އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ އެތުލީޓުންނާއި އޮލިމްޕިކް ކޮމިޓީގެ ބައްދަލުވުމުެ ތެރެއިން.-- ފޮޓޯ: އެމްއޯސީ
30 ޖުލައި 2025 - 07:27
ހަތަރުވަނަ އޭއެސްއެފް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޓީމު އިއްޔެ އިންޑިއާ އަށް ފުރައިފި އެވެ.
ޓެމިލްނާޑޫގައި އަންނަ މަހުގެ 3 އިން 12 އަށް ބާއްވާ މުބާރާތަށް ފުރި ރާއްޖޭގެ ސްކޮޑުގައި ފިރިހެން ތިން އެތުލީޓުންނާއި ފިރިހެން ޖޫނިއާ ތިން އެތުލީޓުންގެ އިތުރުން ތިން އަންހެން އެތުލީޓުން ވެސް ވަނީ ހިމަނައިފަ އެވެ.
މިއީ ގައުމީ ޓީމާ އެކު، ފިރިހެން ޖޫނިއާ އަދި އަންހެން ރާޅާއެޅުންތެރިން ގައުމުން ބޭރު މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ ގައުމީ ޓީމުގައި އަންހެން އެއް އެތުލީޓަކަށް ވުރެ ގިނައިން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
- މެންސް އޯޕަން: އަހުމަދު އާގިލް (އަންމަޑޭ) އިސްމާއިލް ރަޝީދު (ސްމައިލީ) ހޫދު އަހުމަދު (ހޫބްޒް)
- ވިމެންސް އޯޕަން: މަރިޔަމް ރާހިލް ނަސީމް (އާޔާ) ރިޝްތާ ޝުޖާއު، ޝާޒިޔާ ސައީދު (ޝާޒް)
- މެންސް ޖޫނިއާ: ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުﷲ އަރީފް، ޔޫސުފް ކަޔާން ހަމްދާން ޒަކީ
މިދިޔަ އަހަރުން ފެށިގެން ރާއްޖޭގެ ގައުމީ ސާފިން ޓީމުގެ ކޯޗަކީ އޭޝިއަން ޗެމްޕިއަންޝިޕްގެ ފުރަތަމަ ދެ މުބާރާތުގައި ވެސް މެންސް އޯޕަން އިން ރާއްޖެ އަށް ބްރޯންޒް މެޑަލް ހޯދައިދިން ހުސެއިން އަރީފް (އިބޫ) އެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ އެތުލީޓުންނާއި އޮލިމްޕިކް ކޮމިޓީގެ ބައްދަލުވުމުެ ތެރެއިން.-- ފޮޓޯ: އެމްއޯސީ
އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސް އެންމެ ފުރަތަމަ ބޭއްވީ 2019 ވަނަ އަހަރު ޗައިނާގަ އެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު މުބާރާތް ބޭއްވީ ރާއްޖޭގެ ކ. ތުލުސްދޫގަ އެވެ. މިދިޔަ އަހަރުގެ މުބާރާތް ވެގެން ދިޔައީ އަންނަ އަހަރު ޖަޕާންގައި ބާއްވާ އޭޝިއަން ގޭމްސްގެ ކޮލިފައިންގެ ފުރަތަމަ ބުރަށެވެ.
އޭޝިއާގެ ސާފިން ފެޑެރޭޝަނުން ނިންމާފައި ވަނީ އޭޝިއަން ގޭމްސްގައި ފުރަތަމަ ފަހަރަށް ސާފިން ހިމަނާއިރު، މިދިޔަ އަހަރާއި މި އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުން އެތުލީޓުން ގޭމްސް އަށް ހޮވާށެވެ.
ތުުސްދޫގައި ބޭއްވި ފުރަތަމަ މުބާރާތުގައި ހޯސްޓު ގައުމުގެ ހައިސިއްޔަތުން ރާއްޖެ އަށް ގިނަ އެތުލީޓުންނަށް ފުރުސަތު ލިބުނެވެ. އެއާ ހިލާފަށް މިދިޔަ އަހަރުގެ މުބާރާތަކީ ކޮލިފައިން އިވެންޓަކަށް ވުމުން ގިނަ ދިވެހި އެތުލީޓުން ބައިވެރި ކުރުމުގެ ފުރުސަތު ނުލިބުނު ނަމަވެސް އޭއެސްއެފްއާ އެކު، ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މަޝްވަރާ ކޮށްގެން ރާއްޖޭގެ ފިރިހެން ދެ ޓީމެއް ބައިވެރި ކުރެވޭނެ ގޮތް ހަމަޖެއްސި އެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ އެތުލީޓުންނާއި އޮލިމްޕިކް ކޮމިޓީގެ ބައްދަލުވުމުެ ތެރެއިން.-- ފޮޓޯ: އެމްއޯސީ
އޭޝިއަން ޗެމްޕިއަންޝިޕްގެ ދެ މުބާރާތުން، އަންހެން 24 އަދި ފިރިހެން 24 ޖާގަ އާ އެކު، ޖުމްލަ 48 ޖާގަ ލިބޭނެ އެވެ. އެއީ، އަންހެން އަދި ފިރިހެން އޯޕަން ބައިން ވެސް ކޮންމެ ގައުމަކުން ގިނަވެގެން ދެ އެތުލީޓުންގެ ނިސްބަތުންނެވެ.
މިދިޔަ އަހަރުގެ ނަތީޖާ އިން ރާއްޖެ އަށް ވަނީ ފިރިހެން އަދި އަންހެން ޖާގައެއް ވެސް ޔަގީން ވެފަ އެވެ.
ކޮލިފައިންގެ ކޮންމެ މުބާރާތަކުން ވެސް އަންހެން އަދި ފިރިހެން 12 ގައުމަކަށް، އޭޝިއަން ގޭމްސްގެ ޖާގަ ޔަހީން ވާނެ އެވެ.
އެ ފުރުސަތު ލިބެނީ އޭޝިއާ ބަހާލާފައިވާ ފަސް ސަރަހައްދުން ވެސް އެއް ވަނަ ގައުމުގެ ދަރަޖަ ހޯދައިގެންނެވެ. މި ފަސް ޖާގައިގެ އިތުރުން ރޭންކިންގެ އެންމެ ރަނގަޅު ހަތް ގައުމަށް ވެސް އޭޝިއަން ގޭމްސް އިން ފުރުސަތު ލިބޭނެ އެވެ. މުބާރާތުގެ ރޭންކިން އިން އެންމެ ރަނގަޅު ހަތް ގައުމު ހޮވާއިރު، ފަސް ސަރަހައްދުން އެއް ވަނަ ހޯދި ގައުމުތައް ނުހިމަނާނެ އެވެ.
ރާއްޖެއާ އެކު، ދެކުނު އޭޝިއާ ސަރަހައްދުގައި ދެން ހިމެނޭ ގައުމުތަކަކީ ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާ އެވެ.
ބީއެމްއެލް އިސްލާމިކް އަކީ ސާފިން ޓީމުގެ އޮފިޝަލް ސްޕޮންސާ އެވެ. އެގޮތުން 2022 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިސްލާމިކް އިން އަންނަނީ ސަރފިން އެސޯސިއޭޝަނަށް އެހީތެރިވަމުންނެވެ. މި ސްޕޮންސާޝިޕްގެ ދަށުން ގައުމީ ސާފިން ޓީމަށް ބޭންކުން މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެ އެވެ. އަދި މި ކުޅިވަރުގައި ޒުވާން މޮޅު ކުދިންގެ ހުނަރު ކުރިއެރުވުމަށް އެމްއެސްއޭ އިން ބާއްވާ ނެޝަނަލް ޖޫނިއާ ސާފިން ޗެންޕިއަންޝިޕަށް ވެސް ބީއެމްއެލް އިސްލާމިކްގެ އެހީތެރިކަން ފޯރުކޮށްދެ އެވެ.
އެމްއެސްއޭގެ ރައީސް، މުހައްމަދު ސަބާހު ވިދާޅުވީ ބީއެމްއެލް އިސްލާމިކުގެ އެހީތެރިކަން، ތައްޔާރީތަކަށާއި، އެތުލީޓުންނަށް ބޭނުންވާ އެންމެ ރަނގަޅު ވަސީލަތްތައް ފޯރުކޮށްދިނުމަށް ލިބޭ ކަމަށެވެ.
"ދިވެހިރާއްޖޭގައި ސާފިން ކުރިއެރުވުމަށް ބީއެމްއެލް އިސްލާމިކުން އަޅުގަނޑުމެނަށް ދެމުންގެންދާ އެހީތެރިކަމަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ގައުމީ ބޭންކު ފާހަގަ ވަނީ އަބަދުވެސް ކުޅިވަރުތަކަށް މާލީގޮތުން އެކީތެރިކަން ދޭ ބައެއްގެ ގޮތުގައި،"
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy