24 ސެޕްޓެމްބަރ 2017 - 11:25
އިސްތަންބޫލް، ތުރުކީ (ސެޕްޓެމްބަރު 24) - ތުރުކީ ލީގުގައި ރޭ ކުޅުނު އިސްތަންބޫލް ޑާބީގައި ފަސް ރަތް ކާޑު ފެނިގެންދިޔައިރު، ބެސިކްޓާސް އަތުން 2-1 އިން ފެނަބާޗޭ މޮޅުވެއްޖެ އެވެ.
ރޭގެ މެޗުގައި ފެނަބާޗޭގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކިއިރު، ބެސިކްޓާސްގެ ތިން ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
މެޗުގެ 20 ވަނަ މިނިޓްގައި ޑިޕޯލާގެ ޕެނަލްޓީން ފެނަބާޗޭ ލީޑު ނެގި އެވެ. މެޗުގެ 43 ވަނަ މިނިޓްގައި ބެސިކްޓާސް އަށް ކުޅޭ ޕޯޗުގަލްގެ ވިންގް ރިކާޑޯ ކަރެސްމާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކިއިރު، ހާފް ނިމުމުގެ ކުރިން ފެނަބާޗޭގެ ލުއިޒް ނޭޓޯ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
މެޗުގެ 85 ވަނަ މިނިޓްގައި ބެސިކްޓާސްގެ އަޓިބާ ހަޗިސަން އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކިއިރު، އޭގެ މިނިޓެއް ފަހުން ޕެނަލްޓީ އަކުން ވިންސެންޓް ޔެންސަން ފެނަބާޗޭ އަށް ލީޑުފުޅާކޮށްދިނެވެ.
ދެ ކުޅުންތެރިން މަދުކޮށް ކުޅެން ޖެހުނު ނަމަވެސް މެޗުގެ 87 ވަނަ މިނިޓްގައި ރަޔާން ބަބެލް ވަނީ ބެސިކްޓާސް އަށް ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ. އޭގެ މިނިޓެއް ފަހުން ފެނަބާޗޭގެ އިސްމާއިލް ކޮބަޔާސީ ނުރައްކާތެރި ފައުލެއް ކުރުމުން ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
އަދި މެޗުގެ އިތުރު ވަގުުތުގައި ބެސިކްޓާސްގެ އޮގުޒަން އޮޒްޔަކުޕަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. މިއީ ތުރުކީ ލީގުގައި ފަހަކަށް އައިސް އެންމެ ގިނަ ރަތް ކާޑު ފެނިގެންދިޔަ މެޗެވެ.
މި މޮޅާ އެކު ފެނަބާޗޭ ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ހަ މެޗުން އެ ޓީމަށް ވަނީ 11 ޕޮއިންޓް ލިބިފަ އެވެ. ބެސިކްޓާސް ދެ ވަނައިގައި ހަ މެޗުން 13 ޕޮއިންޓާ އެކު އޮތްއިރު، އެއް ވަނައިގައި ފަސް މެޗުން 13 ޕޮއިންޓާ އެކު އޮތް ގަލަސަތަރާއި މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް ތިން ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުމާރު
24 September 2017
ތީ ޕެޕޭ ތި ލީގަށް ދިޔައިމަ ވެގެން އުޅޭ ގޮތެއް