ކުޅިވަރު / ޔޫރޯ 2016

ކުޅުންތެރިންގެ ފެންވަރު އެބަހުރި، ނަތީޖާ ނެރޭނަން: ބެލްޖިއަމް ކޯޗު

ޔޫރޯގެ ފުރަތަމަ މެޗުގައި އިޓަލީއާ ދެކޮޅަށް ކުޅުނު ބެލްޖިއަމް ޓީމުގެ ފުރަތަމަ އެގާރަ.-- ފޮޓޯ: އޭއެފްޕީ

ބޯޑޯ، ފްރާންސް (ޖޫން 18) މިފަހަރުގެ ޔޫރޯގައި ވާދަކުރާ ބެލްޖިއަމް ޓީމަކީ ތަފާތު ޓީމެއް ކަމަށާއި ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު ނަތީޖާ ނެރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު މާކް ވިލްމޮޓްސް ބުނެފި އެވެ.

ދުނިޔޭގެ ދެ ވަނަ ޓީމުގެ ގޮތުގައި މި ފަހަރުގެ މުބާރާތާ ކުރިމަތިލި ބެލްޖިއަމް ވަނީ ކުޅުނު ފުރަތަމަ މެޗުން އިޓަލީ އަތުން 2-0 އިން ބަލިވެފަ އެވެ. މިއީ ޔޫރޯގައި އެ ޓީމު އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ބަލިވި ހަ ވަަނަ މެޗެވެ. ޔޫރޯގައި އެންމެ ފަހުން އެ ޓީމު ކުޅުނު ތިން މެޗުން ވެސް ބަލިވީ 2-0 އިންނެވެ.

"އެންމެ މެޗަކުން ބަލިވުމުން ހުރިހާ ކަމެއް ދޫކޮށް މާޔޫސްވާކަށް ނެތިން. މިދިޔަ 47 މެޗުގެ ތެރެއިން އަހަރެމެން ބަލިވީ ވަރަށް މަދު މެޗަކުން. މިއީ ކުރީގެ ބެލްޖިއަމެއް ނޫން. މި ޓީމުގައި ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިން އެބަތިބި. ނަތީޖާ ނެރެވޭނެ،" ގްރޫޕުގެ ދެ ވަނަ މެޗުގައި އަޔަލެންޑާ ދެކޮޅަށް މިއަދު ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިލްމޮޓްސް ބުންޏެވެ.

ޔޫރޯގައި އެންމެ ފަހުން ބެލްޖިއަމް ކުޅުންތެރިއަކު ލަނޑު ޖެހީ 2000 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ ފަހަރު ސްވިޑަން ކޮޅަށް ބެލްޖިއަމްގެ އެމީލް އެމްޕެންޒާ ލަނޑު ޖެހިއިރު ވިލްމޮޓްސް އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އިޓަލީ މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކުނު ފޯވާޑް ރޮމެލޫ ލުކާކޫ އަށް މިއަދުގެ މެޗުގައި ފުރުސަތު ނުދޭނެ ކަމަށް ބެލެވެ އެވެ. ވިލްމޮޓްސް ބުނީ ފުރަތަމަ 11 ގެ ޖާގަ ޔަގީން ވާނީ ހަމައެކަނި ގޯލްކީޕަރު ތިބައު ކޯޓުއާ އަށް ކަމަށެވެ.

ބެލްޖިއަމް އަތުން އަޔަލެންޑް މޮޅުނުވާތާ 50 އަހަރު

ބެލްޖިއަމް ވަނީ އަޔަލެންޑް އަތުން ބަލިނުވެ ހަ މެޗު ހަމަކޮށްފަ އެވެ. މި ދެ ޓީމު އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަނެއް ދެ މެޗުން މޮޅުވީ ބެލްޖިއަމެވެ. އަޔަލެންޑް އެންމެ ފަހުން މޮޅުވީ 1966 ވަނަ އަހަރު ކުޅުނު ރަހުމަތްތެރިކަމުގެ މެޗަކުން 3-2 އިންނެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން އަޔަލެންޑުގެ ކޯޗު މާޓިން އޮނީލް ބުނީ ބެލްޖިއަމަކީ ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު އެންމެ މޮޅު އެއް ޓީމު ކަމަށެވެ.

"އިޓަލީ އަތުން ބަލިވިޔަސް ބެލްޖިއަމްގެ ފެންވަރު އަހަރެމެންނަށް އެނގޭ. ދުނިޔޭގެ ފެންވަރުގައި ބެލިޔަސް ބެލްޖިއަމަކީ ތަފާތު ޓީމެއް. މި ކަހަލަ މެޗުތަކުގައި ކުޅެން ޖެހޭނީ ވަރަށް ސަމާލުވެގެން. ސްވިޑަންއާ ދެކޮޅަށް ދެއްކި ކުޅުމަށް ވުރެން މި މެޗުގައި މާ ރަނގަޅަށް ކުޅެން ޖެހޭ،" ފުރަތަމަ މެޗުގައި ސްވިޑަންއާ 1-1 އިން އެއްވަރުވި ޓީމުގެ ކޯޗު އޮނީލް ބުންޏެވެ.

މި ގްރޫޕުގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތް އިޓަލީ ވަނީ ދެ ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. އަޔަލެންޑާއި ސްވިޑަން އަށް އެއް ޕޮއިންޓް ލިބިފައިވާއިރު ބެލްޖިއަމަށް ޕޮއިންޓެއް ނުލިބެ އެވެ. މި މެޗުން ބެލްޖިއަމް ބަލިވެއްޖެ ނަމަ އެ ޓީމަށް ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރޭ ހިމެނިގެން ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ގެއްލޭނެ އެވެ. އޭރުން އެ ޓީމަށް ޖެހީ ފަހު މެޗުން ތިން ޕޮއިންޓް ހޯދައިގެން، ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމުގެ ތެރޭ ހިމެނޭތޯ އިންތިޒާރުކުރާށެވެ. އަނެއްކޮޅުން މިއަދުގެ މެޗުން މޮޅުވެއްޖެ ނަމަ އަޔަލެންޑަށް ދެ ވަނަ ބުރުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެވެ.

ރާއްޖެ ގަޑިން މިއަދު އިރުއޮއްސި ހައެއް ޖަހާއިރު ކުޅޭ މެޗަށް އިންތިޒާރުކުރާ އަނެއް ޓީމަކީ އިޓަލީ އެވެ. އެއީ މި މެޗުން އަޔަލެންޑް މޮޅުނުވެއްޖެ ނަމަ އިޓަލީ އަށް ފަހު މެޗުގެ ކުރިން ގްރޫޕުގެ އެއް ވަނަ ކަށަވަރުވާނެތީ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 75%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454