ކުޅިވަރު / ރާޅާއެޅުން

ހީޓުގެ އެއް ވަނަ އާ އެކު އައްމަޑޭ ތިން ވަނަ ބުރަށް

އައްމަޑޭ ރާއްޖޭގެ މުބާރާތެއްގައި ރާޅެއްގައި ޖައްސަނީ. -- ފޮޓޯ: އައްމަޑޭ ފޭސްބުކް ޕޭޖް

އިންޑިއާގެ ޓެމިލް ނާޑޫގައި އިއްޔެ ފެށި އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ މެންސް އޯޕަން ކެޓަގަރީގައި، ރާއްޖޭގެ އަހުމަދު އާގިލް (އައްމަޑޭ) ވާދަކުރި ހީޓުގެ އެއް ވަނަ ހޯދައިގެން މުބާރާތުގެ ތިން ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މެންސް އޯޕަންގެ ފުރަތަމަ ބުރުގެ 11 ވަނަ ހީޓުން އައްމަޑޭ އެއް ވަނަ ހޯދީ 7.67 ޕޮއިންޓް ސްކޯކޮށްގެންނެވެ. އޭނާއާ ވާދަކުރީ ސިންގަޕޫރުގެ ޖޫލިއެން ސްޕެކް އާއި، ލެބަނަންގެ އަލްފްރެޑް ބަދްރު އެވެ.

އައްމަޑޭ ބުނީ ރާޅު އުނދަގޫ ކަމަށާއި، އެކަމަކު ހުރިހާ އެތުލީޓުން ބެސްޓް ދައްކާނެ ކަމަށެވެ.

"އެންމެން ވެސް ހިތްވަރުކުރާނެ. ސަޕޯޓް ދެއްޗޭ،"

މެންސް އޯޕަންގައި ރާއްޖޭން ދެން ވާދަކުރާ ހޫދު އަހުމަދު (ހޫބްޒް) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) ދިޔައީ ވާދަކުރި ހީޓުތަކުން ދެ ވަނަ އަށެވެ. އެހެންވެ، އެ ދެ ސާފަރުން، ތިން ވަނަ ބުރުން ޖާގައެއް ހޯދުމަށްޓަކައި ފުރަތަމަ ޖެހޭނީ ދެ ވަނަ ބުރުގައި ވާދަކުރާށެވެ. މުބާރާތުގެ ތިން ވަނަ ބުރުން ސީދާ ޖާގައެއް ލިބޭނީ ހަމައެކަނި ހީޓުތަކުގެ އެއް ވަނަ އަށެވެ.

ފުރަތަމަ ބުރުގެ ހަ ވަނަ ހީޓުގައި ވާދަކޮށް ހޫބްޒް ދެ ވަނަ އަށް ދިޔައީ 6.76 ޕޮއިންޓާ އެކު އެވެ. މި ހީޓުގެ އެއް ވަނަ ހޯދީ ކޮރެއާގެ ޖުންގް އުއިޔޮން އެވެ. އަދި ތިން ވަނަ އަކީ ސިންގަޕޫރުގެ އަނީގް ކައިލަނީ އެވެ.

ސްމައިލީ ވާދަކުރީ ފުރަތަމަ ބުރުގެ ދެ ވަނަ ހީޓުގަ އެވެ. އޭނާ އަށް ލިބުނީ 7.50 ޕޮއިންޓެވެ. އެއް ވަނަ އަކީ މެލޭޝިއާގެ ލޫކަސް ސެންޓިއާގޯ އެވެ. އަދި ތިން ވަނަ އަކީ ކޮރެއާގެ ޖުން ސެއޯޔުން އެވެ.

މުބާރާތުގައި ރާއްޖޭން ވިމެންސް އޯޕަން އާއި މެންސް ޖޫނިއާގައި ވެސް ވާދަކުރެ އެވެ. ވިމެންސް ޓީމުގައި ހިމެނެނީ މަރިޔަމް ރާހިލް ނަސީމް (އާޔާ)، ރިޝްތާ ޝުޖާއު އަދި ޝާޒިޔާ ސައީދު (ޝާޒް) އެވެ. މެންސް ޖޫނިއާގައި ވާދަކުރަނީ ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުﷲ އަރީފް އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ.

ރާއްޖޭގެ ކޯޗަކީ އޭޝިއަން ޗެމްޕިއަންޝިޕްގެ ފުރަތަމަ ދެ މުބާރާތުގައި ވެސް މެންސް އޯޕަން އިން ރާއްޖެ އަށް ބްރޯންޒް މެޑަލް ހޯދައިދިން ހުސެއިން އަރީފް (އިބޫ) އެވެ

މިއީ ގައުމީ ޓީމާ އެކު، ފިރިހެން ޖޫނިއާ އަދި އަންހެން ރާޅާއެޅުންތެރިން ގައުމުން ބޭރު މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ ގައުމީ ޓީމުގައި އަންހެން އެއް އެތުލީޓަކަށް ވުރެ ގިނައިން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސް އެންމެ ފުރަތަމަ ބޭއްވީ 2019 ވަނަ އަހަރު ޗައިނާގަ އެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު މުބާރާތް ބޭއްވީ ރާއްޖޭގެ ކ. ތުލުސްދޫގަ އެވެ. ބީއެމްއެލް އިސްލާމިކް އަކީ ސާފިން ޓީމުގެ އޮފިޝަލް ސްޕޮންސާ އެވެ. އެގޮތުން 2022 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިސްލާމިކް އިން އަންނަނީ ސާފިން އެސޯސިއޭޝަނަށް އެހީތެރިވަމުންނެވެ. މި ސްޕޮންސާޝިޕްގެ ދަށުން ގައުމީ ސާފިން ޓީމަށް ބޭންކުން މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެ އެވެ. އަދި މި ކުޅިވަރުގައި ޒުވާން މޮޅު ކުދިންގެ ހުނަރު ކުރިއެރުވުމަށް އެމްއެސްއޭ އިން ބާއްވާ ނެޝަނަލް ޖޫނިއާ ސާފިން ޗެންޕިއަންޝިޕަށް ވެސް ބީއެމްއެލް އިސްލާމިކްގެ އެހީތެރިކަން ފޯރުކޮށްދެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454