ސާޖަރީ ލީޑު ކުރާ ޑރ. އަދިބް އުދިން، ޓްރީޓްމަންޓު ދެނީ.
17 ޖުލައި 2025 - 15:00
އައިކެއާ ހޮސްޕިޓަލުން ކޯނިއަލް ކޮލެޖަލް ކްރޮސް ލިންކިން (ސީ3އާރު) ސާޖަރީ ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
އައިކެއާ ހޮސްޕިޓަލުން ބުނީ މި ސާޖަރީ ލީޑު ކުރަނީ އެ ހޮސްޕިޓަލުގެ އޮޕްތޮމޮލަޖިސްޓު އަދި ކޯނިއާ ސްޕެޝަލިސްޓް ޑރ. އަދިބް އުދިން އެވެ. ރާއްޖޭގައި އަލަށް ތައާރަފްކުރި މި ސާޖަރީގެ ހިދުމަތް އެ ހޮސްޕިޓަލުން ދޭން ފެށީ މިދިޔަ މާޗު މަހު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މިހާތަނަށް ކާމިޔާބުކަމާ އެކު 30 އަށް ވުރެ ގިނަ ޕޭޝަންޓުންގެ މި ސާޖަރީކޮށްފައިވާކަން އެ ހޮސްޕިޓަލުން ފާހަގަކުރި އެވެ.
ޑރ. އަދީބް ސިފަކުރި ގޮތުގައި، އަދިކެރަޓޮކޯނަސް އަކީ ހާއްސަކޮށް ޒުވާނުންގެ މެދުގައި ދިރިއުޅުން ބަދަލުކޮށްލާ ފަދަ އަސަރުތަކެއް ދިރިއުޅުމަށް ކުރާނެ ބައްޔެކެވެ. ސީ3އާރު ފަރުވާއާ އެކު މި ބައްޔަށް ރައްކާތެރި، އެފެކްޓިވް ހައްލެއް ހޯދައިދީ، ލޮލުގެ ފެނުން ރައްކާކޮށް، އިތުރަށް ބަލި ފެތުރިގެން ދިއުން ހައްލު ކުރެވޭނެ ކަމަށް ޑރ. ވިދާޅުވި އެވެ.
ސީ3އާރު ސާޖަރީ އަކީ ލޮލުުގެ ކޯނިއާ ތުނިވެ، ކޯނިއާ ކޯން ޝޭޕަކަށް ބަދަލުވާން ފަށާ ކެރަޓޮކޯނަސް ނަމަކަށް ކިޔާ ލޮލުގެ ބައްޔަށް ދޭ މިނިމަލީ އިންވޭސިވް ޓްރީޓްމަންޓެކެވެ. މިއީ ލޮލުގެ ފެނުމަށް ބަދަލު އައިސް، ލޯ ފުސްވާން ވެސް މެދުވެރިވާ ބައްޔެކެވެ.
މިއީ ފަރުވާ ނުހޯދައިފި ނަމަ އާއްމުކޮށް ކޮށްއުޅޭ މަސައްކަތްތައް ކުރަން ވެސް ހުރަސް އެޅި، ލޮލަށް ގެއްލުން ލިބި ކޯނިއަލް ޓްރާންސްޕްލާންޓަކާ ހަމައަށް ވެސް ދާން ޖެހިދާނެ ބައްޔެކެވެ.
ސީ3އާރު ސާޖަރީ ކުރުމުގައި ބައިވެރިވާ އައިކެއާގެ ޓީމު.
ސީ3އަރު ޕްރޮސީޖާ ހަދަނީ ލޮލަށް ވިޓަމިން ބީޓޫ ޑްރޮޕްސް ޖެހުމަށް ފަހު، ޔޫވީ-އޭ ލައިޓް މެދުވެރިކޮށް ކޯނިއާ އެކްޓިވޭޓުކޮށްގެންނެވެ. މިއީ ކޯނިއާގެ ކޮލެޖަން ފައިބާ ވަރުގަދަކޮށް، ކޯނިއާގެ ސްޓްރަކްޗާ ސްޓޭބަލައިޒްކޮށް، ބަލި އިތުރަށް ގޯސްވުން ހުއްޓުވުމުގެ ގޮތުން ދޭ ފަރުވާއެކެވެ.
އައިކެއާ ހޮސްޕިޓަލުން މި ޕްރޮސީޖާ ފުރަތަމަ ހެދީ ކެރަޓޮކޯނަސް ބަލި ތަހައްމަލު ކުރަމުން ދިޔަ 17 އަހަރުގެ ކުއްޖެއްގެ އެވެ. އޭނާ އަކީ ލޮލުގެ ފެނުމަށް ހުރަސް އެޅޭ މިންވަރަށް އެ ބަލި ތަހައްމަލު ކުރަމުންދިޔަ ކުއްޖެކެވެ. މި ޕްރޮސީޖާއަށް ފަހު ލޮލުގެ ފެނުން ކުރިއަށް ވުރެ ރަނގަޅުވެ، ފެނުން ފަސޭހަވެ، އެ ބަލި ސްޓޭބަލައިޒް ކުރެވުނު ކަމަށް އައިކެއާ އިން ބުންޏެވެ.
އައިކެއާ ހޮސްޕިޓަލަކީ ރާއްޖޭގައި މީގެކުރިން ލިބެން ނެތް ލޮލުގެ އެކި ފަރުވާތައް ތައާރަފްކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިދިޔަ އަހަރު ވެސް އެ ހޮސްޕިޓަލުން ވަނީ ޕްރިމެޗުއާކޮށް ވިހާ ކުދިންނަށް އާރްއޯޕީ ލޭޒާ ޓްރީޓްމަންޓު ވެސް ތައާރަފްކޮށްފަ އެވެ. އެ ހޮސްޕިޓަލުގައި ކެޓެރެކްޓް ސާޖަރީ އާއި ވީޓްރޯ ރެޓިނަލް ސާޖަރީތައް ވެސް ކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy