ރޭގެ މެޗަށް ފަހު ބޭލް: އޭނާ ބުނީ ކުޅުންތެރިން ކުރި ހިތްވަރާ މެދު ފަހުރުވެރިވާ ކަމަށް.-- ފޮޓޯ: އޭއެފްޕީ
07 ޖުލައި 2016 - 04:22
ލިޔޯން، ފްރާންސް (ޖުލައި 7) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަލަށް ވާދަކޮށް ވޭލްސް ކުޅުންތެރިން ކުރި ހިތްވަރާ މެދު ފަހުރުވެރިވާ ކަމަށާއި ސެމީން ބަލިވެ މުބާރާތުން ކެޓި ނަމަވެސް މާޔޫސްކަމެއް ނެތް ކަމަށް ވޭލްސްގެ ތަރި ގަރެތު ބޭލް ބުނެފި އެވެ.
ވޭލްސް ދެ ވަނަ ބުރުން ޖާގަ ހޯދީ ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ދެ ވަނަ ބުރުގައި 1-0 އިން ނޮދަން އަޔަލެންޑް ބަލިކުރި އިރު ސެމީން ޖާގަ ހޯދީ ގަދަފަދަ ބެލްޖިއަމްގެ މައްޗަށް 3-1 އިން ކުރިހޯދުމަށް ފަހު އެވެ. ސެމީގައި މިރޭ އެ ޓީމު ބަލިވީ ޕޯޗުގަލް އަތުން 2-0 އިންނެވެ.
"ސެމީން ބަލިވުމުން ދެރަވޭ. އެކަމަކު ފުރަތަމަ މުބާރާތުގައި މި ދެއްކުނު ކުޅުމާ މެދު އަހަރެން ފަހުރުވެރިވޭ. ސަޕޯޓަރުންނަށް ވެސް ހާއްސަ ޝުކުރެއް އަދާކުރަން،" ބޭލް ބުންޏެވެ.
މިއީ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ވޭލްސް ބޮޑު މުބާރާތެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ. އަދި ބޮޑު މުބާރާތެއްގެ ސެމީ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. ބޭލް ވަނީ މި ފަހަރުގެ މުބާރާތުގައި ތިން ލަނޑު ޖަހައިފަ އެވެ.
"ދަނޑު މަތީގައި އަދި ދަނޑު ބޭރުން ވެސް ފެނުނީ އެއްބައިވަންތަކަން. ކުޅުންތެރިން ވެސް އަދި ސަޕޯޓަރުން ވެސް ދެއްކީ ވަރަށް ފުރިހަމަ މިސާލެއް. މި ކަންތައްތަކަށް ބަލާއިރު މިއީ ހުރިހާ ގޮތަކުން ވެސް އަހަރެމެންނަށް ކާމިޔާބު މުބާރާތެއް." ރެއާލް މެޑްރިޑްގެ ފޯވާޑް ބޭލް ބުންޏެވެ.
އޭނާ ބުނީ ބަލިވީ ގާތްގާތުގައި ދެ ލަނޑު ވަނުމުން ކަމަށާއި އަދި ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުމުން ކަމަށެވެ.
"ރޮނާލްޑޯ އާއި ޕޯޗުގަލް އަށް އަހަރެން މަރުހަބާ ކިޔަން. ރޮނާލްޑޯ ލަނޑު ޖެހުމުން އަހަރެން ހައިރާނެއް ނުވޭ. އަހަރެންގެ އުއްމީދު ކުރަން އޭނާ ފައިނަލުގައި ވެސް ލަނޑު ޖަހާނެ ކަމަށް،" ބޭލް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy