ފަލަސްތީނު ޓީމުގެ ކޯޗު ފަލަސްތީނުގެ ކޯޗު އަބްދުލް ނާސިރު ބަރަކާތު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 މާޗް 2017 - 09:23
އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިރޭ ރާއްޖެއާ ދެކޮޅަށް ނުކުންނަ ފަލަސްތީން ޓީމަކީ އާ ޓީމެއް ކަމަށާއި ރާއްޖެ ބަލިކުރެވިއްޖެނަމަ ދެން ހުރި މެޗުތަކައިގެން ކުރިއަށްދާން ފަސޭހަވާނެ ކަމަށް ފަލަސްތީނުގެ ކޯޗު އަބްދުލް ނާސިރު ބަރަކާތު ބުނެފި އެވެ.
ރާއްޖޭގައި 2014 ވަނަ އަހަރު އޮތް އޭއެފްސީ ޗެލެންޖް ކަޕް ފަލަސްތީނުން ކާމިޔާބުކުރިއިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވަނީ ރާއްޖެއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިރޭގެ މެޗުގެ ކުރިން ފަލަސްތީނު ކޯޗު ބަރަކާތު ބުނީ މިހާރު އެ ޓީމު އޮތީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށެވެ.
"މިއީ އާ ފަލަސްތީން ޓީމެއް. 2015 ވަނަ އަހަރު އޮސްޓްރޭލިއާގައި އޮތް އޭޝިއަން ކަޕަށް ފަހު އަހަރެމެން ތައްޔާރުވީ މުސްތަގުބަލަށް ޓީމެއް ބިނާކުރަން. އެއީ ކުރިން އޮތް ޓީމުގައި ތިބި ދުވަސްވީ ކުޅުންތެރިން ލައިގެން މުސްތަގުބަލަށް ޓީމެއް ބިނާކުރަން އުނދަގޫވާނެތީ. އަހަރެމެން އާ ކުޅުންތެރިން ލައިގެން މަސައްކަތް ފެށީ. މިހާރު ކުރިއަށް މިދަނީ އެ މަސައްކަތް،" ބަރަކާތު ބުންޏެވެ.
ރާއްޖޭގައި ބޭއްވި ޗެލެންޖް ކަޕް ކާމިޔާބުކުރި ފަސް ކުޅުންތެރިއަކު މިހާރުގެ ޓީމުގައި ވެސް ހިމެނެ އެވެ. ބަރަކާތު ބުނީ އެ ކުޅުންތެރިން ތިބުމަކީ އެޑްވާންޓޭޖެއް ކަމަށާއި މާދަމާ މެޗަށް ނުކުންނައިރު ރާއްޖެއާ ބެހޭ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އިދިކޮޅަށް ނުކުންނަ ޓީމުގެ މައުލޫމާތު ލިބެން އޮތް ވަރަކަށް ހޯދަން އެބަޖެހޭ. އަހަރެމެންނަށް އެބަހުރި ރާއްޖެ ޓީމުގެ މައުލޫމާތު ލިބިފައި. އެކަމަކު ކޮންމެ މައުލޫމާތެއް ލިބިގެން މެޗަށް ތައްޔާރުވެގެން ނުކުތް ކަމުގައިވިޔަސް މެޗުގައި ވާނެ ގޮތް ވަރަށް ތަފާތު. އެއީ މެޗުގައި ފެންނާނީ އެ ވަގުތުގައި ދެއްކި ކުޅުމެއް." ބަރަކާތު ބުންޏެވެ.
ރާއްޖެ މެޗަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނުން ވަނީ ގަތަރުގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި ފަލަސްތީނުން ވަނީ ޔަމަނާ އެކު ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެ މެޗުން ފަލަސްތީން ވަނީ 1-0 އިން މޮޅުވެފަ އެވެ.
"ޔަމަން މެޗުގައި އަހަރެމެން ވަރަށް ގިނަ ގޮތްގޮތަށް ޓެސްޓްތަކެއް ކުރިން. އެއީ ތައްޔާރީ މެޗަކަށް ވާތީ. އެ ޓެސްޓްތައް ކުރީ ހަގީގީ މެޗަކީ މިއީ ކަމަށް ބަލައިގެން. ޔަމަން އަތުން މޮޅުވުމަކީ މި މެޗަށް އައިއިރު ލިބިފައި އޮތް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް އަދި ހިތްވަރެއް،" ބަރަކާތު ބުންޏެވެ.
ރާއްޖެ އާއި ފަލަސްތީނުގެ އިތުރުން މި ގްރޫޕްގައި އޮތީ ބޫޓާނާއި އޮމާން އެވެ. ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވަނީ މި ގްރޫޕުން ދެ ޓީމެވެ. ބަރަކާތު ބުނީ އޭނާގެ ޓީމު ކޮލިފައިވާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.
"ވަރުގަދަ ގްރޫޕެއް މިއީ. އަހަރެންގެ ޓީމަށް އިތުބާރު އެބައޮތް. އެކަމަކު އަދި އެހާކުރިއަކަށް ނުވިސްނަން. އަހަރެން ހިތް އެދޭ ގޮތް ބުނާނަމަ ރާއްޖެ ވެސް ކޮލިފައިވާން އަހަރެން ބޭނުން. އެއީ ރާއްޖެ އަކީ އަހަރެމެންނަށް ވެސް ވަރަށް ސަޕޯޓްދޭ ބައެއް. އަހަރެމެން ބޭނުމީ އަހަރެމެންނާ އެކު ރާއްޖެ ވެސް އޭޝިއަން ކަޕަށް ކޮލިފައިވާން،" ބަރަކާތު ބުންޏެވެ.
ފަލަސްތީން ޓީމު މިހާރު އޮތީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޓީމުން ވަނީ ޗިލީ އަށް އުފަން ފަަލަސްތީނަށް ނިސްބަތްވާ ގިނަ ހަ ކުޅުންތެރިއަކު އެ ޓީމަށް ގެނެސްފަ އެވެ. މީގެ ތެރެއިން ބައެއް ކުޅުންތެރިންނަކީ ޗިލީގެ އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިންނެވެ.
އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިއަކީ މެލޭޝިއާގެ ސުޕަ ލީގުގެ ކްލަބް ޕެރާކަށް ކުޅެމުން އަންނަ ފަލަސްތީނުގެ ޔަޝިރް ޕިންޓޯ އެވެ. ޕިންޓޯ ފަަލަސްތީން ޓީމަށް ކުޅެން ފެށީ ޗިލީގެ ސީނިއާ ޓީމުން އޭނާ އަށް ފުރުސަތު ނުލިބުމުންނެވެ. ޕިންޓޯ ވަނީ ޗިލީގެ 18، 19 އަދި 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި މި ތިން ޓީމަށް ކުޅެދިން 31 މެޗުން އޭނާ ވަނީ 18 ލަނޑު ޖަހައިފަ އެވެ.
ބަރަކާތު ބުނީ ވަކިވަކި ކުޅުންތެރިންނަށް ބަރޯސާ ވެގެން ކުޅުމުގެ ވިސްނުމެއް އޭނާ ނުގެންގުޅޭނެ ކަމަށެވެ.
"ފަސް ޕްރޮފެޝަނަލް ކުޅުންތެރިން އަހަރެމެން ޓީމުގައި އެބަތިބި. އެކަމަކު ގިނަ ކުޅުންތެރިންނަކީ އަހަރެމެންގެ ލޯކަލް ކުޅުންތެރިން. ބޭނުންވަނީ ޓީމެއްގެ ގޮތުގައި ކުޅުން. ވަކިވަކި ކުޅުންތެރިންނަށް ވުރެން ބޮޑަށް ޓީމެއްގެ ގޮތުގައި ކުޅެގެން މާ ބޮޑަށް ޓީމަށް ފައިދާކުރާނެ،" ބަރަކާތު ބުންޏެވެ.
ފަލަސްތީނާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުހަންމަދު
28 March 2017
ކޮންއިރަކު އޮތީ މެޗު؟؟؟؟
ސިންތިލީ ވޫމް
28 March 2017
މިރާއްޛެ ކުދިން ކަލޭގެ ޓީމަ މަރުވެސްދޭނެ ހާސްނުވޭ މާއަވަހައް!!!
ވިސްނާލީމާ
28 March 2017
ތީ ކާކަށް ނޭނގޭކަމެއް! ފަލަސްތީނު ބަލިކޮށްލެވިއްޖިއްޔާ މަމެންނަށްވެސް ކުރިޔަށްދާން ފަސޭހަވާނެ! އަދި ލިބޭ ކާމިޔާބީއާ ލިބޭއުފާ އެތައްގުނައެއް އިތުރުވާނެ! ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަ! ބަލަ މަމެންވެސް މެޗް ކާމިޔާބުކުރަންބޭނުމޭ! އިރާދަކުރެއްވިއްޔާ މިފަހަރު ފަލަސްތީނު ބަލިކުރެވޭނެ! -އިބްރާހީމް-
ސީރިއަސް
28 March 2017
ރާއްޖެ ބަލިވެއްޖެނަމަ ދެރައެއް ވާނެހެން ހިއެއް ނުވޭ، ސަބަބަކީ ތީ ވެސް އަހަރުމެންގެ ޓީމެއް. މޮޅުވާނެ ކަމައް އުއްމީދު ކުރަން.
އަޖައިބެއް
28 March 2017
އަޖައިބެއް ހުރިހާމަޗަކުން ރާއްޖެ ބަލިވާނެ ހާސްނުވެ ތީމިސަރަހައްދުގައޮތް އެންމެގަސްޓީމް
ހަސަންބެ.
28 March 2017
ރާއްޖެ ބަލިވާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތް.