ގާޒީ އަލީ އާދަމް: ހެކިންނަށް ވަކީލުން ބިރުދައްކާ ކަމަށް ގާޒީ ވިދާޅުވި މައްސަލަ ޖޭއެސްސީއަށް ވަނީ ހުށަހަޅާފައި
12 ޑިސެމްބަރ 2025 - 06:40
ދިފާއީ ވަކީލުން ހެކިންނަށް ބިރު ދައްކާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ހުކުމެއްގައި ލިޔުއްވި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ އެއް ގާޒީ އަލީ އާދަމްގެ ސުލޫކީ މައްސަލަ ޖޭްއެސްސީ އަށް ހުށަހެޅީ އެނގިފައިވާ ގޮތުގައި ދިފާއީ ވަކީލެކެވެ. އެކަމަކު، އެ މައްސަލަ ބެލުމާ މެދު އެ ކޮމިޝަނުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.
އެމްއެމްއޭ ކައިރީގައި ހަމަލާދީ އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގެ ޝަރީއަތުގައި އެންމެ މުހިންމު ސިއްރު ހެކިވެރިޔާ އެންމެ ފަހު ވަގުތު، އޭނާގެ ހެކިބަސް ބަލައިނުގަތުމަށް އެދި ކޯޓަށް ސިޓީއެއް ފޮނުވި މައްސަލާގައި ގާޒީ އަލީ އާދަމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ގާޒީ އަލީ އާދަމް އެ މައްސަލައިގެ ހުކުމްގައި ވިދާޅުވެފައިވަނީ މިފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ނިސްބަތްވާ ގްރޫޕްގެ މީހުންނާއި އެ މީހުންގެ އާއިލާއިންނާއި ދިފާއީ ގޮތުން ވަކާލަތު ކުރައްވާ ވަކީލުން އެކި ގޮތްގޮތުން ހެކިންނަށް ބިރުދައްކައި ފުރާނަ އަށް ނުރައްކާވާނޭ ފަދަ ހަމަލާއެއް ދޭނެ ކަމަށް ބުނެ އިންޒާރު ދޭ ކަމަށެވެ.
ގާޒީ ހުކުމްގައި އެކަން ފާހަގަކުރުން ކުށްވެރިކޮށް، ވަކީލުންގެ ކަންކަން ބަލަހައްޓާ ބާ ކައުންސިލުން ވެސް ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނީ ގާޒީ އަލީ އާދަމް ހުކުމްގައި ބަޔާންކުރެއްވި އިބާރާތަކީ ހެއްކެއްގެ މައްޗަށް ނުވަތަ އެ މައްސަލައިގެ ވަކީލުގެ ފުށުން ހިނގާފައިވާ ވަކި އަމަލެއްގެ މައްޗަށް ބިނާކުރުމަކާ ނުލައި ޖިނާއީ އަދުލުގެ ނިޒާމުގައި ދިފާއީ ވަކީލުންގެ ގޮތުގައި ބުރަކޮށް މަސައްކަތް ކުރާ ގާނޫނީ ވަކީލުންނަށް އަމާޒު ވެގެން ދިޔަ ކަމެއް ކަމަށެވެ.
ދިފާއީ ވަކީލުންނާ މެދު މުޖުތަމައުގައި ނުރަނގަޅު ތަސައްވުރެއް އުފެދި ދިފާއީ ވަކީލުންނަކީ ކުށުގެ އަމަލުތަކެއް ހިންގާ ބައެއްގެ ގޮތުގައި ސިފަކުރެވުމަކީ އަދުލު އިންސާފުގެ ނިޒާމަށް އަދި ގާނޫނީ ފަންނަށް އާންމުންގެ އޮންނަ އިތުބާރަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ. އެހެންވެ، އެ ކަންބޮޑުވުން ބާ ކައުންސިލުން ވަނީ ކްރިމިނަލް ކޯޓާ ވެސް އިއްޔެ ހިއްސާކޮށްފަ އެވެ.
މައްސަލަ ބޮޑުވެފައިވާ ހުކުމްގައި ގާޒީ އަލީ އާދަމް ވިދާޅުވި ގޮތުގައި ސިއްރު ހެކިވެރިންގެ ސިއްރުވެރިކަން ހިފެހެއްޓޭނެ، މިހާރަށް ވުރެ ހަރުދަނާ ނިޒާމެއް ގާއިމްވެފައި އޮންނަން ޖެހެ އެވެ. ހެކިންނަށް ރައްކާތެރިކަން ކަށަވަރުވާން ޖެހެ އެވެ. ޝަރީއަތްތައް އަވަސް ކުރުމަށްޓަކައި ގުޅިގެން ހުރިހާ މުއައްސަސާތަކެއް މަސައްކަތް ކުރަން ވެސް ޖެހޭ ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވި އެވެ.
ސިއްރު ހެކިވެރިންނަށް ބިރު ދެއްކުމަކީ ޖިނާއީ އަދުލުގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް ގާޒީ ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސައިން
13 December 2025
ގާޒީގެ ވާހަކަ ފުޅަށް ތާއީދު. ގާޒީ އަކީ ދީނަށް ލޯބިކުރައްވާ އިޚްލާސްތެރި ބޭފުޅެއް. ދަރުސް ދެއްވާ އަޑުއަހާ ހިތްވާ ގޮތަށް ޚުތުބާ ވިދާޅުވެ ދެއްވާ ޢިލްމީ ބޭފުޅެއް. ހެޔޮގޮތް މެދުވެރި ކުރައްވާށި.
ރަމަ
13 December 2025
މީހަމަ ވަރަށްރަގަޅު ތެދު ވާހަކަތަކެއް ދެން ކޮން ފިޔަވަޅެއް ތޯ އަޅަންވީ ޤާޒީ ހަގީގަތާއި އެއްގޮތަށް ވާހަކަ ދެއްކީމާ! މީ މިރާއްޖޭގައި ނުހުއްޓި ރައްކާތެރިކަން ހެކިންނަށް ނުލިބި ބިރުވެރިކަމެއްގެ ތެރޭގައި ތިބެގެން ފާޅުގަޔާއި ސިއްރުގައި ހިގަމުން އަންނަ ކަންކަން. މިކަމުގައި ގާޒީއާއި މެދު އަޅަންޖެހޭ ސްލޫކީ މައްސަލައެއް އޮންނާނެކަމަކަށް އަޅުގަނޑު ނުދެކެން.
ޢަލީބެ
12 December 2025
ރަނގަޅު ވަކީލަކު ތިޔައިގެ މައްސަލަޔަކާ ހަވާލު ނުވާނެ
މިސްޓަރ ވާން
12 December 2025
މީން ދޭހަވަނީ ސަރުކާރުން ޖުޑިޝަރީ އަށް ނުފޫޒޔ ފޯރުވާވަރު. ނޫންތަ؟
ކުޑައަލީ
12 December 2025
މިއީ ގޭންގުތަކުން ކަން ކުރާގޮތް. އެމީހުންނާއި ދެކޮޅަށް އެއްޗެއް ބުނާ ކޮންމެ މީހަކަށް ކޮންމެވެސް ގޮތަކުން ބިރުދައްކާނެ. ދެން ކޮންމެ ބައެއްގެ ދުފާއުގައި އޮންނާނެ ޖަމިއްޔާއެއް.
ދސަސދ
12 December 2025
ދިފާޢީ ވަކީލުންނަށް އެމީހުންގެ މުއައްކިލުން ވެސް ބިރު ދައްކާ، ވަކާލާތު ކުރަން ނުގޮސްފިނަމަ، ޢާއިލާ ކޮށާލާނެކަމުގެ އިންޒާރު ވެސް ދޭ... ! ހިނގާ ކަމެއް ނުހިނގާކަމަށް ހަދައިގެން ތިބުންތޯ ރަނގަޅީ؟
ކަނބިލި
12 December 2025
ޢަލީ އާދަމްގެ ވާހަކަ ބަރާބަރު. މީހުން މަރާމީހުންގެ ދިފާއުގައި އުޅޭ ވަކީލުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ. ގޭންގު ސްޓާރުންގެ ނުފޫޒު އިންތިހާއަށް އޮތް ވެއްޓެއްގައި ހައްގު ބަސް ބުނާ މީހާ ގޯސްވާނީ.
އައިސަން
12 December 2025
މިހާރު ގޯސްވީ އެވާހަކަ ދެއްކި މިހާ؟ ސަލާމަތެއް ނެތެއްނު؟
ޢައިއޯ
12 December 2025
ޑރ ޖަމީލް ސީދަށ ކޯޓު ބޭރުގަ ޙުރެ ނޫސްތަކަށް ހެކިވެރިންނާއި ގުޅެގޮތުން ބަޔާންދީ ހެކިންގެ އަގުވައްޓާލަންކުރި މަސައްކަތް ފެންނަން އެހެރީ ސީދާ ފަނޑިޔާރުންނާއި ތަހްޤީޤްކުރާ މީހުންނާއި ގުޅޭގޮތުން ހިގަމުންދާ މައްސަލަތަކުގައި އެގޮތަށް ފާޑުކިޔާ ދޮގު އިލްޒާމް އެއްވެސް ތަނެއްގައި ނޭޅުވޭނެ
ހޮޓްކިންގ
12 December 2025
ހައްގުބަސްބުނާ ހައްގަށް މަސައްކަތްކުރާ ކޮންމެ ގާޒީއަކު ބޭރުކުރުން އާދައަކަށް ވެއްޖެ. ބާ ކައުންސަލަކީ މިހާރު އައްޑާއެއް. ޖޭއެސްސީއާގުޅިގެން މުޅި ނިޒާމު ހަލާކުކޮށްފި