06 ޑިސެމްބަރ 2025 - 14:09
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާސްކުރި ޒަކާތުގެ ގާނޫނަށް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެ ގާނޫނަށް އަމަލު ކުރަން ފަށާ ގޮތަށް ގާނޫނުގައި ބަޔާންކޮށްފައި ވަނީ އަންނަ ޖެނުއަރީ 1 އިން ފެށިގެންނެވެ.
ރައްޔިތުންގެ މަޖިލިހުން މި މަހުގެ ތިންވަނަ ދުވަހު ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރެއްވި ބިލްގެ މަގުސަދަކީ އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއު ކޮށްފައިވާ މަގުސަދުތައް ހާސިލު ކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ، ގާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގައި ބެލެހެއްޓުން ކަމަށް ސަރުކާރުން ބުންޏެވެ.
އެ ގާނޫނަށް އަަމަލުކުރަން ފެށުމުން ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން ޒަކާތާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ، އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ޒަކާތާ ގުޅޭގޮތުން އެ އިރެއްގައި ހުންނަވާ އިސްލާމިލް މިނިސްޓަރުގެ މަސްއޫލިއްޔަތުތައް ވެސް ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ.
މިނިސްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޒަކާތާ ގުޅޭ ސިޔާސަތުތައް އާންމުކޮށް، އެ ސިޔާސަތުތަކާ ގުޅޭގޮތުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އާންމު އިރުޝާދާއި ލަފާދިނުން ހިމެނެ އެވެ.
ޒަކާތުގެ ބެހެނިވެރިއަކަށް ނުވާ މީހުންނަށް ޒަކާތުގެ ފައިސާ ދޫކުރުމާއި ހުއްދަ ކުރާ ބޭނުންތަކަށް ފިޔަވައި އިތުރު ކަމަކަށް އެ ފައިސާއިން އިންވެސްޓްކޮށްފި ނަމަ 1،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ގާނޫނުގައި ހިމަނާފައިވެ އެވެ.
އެ ގާނޫނުގައިވާ ގޮތުން އެ ފަރާތެއްގެ މުދާ ހުރީ ރާއްޖޭގައި ކަމަށް ވިޔަސް ނުވަތަ ރާއްޖެއިން ބޭރުގައި ނަމަވެސް ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ މީހަކާއި ރާއްޖޭގައި ވަޒަންވެރި ވެގެން ނޫޅުނަސް ރާއްޖޭގައި މުދާ ހުރި ނަމަ ޒަކާތް ދައްކަން ޖެހޭނެ އެވެ.
ޒަކާތު ނިޒާމު ހިންގާ ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާދީ އަދި އެ ނިޒާމު ހިންގުން ވިލަރެސްކުރުމަށް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލުގެ ނަމުގައި ކައުންސިލެއް ރައީސް އުފައްދަވަން ޖެހެ އެވެ. އެ ކައުންސިލުގައި މިނިސްޓަރާއި ޑިރެކްޓަ ޖެނަރަލް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ މުވައްޒަފަކު ހުންނަން ޖެހެ އެވެ.
ގުރުއާނާ ބެހޭ މަރުކަޒުން ބޭފުޅަކާއި ފިނޭންސް މިނިސްޓްރީން އިސް ބޭފުޅަކާއި ފަތުވާ މަޖިލީހުން ބޭފުޅަކާއި އިސްލާމިކް މިނިސްޓްރީން ބޭފުޅަކާއި ސަރުކާރުގެ އިދާރާއެއްގައި މަސައްކަތް ނުކުރާ ޒަކާތުގެ މާހިރުންގެ ތެރެއިން ރައީސް އައްޔަންކުރައްވާ ދެ ބޭފުޅަކު ވެސް އެ ކައުންސިލުގައި ހުންނަން ޖެހެ އެވެ.
ޒަކާތުގެ ގާނޫނުގައި ވަނީ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް ބުނެފަ އެވެ. އަދި އެ ކޮމިޓީގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ ޒަކާތު ހައުސް އަށެވެ. އަދި ޒަކާތު ފަންޑު ހިންގާނެ ގޮތާއި ފަންޑުން ކުރެވޭނެ ކަންކަން ވެސް ބަޔާންކޮށްފައިވެ އެވެ.
ޒަކާތުގެ ބެހެނިވެރިއަކަށް ނުވާ މީހުންނަށް ޒަކާތުގެ ފައިސާ ދޫކުރުމާއި ހުއްދަ ކުރާ ބޭނުންތަކަށް ފިޔަވައި އިތުރު ކަމަކަށް އެ ފައިސާއިން އިންވެސްޓްކޮށްފި ނަމަ 1،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ގާނޫނުގައި ކަނޑައަޅާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސްލަމް މުހައްމަދު
06 December 2025
މި ބިލް ވަރަށް ރަނގަޅަށް ދިރާސާކޮށްފިން. މީގެ ސަބަބުން ނުހަނު ގިނަ ފައިދާތަކެއް ވޭ. ލަސްވެސްވެއްޖެ މިކަހަލަ ބިލެއް އަންނަން
އަމީން ހަލީމް
06 December 2025
ޒަކާތު ފަންޑުގެ ހަގީގީ މަންފާ މީގެ ސަބަބުން ކުރާނެކަމާމެދު އެއްވެސް ޝައްކެނެތް
ހުށާމަތު
06 December 2025
ޒަކާތަކީ ފަންޑެއް ހަދަން ނަގާ އެއްޗެއް ނޫން. ޒަކާތަކީ އޭގެ ހައްގުވެރިންނަށް ބަހަން ނަގާ ްެއްޗެއް
ޘައްތު
06 December 2025
ޒަކާތު ފައިސާއިން އިންވެސްޓް ކުރުމަކީ ބިދުޢައެއް
އެމްސް
06 December 2025
ޒަކާތު ފައިސާ އިން: ގެސްޓްހައުސް އެޅުމާއި، ސްކޮލަޝިޕް ދިނުމާއި، ޙައްޖަށް ފޮނުވުމާއި، ޢިމާރާތްކުރުން ނުހިމެނޭނެކަމަށް ދެކެމެވެ!
މަބުނީ
06 December 2025
ޒަކާތަކީ ދައްކަންޖެހޭ އެއްޗެއްގެ ބަދަލުގައި ނިސާބުހަމަވާ މީހުންގެއަތުުން ދައުލަތަށް ނަގާ އެއްޗެއްގެގޮތުގައި ހަދަންވީ.
ހިމް
06 December 2025
ޒަކާތަކީ ދީނުގެ އެއް ތަނބު. އެއީ ބޭނުން ގޮތަކަށް ބަދަލު ގެނެވޭނެ އެއްޗެއް ނޫން.