04 ޖޫން 2025 - 10:11
އަހުމަދުއާބާދު (ޖޫން 4) - ފައިނަލްގައި ހަ ލަނޑުން ޕަންޖާބް ކިންގްސް ބަލިކޮށް، ރޯޔަލް ޗެލެންޖާސް ބެންގަލޫރު ފުރަތަމަ ފަހަރަށް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކާމިޔާބު ކޮށްފި އެވެ.
ފުރަތަމަ އިނިންސްގައި ކުޅެން އަރައި އާރުސީބީން ނުވަ ކުޅުންތެރިން ނުބައިވެގެން 190 ލަނޑު ހެދި އިރު، އެންމެ ރަނގަޅަށް ކުޅުނީ 35 ބޯޅައިން 43 ލަނޑު ހެދި ވިރާތު ކޯލީ އެވެ. ހަތް ކުޅުންތެރިން ނުބައިވެގެން ޕަންޖާބް ކިންގްސް އަށް ހެދުނީ 184 ލަނޑެވެ.
ކޯލީ ވަނީ 2008 ވަނަ އަހަރު އައިޕީއެލް ފެށުނީއްސުރެން މިހާތަނަށް ބޭއްވި ހުރިހާ މުބާރާތެއްގައި އާރުސީބީ އަށް ކުޅެފަ އެވެ. އޭނާ ވަނީ މިހާތަނަށް ކުޅެދިން 267 މެޗުން 8661 ލަނޑު ހަދައިފަ އެވެ. އޭގެ ތެރޭގައި އަށް ސެންޗަރީ އާއި 63 ހާފް ސެންޗަރީ ހިމެނެ އެވެ.
މީގެ ކުރިން އާރުސީބީ އާއެކު ތިން ފަހަރު ފައިނަލްގައި ވެސް ކުޅުނު ކޯލީ ވަނީ 2013 އިން 2023 އަށް ޓީމްގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.
އާރުސީބީ އާއި ޕަންޖާބް ކިންގްސް ވަނީ ލީގު ބުރުގައި ޕޮއިންޓްގެ ގޮތުން އެއްވަރު ވެފަ އެވެ. ނަމަވެސް ރަން ރޭޓުން ކުރީގައި އޮވެ އެއް ވަނައިގައި ނިންމީ ޕަންޖާބެވެ. ޕްލޭއޮފްގެ ފުރަތަމަ މެޗުގައި އާރުސީބީން ޕަންޖާބް ބަލިކޮށް ފައިނަލަށް ދަތުރު ކުރި އިރު، ޕަންޖާބް ފައިނަލަށް އައީ މުމްބާއީ އިންޑިއަންސް ބަލިކޮށްގެންނެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިއަކީ 759 ލަނޑު ޖެހި ގުޖުރާތު ޓައިޓަންސްގެ ސައި ސުދާރަސަން އެވެ. އޭނާ ވަނީ އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ. އެންމެ ގިނަ ވިކެޓް ނެގި ކުޅުންތެރިއަކީ އެ ޓީމުގެ ޕްރަޝިދު ކްރިޝްނަ އެވެ. އަދި މުބާރާޓުގެ އެންމެ މޮޅު ކުޅުންތެރިއަކީ މުމްބާއީ އިންޑިއަންސްގެ ސޫރިޔަކުމާރު ޔާދަވް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy