ވޭލްސްގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ގަރެތު ބޭލް އާއި އާރޮން ރަމްސޭ.-- ފޮޓޯ: އޭއެފްޕީ
03 ޖުލައި 2016 - 15:56
ބޯޑޯ، ފްރާންސް (ޖުލައި 3) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޕޯޗުގަލް ބަލިކުރެވޭ ފެންވަރު ވޭލްސްގެ އެބަހުރި ކަމަށް އެ ޓީމުގެ މިޑްފީލްޑަރު އާރޮން ރަމްސޭ ބުނެފި އެވެ.
ރަމްސޭ އަކީ މި ފަހަރު ޔޫރޯގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް މިޑްފީލްޑަރެވެ. އެއް ލަނޑު ޖެހުމުގެ އިތުރުން ހަތަރު ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. އެކަމަކު ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ސެމީ ފައިނަލުގައި ސެންޓޭ ނުކުޅޭނެ އެވެ. ރަމްސޭ ބުނީ އޭނާ ނުލައި ވެސް ވޭލްސް އަށް މޮޅުވެވޭނެ ކަމަށެވެ.
"ސެމީގައި ނުކުޅެވުމަކީ އަހަންނަން ލިބުނު ހިތާމައެއް. އެކަމަކު އަހަރެން ނެތަސް ވޭލްސް އަށް ޕޯޗުގަލް ބަލިކުރެވޭނެ. އެއީ އަހަރެންގެ ބަދަލުގައި އަރާ ކުޅުންތެރިއާ އަށް އަހަރެންގެ އިތުބާރު އޮތުމުން. ޓީމުގެ 23 ކުޅުންތެރިންނަކީ ވެސް ފެންވަރު ރަނގަޅު ކުޅުންތެރިން،" އާސެނަލަށް ކުޅޭ ރަމްސޭ ބުންޏެވެ.
ރަމްސޭ ބުނީ ވޭލްސް އާއި ޕޯޗުގަލްގެ މެޗަކީ ހަމައެކަނި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގަރެތު ބޭލްގެ ވާދަވެރި މެޗެއް ނޫން ކަމަަށާއި މި މެޗުގެ މުހިއްމުކަން އެއަށް ވުރެން ބޮޑު ކަމަށެވެ.
"ރޮނާލްޑޯ އާއި ބޭލްގެ ވާދަވެރިކަމަށް ވުރެން މުހިއްމުކަން ބޮޑު މެޗެއް އެއީ. މީޑިއާ ދެކޭނީ ދެ ކުޅުންތެރިންގެ މެޗެއްގެ ގޮތުގައި ނަމަވެސް، މިއީ ދެ ގައުމެއްގެ ކުރިމަތިލުމެއް. ވަކި ކުޅުންތެރިއެއްގެ ކާމިޔާބީ އަކަށް ވުރެން މުޅި ޓީމުގެ ފައިދާ އަށް ކޮންމެ ކުޅުންތެރިއަކު ވެސް ވިސްނަނީ،" ރަމްސޭ ބުންޏެވެ.
ވޭލްސް އާއި ޕޯޗުގަލް ކުޅޭ ސެމީ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެރޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިގުދޫ ހުސޭނު
03 July 2016
ކާކުބާ ސެންޓޭ އަކީ
ދިއްދޫ ބޯތަށި ހުސޭނު
04 July 2016
ސެންޓޭ އަކީ ދެން ކާކު މި މީހުން ކައިރި... ދިއްދޫ ހުސައިނު ކިޔާފާނެ ކޮންމެ އެއްޗެކޭވެސް ދޯ..