އަންމަޑޭ ވަނީ ދެވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފަ.-- ފޮޓޯ؛ އެމްއެސްއޭ / ސިޑިބަރި
08 ނޮވެމްބަރ 2025 - 00:42
ދިވެހި ސާފް ލީގު 2025 ގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އަންމަޑޭ) އިއްޔެ ހޯދައިފި އެވެ.
މިއީ އެމްއެސްއޭ އިން 2022 ވަނަ އަހަރު އެންމެ ފުރަތަމަ ބޭއްވި ސާފް ލީގު ކާމިޔާބު ކުރި އަންމަޑޭ ލީގު ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ.
އެމްއެސްއޭ އިން މި އަހަރު ލީގުގައި ތިން މުބާރާތެއް ބާއްވާފައި ވާއިރު، އެންމެ ފުރަތަމަ އޮތް މުލީކޮޅު ރާޅުގަނޑާއި މި އަހަރު މުޅިން އަލަށް ލ. މާބައިދޫގައި ބޭއްވި ކެރަންޑޫގެ ޗެމްޕިއަންކަން ވެސް ހޯދީ އަންމަޑޭ އެވެ.
ރަންނަމާރި ޗެލެންޖުގައި އަންމަޑޭ ކެޓީ ކުއާޓާ ފައިނަލްގައި ސައްޔިދު ސަލާހުއްދީނާ ވާދަކޮށެވެ.
ލީގު ޗެމްޕިއަންކަން ދިނުމުގައި އެމްއެސްއޭ އިން ބަލާފައި ވަނީ މި އަހަރުގެ ލީގުގެ ތިން މުބާރާތުގެ ތެރެއިން އެންމެ މަތިން ސްކޯ ކުރި ދެ މުބާރާތުގެ ނަތީޖާއަށެވެ.
ލީގުގެ ސީނިއާ ޗެމްޕިއަން އަންމަޑޭ (ވ) އަދި ޖޫނިއާ ޗެމްޕިއަން ޔަސީން (ކ).-- ފޮޓޯ: އެމްއެސްއޭ / ސިޑިބަރި
އަންމަޑޭ އަށް ޗެމްޕިއަންކަން ލިބުނީ ފުރަތަމަ ދެ މުބާރާތް ކާމިޔާބު ކޮށްގެން 2،000 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެވަނަ ލިބުނީ ރަންނަމާރި ޗެލެންޖް ކާމިޔާބުކޮށް 1،860 ޕޮއިންޓް ހޯދާފައިވާ ޔަސީން އަހުމަދު ނާޝިދަށެވެ. އޭނާ ވަނީ ކެރަންޑޫގައި އަންމަޑޭއާ ދެކޮޅަށް ފައިނަލްގައި ވާދަ ކޮށްފަ އެވެ. ޔަސީން އަކީ ލީގުގެ 18 އަހަރުން ދަށުގެ ޖޫނިއާ ބައިގެ ޗެމްޕިއަނެވެ.
ލީގުގެ ތިންވަނައަށް ދިޔައީ ރަންނަމާރި ޗެލެންޖުގެ ފައިނަލްގައި ވާދަކުރި އަހުމަދު ހިޝާމް ޝަހީމް އެވެ. ލީގުގެ ގަދަ 6 ގައި ދެން ހިމެނެނީ ކަޔާން އަބްދުﷲ އަރީފާއި ސައްޔިދު ސަލާހުއްދީން އަދި މުހައްމަދު އިނާން އަބްދުލް ހަންނާން އެވެ.
އަންމަޑޭގެ އިތުރުން ދެން ލީގު ކާމިޔާބު ކޮށްފައި ވަނީ ހޫދު އަހުމަދު (ހޫބްޒް) އާއި ހުސެއިން އަރީފް (އިބޫ) އެވެ. އިބޫ 2023 ގެ ޗެމްޕިއަންކަން ހޯދައި، ރާޅާއެޅުމުން ރިޓަޔާ ކުރި އިރު، މިދިޔަ އަހަރުގެ ޗެމްޕިއަން ހޫބްޒް މި އަހަރުގެ ލީގުގައި ހަމައެކަނި ވާދަކޮށްފައި ވަނީ މުލީކޮޅު ރާޅުގަނޑުގަ އެވެ.
މިއީ އެމްއެސްއޭ އިން ގައުމީ ލީގު ބޭއްވި ހަތަރު ވަނަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy