14 އޮކްޓޯބަރ 2025 - 10:40
ވޯލްޑް ކަޕް ކޮލިފައިން ގުރޫޕްގައި ކެމަރޫން ފަހަތަށް ޖައްސާލައި ކޭޕް ވާޑޭ އެއްވަނަ ހޯދައިގެން ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެއްޖެ އެވެ.
ކޭޕް ވާޑޭ ވަނީ ރޭ ކުޅުނު އެފްރިކާ ކޮލިފައިންގެ ގުރޫޕް ޑީގެ ފަހު މެޗުގައި 3-0 އިން އެސްވަޓިނީ ބަލިކޮށް 10 މެޗުން 23 ޕޮއިންޓް ހަމަކޮށްފަ އެވެ. ގުރޫޕްގެ ދެވަނައިގައި ކެމަރޫން ނިންމާލީ 19 ޕޮއިންޓާ އެކު އެވެ. ކެމަރޫންގެ ފަހު މެޗު ރޭ އެންގޯލާއާ ދެކޮޅަށް ކުޅެ ނިމުނީ 0-0 އިންނެވެ.
ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން ހަތް މެޗުން މޮޅުވި ކޭޕް ވާޑޭ ބަލިވީ ރަށުން ބޭރުގައި ކެމަރޫނާ ވާދަކޮށެވެ. ނަމަވެސް ފަހުން އެގައުމުގައި ކެމަރނާ ވާދަކޮށް ވަނީ މޮޅުވެފަ އެވެ.
އާބާދީގައި 500،000 އެއްހާ މީހުން ދިރިއުޅޭ ކޭޕް ވާޑޭ ވެފައި ވަނީ، ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ގައުމުތަކުގެ ތެރެއިން އާބާދީގެ ގޮތުން ދެވަނައަށް އެންމެ ކުޑަ އާބާދީ އޮންނަ ގައުމަށެވެ. ވޯލްޑް ކަޕް ކުޅުނު އެންމެ ކުޑަ އާބާދީއެއް އޮތް ގައުމަކީ 2018 ވަނަ އަހަރުގެ މުބާރާތުން ގިނަ ބައެއްގެ ސަމާލުކަން ހޯދި އައިސްލެންޑެވެ. އޭރު އައިސްލެންޑްގެ އާބާދީއަކީ ގާތްގަނޑަކަށް 300،000 އެއްހާ ރައްޔިތުންނެވެ.
ކޭޕް ވާޑޭ އަކީ އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕުން ޑައިރެކްޓް ސްލޮޓް ލިބޭ އެފްރިކާ ބައްރަށް ނިސްބަތްވާ ނުވަ ގައުމުގެ ތެރެއިން ހަވަނަ ގައުމެވެ. ކޭޕް ވާޑޭގެ އިތުރުން މިހާތަނަށް ކޮލިފިކޭޝަނުން ޖާގަ ޔަގީން ކޮށްފައިވަނީ މޮރޮކޯ، ޓިއުނީޝިއާ، މިސްރު، އަލްޖީރިއާ، އަދި ގާނާ އެވެ.
ގުރޫޕްގެ ދެވަނައަށް ދިޔަ ކެމަރޫނަށް ކޮލިފައިންގައި އިތުރަށް ކުރިއަށް ދެވޭނީ، ދެވަނަ ހޯދި ޓީމުތަކުގެ ތެރޭން ގަދަ ހަތަރެއްގައި ހިމެނިގެންނެވެ. ހަތަރު ޓީމުގެ މެދުގައި ކުޅޭ ޕްލޭއޮފް ކާމިޔާބު ކޮށްގެން ހޮވޭނީ އެންމެ ފަހު ބުރު ކަމަށްވާ އިންޓަކޮންޓިނެންޓަލް ޕްލޭއޮފް އަށެވެ.
އެފްރިކާގެ އެންމެ ހުޅަނގަށް އޮންނަ ކޭޕް ވާޑޭ އެންމެ ފަހުން އޮތް އެފްރިކަން ކަޕް އޮފް ނޭޝަންސް 2023ގެ ކުއާޓާ ފައިނަލް ކުޅެފައިވެ އެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގެ ކޮލިފައިންގައި އެޓީމަށް ވަނީ ނާކާމިޔާބުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑެބީ
15 October 2025
މިގައުމުގެ ފުޓުބޯޅަ ހަލާކުކުރި އެއްބަޔަކީ ނޫސްވެރިން. ލަންކާ ބޫޓާން އަތުން މޮޅުވާއިރަށް ކުޅުންތެރިންނަށް އެހަރަކޮށްލާ ހުޝާމަދެއް. ހީވަނީ 11 ވަލީވެރިންހެން ކުޅެން އަރާތިބީ. އެބަހަރުތައް ކިޔާފަ ކުޅުންތެރިން ސައިޒު އޮޅި ސަޕޯޓަރުން ސައިޒު އޮޅި.
ކުރީމްޖެހިބަނަސް
14 October 2025
މިގައުމުގެ ފުޓުބޯޅަ ޓީމަކާއެކީ ދަތުރެއްކުރުމުގެ ފުރުސަތު ލިބުނު. ސަހާދަތް! ފްލައިޓްތެރޭވެސެ އެމީހުން ވޭޕްކުރި. މިހާ ގޮތެއްފޮތެއްނެއްބައެއް އަހަރެމެނަކީ. ކުޅެން އަރަނީ ފެގެއްޖަހާފަ. ނިމޭގޮަތައްފެގެއް. ޕްރެކްޓިސްއައްދެވެނީ ބިޓު ހުއްދަދީފިއްޔާ. އެއްވެސް ސީރިއަސްކަމެއްނެއް. އެފްއޭއެމްއުޅެނީ ލާރިކޮޅެއްހެދޭތޯ.
ޖާހު
14 October 2025
ގައުމުގެ އާބާދީ ޓީމެއް ހަމަވާވަރަށް އޮތަސް މޮޅުވާނީ މޮޅުވުމުގެ އަޒުމާ ހިތްވަރު ހުރެގެން. އާބާދީގަ 4 ލައްކަ ހަމަވެ ފުޓުބޯޅަ ކުޅެން ފެށިތާ ބައިގަރުނުވިޔަސް މޮޅުވުމުގެ އަޒުމާ ހިތްވަރު ނެތިއްޔާ މޮޅެއް ނުވެވޭނެ.
ޑޮކް
14 October 2025
ބްރޯ. އަހަރެމެންގެ މައްސަލައަކީ ތިއޭ. އަދިވެސް އަހަރެމެން މިތިބީ 4 ލައްކަ ހަމަވި ހިސާބުގަ. ގައުމު މިހާރު ހަ ލައްކައާ ގާތްކުރަނީ. މިވަރުން ބްރޯމެން ލައިގެން މިކަންކުރަން އަހަރެމެން މިއުޅެނީ.
މަބުނީ
14 October 2025
ބަޔަކު ކަމެއްކުރިޔަސް މި ގައުމުގެ މީހުންނަކަށް ނުވާނެ. ޑިސިޕްލިންނެއް ނުހުންނާނެ، ބުންވަރެއް ނުހުންނާނެ. ސިނގިރޭޓާއި އޭތި މީތި ބޯނެ. މިވަރުގެ ބަޔަކަށް ފެންނާނީ ނަނާހުވަފެން.. އެހެނެއްނޫން.. ޙިޔާނާތުގެ ކަމެއްކޮށް ލޫޓޫވާ ފަތްތަކަށް އެކަންތައް ކުރެވިދާނެ އަދި މިފަދަ ކުއްވެރިންނަށް ނަސޭހަތްދީ އަލުން އެއަށްވުރެން ބޮޑެތި ޖަރީމާ ހިންގުމަށް ފުރުސަތުވެސް ދެވިދާނެ. ޕީއެޗްޑީ ފެންވަރަށްވެސް ވައްކަން ކުރެވިދާނެ.. ދުނިޔޭގެ ފެންވަރުގައި އެއްވަނަ ހޯދިދާނެ.