އާންމުން ރޭ އުފާ ފާޅުކުރަނީ -- ފައިލް ފޮޓޯ: މިހާރު
02 ފެބުރުއަރީ 2018 - 15:20
ސުޕްރީމް ކޯޓުގެ ވަރުގަދަ ހުކުމް ނެރުނުތާ މިހާރު 17 ގަޑިއިރު ވީ އެވެ. އެކަމަކު ސަރުކާރާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ މައްޗަށް ބޮޑެތި ކަންތައްތަކެއް ތަންފީޒު ކުރަން އައި އަމުރު އަދި އޮތީ އޮތްތާނގަ އެވެ. އެ އަމުރު ތަންފީޒު ކުރުމުގެ އަލާމާތެއް އެ މުއައްސަސާތަކަކުން ނުފެނެ އެވެ. އެކަމަކު އަމުރު ތަންފީޒު ނުކުރާނަމެކޭ ވެސް، އެ އަމުރާ ދޭތެރޭ އެއްވެސް ސުވާލެއް އޮތް ކަމަކަށް ވެސް ސަރުކާރަކުން ނުބުނެ އެވެ.
އަމުރު އޮތް ތާނގައި އޮއްވާ، އެ ތަންފީޒު ކުރުމުގެ ބަދަލުގައި ސަރުކާރާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން އުޅުއްވާ ތަން ފެންނަނީ މުޅިން އެހެން މަސައްކަތެއްގަ އެވެ. ސަރުކާރުގެ ބާރުވެރިކަމާއި ރައީސް ޔާމީންގެ ގަޓު ހުންނާނެ ކަމަށް ވިދާޅުވެ، ވަރަށް ގިނަ ބޭފުޅުން ގެންދަވަނީ ޝުއޫރު ފާޅުކުރައްވަމުންނެވެ. ސަރުކާރު ނުވެއްޓޭނެ ކަމަށް އެ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ. އެބޭފުޅުން ތިއްބެވީ ރައީސް ޔާމީނާއެކު ސާބިތުކަންމަތީގައި ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ.
އަނެއްކޮޅުން، ކޯޓުގެ އަމުރު ތަންފީޒު ކުރުން ލަސްވާތީ އިދިކޮޅު ފަރާތްތައް ވަނީ މާޔޫސް ކަމެއްގެ ތެރޭގަ އެވެ. ރުޅިވެރިކަމެއްގެ ތެރޭގަ އެވެ.
"ސުޕްރީމް ކޯޓުން ކަމެއް ނިންމީމާ އެއަށް ތަބާވާން ޖެހޭނީ. އެއީ ގާނޫނުއަސާސީގައި އޮންނަ ގޮތް. ތިމަންނާމެން މި މާނަކުރަނީއޭ... މާނައެއް ދެން ނޯންނާނެ،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
"ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް މިހާރު އަމަލުކުރަން ޖެހޭ. ހުކުމް ތަންފީޒު ނުކޮށްފި ނަމަ އެ މައްސަލަތައް ބެލުން އެއީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތެއް."
މިއަދުގެ ހުކުރު ވަގުތު، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ސިފައިންނާއި ފުލުހުން ބަލަހައްޓަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ހުކުމް ތަންފީޒު ކުރަން ސަރުކާރުން ހަގީގަތުގައި ވެސް ޖެހިލުން ވެއްޖެ ކަމަށާއި ހުކުމް ތަންފީޒު ކޮށްފާނެ ކަމާ ދޭތެރޭ ސުވާލު އުފެދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. މީގެ ކުރިން ކޯޓުގެ ހުކުމެއް އަތުވެއްޖެ ނަމަ، "ހަމަ ވަގުތުން ކޯޓުން ސީދާ ޖަލަށް މީހުން ގެންދާ ސަރުކާރެއް" މި ހުކުމާ އެކު މަޑުން އޮތީ ކީއްވެގެންތޯ ވަރަށް ގިނަ ބޭފުޅުން ސުވާލު އުފައްދަވަ އެވެ.
ބައެއް މީހުންގެ ވިސްނުމުގައި މި ހުކުމް ރައީސް ޔާމީން ތަންފީޒު ކުރައްވައިފި ނަމަ އެކަމަކީ އެމަނިކުފާނުގެ ވެރިކަމަށް "ލޮޅުން" އަރައިފާނެ ކަމެކެވެ. މިވަގުތަށް މިނިވަން ކުރަން ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވަނީ، ރައީސް ޔާމީންގެ ސަރުކާރަށް އެތައް ގޮތަކުން ގޮންޖެހުންތައް ކުރިމަތި ކުރަމުން އައި ސިޔާސީ ބޭފުޅުން ކަމަށް ވުމުން، އެބޭފުޅުން "ވީއްލިފައި" ތިއްބެވުމަކީ މި ސަރުކާރަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ.
ކުރީގެ ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ ހުކުމް އެ އޮތީ އެހެން މީހަކަށް އެހެން ތަރުޖަމާއެއް ވެސް ނުނެރެވޭހާ ސާފުކޮށް ކަމަށެވެ. އަދި ވިދާޅުވީ މިއީ ސުޕްރީމް ކޯޓުން ނެރުނު ހުކުމްތަކަށް ބަލާއިރު އެންމެ ސާފުކޮށް، އަކުރުން އަކުރަށް އަދި ބަހުން ބަހަށް މާނަ ވަރަށް ސާފުކޮށް އޮތް އަމުރެއް ކަމަށެވެ.
"އެހެންވެ ސަރުކާރަށް މިއިން އިތުރަށް އޮޅުމެއް އަރައިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް ނެރުމާ އެކު ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ފުރަތަމަ ސުވާލު އުފައްދާފައި ވަނީ އެއީ އަސްލު ހުކުމެއް ނޫން ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސޮޔާ އެކު އެ ހުކުމް އަލުން އާންމުކުރި އެވެ. އޭގެ ފަހުން އެ ހުކުމުގެ އިނގިރޭސި ތަރުޖަމާ ވެސް ވަނީ ޝާއިއުކޮށްފަ އެވެ.
"ލިޔަންކިޔަން ދަންނަ މީހުން އުޅޭ ގައުމެކޭ މިއީ. އެ ހުކުމް މިއޮތީ ތަމަޅަ ބަހުން ލިޔެފައެއް ނޫނޭ. ސާފު ދިވެހި ބަހުންނޭ ލިޔެފައޭ މިއޮތީ. ކޮން އޮޅުމެއްތޯ އަރާކަށް،" ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކަށް ނުހައްގުން މިހާރު އަދަބު ދެވިއްޖެ. ނުހައްގުން މީހުންނަށް ދޭ އަދަބަށް އެ އަދަބު ދިން މީހުން ކުރިމަތިލާން ޖެހޭނެ."
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރެއޭ ބުނާ މައިގަނޑު ސަބަބަކީ، އޭގައި ބުނެފައިވާ ސިޔާސީ ހައްޔަރީން ދޫކޮށްލުމުގެ މަސައްކަތް ކުރިއަށް ނުދާތީ އެވެ. އެކި ކުށްކުށުގެ ތުހުމަތުގަ އާއި ހުކުމްތަކާ އެކު ޖަލުގައި ތިއްބެވި ސިޔާސީ މީހުން ނަންތަކާ އެކު އަމުރުގައި ވެ އެވެ. އެހެންވެ، އަމުރާ އެކު އެ ބޭފުޅުންގެ އާއިލާތަކުން ވަނީ ރޭ މާލޭ ޖަލަށް ގޮސް އެ ބޭފުޅުން ދޫކޮށްލަން އެދިފަ އެވެ. އެކަމަކު މިހާތަނަށް އައިއިރު ވެސް އެއްވެސް ބޭފުޅަކު ދޫކޮށްލާފައި ނުވާތީ، އެ މީހުން މިހާރު ތިބީ ރަހީނު ކޮށްފައި ކަމަށް އާއިލާތަކުން ބުނެ އެވެ.
ދެން އޮތް ސުވާލަކީ މި އެވެ؛ ސުޕްރީމް ކޯޓުގެ އަމުރާ ދޭތެރޭ ސަރުކާރުން ދެން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އަމުރު ތަންފީޒު ނުކޮށްފިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިއީ ސިޔާސީ އެންމެ އިސް ބޭފުޅުންގެ ހިތުގައި ވެސް އޮތް ސުވާލެވެ. ގާނޫނީ އިސް ބޭފުޅުން ވިދާޅުވަނީ ސުޕްރީމް ކޯޓުގެ އަމުރު އޮތް ގޮތުން އަމުރު ތަންފީޒު ނުކޮށްފިއްޔާ ދެން ކުރިމަތިވެދާނެ ވަރަށް ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި ސަރުކާރުން ފުރަތަމަ ބުނެފައިވާ ގޮތަށް އަމުރާ ގުޅިގެން އެ އަމުރުގެ ސައްހަ ކަމާ ދޭތެރޭ ކޯޓާ މަޝްވަރާ ވެސް ނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.
މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރި ނުވަ ސިޔާސީ ބޭފުޅުން
""ސުޕްރީމް ކޯޓަކީ މަޝްވަރާ ކޯޓެއް ނޫން. އެ ކޯޓުން ވަކި ގޮތެއް ކަނޑައެޅީމަ އިތުރަށް ކުރަން ޖެހޭ މަޝްވަރާއެއް ނޯންނާނެ. ބަންޑާރަ ނައިބު މާ ގިނައިން މަޝްވަރާކުރައްވާތީވެ ހީފުޅުވަނީ އެ ހުކުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވަން ޖެހެއޭ،" ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް އިސް ބޭފުޅުން މި އަމުރު ސިފަކޮށްފައި ވަނީ ބަޣާވާތެއްގެ ގޮތުގަ އެވެ. އެ ބޭފުޅުންގެ ވާހަކަތަކަށް ޖުމްލަ ގޮތެއްގައި ބަލާއިރު އެ އަމުރު ގަބޫލެއް ނުކުރެ އެވެ. ހަމައެހެންމެ، ގައުމުގެ އެންމެ އިސް ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވިދާޅުވެ އެންމެ އިސް ވިދާޅުވާނީ ރައީސް ކަމަށް ސިފަވާ ގޮތަށް ވަރަށް ގިނަ ބޭފުޅުން ވަނީ ވާހަކަ ދައްކަވައިފަ އެވެ.
އަމުރު ތަންފީޒު ކުރަންދެން އިދިކޮޅު ފަރާތްތައް "ހޭލައި ތިބޭނެ" ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އެއްވުންތައް ބާއްވާނެ ކަމަށާއި ދެކޮޅުންތައް ކުރިއަށް ދާނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ. އެހެން ނަމަވެސް އަމުރު ތަންފީޒު ކުރުމުގެ އެއްވެސް ރަސްމީ އަލާމާތެއް ނެތެވެ. ސަރުކާރުގެ ރަސްމީ ބަހަކީ އަމުރު ތަންފީޒު ކުރާނެ ކަމަށެވެ. އެކަމަކު އަމަލީ އެއްވެސް ސިފައެއް އަދި ނުފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވެސް
03 February 2018
ސުޕްރީމް ކޯޓުގެ އަމުރަށް އެހާ ބޮޑަށް ތަބާވާން ޖެހޭކަން އަދިކިރިޔާ އެމްޑީޕީ މީހުންނަށް ރޭކާލައިފި. ގާޒީ ހައްޔަރުކޮށްގެން އުޅުނު އިރު ސުޕްރީމް ކޯޓުގެ ހުކުމަކީ އޮންނަ އެއްޗެކޭވެސް ހީވިބާ؟ އޭރު ކިހިނެތްވެގެންބާ ތަބާނުވީ؟
އަބްދުއްލާ
02 February 2018
އެއްވެސް މީހެއްގެ ހުކުމެއް ސްޕްރީމްކޯޓުން ބާތިލް ކޮށްފަ ވޭބާ ؟ މައާްދިނުމުގެ ގާނޫނު އުވާލީތަ ؟ ގާނޫނާ ހިލާފު ކަމެއް ކުރަން އެއްވެސް ފަރާތަކުން ސަރުކާރަށް އަމުރު ކުރެވިދާނެތަ ؟
އިންސާނާ
02 February 2018
ސަރުކާރުން ބުނަމުން އައީ މަރުގެ ހުކުމް ވެސް ވަރައް އަވަހައް ތަންފީޒު ކުރާނަމޭ އެކަމަކު އެކަން ކުރާނެ ދުވަހެއްނާދޭ ހަމަ އެގޮތައް ސުޕޮރިމް ކޯޓުގެ މިއަމުރުވެސް ތަންފީޒު ކުރާނަމޭ ވިދާޅުވަނީ އޭ ކޮންދުވަހަކު ކޮންއިރަކުކަމެއް ތިބެމާބަލަން އެނގިދާނެތާ ވާއެއްޗެއް
ހުޅު ޕާޓީ
02 February 2018
ތަންފީޒު ކުރާނެ ކަމެއްނެތް. އަބްދުﷲ މުހައްމަދު ދޫކުރަންވެސް ހުކުމްކުރި ކޯޓަކުން. ރަހީނުކޮށްގެން ގެންގުޅުނީ. ބައިތިއްބާ. ކިތަންމެ ވަރަކަށް ތެޅުނަސް ޔާމީނު ވެރިކަމުން ދުރެއް ނުކުރެވޭނެ.
އަލްޖިބްރާ
02 February 2018
މިސަރުކާރަކީ އަމުރަށް ތަބާވާން ދަންނަ ބައެއް ނޫން ! އެމީހުން ކަންތަށް ކުރާނީ ބާރުގެ ބޭނުންކޮށްގެން !
ޢާދަންބެއްޔާ
02 February 2018
. ތިކަން އެންމެފަހުން ނުކުރާނެ މީ އަނިޔާވެރިކަމާ ބޭއިންސާފުން ކަންކަން ކުރުން ހައްދުފަހަނަ އަޅާފައޮތް ވަރަށް ބިރުވެރި ސަރުކާރެތް
އަލީގ
02 February 2018
ނާއިންސާފުން އެތައްބަޔަކައް އަނިޔާވެރިވެ އެކަން ކޯޓުތަކުގެ ބޮލުގަ އެޅުވި ސަރުކާރު މިއަދު ކޯޓުން އަމުރެއްނެރުނީމަ ކުރިންކީ ފަރިހި ބަދަލުކުރަނީދޯ. ދެންހަމަ ޖެހޭނީ އަނިޔާވެރިވަންޏާ އަނިޔާވެރިވެފަ އެކަމުގެ ޒިންމާ އަމިއްލަޔައް ނަގަން މިގައުމުގެ އެންމެ މަތީކޯޓުން އެއޮތީ ދެން ސަރުކާރުގެ އަނިޔާވެރިކަމަުގަ އެމީހުން ބައިވެރި ނުވާނެ ކަމައް ބުނެފަ.
ކަދުރުދައިތަ
02 February 2018
ދެންއޮތް އަލާމާތް މާވަރުގަދަ ބަހައްޓާ އަމިއްލަޔައް ސޯޓްބާލައިގެންތިބެ ދުވާނެ..
ސަފީރު
02 February 2018
ޙަޤީޤަތުގައި މިސަރުކާރު މިވަނީ ނޭވާ ހޮޅިއަށް އެޅިފަ... އެހެންވީމަ މަރަށް ތެޅޭއިރަށް ވަރަށް ވަރުއަރުވާލާނެ.. ގަދަކަން ދައްކަންވެގެން އަމުރު ތަންފީޒުކުރުން ލަސްކުރަނީ.. އެކަމް އަހަރެންގެ ހިތެއްނުބުނޭ 24 ގަޑިއިރަށްވުރެ ގިނައިރަކު ސަރުކާރަކަށް އަމުރުތަންފީޒުނުކޮށް ކެތްކޮއްލެވިދާނެއެކޭ.. ބޭރުޤައުމުތަކުން ސަރުކާރު ޕުރެޝަރަށް ވައްޓާލާ ކުޑަކަކޫ ޖައްސުވާނެ..
ޑިމޮކްރަސީ
02 February 2018
ޢަމުރު ތަންފީޒްކުރިޔަސް ނުކުރިޔަސް މިވެރިކަމުގައި ނިމުމުގެ ސިއްކަޖެހިއްޖެ