އަންހެން ޗެމްޕިއަންކަން ހޯދި އާޔާ؛ މިއީ އޭނާ ރަންނަމާރި ޗެލެންޖްގެ ޗެމްޕިއަންކަން ހޯދި ފަސްވަނަ ފަހަރު.-- ފޮޓޯ: އެމްއެސްއޭ / ސިޑިބަރި
08 ނޮވެމްބަރ 2025 - 00:47
ރަންނަމާރި ޗެލެންޖުގެ އަންހެން އޯޕަން ބައިގެ ޗެމްޕިއަންކަން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މަރިޔަމް ރާހިލް ނަސީމް (އާޔާ) އިއްޔެ ހޯދައިފި އެވެ.
މިހާތަނަށް އެމްއެސްއޭ އިން ބޭއްވި އަންހެން އޯޕަންގެ ހަތް އިވެންޓުގެ ޗެމްޕިއަނަކީ ވެސް އާޔާ އެވެ. ރަންނަމާރި ޗެލެންޖުގައި 2021 އިން ފެށިގެން އަންހެން އޯޕަން އިވެންޓް ކުރިއަށް ގެންދާއިރު، ދެން އަންހެން އިވެންޓު ބާއްވާފައި ވަނީ 2022 ލީގުގެ ގދ. ގައްދޫ ކަޅެގަލެކޮޑާ އާއި ކ. ހިންމަފުށީ ގާމާދޫ މުބާރާތުގަ އެވެ.
އާޔާ މިއަހަރުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އާމިނަތު ތާނީސް ޝިރަންއާ ވާދަކޮށް ޖުމްލަ 13.34 ޕޮއިންޓް ހޯދައިގެން 6.17 ޕޮއިންޓުގެ ތަފާތަކުންނެވެ.
އަންހެން އިވެންޓްގެ ވަނަތައް ލިބުނު އެތުލީޓުން.-- ފޮޓޯ: އެމްއެސްއޭ/ ސިޑިބަރި
މި އަހަރުގެ އަންހެން މުބާރާތުގައި ރެކޯޑް އަދަދެއް ކަމަށްވާ 12 އެތުލީޓުން ވާދަކޮށްފައިވެ އެވެ. އެމްއެސްއޭ އިން ވަނީ މި އަހަރުގެ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގައި މުޅިން އަލަށް އަންހެން ޖޫނިއާ އިވެންޓެއް ބާއްވައިފަ އެވެ. އެ މުބާރާތުގައި ވާދަކުރި ޖޫނިއާ ހަ އެތުލީޓުން ވެސް ވަނީ ރަންނަމާރި ޗެލެންޖުގެ އޯޕަން ބައިގައި ވާދަ ކޮށްފަ އެވެ.
ތާނީސް އެންމެ ފުރަތަމަ ވާދަކުރީ މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖުގަ އެވެ. އެ މުބާރާތުގެ ފުރަތަމަ ބުރުގައި އާޔާ އާއި ރިޝްތާ ޝުޖާއާ އެއް ހީޓުގައި ވާދަކޮށް ނާކާމިޔާބުވި ނަމަވެސް މި އަހަރު އޭނާ ފުރަތަމަ ބުރު ފެށީ ހީޓް ކާމިޔާބު ކޮށްގެންނެވެ. އަދި ކުއާޓާގައި ނަހާ ނަސްރުﷲ އާއި މަރިޔަމް ޒޯހާ މާދިހް ފަހަތަށް ޖައްސާލައި އާޔާއާ އެކު، އޭނާ ހީޓްގެ ދެވަނައިގައި ސެމީ އަށް ދަތުރުކުރި އެވެ. ސެމީގައި މޮޅުވީ ޝާޒިޔާ ސައީދު (ޝާޒު) އާ ވާދަކޮށެވެ.
އަންހެން ފައިނަލްގައި ވާދަކުރި ތާނީސް.-- ފޮޓޯ: އެމްއެސްއޭ / ސިޑިބަރި
އާޔާ ފައިނަލަށް ދަތުރުކުރީ ރައުފާ އަހުމަދާ ވާދަކޮށެވެ. ރައުފާ ވަނީ ކުއާޓާގެ ހީޓުގައި ޝާޒިޔާއާ އެކު، އާލިޔާ ލަތީފާއި ރިޝްތާ ފަހަތަށް ޖައްސާލައިފަ އެވެ.
ރަންނަމާރި ޗެލެންޖްގެ މާސްޓާސް ބައިގެ ޗެމްޕިއަންކަން މުހައްމަދު ނުސްރަތު ހޯދީ ފައިނަލްގައި މުހައްމަދު ނިޒާމް (ނިޒޯ) އާ ވާދަކޮށް 11.50 ޕޮއިންޓް ހޯދައިގެންނެވެ. ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް ނިޒޯ ވަނީ މިދިޔަ އަހަރުގެ މާސްޓާސް ބައިގެ ފައިނަލްގައި ވެސް ވާދަ ކޮށްފަ އެވެ.
ރަންނަމާރި ޗެލެންޖްގެ ވަނަތަކަށް ހޮވުނު އެތުލީޓުން އިއްޔެ އިނާމާ އެކު.-- ފޮޓޯ: އެމްއެސްއޭ / ސިޑިބަރި
ރަންނަމާރި ޗެލެންޖުގެ ޓީމް އިވެންޓް ކަމަށްވާ މަރުހަބާ ކަޕްގެ ޗެމްޕިއަންކަން މި ފަހަރު ވެސް ހޯދީ ކ. މާލޭ ޓީމެވެ. މި ފަހަރުގެ މާލޭ ޓީމުގައި ހިމެނުނީ ޔަސީން އަހުމަދު ނާޝިދާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ އަދި ސައްޔިދު ސަލާހުއްދީނާއި މުހައްމަދު ފަޔާޒް (ޕެލޭ)ގެ އިތުރުން ނޫހް މުހައްމަދު ދުނެއިމް އިރުޝާދެވެ.
މާލޭ ޓީމް މޮޅުވީ ފައިނަލްގައި، އަހުމަދު ހިޝާމް ޝަހީމާއި އާދަމް މުއީން އިބްރާހީމް އަދި މުހައްމަދު ނުސްރަތާއި އަހުމަދު އާގިލް (އަންމަޑޭ) ހިމެނުނު ކ. ތުލުސްދޫ ޓީމާ ވާދަކޮށެވެ.
ހަތަރު ޓީމު ވާދަކުރި މިއަހަރުގެ މަރުހަބާ ކަޕްގެ ފައިނަލަށް މާލޭ ޓީމް ދަތުރު ކުރީ ކ. ގުރައިދޫ ބަލިކޮށެވެ. އަދި ތުލުސްދޫ ވަނީ މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުރި ރ. ރަސްމާދޫ ޓީމް ބަލިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުނިބެ
08 November 2025
ރާއްޖެ ސާފިން އިންޑަސްޓުރީ އާއި ފިލްމް އިންޑަސްޓުރީގައި އުޅެނީ ހުސް އެއްބަޔެއްތަ. ވޭތުވެ ދިޔަ 10 އަހަރާއި ކުރިއަށް އޮތް 10 އަހަރުވެސް މި މީހުން އަމިއްލަޔަށް މިމީހުންއަށް އެވޯރޑު ދީފަ މި ނިންމާލަނީ.