ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓާކުރާ ޔުނިވާސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ކައިރީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް.-- ފޮޓޯ: އިމިގްރޭޝަން
05 އޯގަސްޓް 2025 - 10:39
ޔުނިވާސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމްގެ ޒަމާނީ ޓެކްނޮލޮޖީ (ޔޫއޭއައިއެސް) ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓާކުރާ ނިޒާމެއް އިމިގްރޭޝަނުން ތައާރަފްކޮށް، ބޭނުންކުރަން ފަށައިފި އެވެ.
އިމިގްރޭޝަނުން ބުނީ އެ ސިސްޓަމާއެކު މާލޭ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ ހުރިހާ ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަނެވޭނެ ކަމަށެވެ.
އެ ސިސްޓަމުގެ ސަބަބުން އިމިގްރޭޝަންގެ މަސައްކަތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް ބުންޏެވެ.
ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓަރކުރާ ޔުނިވާސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ކައިރީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް.-- ފޮޓޯ: އިމިގްރޭޝަން
މީގެކުރިން ބޯޓު ފަހަރުތައް ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ވަގުތައް ހޯދަނީ ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށެވެ. އެކަމަކު އެ ސިސްޓަމާއެކު އިމިގްރޭޝަނަށް އުޅަނދުތައް މޮނިޓާކުރެވޭނެ އެވެ.
"ކުރީގައި އަމަލުކުރާ ގޮތަކީ އީޓީ ލިބުނީމަ ގުޅުން ހުރި އެހެން މުއައްސަސާތައް، އެމްޕީއެލް، ކަސްޓަމްސް މެދުވެރިކޮށް މައުލޫމާތު ހޯދައިގެން ބޯޓު ވަންނަ ގަޑިއަށް އޮފިސަރުން ތައްޔާރުކޮށް ބޯޓަށް ދިއުމަށް ތައްޔާރުވަމުންދަނީ. އެ ބޯޓު ފަހަރު ފުރައިގެންދިޔަތޯ، ބޯޓު އޮތީ ކޮން ހިސާބެއްގައިތޯ، ރާއްޖެއަށް ވަންނަން އައި ބޯޓު އަންނަން ކިހާ ހިސާބެއްގައި އޮތްތޯ މިހާރު ދެނެގަނެވޭނެ. ކެޕޭސިޓީ ބިލްޑު ކުރުމުގެ ގޮތުން އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް މީއީ،" އިމިގްރޭޝަނުން ބުންޏެވެ.
ޔޫއޭއައިއެސް އަކީ ކަނޑު ބޯޓު ވަދެ ނުކުމެ އުޅޭއިރު ޓްރޭސް ކުރާ ސިސްޓަމެކެވެ. އިންޓަނޭޝަނަލް ޕޯޓުތަކުގައި އެތަންތަނުގެ ހިންގުން ހަރުދަނާ ކުރުމަށާއި ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ވެސް އެ ސިސްޓަމް އަންނަނީ ބޭނުން ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
05 August 2025
އިމިގްރޭޝަނުން ބުނީ އެ ސިސްޓަމާއެކު މާލޭ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ ހުރިހާ ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަނެވޭނެ ކަމަށެވެ. ކޯސްޓްގާޑް ގަ މިސިސްޓަމް ހުރިތޯ ބަލާލަ ބަލާށެވެ.
ބިންބި ސަހަރު
05 August 2025
ތިޔަ ސިސްޓަމަކީ ވަރަށް ބޭނުންތެރި އެހާމެ މުހިއްމު ސިސްޓަމެއް، ނަމަވެސް މިވަގުތަށް ތިޔަ ސިސްޓަމް ބޭނުންވަނީކީ އިމިގްރޭޝަނަކަށް ނޫންހެން ހީވަނީ، މިވަގުތަށް ތިޔަ ސިސްޓަމެއްގެ އެންމެ ބޭނުން ހިފޭނީ ކަސްޓަމްސް، އެމްއެންޑީއެފް އަދި ޕޮލިހަށް، އަދި ރާއްޖެއަކު ވަގަށް މީހުން އެތެރެވުމުގެ މާބޮޑު ކަންތައްތަކެއް ހިގާހެން ހިއެއްނުވޭ، އަޅުގަނޑުމެންގެ ބޯޑަރ އެއަށްވުރެ ފަސޭހަ، ކޮންމެވެހެން ވަގަށް އެތެރެވާކަށް ނުޖެހޭ، ރަސްމީ ރޫޓުން އެތެރެވުމަށްފަހު ފިލަން މާފަސޭހަ،
އިސްމާލި
05 August 2025
މަގޭހިތުން އޭ.އައި.އެސް. ސިސްޓަމް އެންމެ މުހިއްމު ވަނީ ކޯސްޓްގާޑު އަދި އެމް.އެން.ޑީ.އެފް އަށް. މި ތަންތާ އެ ނެތިއްޔާ އެތަންތާ ސިސްޓަމް އިންސްޓޯލްކޮއްފައި ރިއަލްޓައިމް ފީޑެއް އިމިގްރޭޝަނަށް ދިނީމަ ނިމުނީ. ހުރިއްޔާ ރިއަލްޓައިމް ފީޑެއް ލިބޭގޮތަށް ހެދީމައި ނިމުނީ. މިއީ ރޮކެޓް ސައިންސެއް ނޫން. އާދައިގެ ކުދިކުދި ކަންކަން. ކަނޑުސަރަހައްދުގައި އުޅަނދުތަކުގެ ހަރަކާތް ދެނެގަތުމުވެ ޕްރައިމަރީ މެންޑޭޓް އޮތީ އިމިގްރޭޝަނަކަށް ނޫން.