މިއަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ (ކ-ވ) ހޫބްޒް، ސްމައިލީ އަދި އަންމަޑޭ.--
18 ޖޫން 2025 - 10:21
ހަތަރު ވަނަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ސާފިން ސްކޮޑަށް އަހުމަދު އާގިލް (އަންމަޑޭ) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ހޫދު އަހުމަދު (ހޫބްޒް) ހޮވިއްޖެ އެވެ.
ފާއިތުވި ދެ އަހަރު ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ބޭއްވީ ކ. ތުލުސްދޫގަ އެވެ. ނަމަވެސް މިއަހަރުގެ މުބާރާތް ބާއްވަނީ އިންޑިއާގެ ޓެމިލްނާޑޫގަ އެވެ.
މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މުބާރާތަށް ދާ ސީނިއާ ސްކޮޑު ހޮވުމުގެ ކުރިން، ޖޫނިއާ ތިން ސާފަރުންގެ ސްކޮޑް ވެސް ވަނީ ފައިނަލްކޮށްފަ އެވެ. މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ޖޫނިއާ ސާފަރުންނަކީ ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުﷲ އަރީފް އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ.
ސީނިއާ ޓީމުގެ ކޮލިފިކޭޝަންސް މިދިޔަ ހޯމަ ދުވަހު ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ގެންދިޔަ އިރު، އަންމަޑޭ އާއި ސްމައިލީ އަދި ހޫބްޒް ޖާގަ ޔަގީން ކުރީ ފައިނަލް ހީޓުގައި ނަޖާހު މުހައްމަދު (ކަބޯ) އާ ވާދަކޮށެވެ.
ފައިނަލް ހީޓުގެ އެއްވަނަ އަންމަޑޭ ހޯދީ ޖުމްލަ 11.50 ޕޮއިންޓާ އެކު އެވެ. ދެ ވަނައަށް ދިޔަ ސްމައިލީ އަށް އަށް ޕޮއިންޓް ލިބުނު އިރު ހޫބްޒް އަށް ލިބުނީ 7.16 ޕޮއިންޓެވެ. ކަބޯ އަށް ހޯދުނީ ޖުމްލަ 3.30 ޕޮއިންޓެވެ.
އަންމަޑޭ ވަނީ ފުރަތަމަ ހީޓުގައި ހޫބްޒް އާއި ކަޔާން ޒަކީއާ ވާދަކޮށް އެއް ވަނަ ހޯދައިގެން ފައިނަލް ހީޓަށް ކޮލިފައިވެފަ އެވެ. ދެ ވަނަ ހީޓުގައި ސްމައިލީއާ ވާދަކޮށް އެއް ވަނަ ހޯދައިގެން ފައިނަލްގެ ޖާގަ ޔަގީން ކުރީ ކަބޯ އެވެ.
ހޫބްޒް އާއި ކަޔާން ޒަކީ އަދި ސްމައިލީ ވަނީ ރެޕޯ ހީޓުގައި ވާދަ ކޮށްފަ އެވެ. މި ހީޓުގެ ގަދަ 2 ގައި ހިމެނިގެން ފައިނަލަށް ދަތުރުކުރީ ހޫބްޒް އާއި ސްމައިލީ އެވެ.
ރާއްޖެ ވަނީ ފާއިތުވި ދެ އަހަރު ވެސް ޓީމް އިވެންޓުން ބްރޯންޒް މެޑަލް ހޯދައިފަ އެވެ. ރާއްޖޭގެ ސާފިން ޓީމުގެ ކޯޗަކީ ފިރިހެން އޯޕަން ބައިން ދެ ފަހަރު ރާއްޖެއަށް ބްރޯންޒް މެޑަލް ހޯދައިދީފައިވާ ހުސެއިން އަރީފް (އިބޫ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy