ކުޅިވަރު

ރިޝްތާ، އާޔާ، ޝާޒު އޭޝިއާ މުބާރާތުގެ ދެ ވަނަ ބުރަށް

އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ތިން އަންހެން ސާފަރުން (ކ-ވ) ރިޝްތާ، އާޔާ، ޝާޒް. -- ފޮޓޯ: ސިޑިބަރި

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ވިމެންސް އޯޕަން ކެޓަގަރީގައި ވާދަކުރާ ރާއްޖޭގެ ތިން ސާފަރުން ކަމަށްވާ ފާތިމަތު ރިޝްތާ ސުޖާއު، މަރިޔަމް ރާހިލް ނަސީމް (އާޔާ)، އަދި ޝާޒިޔާ ސައީދު (ޝާޒު) ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

އިންޑިއާގެ ޓެމިލް ނާޑުގައި ބާއްވާ މި މުބާރާތް ކުރިއަށްދާ ގޮތުން، ތިން ވަނަ ބުރުން ފުރުސަތު ލިބޭނީ، ފުރަތަމަ ބުރުގެ ހީޓުތަކުން އެއް ވަނަ ހޯދާ ސާފަރުންނަށެވެ. ރާއްޖޭގެ ރިޝްތާ އާއި، އާޔާ ދިޔައީ ފުރަތަމަ ބުރުގެ ހީޓުން ދެ ވަނަ އަށެވެ. އަދި ޝާޒު ދިޔައީ، ފުރަތަމަ ބުރުގެ ހީޓުން ތިން ވަނަ އަށެވެ. އެހެންވެ އެ ތިން ސާފަރުންނަށް ވެސް ޖެހޭނީ ދެ ވަނަ ބުރުގައި ވާދަކުރާށެވެ.

ރާއްޖޭގެ ރިޝްތާ ފުރަތަމަ ބުރުގެ ނުވަ ވަނަ ހީޓުގައި ވާދަކޮށް ދެ ވަނަ އަށް ދިޔައީ، އިންޑޮނީޝިއާގެ ޓައިނާ އެންޖެލްއާ ވާދަކޮށެވެ. ޓައިނާ 12.16 ޕޮއިންޓް ސްކޯކުރިއިރު، ރިޝްތާ ސްކޯކުރީ 1.47 ޕޮއިންޓެވެ.

ފުރަތަމަ ބުރުގައި ރާއްޖޭގެ އާޔާ ވާދަކުރީ ދެ ވަނަ ހީޓުގަ އެވެ. ތިން ސާފަރުން ވާދަކުރި ހީޓުގެ އެއް ވަނަ ހޯދީ 9.13 ޕޮއިންޓާ އެކު އިންޑޮނީޝިއާގެ ދެއާ ނަޓަސްޔާ އެވެ. އާޔާ ދެ ވަނަ އަށް ދިޔައީ 1.30 ޕޮއިންޓާ އެކު އެވެ. މި ހީޓުން ތިން ވަނަ އަކީ، 0.60 ޕޮއިންޓް ހޯދި މިޔަންމާގެ ތުވޭ ތުވޭ ސޮއޭ އެވެ.

ރާއްޖޭގެ ޝާޒު 10 ވަނަ ހީޓުގައި ވާދަކޮށް ތިން ވަނަ އަށް ދިޔައީ 2.46 ޕޮއިންޓާ އެކު އެވެ. އެއް ވަނަ އަކީ، 13.67 ޕޮއިންޓް ސްކޯކުރި އިންޑޮނީޝިއާގެ ކައިލަނީ ޖޯންސަން އެވެ. ދެ ވަނަ އަކީ 6.74 ޕޮއިންޓް ސްކޯކުރި އުޒްބެކިސްތާނުގެ މާޔާ ކާލް އެވެ.

ދެ ވަނަ ބުރުގައި ރާއްޖޭގެ ރިޝްތާ އާއި ޝާޒު ވާދަކުރާނީ ފަސް ވަނަ ހީޓުގަ އެވެ. ރާޔާ ވާދަކުރާނީ ދެ ވަނަ ހީޓުގަ އެވެ.

މުބާރާތުގެ މެންސް އޯޕަންގައި ރާއްޖޭން ވާދަކުރާ އަހުމަދު އާގިލް (އައްމަޑޭ) ވަނީ އިއްޔެ ފުރަތަމަ ބުރުގެ ހީޓުގެ އެއް ވަނަ ހޯދައި، ތިން ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ހޫދު އަހުމަދު (ހޫބްޒް) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) އަށް ހީޓުން ލިބުނީ ދެ ވަނަ ކަމުން ދިޔައީ ދެ ވަނަ ބުރަށެވެ.

މެންސް ޖޫނިއާގައި ވާދަކުރަނީ ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުﷲ އަރީފް އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ.

ރާއްޖޭގެ ކޯޗަކީ އޭޝިއަން ޗެމްޕިއަންޝިޕްގެ ފުރަތަމަ ދެ މުބާރާތުގައި ވެސް މެންސް އޯޕަން އިން ރާއްޖެ އަށް ބްރޯންޒް މެޑަލް ހޯދައިދިން ހުސެއިން އަރީފް (އިބޫ) އެވެ.

މިއީ ގައުމީ ޓީމާ އެކު، ފިރިހެން ޖޫނިއާ އަދި އަންހެން ރާޅާއެޅުންތެރިން ގައުމުން ބޭރު މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ ގައުމީ ޓީމުގައި އަންހެން އެއް އެތުލީޓަކަށް ވުރެ ގިނައިން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ޓީމުގެ އޮފިޝަލް ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކް އެވެ. އެގޮތުން 2022 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިސްލާމިކް އިން އަންނަނީ ސާފިން އެސޯސިއޭޝަނަށް އެހީތެރިވަމުންނެވެ. މި ސްޕޮންސާޝިޕްގެ ދަށުން ގައުމީ ސާފިން ޓީމަށް ބޭންކުން މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެ އެވެ. އަދި މި ކުޅިވަރުގައި ޒުވާން މޮޅު ކުދިންގެ ހުނަރު ކުރިއެރުވުމަށް އެމްއެސްއޭ އިން ބާއްވާ ނެޝަނަލް ޖޫނިއާ ސާފިން ޗެންޕިއަންޝިޕަށް ވެސް ބީއެމްއެލް އިސްލާމިކްގެ އެހީތެރިކަން ފޯރުކޮށްދެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454