ ކުޅުންތެރިންގެ އޯޕަނިން ޕާޓްނާޝިޕުން ވަނީ ޖުމްލަ 166 ލަނޑު ރޭގެ މެޗުގައި ހަދައިފަ އެވެ.
"އަހަރެންނަށް ފެނުނު އެންމެ ރަނގަޅު އިނިންސްތަކުގެ ތެރޭގައި މި އިނިންސް ހިމެނޭނެ. އުއްމީދަކީ އޭނާ [ސޫރިޔަވަންޝީ] ގިނަ ދުވަސްތަކެއް ވަންދެން އެގޮތުގައި ކުޅުން،" މެޗަށް ފަހު ޖޭސްވާލް ބުންޏެވެ.
ސޫރިޔަވަންޝީ އަށް މީޑިއާގެ ސަމާލުކަން ލިބުނީ މިދިޔަ އަހަރު އުމުރުން އެންމެ 13 އަހަރުގައި އައިޕީއެލްގެ ކޮންޓްރެކްޓެއް ހޯދުމުންނެވެ. ރާޖެސްތާން ރޯޔަލްސްއާ އެކު މިދިޔަ މަހު، 14 އަހަރުގައި ފުރަތަމަ ފަހަރަށް އައިޕީއެލް މެޗެއް ކުޅެފަ އެވެ. އަދި މެޗުގައި އޭނާއަށް ކުޅުނު ފުރަތަމަ ބޯޅަ ވެސް ފޮނުވާލީ ހަޔަކަށެވެ.
ރާޖަސްތާނާ ގުޅުމުގެ ކުރިން އޭނާ ކުޅެމުން އައީ ބިހާރު ކްރިކެޓް ޓީމަށެވެ. އުމުރުން 12 އަހަރުގައި އެ ޓީމުގެ 19 އަހަރުން ދަށުގެ ޓީމަށް ކުޅެ، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އުމުރުން 12 އަހަރުގައި އޭނާ ވަނީ އެ ޓީމާ އެކު ފުރަތަމަ ފަހަރަށް ފަސްޓް ކްލާސް ކްރިކެޓް ކުޅެފަ އެވެ.
އެއަށް ފަހު އުމުރުން 13 އަހަރުގައި، މިދިޔަ ނޮވެމްބަރުގައި ފުރަތަމަ ފަހަރަށް ޓީ20 ކްރިކެޓް ކުޅެ، ޑިސެމްބަރުގައި ވަނީ ލިސްޓް އޭ ކްރިކެޓް ވެސް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދައިފަ އެވެ. އޭގެ ކުރިން ސެޕްޓެމްބަރުގައި ވަނީ އިންޑިއާގެ 19 އަހަރުން ދަށުގެ ޓީމާ އެކު އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗުން އޭނާ ވަނީ 58 ބޯޅައިން ސެންޗަރީ ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙުސެންދޫ
29 April 2025
ވާނުވާ ނޭންގުނަސްލިޔާތި. އެސޮރު 100 ލަނޑު ހެދީ 35 ބޯޅައިން. 38 ބޯޅައިންނެއް ނޫން.
ހަމްދާ
29 April 2025
މައުމޫނުގެ ދަރިވަރެއް.
މުލޭ
29 April 2025
100 ލަނޑާ ނުލައި ސެންޗަރީއެއް ހެދޭނެބާ!.
ރަދީފްއޮފިޝަލް / ގެރިމަސް ސޭލް
29 April 2025
ހޫ ކެއާސް؟