މުހައްމަދު ޔާމީން (ކ)، "މިހާރު"ގެ އެހެން ނޫސްވެރިންނާ އެކު ނިއުސްރޫމްގައި މަސައްކަތްކުރަނީ
31 ޑިސެމްބަރ 2017 - 06:52
ސެޕްޓެމްބަރު 28، 2017ގެ ރޭ މުޅި ގައުމު ސިއްސުވައިލީ ހުޅުމާލޭގައި ވަރަށް ޒުވާން ދެ ކުއްޖަކު މަރުވި ހަބަރަކާ އެކު އެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. އަދި އުމުރުން 23 އަހަރުގެ އަހަރެމެންގެ ޒުވާން ނޫސްވެރިޔާ މުހަންމަދު ޔާމީނަށް އެކަން މާ ބޮޑަށް ވެސް ތަފާތު ކަމަކަށް ވި އެވެ. ހުޅުމާލޭގައި ހިނގި ކަމަކަށް ވެފައި، އޭނާ ވެސް ދިރިއުޅެނީ ހުޅުމާލޭގައި ކަމަށް ވާތީ ޒުވާނުންނާއި ހުޅުމާލެއާ ގުޅިފައި އޮތީ ކިހިނެއްކަން އެންމެ ފުރަތަމަ ނަގައިގަނެވުނު އެކަކަކީ އޭނާ އެވެ. އެކަން އޭނާ ސާބިތުކޮށްދިނީ، މުޅި އަހަރުގެ ތެރޭގައި ވެސް އެންމެ ގިނަ ބަޔަކު ކިޔަން މަޖުބޫރު ކުރުވި ލިޔުމުންނެވެ.
"ދެ ޒުވާނުން މަރުވީ މަޖަލުގެ ތެރޭގައި ތިއްބާ: ރަހުމަތްތެރިިން"، މި ސުރުހީއާ އެކު ސެޕްޓެމްބަރު 29 ވަނަ ދުވަހު މެންދުރު "މިހާރު"ގައި ޝާއިއުކުރި ރިޕޯޓް ވެގެން ދިޔައީ، ބެލެވޭ ގޮތުގައި ރާއްޖޭގެ އެއްވެސް ނޫހަކަށް މިހާތަނަށް ބްރޭކް ނުކުރެވޭ ވަރުގެ ރެކޯޑެއް ހެދި އާޓިކަލަކަށެވެ. މި ރިޕޯޓް ކިޔާފައިވާ އަދަދު 124،000 އަށް އަރަ އެވެ. ޔާމީންގެ މި އާޓިކަލް ޝާއިއު ކުރުމާ އެކު ސޯޝަލް މީޑިއާގައި ވައިރަލްވެ، ކޮމެންޓްތައް އޮހެން ފެށި އެވެ.
ކީއްވެ ހެއްޔެވެ؟ އޭގެ ޖަވާބު ޔާމީން ދިނެވެ.
"ހުޅުމާލޭގައި ދެ ޒުވާނުން މަރުވި ވާހަކަ ފިޔަވައި 15 ގަޑިއިރު ވީއިރު ވެސް އެއްވެސް އަޕްޑޭޓެއް އެއްވެސް ނޫހަކު ނެތް. އެހެންވެ، އަހަރެން ބެލީ އެ ހާދިސާ ހިނގީ ކީއްވެގެންތޯ. ދެ ޒުވާނުން މަރުވީ ބުރާސްފަތި ދުވަހުގެ ރޭ ކަމަށް ވެފައި ހުކުރު ދުވަހުގެ މެންދުރު ކުރި ކިޔުންތެރިން އެއްކޮށް ދިޔައީ އޭގެ އަޕްޑޭޓެއްގެ އިންތިޒާރުގައި ތިއްބާ،" އޭނާ ބުންޏެވެ.
"އެހެން ތިއްބާ އަހަރެމެން މި ގެނެސްދިނީ މުޅިންް އާ ވާހަކަތަކެއް. އެ ވާހަކަތަކަކީ ބައެއް މީހުންނަށް ހައިރާން ކަމާއި ކުއްލި ސިހުންތަކެއް ގެނެސްދިން ވާހަކަތަކެއް. އަދި އެއީ މުޅި ރާއްޖެ އަށް ވެސް ވާހަކަތަކެއް."
ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އަދި ދަފްތަރު ފާތުމަތު ސަމާ، 18، ކުއްލި ގޮތަކަށް މަރުވީ ކީއްވެގެންތޯ ވަރަށް ގިނަ މީހުން އޭރު ވެސް ސުވާލު އުފައްދަމުން އަ އެވެ. މި މަރާ ގުޅޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަތައް ދެކެވުނެވެ. މަރުގެ ވާހަކަ އެންމެ ފުރަތަމަ ފެތުރުނު ގޮތާއި އެ މަރުގެ ތަަފުސީލުތަކުން ނިއުޅެމުން އައި ހަގީގަތްތަކުގައި ވަރަށް ތަފާތު ބޮޑެވެ. އެހެންވެ، މިއީ އާދައިގެ ދެ މަރު ނޫން ކަން އާންމުންނަށް ވެސް އޮތީ ފަހުމްވެފަ އެވެ. ރައްޔިތުން ޝައްކެއް ނެތި ގަބޫލުކުރަން ބޭނުންވެގެން ތިބީ، އެ ދެ ޒުވާނުން މަރުވީ ކޮން ކަހަލަ ހާދިސާއެއް ހިނގައިގެން ކަމެވެ.
"އަހަންނަށް ވެސް ވިސްނުނު އެއްޗަކީ އެއީ. ކޮންމެވެސް އެހެން ކަމެއް އެބަ އުޅޭކަން. އާންމުކޮށް މި ކަހަލަ މަރެއްގައި ނުއުފެދޭ ވަރުގެ ސުވާލުތަކެއް ނޫސްވެރިންގެ ތެރޭގައި ވެސް ހުރި. އަހަރެން ނުކުތީ އެ އަށް ޖަވާބު ހޯދަން،" 'މިހާރު'ގެ ސީނިއާ ރިޕޯޓަރު ބުންޏެވެ.
މަރުގެ މިކަހަލަ ހާދިސާތަކާ އެކު ނޫސްވެރިންނަށް އާންމުކޮށް އެނގޭނެ ހަމައެކަނި އެއްޗަކީ ފުލުހުން ދޭ މައުލޫމާތެވެ. ނަމަވެސް މަރުވި ކަމާއި އެ މީހުންގެ ނަން ބުނެދިނުން ފިޔަވައި އޭގެ ތަފުސީލުތަކަށް ފުލުހުން ދާނީ ދުވަސްތަކަކަށް ފަހު އެވެ. މާނައަކީ، މި ކަހަލަ މަރެއްގައި އަޑި އަށް ފީނާލުމަށް ނޫސްވެރިންނަށް ފުރުސަތު އޮތް ވާހަކަ އެވެ. ޔާމީން އެ ރެއިން އެ ރެއަށް ނުކުތީ އެ ކަނޑުގައި ފީނާށެވެ. އިސާހިތަކު އޭނާ އަށް އޭނާގެ މަންޒިލް އަތުޖެހުނީ އެވެ.
"ވަރަށް އިތުބާރު އޮތް އަދި އެ ރޭ އެ މީހުން އެ ކުރި ކަންތައްތައް ދުށް މީހުންނާ ނަސީބަކުން ދިމާވި،" އޭނާ ބުންޏެވެ.
"އެހެންވެ އެހާ ޔަގީންކަމާ އެކު، އެ ހާދިސާ ހިނގީ މިހެންވެ ކަން ބުނީ."
ހާމީން އާއި ސަމާ މަރުވީ ހުކުރު ވިލޭރޭ އުފަންދުވަހުގެ ޕާޓީއެއް ބާއްވަން ބޭއްވި ތައްޔާރީތަކުގެ އަރިމަތިން ހިނގައި ދިޔަ ކުޑަ އެއްވެލުމެއްގެ ތެރޭގަ އެވެ. އެ ދެ ޒުވާނުންނަށް އެނގިގެން ވިޔަސް، ނުވަތަ ނޭނގި ނަމަވެސް، އިވުނު ހުރިހާ ވާހަކަތަކަށް ފަހު ޔާމީނަށް ޔަގީންވީ، ޕާޓީ ޑްރަގްސްގެ ތެރެއަށް ބާރުގަދަ އެނާޖީ ޑްރިންކެއް އަޅައިގެން ބުއި ކަމެވެ. ދެ ޒުވާނުން ވެސް މަރުވީ ހަމަ ކުއްލިއަކަށެވެ. އެމީހުންނަށް އާދަޔާ ހިލާފު ގޮތްތަކެއް ވާތީ ސަލާމަތްކުރެވޭތޯ ކުރި މަސައްކަތްތަކުގެ ތަފުސީލު އެ ރިޕޯޓްގައި ހިމަނާފައިވެ އެވެ.
"ވަރަށް ބޮޑަށް އޭގެ ތަފުސީލުތައް ހޯދިން. އާޓިކަލާ ގުޅޭ ބައެއް ފޮޓޯތައް ވެސް ނެގިން،" ޔާމީން ބުންޏެވެ.
"މުޅި ދުވަސް ހޭދަވީ އެ ކަމުގައި. ރިޕޯޓް ޝާއިއުކުރި ފަހުން ލިބެމުން ދިޔަ މައުލޫމާތު އެ އަށް އިތުރުކޮށް ފޮޓޯތައް ވެސް އިތުރަށް ހިމަނަމުން ރިޕޯޓް މުއްސަނދިކުރަމުން ދިޔައީ."
އެ ރިޕޯޓުން ޔާމީނަށް ނޫސްވެރިކަމުގެ ފިލާވަޅުތަކެއް ވެސް ލިބުނެވެ.
"މި އާޓިކަލަށް ފަހު އެނގެނީ މިކަހަލަ ހުރިހާ މަރުތަކެއްގެ ފަހަތުގައި ނޫސްވެރިންގެ ވެސް ބޮޑު ޒިންމާއެއް އޮތްކަން. ހަމަ އެހެންމެ އޭގެ ތެރެއަށް ފީނި ވަރަކަށް މައުލޫމާތުތައް އެބަ ލިބޭކަން އެބަ އެނގޭ،" އޭނާ ބުންޏެވެ.
"މިއިން އެނގުނު އަނެއް ކަމަކީ މިކަހަލަ ކޮންމެ ބޮޑު ކަމެއްގެ ތަފުސީލަށް އާންމުން ފެންބޮވައިގެންފައި ތިބިކަން. އެއީ މުޅި މުޖުތަމައުއަށް ދެވޭ މައުލޫމާތެއް. އެ މައުލޫމާތު ރަނގަޅު ގޮތުގައި ބޭނުންކުރެވޭނެ."
ނޫސްވެރިންގެ ހަގީގީ މަސައްކަތަކީ ވެސް އެއީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
31 December 2017
ލިއުމަށް ތާއީދު. ލިއުމުގެފަހު 2 ޕެރަޤްރާފްގައި ރާއްޖޭގައި ފަހަކަށް އައިސް “ގޮތްނޭގޭ މަރުތައް ހިގާއިރު އެކަންކަން ހޯދައިގަތުމަށް ފުރިހަމަ މަސައްކަތް ނުކުރެވޭ”ކަން ފާހަގަވޭ. ބައެއްކަންކަމުގައި “އިންޓަލިޖަންޓް ރިޕޯޓް ހެދުމަށް ކަމާއިބެހޭ ފަރާތްތަށް ހުށިޔާރުވިޔަސް” ބަޔަކު ދުރާލާ ރާވައިގެން ޑރ އަފްރާޝިމް މަރާލުމާއި. ރިލުވާން ވަގަށްނެގުން އަދި ތޫނުފިލި ޒުވާނާ ޔާމީން ރަޝީދު ތުތިމަހަށް ކޮށާލުމުން “ލިއުންތެރިޔާ ބުނާ ފެންވަރަށް މަސައްކަތް ކުރިނަމަ”ޖަރީމާ ހިންގިމީހުން ދަގަނޑު ތޭރިތަކުގެ ފަހަތަށް ނުދާނެތޯ؟ ލިއުމުން ދޭހަވޭ މިފަދަ މައްސަލަތަކާއި “ދައުލަތުގެ ހަޒާނާ އިން ވައްކަން ކުރުމާއި ހިޔާނާތުގެ ފަސާދަ ހުއްޓުވުމަށް” ނޫސްވެރިން މަސައްކަތް ކުރާން ބޭނުންވި ކަމުގައި ވިޔަސް “ސަރުކާރުން ނުވަތަ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ހުރަސްއަޅާފައިވާތީ” އަދި ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ހޯދާދީ “ޖާނުގެ ރައްކާތެރިކަން ކަށަވަރު ނުވާތީ” މިފަދަ މައްސަލަ ހޯދުމަށް ނޫސްވެރިންނަށް ހުރަސް އެބަހުރިކަން.
ރާއްޖެ
31 December 2017
ގުޑް ޖޮބް.
ކައުންސެލަރު
31 December 2017
އަހަރެން އެޚަބަރުކީ ސުރުޚީ އަޅާފައި އޮތްގޮތުން. "މަޖަލުގެތެރޭގައި ތިއްބާ" މީގެމާނަނެގޭ އެހެންގޮތަކަށްވެސް. މިބުނިގޮތް މިހާރު އެނގޭނެ.
މަހަށް
31 December 2017
އަހަރުގެ އާރޓިކަލް ގެ އެންމެ ފުަނަށް ދިޔައީ ހުޅުމާލޭގައި ދެ ޒުވާނުން ޕާރޓީ ޑްރަގްސް ހޭކެނޑޭ ވަރަށް ބޮއިގެންނޭ އެފަދަ ކަންކަން އެހެންވަނީ އެއީ ޒުވާނުންނަށް ސިއްހަތާއި ބެހޭ ގޮތުން ދެވޭ ތައްލީމް ދަށް ކަމުންނޭ އެކަން ނުކޮށް އޭ ކެނެރީގެ ނަޝީދުގެ ވެރިކަމުގައި ވެސް އަދި ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް. އެކަން ލާރޖް ކޮށް ކުރަމުން މިއަންނަނީ މަމެން ޕިންކީންގެ ވެރިކަމުގައި އެކަނިއޭ މަމެން ޕިންކީންގެ ވެރިކަމުގައި ސްކޫލް ތަކުގައި ކިޔަވައިގެން ނިމޭ ހުރިހާ ކުދިންނަކީ އެއީ ބިއުޓިފުލް މައިންޑުންނޭ އެކުދިން ޕާރޓީ ޑްރަގްސް ވެސް ބޭނުން ނުކުރާނެއޭ އަދި ހޭކެނޑޭ ވަރަށް އެނަރޖީ ޑްރިންކް ދަޅު ދަޅު ނުބޯނެއޭ. މަމެން ޕިންކީންގެ ވެރިކަމުގައި ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ހެދުމުގެ ކަންކަން މިދަނީ ލާރޖް ކޮށް ކުރަމުންނޭ. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ.
ތަރަބެ
31 December 2017
ސިއްހީ ތައުލީމެއް ނޫން، ދީނީ ތައުލީމު ދަށްވިީމަ ވާގޮތް އެއީ.
ފާއިޒް
31 December 2017
ކުރާ އަޅުކަމުން "ތިމާގެ ހިތަށް އަންނަން ޖެހޭ ބަދަލު" ނާންނަމަ މީހުން ދުވާނީ އެހެން އެއްޗެހި ފަހަތުން. ޒިންމާ ނަގަންޖެހެނީ އިލްމްވެރިން. ހައްލަކީ މީހުންނަށް މައުލޫމާތު ދިނުމެއް ނޫން. ހިތް ބަދަލުކޮށްދިނުން.