ލ. އަތޮޅު ކައުންސިލުން ބާއްވާ ލާމަސީލް ލާމް ފުޓްބޯޅަ މުބާރާތުގެ ތެރެއިން: މި އަހަރު އެ މުބާރާތް ބާއްވާނީ ގޯލްޑް ކަޕަށް ކޮލިފައިވުމަށް ވެސް ކުޅޭ މުބާރާތެއްގެ ގޮތުގައި ---ފައިލް ފޮޓޯ: ލ. ކައުންސިލް
11 ޖޫން 2025 - 09:09
ނައިންޓީ ޕްލަސްއިން ބާއްވާ ގޯލްޑް ކަޕުގެ ކޮލިފައިންގެ ފުރަތަމަ މުބާރާތް ލ. އަތޮޅުން ފަށަން އެ އަތޮޅު ކައުންސިލުން އިސްނަގައިފި އެވެ.
ފުޓްބޯޅައިގެ ފޯރި ގަލޮޅު ދަނޑުގައި މިދިޔަ އަހަރު ކައްކުވާލި ގޯލްޑް ކަޕްގެ މި އަހަރުގެ މުބާރާތް 28 ޓީމަށް ހާއްސަ ކުރުމަށް ނައިންޓީ ޕްލަސްއިން ވަނީ ނިންމައިފަ އެވެ.
އެ 28 ޖާގައިގެ ތެރެއިން 18 ޓީމެއް ކޮލިފައި ވާނީ ކޮންމެ އަތޮޅެއްގައި ބާއްވާ ކޮލިފައިން މުބާރާތުގެ ޗެމްޕިއަން ޓީމުގެ ގޮތުގަ އެވެ.
ބާކީ 10 ޖާގައިގެ ތެރެއިން އަށް ޖާގަ އަކީ އޮޓޮމެޓިކް ކޮލިފައިންގެ ތެރެއިން މިދިޔަ އަހަރު މުބާރާތުގެ ގަދަ 8 ޓީމަށް ދޭ ޖާގަ އެވެ. ދެން އިންވިޓޭޝަން އުސޫލުން ޖާގަ ދޭނީ ފަސް ސިޓީގެ ތެރެއިން މިދިޔަ އަހަރު މުބާރާތުގައި ވާދަނުކުރާ ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީ އަށެވެ.
މި އަހަރުގެ މުބާރާތުން އޮޓޮމެޓިކް ކޮލިފައިން ކަށަވަރުވެފައިވާ ޓީމުތަކަކީ، ޗެމްޕިއަން ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލުގައި ދެން ވާދަ ކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކާއި ކ. ގުރައިދޫ ޅ. ނައިފަރު އަދި ކ. މާފުއްޓެވެ.
ލ/ އަތޮޅުގައި ބޭއްވި ކޯޗިން ކޯހުގައި ކިޔަވައި ދިނުމަށް ޝާޒް އާއި ނިސްތާރު އެ އަތޮޅަށް ކުރި ދަތުރުގެ ތެރެއިން: އެ ދެ ކޯޗުންނަކީ ނައިންޓީ ޕްލަސްގެ ފައުންޑަރުން. -- ފޮޓޯ: ލ. ކައުންސިލް
އަތޮޅު ކޮލިފައިންގެ ފުރަތަމަ މުބާރާތް ބާއްވަން ލ. އަތޮޅުގައި ފަށަން އެ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ ވިދާޅުވީ އެ ކައުންސިލުން ބާއްވާ ލާމަސީލު ލާމް ފުޓްބޯޅަ ޗެމްޕިއަންޝިޕް މިފަހަރު ބާއްވާނީ ގޯލްޑް ކަޕްގެ ކޮލިފައިވުމަށް ވެސް ކުޅޭ މުބާރާތެއްގެ ގޮތުގައި ކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ އަހަރަކު ބާއްވަމުންދާ މުބާރާތެއް އެއީ. ނައިންޓީ ޕްލަސްއާ އެކު ކުރި މަޝްވަރާތަކާ އެކު އަޅުގަނޑުމެން ކައުންސިލުން ނިންމީ ލާމަސީލް ލާމް ފުޓްބޯޅަ ޓޯނަމަންޓް ގޯލްޑް ކަޕް ކޮލިފައިންނަށް ވެސް ހާއްސަ ކުރަން،" އިސްމާއީލް އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް މިދިޔަ އަހަރު ވެސް 50،000ރ. އިނާމު ފައިސާއެއް ދީފައިވާނެ ކަމަށެވެ. މި އަހަރު ވެސް ޗެމްޕިއަން ޓީމަށް ހަމަ އެ އަދަދުގެ ފައިސާގެ އިނާމެއް ހަމަޖައްސާފައިވާނެ ކަމަށް އިސްމާއީލް ވިދާޅުވި އެވެ.
"މިފަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. ގެ އިތުރުން ދެން މި ލިބެނީ ލ. އަތޮޅުން ގޯލްޑް ކަޕަށް ކޮލިފައިވި ޓީމުގެ ޖާގަ،" އޭނާ ވިދާޅުވި އެވެ.
ކުރިން އަންނަ މަހު 8 ގައި ފަށަން މަސައްކަތް ކުރި މުބާރާތް، އަންނަ މަހު ފަހުކޮޅަށް ފަސްކޮށްފައިވާ ކަމަށް އިސްމާއީލް ވިދާޅުވި އެވެ.
ލ. އަތޮޅު ކައުންސިލުން ބާއްވާ ލާމަސީލް ލާމް ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ތެރެއިން --- ފައިލް ފޮޓޯ: ލ. މައުންސިލް
ނިމިދިޔަ ބޮޑުއީދު، ގައުމީ ފެންވަރުގައި ސަރުކާރުން ފާހަގަ ކުރި ރަށްތަކުގެ ތެރެއިން އެއް ރަށަކީ އެ އަތޮޅު ގަމެވެ. އީދު ފާހަގަ ކުރުމަށް ވީ ތައްޔާރީތަކާއި ހަމަޖެއްސި އިންތިޒާމުތަކަށް ކައުންސިލްގެ އެންމެހާ ބޭފުޅުން ބައިވެރިވި ކަމަށް އިސްމާއީލް ވިދާޅުވި އެވެ.
އެ މަސައްކަތްތަކުގައި މުޅި ކައުންސިލް މަޝްއޫލުވުމުން މުބާރާތުގެ ތައްޔާރީތަކަށް އިތުރު ވަގުތު ބޭނުން ވާނެތީ މުބާރާތް ފަސް ކުރީކަމަށް އޭނާ ވިދާޅުވި އެވެ.
"މުބާރާތުގެ ކުރިން ނައިންޓީ ޕްލަސްއާ އެކު އަޅުގަނޑުމެން އެމްއޯޔޫއެއްގައި ސޮއި ވެސް ކުރާނަން. އެ އެމްއޯޔޫގެ ދަށުން އެ ފަރާތުން މުބާރާތަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނެ،" އިސްމާއީލް ވިދާޅުވި އެވެ.
ނައިންޓީ ޕްލަސްގެ މެނޭޖިން ޑިރެކްޓާ އަދި އޭއެފްސީގެ ކޯޗިން ލައިސެންސްތަކުގެ ތެރެއިން ބީ ލައިންސެންސާ ހަމައަށް ކިޔަވައި ދިނުމުގެ ހުއްދަ އޮންނަ މުހައްމަދު ޝާޒްލީ ވަނީ ސްޕޯޓްސް މިނިސްޓްރީ އާއި ލ. އަތޮޅު ކައުންސިލް ގުޅިގެން އިންތިޒާމު ކުރި ސީ ލައިސެންސް ކޯޗިން ކޯހުގައި ކިޔަވައި ދިނުމަށް ލ. އޮތޮޅުގައި ހަރަކާތްތެރިވެފަ އެވެ.
މި އަހަރުގެ ގޯލްޑް ކަޕް ބާއްވަން ނައިންޓީ ޕްލަސްއިން އަމާޒު ކުރަނީ އަހަރުގެ ފަހުކޮޅަށެވެ. އެ ކުންފުނިން ބުނީ މުބާރާތް ފަށާ ތާރީހު އިއުލާން ކުރާނީ އެފްއޭއެމުން އާންމު ކުރާ ފުޓްބޯޅަ ކަލަންޑަރަށް ބެލުމަށް ފަހު ކަމަށެވެ. އަދި ތާރީހު އިއުލާން ކުރާނީ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް ވެސް ނައިންޓީ ޕްލަސްއިން ބުންޏެވެ.
މުބާރާތުގައި ވާދަކުރާ 28 ޓީމު ބަހަލާނީ ހަތް ގުރޫޕަށެވެ. ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމެވެ. ދެ ވަނަ ބުރަށް ދަތުރު ކުރާނީ ގަދަ 16 ޓީމެވެ. ކޮންމެ ގުރޫޕެއްގެ ގަދަ ދެ ޓީމަށް ދެ ވަނަ ބުރުގެ ޖާގަ އޮޓޯއިން ކަށަވަރު ވާނެ އެވެ. ދެން ޖާގަ ލިބޭނީ ހުރިހާ ގުރޫޕެއްގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ދެ ޓީމަށެވެ.
ގާތްގަނޑަކަށް 35 ދުވަހަށް ދެމިގެންދާ ގޮތަށް ބާއްވާ މުބާރާތުގައި ޖުމުލަ 42 މެޗު ކުޅޭނެ އެވެ. އެއީ ކޮންމެ ދުވަހަކު ދެ މެޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy