ރިޕޯޓް / ހުޅުމާލެ

ހުދު ފަސްގަނޑެއް ނޫން، ތަރައްގީގެ އެތައް މަސައްކަތްތަކެއް

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދަނީ. - ފޮޓޯ: އެޗްޑީސީ

މީގެ ދެ އަހަރު ކުރިން އެއީ ބޮޑު ފަޅެކެވެ. އެންމެ އަށް ހަފްތާ ތެރޭގައި ހިއްކާ، ބޮޑެތި އުންމީދުތަކާ ގުޅިފައިވާ ރަށަކަށް ބަދަލުކޮށްލި އެވެ. އެންމެ ސަބަބެކެވެ. ބޮޑު ސިޓީއަކަށް ހުޅުމާލެ ހެދުމެވެ. އުސް އިމާރާތްތަކާ އެކު ގެދޮރުވެރި ކުރުވުމެވެ. މުޅި މަޝްރޫއުގެ އަގު ވެސް ކުޑައެއް ނޫނެވެ. އެޗުޑީސީން ލަފާކުރާ ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ ކަމެއް ނިމޭ އިރު އެއީ 12 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި 240 ހެކްޓަރުގެ ބިން ހިމެނޭ ސަރަހައްދަށް ވަދެގެން ދިޔައިރު ފެނުނީ ފުރަތަމަ ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ދާ ތަނެވެ. ހިއްކި ސަރަހައްދު ވަށައިގެން ރިވެޓްމަންޓް ވަނީ ޖަހައިފަ އެވެ. ގަސް އިންދައި ހެދެމުން ދަނީ އެވެ. މަގުތަކުގެ މަސައްކަތް ހަލުވި މިނެއްގައި އެބަ ކުރެ އެވެ.

ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް

އެންމެ ބޮޑު އޮފީސް އިމާރާތް

ހިއްކި ސަރަހައްދުގެ މެދަކާ ހިސާބުގައި ބޮޑު ސައިޓެކެވެ. ވެލިތަކާއި ހިލަތަކާއި މަސައްކަތަށް ބޭނުންވާނެ ބޮޑެތި ވެހިކަލްތަކެވެ. މަސައްކަތުގައި އުޅޭ މީހުން ދިރިއުޅޭ ވަގުތީ ގެތަކެވެ. މިއީ ރާއްޖޭގައި ހަދާ އެންމެ ބޮޑު އޮފީސް އިމާރާތް ހުންނާނެ ސަރަހައްދެވެ. މި އިމާރާތަށް އެކަނި ވެސް 122 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް އެޗުޑީސީން ބުނެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަން ފަށާ 25 ބުރީގެ މި އިމާރާތަކީ މާލޭގައި ފިނޭންސް މިނިސްޓްރީ ހުރި ކޮށީގައި ހަދަން އެންމެ ފުރަތަމަ ޕްލޭންކުރި އިމާރާތެވެ. ފަހުން އެ ޕްލޭން ބަދަލުކޮށް ހުޅުމާލޭގައި އަޅަން ނިންމީ އެވެ. މިއީ މިހާރު މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ކޮންސްޓްރަކްޝަން ކޮމްޕެނީ އާއި އެޗްޑީސީ ގުޅިގެން ހިންގާ މަޝްރޫއެކެވެ. އިމާރާތުގެ މަސައްކަތްތައް ކުރިއަށް ދާނީ އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ.

"ވަރަށް ބޮޑަށް ސުވާލު ކުރޭ މި ތަނުގައި މަސައްކަތް ކުރޭހޭ ކިޔައިގެން. މިއަށް ވުރެ ރަނގަޅަށް މަސައްކަތްކޮށްފައި ރަނގަޅު ނަތީޖާ ގެނެސްދޭ ސަރުކާރެއް ނެތޭ ބުނާނީ،" --ސައިމަން

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޑަބްލިއުޒެޑްއާރުން މިހާރު ކުރަމުން އަންނަނީ ބިންގަނޑުގެ ޓެސްޓްތައް ހެދުމަށް ފަހު ޑީޕް ޕައިލިންގެ މަސައްކަތް ކަމަށެވެ.

ކުރިން ފިނޭންސް މިނިސްޓްރީން އަޅަން އޮތް 25 ބުރީގެ އޮފީސް އިމާރާތް އެޗުޑީސީން ހަދަން ކަނޑައަޅާފައި އޮތް ސަރަހައްދު

ސައިމަން ވިދާޅުވި ގޮތުގައި އެކި ޓެސްޓްތައް ހެދިއިރު، ދެވަނަ ފިޔަވަހީގެ ބިމުގައި 25 ބުރީގެ އިމާރާތްތައް އެޅޭ ފެންވަރު އެބަ ހުއްޓެވެ. އޮފީސް އިމާރާތް ދެ އަހަރު ތެރޭގައި ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ.

ސައިމަން ވިދާޅުވީ އެ އިމާރާތުގެ އޮފީސް ޖާގަތައް ސަރުކާރުގެ އޮފީސްތަކަށާއި ކުންފުނިތަކަށާއި ބޭންކުތަކަށާއި އަމިއްލަ ފަރާތްތަކަށް ވެސް ކުއްޔަށް ދޭން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން އޮފީސް ޖާގަ ގަންނަން ބޭނުންވާ ފަރާތްތަކަށް ވިއްކަން ވެސް ވަނީ ނިންމާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ބޭނުންތަކަށް ކުއްޔަށް ދޭނީ. ޕްރައިވެޓް ޕާޓީސްތަކާއި ބޮޑެތި ބޭންކްތަކުން އަންނަ ހިތުން ތިބީ. އެ މީހުންނަށް ދިނުމުގެ ވިސްނުން އަޅުގަނޑުމެންގެ ހުރީ،" ބިއްލޫރި އާއި ދަގަނޑުން ހަދާ އިމާރާތާ ގުޅޭ ގޮތުން ސައިމަން ވިދާޅުވި އެވެ.

"އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން އެޕާޓްމަންޓްތަކަށް މީހުން ވަދެވޭ ވަރު ކުރުން،"

ފަންސަވީސް ބުރީގެ އިމާރާތުގެ ދަށުގައި 30،000 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވެ އެވެ. އެންމެ ތިރީ ބުރީގައި ހުންނާނީ ލޮބީ އާއި ފިހާރަތަކެވެ. ފުރަތަމަ ބުރި އާއި ދެ ވަނަ ބުރި ކާރު ޕާކުކުރަން ހާއްސަކުރާއިރު އޮފީސްތައް ހުންނާނީ ފަސް ވަނަ ބުރިން ފެށިގެން 23 ވަނަ ބުރިއާ ހަމައަށެވެ. އިމާރާތުގެ 25 ވަނަ ބުރީގައި ހަދާނީ 250 މީހުންގެ ޖާގައިގެ ބޮޑު ރެސްޓޯރަންޓެކެވެ. އޭގެ އިތުރުން ރޫފް ޓޮޕްގައި ކޯޕަރޭޓް ލައުންޖެއް ވެސް ހުންނާނެ އެވެ.

މި އޮފީސް އިމާރާތް ހުޅުމާލޭގައި އަޅަން ނިންމީ މާލޭގައި މިފަދަ އިމާރާތެއް ހަދާއިރު ދިމާވާ ދަތިތަކާ ގުޅިގެން ކަމަށް ފިނޭންސް މިނިސްޓްރީން އޭރު ބުނެފައިވެ އެވެ. ފިނޭންސްގެ އާ އިމާރާތް ހުޅުމާލެ އަށް ބަދަލުކުރަން ނިންމި އިރު، ކުރީގެ ބާ އިމާރާތް ތަޅާލައި ބިން ވެސް ސާފުކުރި އެވެ.

ހުޅުމާލޭގައި 7000 ހައުސިން ޔުނިޓް އަޅާ ސަރަހައްދު. - ފޮޓޯ: އެޗްޑީސީ

ހަތް ހާސް ފްލެޓް

ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި ފުރަތަމަ ހިންގާ ހައުސިން މަޝްރޫއުގެ ދަށުން، 7،000 ހައުސިން ޔުނިޓް އަޅަނީ ވެސް ހިއްކި ސަރަހައްދުގެ މެދަކާ ހިސާބުންނެވެ. ހައުސިން ޔުނިޓް އަޅަން ޗައިނާގެ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ)ން ލޯނު ދިނީ އިހަކަށް ދުވަހު އެވެ. އެކަމަކު އެއީ ކިހާ ވަރެއް ކަމެއް އެޗުޑީސީއަކުން ނުބުނެ އެވެ. އެ މަޝްރޫއު ކުރިޔަށް ގެންދާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިން މިހާރު އަންނަނީ އަމަލީ ބައެއް މަސައްކަތް ކުރަމުންނެވެ. ސައިޓް ތައްޔާރުކޮށް އިމާރާތަށް ބޭނުންވާ ތަކެތި ޖަމާކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ސައިމަން ވިދާޅުވި ގޮތުގައި ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ބޭންކުން މަޝްރޫއަށް ފައިނޭސް ހަމަޖައްސައި ދިންއިރު، ޕްރޮޖެކްޓާ މެދު ބޭންކުން ވެސް ހިތްހަމަޖެހެ އެވެ. ގެދޮރު އަޅަން ސަރުކާރުން މިހާތަނަށް ނަގާ އެންމެ ބޮޑު ލޯނު އައިސީބީސީން ދިނީ ހަތަރު ޕަސެންޓަށް ވުރެ ކުޑަ އިންޓަރެސްޓެއްގައި 15 އަހަރުން އަނބުރާ ދައްކާ ގޮތަށް ކަމަށް ސައިމަން ވިދާޅުވި އެވެ.

"ބޭންކްތަކުން އެވަރަށް އިތުބާރު ކުރޭ އެބަ، ސާކް ސަރަހައްދުތަކުގައި ހުރި ބޮޑެތި ބޭންކުތަކާ މިހާރު މަޝްވަރާ ކުރަމުން އެބަދޭ އިތުރު ހައުސިން ޔުނިޓްތަކެއް އަޅަން،" --ސައިމަން

އައިސީބީސީން ދިން ލޯނުން ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރާއި އޮފީސް ޓަވަރެއް ހަދަން ނިންމާފައިވެ އެވެ. ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކު ހިންގާ މަޝްރޫއުގެ ދަށުން ހަދާ ކޮންމެ ފްލެޓެއްގައި ދެ ރޫމާއި ދެ ފާހަނާ ހުރެ އެވެ. ފްލެޓެއްގެ ބޮޑުމިނަކީ 550 އަކަފޫޓެވެ.

މިއީ ސޯޝަލް ހައުސިން ނުވަތަ އެންމެ އާދައިގެ މީހުންނަށް އުޅެވޭ ފެންވަރަށް އިމާރާތް ކުރާ ފްލެޓްތަކެކެވެ. އޭގެ އަގު އަދި ކަނޑައަޅާފައި ނުވިޔަސް ސައިމަން ވިދާޅުވީ އާންމުން އަތްފޯރާ އަގެއްގައި ގަންނަން ފުރުސަތު އޮންނާނެ ކަމަށެވެ.

"އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން އެޕާޓްމަންޓްތަކަށް މީހުން ވަދެވޭ ވަރު ކުރުން،" މަސައްކަތް ހިނގަމުން އަންނަ ސަރަހައްދުގައި ހުންނަވާ ސައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލަށް ހިއްކި ސަރަހައްދުގައި 32،000-35،000 ހައުސިން ޔުނިޓް އެޅުމަކީ އަމާޒެކެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް އެއް ކުންފުންޏަކުން ނުނަގާ ވަރުގެ ލޯންތައް އެޗްޑީސީން ނަގަނީ ލޯނު ދެއްކޭނެ ކަމުގެ ގާބިލްކަން ހުރުމުން ކަމަށް ސައިމަން ވިދާޅުވި އެވެ. އަދި އެކި ބޭންކްތަކުން ތަފާތު ލޯނުތައް ލިބެނީ އެ ތަންތަނުގެ އިތުބާރު އެޗްޑީސީއަށް އޮތީމަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޭންކްތަކުން އެވަރަށް އިތުބާރު ކުރޭ އެބަ، ސާކް ސަރަހައްދުތަކުގައި ހުރި ބޮޑެތި ބޭންކުތަކާ މިހާރު ވެސް މަޝްވަރާ ކުރަމުން އެބަ ދޭ އިތުރު ހައުސިން ޔުނިޓްތަކެއް އަޅަން،" ސައިމަން ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދަނީ. - ފޮޓޯ: އެޗްޑީސީ

މަގު ހެދުމާއި އެހެނިހެން ބައެއް މަޝްރޫއުތައް

ދެވަނަ ފިޔަވަހީގައި ކުރަމުން އަންނަ އެންމެ ބޮޑު އެއް މަސައްކަތަކީ ބިންގަނޑު އެއްވަރުކޮށް، މަގުތައް ހެދުމުގެ ބަ އެވެ. ހަމައެކަނި މަގުތަކުގައި ތާރު އަޅާ ނިންމާލަނީކީ ނޫނެވެ. ސައިމަން ސިފަކުރެއްވި ގޮތުގައި ތާރު އަޅާ ނިމޭއިރު "ޓޯޓަލް އިންފްރާސްޓްރަކްޗާ ސޮލިއުޝަނެއް" އަންނާނެ އެވެ. މިއީ ރާއްޖޭގައި މުޅިން އާ ޑިޒައިނަކަށް ހަދާ މަގުތަކެކެވެ.

މަގުތައް ހެދުމުގެ މަޝްރޫއު އެޗްޑީސީން ހަވާލުކުރީ އިންޑިއާގެ އަމިއްލަ ދެ ކުންފުންޏެއް ކަމަށްވާ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމް އެކްސްޕޯޓް) އަދި އަޝޯކާ ބިލްޑްކޮން ލިމިޓެޑާ އެވެ. ދޮޅު އަހަރު ދުވަހުން ނިންމަން ޖެހޭ އެ މަޝްރޫއުގެ ޖުމްލަ އަގަކީ 40.3 މިލިއަން ޑޮލަރު (620 މިލިއަން ރުފިޔާ) އެވެ.

މަޝްރޫއުގައި ޕޭވްމަންޓުތައް ހަދައި މަގުބައްތި ޖެހުމުގެ އިތުރަށް، ޓްރެފިކް ނިޝާންތައް ކުރެހުން ފަދަ ކަންކަން ވެސް ހިމެނެ އެވެ. ސައިމަން ވިދާޅުވި ގޮތުގައި ރޯޑް ޑިވައިޑާއެއް ހިމެނޭ ގޮތަށް ހަދާ މަގުތަކުގެ މެދުގައި ބޮޑެތި ގަސްތައް ޖަހާނެ އެވެ.

މަގުތަކުގެ ތެރެއިން ދާ ހޮޅިތަކާއި ކޭބަލްތައް ވަޅުލަނީ ފަހުން ދިމާވާ މައްސަލަތައް ހައްލުކުރަން މަގު ކޮންނަން ނުޖެހޭ ގޮތަށެވެ. ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން ބައެއް ހޮޅިތައް މިހާރު ވެސް ވަނީ ވަޅުލާން ފަށައިފަ އެވެ.

ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގައި ހޮޅި ވަޅުލާފައި

ސައިމަން ވިދާޅުވި ގޮތުގައި މިފަހަރު މަގު ހަދަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ލިބުނު ތަޖުރިބާ އަށް ފަހު، ވަރަށް ބޮޑެތި ދިރާސާތަކެއް ކޮށްގެންނެވެ. އަދި މިހާތަނަށް ރަނގަޅު ފެންވަރަކަށް ނުކޮށް ހުރި ކަންކަން އަލުން ކުރިއަށް ގެންދަން އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައިމަން ވިދާޅުވި ގޮތުގައި އެޗުޑީސީގައި ގާއިމްކޮށްފައިވާ ކޮލިޓީ އެޝުއަރެންސް ޓީމުން ގެންދަނީ މަޝްރޫއުތައް ހިނގާ ގޮތް ގާތުން ބަލަމުންނެވެ. އެއްވެސް ކަމެއް ގޯހުން ދާ ނަމަ، އެކަމެއް ފާހަގަކޮށް ރަނގަޅު ކުރަން އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް ސުވާލު ކުރޭ މި ތަނުގައި މަސައްކަތް ކުރޭހޭ ކިޔައިގެން. މިއަށް ވުރެ ރަނގަޅަށް މަސައްކަތްކޮށްފައި، ރަނގަޅު ނަތީޖާ ގެނެސްދޭ ސަރުކާރެއް ނެތޭ ބުނާނީ،" ސައިމަން ވިދާޅުވި އެވެ.

އެޗްޑީސީގެ އަމާޒަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ބޭނުން ކުރެވެން ހުރި ހުރިހާ ބިމެއްގައި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މަސައްކަތް ފެށުމެވެ. އެހެން އެގޮތަށް ވެއްޖެ ނަމަ، ކުރިއަށް އޮތް 10 އަހަރެއްހާ ދުވަހުގެ ތެރޭގައި އެތަން ބޮޑު ސިޓީއަކަށް ބަދަލުވުން ކައިރި އެވެ.

ސައިމަން ވިދާޅުވި ގޮތުގައި އެޗުޑީސީގައި މިހާރު އޮތް ޓީމުގެ މަސައްކަތަކީ ދުނިޔޭގެ މަޝްހޫރު ސިޓީތައް މިސާލަކަށް ބަލައިގެން ހުޅުމާލެ ތަރައްގީ ކުރުމެވެ.

މިހާރު ފެންނަން އޮތީ ހުދު ފަސްގަނޑެއް ނަމަވެސް، އެޗްޑީސީން ގަބޫލުކުރާ ގޮތުގައި، އެއީ މުސްތަގުބަލުގެ ރީތި ސިޓީ އެވެ.

36 ކޮމެންޓް, 224 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 2%
icon angry icon angry 34%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒާ

16 July 2017

ތަރައްގީއެއް ދިވެހިން ބޭނުމެއް ނުވޭ. ދިވެހިން ބޭނުންވަނީ ފިތުނައިގެ ތޫފާނެއްގައި ދިރިއުޅުން. އެކަމުގެ އަސަރުތައް ދަނީ ގިނަބައެއްގެ ފުށުން ފެންނަމުން. ނަމަވެސް ހަގީގަތަކީ ތަރައްގީ ބޭނުންވާބަޔަކަށް އެދަނީ އެކަން ޢަމަލީގޮތުން ފެންނަމުންނޭ. އެކަން އެހެން ވާނަމަ އޭގެ ލުއިފަސޭހަކަމާއި ކޮންމެވެސް މަންފާއެއް ނުކުރާނެ ހަމަ އެއްވެސް ދިވެއްސެއް މިގައުމަކު ނޫޅޭނެއޭ.

The name is already taken The name is available. Register?

ހެފް

30 April 2017

ހިތާމައަކީ އާންމު ރައްޔިތު މީހާއަށް އަމާޒުކޮށް ހަދާ ފްލެޓްގެ އަކަފޫޓް ކުޑަވެފަ އެންމެ 2 ކޮޓަރި ހުރުން. ސަރުކާރުގެ ސިޔާސަތަކީ އާންމު ރައްޔިތު މީހާ އެންމެ ދަރިޔެއް ހޯދުންބާ؟ ދެދަރިން ލިބުނަސް 1 ކޮޓަރިއެއްގަ އުޅެވިދާނެ އެއް ޖިންސެއްގެ ކުދިންވެއްޖެޔާ.. އެކަމަކު އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއް ލިބިއްޖެއްޔާ ކިހިނެއްބާ ހަދާނީ؟ އަންމު ރައްޔިތުމީހާއަށް އެއްވެސް ހިންހަމަޖެހުމެއް ނެތް. :(

The name is already taken The name is available. Register?

ޙަސަން

30 April 2017

މި އަންނަ ތަރައްޤީ ހުއްޓުވަން އިދިކޮޅު ހުރިހާ ފަރާތަކުން ބައިއަތު ހިފައިގެން މިއުޅެނީ.. ރައްޔިތުންވެސް ބޭނުމީ މިތަރައްޤީ ހުއްޓުވަންބާ؟

The name is already taken The name is available. Register?

އަބްދުއްލާ އަލީ

29 April 2017

ހުޅުމާލޭ ގެ ބާނީ ރައީސް މައުމޫނު

The name is already taken The name is available. Register?

ދެކޮޅުވެރީ

30 April 2017

ތިކަމަކާ އަޅުގަނޑުމެން އިންކާރެއްނުކުރަން.. ތިޔަ ބާނީއަށް ޖެއްސުމަށް ނޫންތޯ ބާނީގެ ބެސްޓް ގައި، ނަޝީދު ގުޅީފަރު ހެދީ.. ޔާމީންވެސް މައުމޫނު ބާނީއަށް ވީތީ ހުޅުމާލެއަށް އަޅާނުލާ އެނބޫދޫ ފިނޮޅު ހިއްކައި އެތަނުގެ ގުޅީފަޅުގަ ހެދި ގޮތަށް މީދާ ހަރު ހެދިނަމަ ދިވެހިން ތިޔަ ބާނީގެ ލޯބީގަ ހަމަ ހޭބަލިވާނެބާއޭ ހިތަށް އަރާ.

The name is already taken The name is available. Register?

އަހުމަދު ހިތަދޫ

29 April 2017

އަހަންނަކީ 30އަހަރު މާލޭގަ އުޅެމުންދާ މީހަކީމެވެ. އަމިއްލަ ރައް ދޫކުރަން ޖެހުނީ އެންމެ މުހިންމު ގާނޫނު އަސާސީން ކަށވަރު ކޮެއްފައިވާ ސިއްހީ ފަރުވާ ބޯހިޔާވަހިކަން، ނަރުދަމާ ، އެއްއަގެއްގާ ކަރަންޓް އަދި ކެއުން ނުލިބޭތީ ! މާލޭ މީހުން ބުނާނެ ރަށައް ދާށޭ ؟؟ބަލަ އިގިރޭސީން އައްޑޫގަ ތިބިއިރުގަ އަހަރުމެންގެ ކާބަފައިން އެހީވީމެވެ. އެކުވެރިކަމާއެކު ! އެކަމަކު މިއަދު އައްޑޫ މިވަނީ ނިކަމެތި ކޮއްފަ ! ދެން މިބުނަނީ ހުޅުމާލެ... ފްލެޓް ތައް ހަަދާއިރުގަ ދުރުދުރުގަ ރަގަޅައް ވައިދައުރުވާ ގޮތައް ހަދާނަމަ ؟؟ 3 ކޮޓަރި އޭ ބުނާއިރު 15ފޫޓް އެއް ނެއް ؟؟

The name is already taken The name is available. Register?

ޗިކުސް

29 April 2017

މާލޭގަ ދިރިއުޅޭ ރާއްޖެތެރޭ މީހުންނަށްްް ދޭބުނި ފުލެޓް ކޮބާ؟

The name is already taken The name is available. Register?

ކަލޯ

15 June 2017

700 ފްލެޓް ހުރީ ނިމިފަ . ވަގުތު ޖެހުނީމަ ލިބޭނެ.

The name is already taken The name is available. Register?

ޑަކުޓަރު

29 April 2017

މި ތަރައްޤީގެ ޙަގީގީ މޭސްތިރި ރައީސް މުޙައްމަދު ނަޝީދަށް ފައްފަށުން ޝުކުރު އަދާކުރަން. އަދި މިކަން ރައީސް ޔާމީން ވަޒަންކޮއް ދަމަހައްޓާތީވެ އެކަމައްވެސް ޝުކުރު އަދާކުރަން. ޤައުމެއް ތަރައްޤީ ވާނީ އެންމެން ގުޅިގެން. އަނެކާ ކުރާކަމަކަށް ހަޖޫ ނުޖަހާ އެކަމެއްބަލައިގަނެ އަގުވަޒަންކޮށް ވިސްނުންތެރިކަމާއި އެކު މަސައްކަތް ކުރެވިގެން.

The name is already taken The name is available. Register?

ޖޭޑް

30 April 2017

ރާއްޖޭގެ އެކި ހިސާބުން ފެންނަމުންދާ ތަރައްގީގެ ހާގީގީ ޝުކުރު ހުރީ ރައީސް ނަޝީދަށެވެ. އެމަނިކުފާނުގެ ގުރުބާނީއަށެވެ. ފަހަތަށް ނުޖެހި ކުރެއްވި ހިއްވަރަށެވެ. އަދި ބިންހިއްކުމާއި ބަނދަރު ހެދުމާއި ނަރުދާމާ އެޅުމާއި ފެން ހޮޅިލުމާއި ފުލެޓް އެޅުމަކީ އޭނގެ ޒާތުގައި އެހާ ގިނަދުވަސް ނަގަން ޖެހޭ ކަންކަމެއް ނޫންކަށް ސާބިތު ކޮށްދެއްވީތީއެވެ.

The name is already taken The name is available. Register?

ހަބޭސް

28 April 2017

ލޮލަށް ފެނިވަޑައި ނުގަންނަ ބޭފުޅުންނަށް ވެސް އާސަންދާ އޮތީ ލިބިފަ އަމިއްލަ ލޮލާށް އަމިއްލައަށް ގޮވޭއިރުވެސް ނޭގެ

The name is already taken The name is available. Register?

ރެކިފުތާ

28 April 2017

މާލެ ފިޔަވައި، ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތީ އައްޑޫގައި. ބޮނީ ފެންވަރަނީ ކައްކަނީ ނިޖިސްފެން. ނަރުދަމާއެއް ނެތް. ކަރަންޓގެ ހާލަތު އިންތިހާއަށް ދަށް. މާލެ ފިޔަވައި އެންމެގިނަ ވެހިކަލް ދުއްވައި، މީހުން ހިނގާބިނގާވެ އުޅޭ މަގުތަކުައި އެއްޗެހިދުއްވައި ހިނގާބިނގާ އުޅެވޭވަރެއް ނުވޭ. ސިއްހީޚިދުމަތުގެ ހާލު އެހާދަށް . ސްކޫލްތަކުގެ ޖާގައިގެ ދަތިކަން އިންތިހާ . މިތަންތަނުން މީހުން ހުސްކޮށްފައި ހުޅުމާލެއަށް ގެންގޮސްގެން މިތަންތަން ބޭރުބަޔަކަށް ވިއްކާލީމާ ދިވެހިރާއްޖެއެއް ނޯންނާނެ. ދެން އޮންނާނީ "ދިވެހި ޗަިނީސް ހުޅުމާލެ" އެކަނި . އުތުރާ ދެކުނަށް އެކަށީގެންވާ ތަރައްގީއެއް ނުގެނެސް ހުޅުމާލެއެކަނި ތައރައްގީކުރަނީ ރާއްޖެ ނައްތާލަން .

The name is already taken The name is available. Register?

ިމީހާ

28 April 2017

ޢަހަރެންގެ ނަމުގައި 2000އަކަފޫޓުގެ ބިމެއް އެބަ އޮތް...މަބޭނުމީ ހުޅުމާލޭން 550އަކަފޫޓުގެ ގޮޅިއަކަށް އަންނާކަންނުން.....މަގޭ އަމިއްލަ 2000އަކަފޫޓު ބިން އޮތްރަށް ދިރި އުޅެވޭވަރުވެ އެރަަށަށް ދިއުމުގެ ހަރަދު އަތްފޯރާ ފަށަށް އައިސް އަސާސީ ބޭންންތައް ލިބުން........މަ ބޭނުމެއް ނުން 550އަކަފޫޓަށް ކުލިދީގެން މަ ހުލިވާކަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454