26 ޖޫން 2025 - 11:05
މަޔާމީ (ޖޫން 26) - ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ބްރެޒިލްގެ ހަތަރު ޓީމު ވެސް، ގުރޫޕް ސްޓޭޖް ފަހަނައަޅައި މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.
މުބާރާތުގައި މިއަދު ބްރެޒިލްގެ ފްލުމިނޭސީ ވަނީ ދެކުނު އެފްރިކާގެ މަމެލޯޑީ ސަންޑައުންސްއާ ވާދަކޮށް 0-0 އިން އެއްވަރުވެފަ އެވެ.
މި ނަތީޖާއާ އެކު ފަސް ޕޮއިންޓް ހަމަކޮށް ފްލުމިނޭސީއަށް އަށް ލިބުނީ ގުރޫޕް އެފްގެ ދެ ވަނަ އެވެ. އެއް ވަނަ ލިބުނީ ހަތް ޕޮއިންޓް ހޯދި ބޮރޫޝިއާ ޑޯޓްމަންޑެވެ. ޑޯޓްމަންޑް ވަނީ ރޭގެ މެޗުގައި ދެކުނު ކޮރެއާގެ އުލްސަން އެޗްޑީ 1-0 އިން ބަލިކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމަންޑްގެ ގޯލު ޖަހައިދިނީ ޖޯބް ބެލިންހަމް ދިން ޕާހަކުން، ޑިފެންޑަރު ޑެނިއެލް ސްވެންސެން އެވެ. އުލްސަން އެޗްޑީ ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.
ފްލުމިނޭސީގެ އިތުރުން ޕަލްމެއިރާސް އާއި ބޮޓަފޯގޯ އަދި ފްލަމެންގޯ ވެސް ވަނީ ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ. ފްލަމެންގޯ އާއި ޕަލްމެއިރާސް ވަނީ ވާދަކުރި ގުރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ.
ގުރޫޕް ޑީގެ ފްލަމެންގޯ އެއްވަނަ ހޯދީ އިއްޔެ އެލްއޭ އެފްސީއާ 1-1 އިން އެއްވަރު ކޮށްލައިގެން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނަ ލިބުނީ 3-0 އިން އެސްޕަރާންސޭ ޑި ތޫނިސް ބަލިކުރި ޗެލްސީ އެވެ. ޗެލްސީ ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. ތޫނިސް އަށް ތިން ޕޮއިންޓް ލިބުނު އިރު އެލްއޭ އެފްސީ ވެސް ޕޮއިންޓެއް ހޯދި އެވެ.
ކްލަބް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް މިރެއާއި މާދަމާ ހެނދުނު ކުޅޭނެ އެވެ.
ގަދަ 16 ގައި އެންމެ ފުރަތަމަ ވެސް އޮންނާނީ ބްރެޒިލްގެ ދެ ޓީމުގެ ކުރިމަތިލުމެކެވެ. ބައްދަލުކުރާނީ ޕަލްމެއިރާސް އާއި ބޮޓަފޯގޯ އެވެ. އިންޓަ މިލާނާ ދެކޮޅަށް ފްލުމިނެންސޭ ނުކުންނައިރު ފްލަމެންގޯ ކުޅޭނީ ބެޔާން މިއުނިކާ ދެކޮޅަށެވެ.
ބޮޓަފޯގޯ ފިޔަވައި ބްރެޒިލްގެ ތިން ޓީމު ވެސް ވަނީ މީގެ ކުރިން ކްލަބް ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒައިކް23
26 June 2025
ނޮކައުޓް ރައުންޑުގަ ޔޫރަޕުގެ ގަދަ ބާރުތަކާ ޖެހިލީމަ އަސްލު ފެންވަރު އެނގޭނީ.. ޔީރަފުގެ ގިނަ ޓީމުތަށް ގުރޫޕު ސްޓޭޖުގަ ކުޅުނީ 21 އަހަރުން ދަށުގެ ޒުވާން ކުޅުންތެރިންނަށާ ބެންޗު ޓީމަށް ފުރުސަތުދީގެން.. ނޮކައުޓް ސްޓޭޖުގަ ސީރިއަސްވެ ގަދަ 11 ނެރޭނެކަމަށް ބެލެވޭ