2010ގެ ވޯލްޑް ކަޕް މެޗެއްގެ ތެރެއިން ޓެވޭޒް.-- ފޮޓޯ: އޭއެފްޕީ
24 އޯގަސްޓް 2017 - 13:08
ލަންޑަން (އޮގަސްޓް 24) - ދެކުނު އެފްރިކާގައި 2010 ވަނަ އަހަރުގައި އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި 25 ކުޅުންތެރިއަކު މަނާ ބޭސް ބޭނުންކުރި ކަމަށް ބުނެ ރަޝިއާގެ ހެކަރުން ލިޔެކިއުންތަކެއް ލީކުކޮށްލައިފި އެވެ.
ފޭންސީ ބިއާސް ނަމަކަށް ކިޔާ މި ގްރޫޕުން ވަނީ މީގެ ކުރިން ވެސް ގިނަ މުބާރާތްތަކުގައި މަނާބޭސް ބޭނުންކުރި އެތުލީޓުންގެ ޑޮކިއުމަންޓްތަކެއް ވެސް ލީކުކޮށްލައިފަ އެވެ.
އެ ފަހަރު ވޯލްޑް ކަޕްގައި މަނޭ ބޭސް ބޭނުންކުރި ކަމަށް ތުހުމަތުކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި އާޖެންޓީނާގެ ކާލޮސް ޓެވޭޒާއި ގަބްރިއެލް ހެއިންޒް އަދި ހުއާން ސަބެސްޓިއާން ވެރޯން ހިމެނެ އެވެ. މި ކުޅުންތެރިން މަނާ ބޭސް ބޭނުންކޮށްފައިވަނީ އާޖެންޓީނާ ޓީމު ޑޮކްޓަރުގެ އެހީގައި ގޯސް ލިއުންތަކެއް ހުށަހަޅައިގެން ކަަމަށް ބުނެފައިވެ އެވެ.
ލިވަޕޫލަށް ކުރިން ކުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޑާކް ކައުޓް މަނާ ބޭސް ނަގާފައިވަނީ ދަތުގެ މައްސަލަ އަކަށް ނެގި ޕެއިންކިލާއެއްގެ ގޮތުގަ އެވެ. އަދި ޖަރުމަނުގެ ފޯވާޑް މާރިއޯ ގޯމޭޒް މަނާ ބޭސް ބޭނުންކުރީ ނޭވާ އަށް އުނދަގޫ ކުރާ ކަމަށް ބުނެ، އެއްވެސް މެޑިކަލް ޓެސްޓެއް ހެދުމެއްނެތި އެވެ.
ނިއު ޒީލެންޑަށް ކުޅުނު ޑިފެންޑަރު ރިޔާން ނެލްސަން މަނާ ބޭސް ބޭނުންކުރީ ދާއިމީގޮތުން ބޭނުންކުރަން ޖެހޭ ބެހޭކަމަށް ބުނެ، ޓީމު ޑޮކްޓަރުގެ އެހީގައި ގޯސް ބޭސް ސިޓީއެއް ބޭނުންކޮށްގެންނެވެ.
މީގެ ކުރިން ވެސް ހެކަރުންތަކެއް މިގޮތަށް އާންމުކުރި ލިޔެކިއުންތަކެއް ބަލައިގެން ވޯލްޑް އެންޓި-ޑޯޕިން އެޖެންސީ (ވާޑާ) އިން ވަނީ ތަހުގީގުތަކެއް ހިންގައިފަ އެވެ. އަދި އެކަމާ ގުޅިގެން ގިނަ އެތުލީޓުންނަށް ފިޔަވަޅުތަކެއް ވެސް ވަނީ އަޅައިފަ އެވެ.
ރަޝިއާ ހެކަރުން މި ފަހަރު ލީކުކޮށްލާފައިވާ ލިއެކިއުންތަކާ ގުޅިގެން އަދި ރަސްމީ ގޮތެއްގައި އެއްވެސް އިދާރާ އަކުން ތަހުގީގެއް ނުފަށަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy