ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް: ގްރޫޕްތަކާއި ވަކީލުން ހެކިންނަށް ބިރުދެއްކުން ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައި ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
09 ޑިސެމްބަރ 2025 - 11:32
ނުރައްކާތެރި ކުށްތަކުގައި ދައުވާ ލިބޭ މީހުން ނިސްބަތްވާ ގުރޫޕްތަކާއި އެ މީހުންގެ އާއިލާ އަދި ދިފާއީ ވަކީލުން ހެކިވެރިންނަށް އެކި ގޮތްގޮތުން ބިރު ދެއްކުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުން މިހެން ބުނީ އެމްއެމްއޭ ކައިރީގައި ހަމަލާދީ އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގެ ދައުވާ ލިބުނު ހަމްދޫން ހަމްޒަތުގެ މައްޗަށް މަރުގެ އަދަބު އިއްވައި ކުރި ހުކުމްގަ އެވެ.
އެ މައްސަލާގައި ދައުލަތުން ސިއްރު ގިނަ ހެކިތަކެއް ހުށަހެޅި އެވެ. އޭގެ ތެރެއިން އެއް ހެއްކަކީ "ސިއްރު ހެކިވެރިޔާ 8" އެކެވެ. އޭނާ އަކީ ހަމްދޫން، އާގިލްއަށް ހަމަލާދޭ މަންޒަރު ހަމަލޮލުން ފެނުނު، އެކަން ހިނގިއިރު އެ ސަރަހައްދުގައި ހުރި މީހެކެވެ.
އޭނާ ހެކިބަސް ދެމުން ބުނެފައިވަނީ އާގިލްގެ މެޔަށް ވަޅި ހެރި މަންޒަރު ފެނުނު ކަމަށާއި އެއާ އެކު ހަޅޭއްލަވައިގަނެ އޭނާ ދުވައިގަތް މަންޒަރު ފެނުނު ކަމަށެވެ. މެޔަށް ހެރި ވަޅީގައި ހުރި ލޭތައް ފޮޅާލުމަށް ފަހު ހަމްދޫން ސައިކަލެއްގެ ފަހަތުގައި އެ ސަރަހައްދުން ދިޔަ މަންޒަރު ވެސް ހެކިވެރިޔާއަށް ސާފުކޮށް ފެނުނެވެ. އެހެންވެ، މި މައްސަލައިގެ އެންމެ މުހިންމު ހެކިވެރިޔާއަކަށް އޭނާވި އެވެ.
އޭނާ ވަނީ މިކަން މައްސަލައިގެ ތަހުގީގަށް ވެސް ކިޔައިދީފަ އެވެ. ނަމަވެސް، ސެޕްޓެމްބަރު 20، 2021 ގައި ޝަރީއަތުގައި ހެކިބަސް ދިނުމަށް ފަހު މައްސަލަ ނޮވެމްބަރު 2، 2023 ގައި އޭނާ ވަނީ ހެކިބަސް ދިނީ އެއީ ކޮން ބައެއްކަން ނޭނގޭ ހާލަތުގައި ކަމަށާއި އެހެންވެ ހެކިބަސް ބާތިލްކޮށްދޭން އެދޭ ކަމަށް ބުނެ ސިޓީއެއް ކޯޓަށް ފޮނުވައިފަ އެވެ.
މިފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ނިސްބަތްވާ ގްރޫޕްގެ މީހުންނާއި އެ ފަރާތްތަކުގެ އާއިލާއިންނާއި ދިފާއީ ގޮތުން ވަކާލަތުކުރައްވާ ވަކީލުން އެކި ގޮތްގޮތުން ހެކިންނަށް ބިރުދައްކައި ފުރާނައަށް ނުރައްކާވާނޭ ފަދަ ހަމަލާއެއް ދޭނެ ކަމަށް އިންޒާރުދޭ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އިއްވެވި ހުކުމްގައި ފާހަގަކުރައްވާފައިވެ އެވެ.
"...މިކަމަކީ ހިނގާކަމެއްކަމާއި އަދި މިއީ ޖިނާއީ އަދުލުގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް މިވަނީ ވެފަ އެވެ." ހުކުމްގައިވެ އެވެ.
ގާޒީ އަލީ އާދަމް ނިންމެވީ ހެކިވެރިޔާ އެގޮތަށް ސިޓީ ފޮނުވި ކަމަށްވިޔަސް، އެ ހެކިބަހަށް ޝަރީއަތުގައި ބުރަދަން ދޭށެވެ. ގާޒީ ވިދާޅުވީ އެ ހެކިބަސް ދީފައިވަނީ ބުއްދި ސަލާމަތުން ހުރެ އެއްވެސް ފަރާތެއްގެ މަޖުބޫރުކުރުމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށެވެ. އަދި ހެކިވެރިޔާ ހެކިބަސް ދީފައިވަނީ ތަހުގީގީ ބަޔާނާ ވެސް އެއްގޮތަށްކަން ފާހަގަކުރެއްވި އެވެ.
ހެކިވެރިޔާ ހެކިބަސް އަދާކުރިއިރު އޭނާގެ އަދުލުވެރިކަމާ މެދު ސުވާލެއް އުފެދޭ ފަދަ ކަމެއް ނެތް ކަމަށާއި އޭނާގެ ހެކިބަސް ޝަރީއަތަށް ގަބޫލުކުރުމުގައި ގާނޫނީ އަދި ޝަރުއީ ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ މީހުންގެ ފުރާނައާ ގުޅުންހުރި މައްސަލަތަކަކީ އޭގެ ހައްސާސްކަން ބޮޑު މައްސަލަތަކަށްވާއިރު، އެފަދަ މައްސަލަތައް އަވަސް މިނެއްގައި ހިންގައި ނިންމޭނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާ އެކުގައި ކަމަށެވެ. މި މައްސަލަ ނުނިމި ދިގުލައިގެން ދިޔައީ ވެސް ގިނަ ސަބަބުތަކާ ހުރެ ކަމަށް ވިދާޅުވި އެވެ.
ސިއްރު ހެކިންގެ ގޮތުގައި ހެކިން ހުށަހަޅާއިރު، ގާޒީ އަލީ އާދަމް ވިދާޅުވި ގޮތުގައި އެ ސިއްރުވެރިކަން ހިފެހެއްޓޭނެ، މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ގާއިމްވެފައި އޮންނަންޖެހެ އެވެ. ހެކިންނަށް ރައްކާތެރިކަން ކަށަވަރުވާން ޖެހެ އެވެ. ޝަރީއަތްތައް އަވަސް ކުރުމަށްޓަކައި ގުޅިގެން ހުރިހާ މުއައްސަސާތަކެއް މަސައްކަތްކުރަން ވެސް ޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަކީލު
10 December 2025
ފަސް އަހަރުވަންދެން މައްސަލަ ދަންމާފަ ބޭއްވީމާ ހެކި ފޮރުވަން ރަނގަޅަށް ޤާޟީއަށް ވަގުތު ދެވިފަތާ މިއޮތީ. މިއީ ޤާޟީ ޒިއްމާއިން ބަރީއަވާން ދެއްކި ހޮޅި ވާހަކައެއް.
ްިއިއްބެ
11 December 2025
ވާނުވާ އެނގިގެން ކޮމެންޓްކޮށްބަލަ. ކޯޓުން ބޭނުންހާ އިރެއްގަ ބޭނުން ދުވަހަކަށް މައްސަލަ ޝަރީޢަތް ކުރިއަށް ގެންދެވޭނީ، ހުސްއެކަނި ޤާޒީއާ މުވައްޒަފުން ތިބެގެން ކުރާ އެއްޗެއްނަމަ. ތިންހަތަރު މުއައްސަސާ އެކުގަ ވުޖޫދުވެގެން، އެންމެން އެކުވެގެން ގެންދެވޭ އެއްޗެއް ކްރިމިނަލް މައްސަލައެއްގެ ޝަރީޢަތަކީ. ހިތަށް އަރާހާ އވަހަށް ގެންދެވޭނީ އެކަނި ކުރާނަމަ.
ޱރ ދޫނިދޫ
09 December 2025
ބަލާބެލުމަށް ކިހާސޯލިހު ބޭފުޅެއްމީ މީނަ ޕްލިހުގެ ވަޒީފާގަ އުޅުނުދުވަސްރު ބުހުތާނުދޮގުހަދާފަ ކުށެއްނެއް އެތައްބަޔަކަށް އަދަބުދީފަހުރި މީހެއްމީނައަކީ
ޒައިކް23
09 December 2025
ކޯޓު ތެރެއިން ހަދާ ގޯސްތަކާ ގާޒީންގެ ޑީލުތަކުގެ ވާހަކަވެސް ރަށުތެރޭގަ ބާރަށް އެބަދައްކާ..ސިއްރު ހެކިންހެ މަޢުލޫމާތަކީ ވަކީލުންނަށްވެސް އެނގޭ މަޢުލޫމާތެއް ނޫން..ގައިމު ކޯޓުތެރެއިން ނޫނީ ޕޮލިހުންގެ ފަރާތުން ލީކުވާތީތާ އެނގެނީ… ކީއްވެ މިކަމަށް އެއްޗެއް ނުބުނީ؟؟
ހޯރަބޭ
09 December 2025
ދޮގު ނަހަދާ، ގޭންގު ކުދިން ގްރޫޕް ކުދިން މިހާރަކު ނުތިބޭނެ.
ހަމްދީ
09 December 2025
ގާޒީންގެ ތެރެއިންވެސް ސަލާމތުން މިތިބެނީ މިކަހަލަ އިނގިލިން ގުނާލެވޭ މަދު ގާޒީ އެއް..
މިލިސް
09 December 2025
ދައުލަތުގެ ސިއްރު ހެކިވެރިއެއްގެ މައުލޫމާތު ތިޔަ ގްރޫޕްތަކަށް ލިބުނު ގޮތެއްނުން ފުރަތަމަ ބަލަންވީ، ސިއްރު ހެކިވެރިންގެ މައުލޫމާތު އެހާ ފަސޭހައިން ލީކުވާނަމަ ސިއްރުން ހެކިބަސްދޭން ނުކެރޭނެތާ އެއްވެސް މީހަކަށް،
ކޮރަލް
09 December 2025
މިދައްކާ ވާހަކަ އަށް މީހަކު މޮޔަ ވެދާނެ އެވެ. ތިޔައީ ކޮން އަހަރެއްގެ މައްސަލަ އެއް ތޯ އެވެ. ހުކުމް ނުކޮށް އެތައް އަހަރެއް ވަންދެން މައްސަލަ ތައް ޕާކް ކޮށްފަ ބަހައްޓާނަމަ ސިއްރު ހެކިވެރިޔާގެ ސިއްރު ކަމެއް ނޯންނާނެއެވެ. ގޭންގެ ތަކުން އެމީހާ ހޯދެން އޮތް ގޮތަކަށް ހޯދާނެ އެވެ. ހައްލަކީ އަވަހަށް ހުކުމް ކުރުމެވެ. އެތައް އަހަރެއް ވަންދެން މައްސަލަ ހުކުމް ނުކޮށް ބެހެއްޓުމެއް ނޫނެވެ.
ޢަލީ އާދަން
09 December 2025
ހުރިހާ ގޯހެއް ވެސް ފެށިގެން އަންނަނީ ފުލުހުންގެ މުއައްސަސާގެ ތެރެއިން، ކްރައިމް ސީން އަކަށް ދިއުމުގެ ކުރިން ތުހުމަތު ކުރެވޭ ފަރާތަށް/ ފަރާތްތަކަށް އެނގޭ ފުލުހުން އަންނަކަން، މި ލެވެލްގައި ފުލުހުންގެ މުއައްސަސާ އޮތީ، މުއައްސަސާގެ ތެރޭގައި ގޭންގު މީހުން އުޅެނީކަމެއް ނޫނީ ފުލުހުން ގޭންގުތަކާއި ގުޅުން އޮންނަނީއެއްކަމެއް ނޭންގެ، އެކަމު ހަޤީޤަތަކި ކަން ވަނީ މިހެންކަން، ހެކިވެރިންގެ މަޢުލޫމާތުވެސް، ބަޔާންވެސް ލީކްވަނީ ފުލުހުންގެ ތެރޭން..
ދަންޑަހެލު ދަރި
09 December 2025
ގްރޫޕުތަކުން ހެކިންނަށް ބިރު ދެއްކުން އެއީ އެމައްސަލައެއް ރައްދުވާ ފަރާތަށް އެކަން ކުރި ކަމުގެ ހެއްކެއްގެ ގޮތުގައި ބަލައިގަނެ، އަދި އެ ބިރުދެއްކި ފަރާތަށްވެސް 15 އަހަރަށްވުރެ ދިގު ހުކުމަކާއި 50000 ރުފިޔާއަށްވުރެ ކުޑަ ނޫން ޖޫރިމަނާގެ ކޮށް ވީހާވެސް ހަރުކަށި އަދަބު ދޭންވީ.، އޭރުން ތިކަން ހުއްޓޭނެ.
ކުޑޫ.
09 December 2025
ބިރުދެއްކުމާއި، އަނިޔާ ދިނުމާއި، ރިޝްވަތު ދިނުންފަދަ ކަންކަމީ ގޭންގުގެ ސިފަތައް. ގޭންގު ނެތް ތަނެއްގައި މިފަދަ ކަންކަން ނުހިނގާނެ.
ޑަމީ
09 December 2025
އެއީ ކުޅިވަރު ޖަމާއަތް ތަކަށް ނިސްބަތްވާ ޒުވާނުން. “ޒުވާނުން ރުޅިނާރުވަށްޗޭ! “