ބ. ގޮއިދޫގެ އަތިރިމަތި.-- މިހާރު ފައިލް ފޮޓޯ
08 އޮކްޓޯބަރ 2025 - 09:53
ރުކާއި މުރަނގަ ގަސް އާލާކޮށް ދިރުވުމުގެ ޕްރޮގްރާމެއް ހިންގުމަށް ކޮންސަލްޓެންޓުން ހޯދުމަށް އެގްރިކަލްޗާ މިނިސްޓްރީން އިއުލާންކޮށްފި އެވެ.
"ކޮކޮނަޓް ރިހެބިލިޓޭޝަން"ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމަކީ ރާއްޖޭގައި ޒަމާނުއްސުރެ ހެދެމުން އަންނަ ރުއްތައް އުމުރުން ދުވަސްވުމާއި ތަފާތު އެހެނިހެން ސަބަބުތަކާ ހުރެ މަތިވަރު ދަށްވާތީ ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ ޕްރޮގްރާމުގެ ބޭނުމަކީ ދުރު މުސްތަގުބަލަކަށް މުޑުވައް ނެރެވޭ، ރަނގަޅު ފެންވަރުގެ ރުކުގެ ޖީލެއް ރަށްރަށުގައި ތަރައްގީކުރުމެވެ. އެ ޕްރޮގްރާމަށް ކޮންސަލްޓެންޓަކު ހޯދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މުޑުވައް ހޯދުމުގައި ފަންނީ މައުލޫމާތު ދޭނެ ފަރާތެއް ބޭނުންވާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް އޮފް އެގްރިކަލްޗާގެ ސީދާ ބެލުމުގެ ދަށުން އަދި ޑިރެކްޓާ އޮފް ފޮރަސްޓްރީ އެންޑް ކޮކޮނަޓް ރިހެބިލިޓޭޝަންގެ ދަށުން ކުރިއަށް ގެންދާ އެ ޕްރޮގްރާމަށް ކޮންސަލްޓެންޓަކު ހޯދަނީ އެއް އަހަރުގެ މުއްދަތަކަށެވެ.
އިއުލާންގައިވާ ގޮތުން މުސާރައިގެ ގޮތުގައި މަހަކު 20،000ރ. ލިބޭނެ އެވެ. އެކަމާ ގުޅޭ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް އޮންނާނެ އެވެ.
މުރަނގަ އިންދުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން މިނިސްޓްރީން ބުނީ އެއީ ސިއްހީ ގިނަ ފައިދާތަކެއް ލިބޭ ގަހަކަށް ވިޔަސް ރާއްޖޭގައި މުރަނގަ އެންމެ އެކަށީގެންވާ ގޮތަށް ބޭނުންނުކުރާ ކަމަށެވެ. އެހެންވެ، ގަހުގެ މުހިއްމުކަން ދެނެގަނެ، ގައުމީ ފެންވަރުގައި މުރަނގަ ގަސް ހެެއްދުމަށް ހޭލުންތެރިކުރުމާއި މުޖުތަމައުގެ ފެންވަރުގައި އިގްތިސާދީ ބާރުވެރިކަން އިތުރުކުރުމަކީ އެ ޕްރޮގްރާމުގެ ބޭނުން ކަމަށް މިނިސްޓްރީން ބުންޏެެވެ.
މިނިސްޓްރީން ބުނީ އެ ޕްރޮގްރާމަށް ކޮންސަލްޓެންޓަކު ހޯދަނީ މުރަނގަ ޕްރޮމޯޝަން ޕްރޮގްރާމުގެ ދަށުން ހިންގާ ހަރަކާތްތައް ލީޑުކޮށް ސަޕޯޓްކުރުމާއި އެ މަސައްކަތް މެނޭޖުކުރުމަށް ކަމަށެވެ. އެ ކެމްޕެއިނު ފަރުމާކުރާނީ ފަންނީ ތަމްރީނުތަކާއި މުރަނގައިގެ އުފެއްދުންތައް ރާއްޖެ އާއި ބޭރުގެ މާކެޓަށް ނެރެވޭނެ ގޮތްތައް ވެސް ކިޔައިދެވޭ ގޮތަށް ކަމަށް އިއުލާނުގައިވެ އެވެ.
އެކަމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 16 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު ކޮންސަލްޓެންސީ ބޭނުންވަނީ 30 ދުވަހުގެ މުއްދަތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ ދެ ޕްރޮގްރާމަށް ވެސް ކޮންސަލްޓެންޓެއް ނަގާނީ ތައުލީމާއި މަސައްްކަތުގެ ތަޖުރިބާ ފަދަ ކަންކަމަށް ބެލުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލުތުފ
09 October 2025
ކޮބާތޯ މިނިސްޓްރީގަ ތިއްބެވި އެގްރޮނޮމިސްޓުން. އެމީހުން ކިޔަވައިގެން އައިސް ފިނިކޮޓަރީގަ ތިބެފަ، ކޮންސަލްތަންޓެއް ހޯދަން މިއުލެނީ.
މުހައްމަދުގެ
08 October 2025
ކޮންސަލްޓެންޓް މީހާ އަށް ނުޖެހޭނެ މުޅި މިނިސްޓްރީ ހިންގަދޭން، އޭނަދޭނީ ލަފާ އަދި ޕްރޮގްރާމްތައް ރާވާދޭނީ، 20ހާސްރުފިޔާ އަށާ ކޮންސަލްޓެންޓުން ލިބޭތަ، އަދި މުސާރަ އިޢުލާން ކުރުމަށް ފަހު ޕްރޮޕޯސަލް ހުށައަޅަނާ ކޮންކަމަކު
މުހައްމަދުގެ
08 October 2025
ކޮންސަލްޓެންޓް އެއް ހޯދަނީ އެފެންވަރުގެ މީހުންނެތީމާ ނުވަތަ ތިބިބަޔަކު ގެ އިތުރަށް މީހުން ބޭނުންވާތީ، މިއިޢުލާން ކިޔާލުމުން ހީވަނީ ފުރަތަމަ ކޮންސަލްޓެންޓް ހޯދަން އިޢުލާން ލިއަމް ދަސްކުރަން ޖެހޭހެން.
ދަގަތްފާނު
08 October 2025
ކޮކުނަޓު ހެދޭނީ އަތޮޅުތަކު ރަށްރަށުގަ، ފައިސާގަނޑާއި ވަޒީފާތައް އަނބުރާނީ ކ.މާލޭގަ. ދަނޑުވެރިކަމާބެހޭ އޮފީހާއި ތިމާވެށި އޮފީހާއި ފެނަކަ އޮފިސް ކ.މާލޭގަ ހުންނަންޖެހޭ ސަބަބު ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ.
ާިސިއްތި
08 October 2025
މިއީކީ ގޮއެދުއެއްނޫން ކޮއްކޮމެނޭ!!! މިއީ ފުޅަދޫ
އަސަރަފަފ
08 October 2025
މިހާރުދެން މިއޮތީ ރާއްޖޭގަ ވިނަގަސް ފަޅާގޮތް ހޯދަންވެސް ކޮންސަލްޓެންޓުން ނަގާ ހިސާބަށް ގޮސްސަތާ. ބޮއި ހަލާކު
އަފްރާސިޔާބު
08 October 2025
ރާއްޖޭގައި ހެދޭ ވިނައިގެ ބާވަތްތަކާއި އެވިނަ އުފެދޭ ގޮތާއި އޭގެ މޭވާ އަންނަ ގޮތާއި ދަރިމައިކުރުވަން ހަދާނެ ގޮތައީ ކާނާއާއި ބައްޔާ މިއެއްޗިއްސަކީ ދިރާސާކޮށްގެން ނޫނީ އެނގޭނެ އެއްޗެއްނޫން. އެހެންވީމާ ކޮންސަލްޓަންޓުން ހޯދަނީ. އެކަމަށް މަހަކު 15000ރުފިޔާ. އެ މުސާރައިން ދަތުކުރަން ޖެހޭނީ. ކޮޓަރިކުލި ދައްކަންޖެހޭނީ. ކާންބޯން ޖެހޭނީ. ވަރަށް ބޮޑު މުސާރައެއް. ޕްރޮޕޯސަލް ހުށަހެޅުން 3 ދިވަސް. މަސައްކަތްކުރަންޖެހޭ މުއްދަތު ދެ ދުވަސް. ވިސްނާ
މުރަނގަމާލިމީ
08 October 2025
ގަބޭލެއް ނުކުރެވޭ މުރަނގަ އާލާކުރަން ކޮންސަލްޓެންޓްއެއް ބޭނުންވާނެ ހެންނެއް. ކޮންމެތާކު ޖެހިއަސް ގަދައަށް ހެދޭ އެއްޗެއް!
ލޮލްޒ
08 October 2025
މުރަނގަ ގަހަކީ އެއްލައިލާފަ އޮތަސް ހެދޭ ގަހެއް. އެއޮތީ މަގޭ ކޮންސަލްޓޭޝަން. ގެނޭ ލާރި. އެހެންޏާފަހެ. ގޮނޑުދޮށުގަ ހުރި ވެލީގެ ކުލަ ބަލަންވެސް ކޮންސަލްޓެންޓެއް ހޯދަންވީނުން.
ކޮރަލް
08 October 2025
ލަދެއް ނުގަނޭ ހެއްޔެވެ؟ މީގެ 40 އަހަރު ކުރީ މައުމޫން ވެރިކަން ކުރި އިރު އެގްރިކަލްޗަރަލް ފީލްޑް އޮފިސަރުން ބައިވަރު އުޅެ އެވެ. ހުސް ދިވެހީންނެވެ. ކޮންމެ ރަށެއްގަ ދިވެހި ފީލް ޑް އޮފިސަރެއްނެތި ދަނޑުވެރިކަން ކުރިއަކަށް ނުދާނެ އެވެ.
އިންކޮމްޕެޓެންސްމިނިސްޑަރީ
08 October 2025
ކަލޭމެން މިނޮސްޓްރީގަނޑެއްގަ ބޯޑު ޖަހައިގެންތިބެ ކުރާ މަސައްކަތަކީ ކޮބާތަ؟ ތިވަރުކަމެއްވެސް ކޮންސަލްޓަންޓުންނޭ ތިކިޔަނީ؟ 20000 ބަޔަކަށް ދޭން ވެއްޖެއޭ ބުނި ނަމައެއްނު ސާފުކޮށް! ނޫސްވެރިން ދެނ ބަލާބަލަ މިމީހުން މިކަން ހަވާލު ކުރަނީ ސަރުކާރުގެ ކާކުގެ ތިމާގެ މީހަކާތޯ!!!