ހުޅުމާލެ އާއި މާލެއާ ދެމެދު ހައިވޮލްޓޭޖް ކޭބަލް އަޅަން ޗައިނާގެ ޑޮންފެންއާއެކު ސްޓެލްކޯ އިން މިއަދު ސޮއިކުރުމަށްފަހު ސަލާންކުރައްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
12 ފެބުރުއަރީ 2018 - 16:40
ހުޅުމާލެ އާއި މާލެއާ ދެމެދު ހައިވޮލްޓޭޖް ކޭބަލެއް އަޅަން 44.6 މިލިއަން ޑޮލަރަށް 687.7 މިލިއަން ރުފިޔާ) އަށް ޗައިނާގެ ޑޮންފެންގް އިލެކްޓްރިކް ކޯޕަރޭޝަން (ޑީއީސީ)އާ ސްޓެލްކޯ އިން މިއަދު ހަވާލުކޮށްފި އެވެ.
ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި އެ ކުންފުނިގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަހުމަދު ޒުހޫރެވެ. ޑޮންފެންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރު ވެން އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޒުހޫރު ވިދާޅުވީ، އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓްރީ އާއި އެނާޖީ މިނިސްޓްރީން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. އެކަން ނުވެގެން އެ ކުންފުންޏާ ޕްރޮޖެކްޓް ހަވާލުކުރުމާއެކު ބެއްލެވީ ވީ އެންމެ އަވަހަށް ކުރިއަށް ގެންދެވޭތޯ ކަމަށް ވެސް ވިދާޅުވި އެވެ.
ހުޅުމާލެ އާއި މާލެއާ ދެމެދު ހައިވޮލްޓޭޖް ކޭބަލް އަޅަން ޗައިނާގެ ޑޮންފެންއާއެކު މިނިސްޓަރު ޒުހޫރު ސޮއިކުރައްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
"އިންޓަނޭޝަނަލް ޓެންޑާ އަށް ވެސް ހުޅުވިފައި އޭރު އެ ޓެންޑާ ކެންސަލް ނުކުރެވި، އަޅުގަނޑުމެންނާ ހަވާލުކުރިއިރު އެންމެ އިފެކްޓިވްކޮށް އަދި އެންމެ ރަނގަޅު، ދުނިޔޭގެ އެންމެ މަސްލަހަތު ހުރި ގޮތަށް ބެލުމަށް ފަހު ޑޮންފެންއަކީ އެންމެ އަގުހެޔޮ ފަރާތަށް ވެފައި އަދި ޑޮންފެންގެ ފަރާތުން ހުށަހަޅާފައިވާ ޓާމްސްތަކަކީ އެންމެ ރަނގަޅު ފަރާތަށް ވެފައި، މިހާރު ފިފްތް ޕަވާ ޕްރޮޖެކްޓް ކުރިޔަށް ގެންދަނީ ވެސް އެފަރާތް ކަމަށްވެފައި، އެ ފަރާތާ ހަވާލުކޮށްގެން ކުރިޔަށް ގެންދަން ގަސްދުކޮށްފި ނަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑުތަން އެކި ގޮތްގޮތުން، އަގުގެ ގޮތުން ވެސް ވަގުތުގެ ގޮތުން ސޭވްކުރެވޭނެ ކަމަށް ލަފާކުރެވޭތީ އަޅުގަނޑުމެންގެ މެނޭޖްމަންޓަށް ފެނުނީ ޑޮންފެންއާ ހަވާލުކޮށްގެން ކުރިޔަށްދާން،" އެ ޕްރޮޖެކްޓް ހަވާލުކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔަ ގޮތް ކިޔައިދެއްވަމުން ޒުހޫރު ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓް ޓެންޑާ ކުރުމެއް ނެތި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެހެން ފަރާތަކަށް ހަވާލުކޮށްފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާ ހުށަހެޅުމުން އެ ޕްރޮޖެކްޓް މަޑުޖައްސާލަން ސްޓެލްކޯއަށް އެންގި އެވެ. ނަމަވެސް ފަހުން އޭސީސީން ވަނީ އެ ޕްރޮޖެކްޓް ކުރިޔަށް ގެންދިއުމަށް ހުއްދަ ދީފަ އެވެ.
އެ މައްސަލައަށް އިޝާރާތްކުރައްވައި ސީއީއޯ ޒުހޫރު ވިދާޅުވީ ޑޮންފެންއާ ހަވާލުކުރީ އޭސީސީއާއި މިނިވަން މުއައްސަސާތަކުން ލިބެން ޖެހޭ ލަފާ ހޯދައިގެން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ކުރިޔަށްދާ ފިފްތު ޕަވާ ޕްރޮޖެކްޓް ނިމޭއިރު އެ ކޭބަލް އެޅުމުގެ މަޝްރޫއުގެ މަސައްކަތް ވެސް ނިމޭނެ އެވެ. އަދި އެ ޕްރޮޖެކްޓްގެ ދަށުން 100 މެގަވޮޓްގެ ކަރަންޓް ދެވޭވަރުގެ ދެ ކޭބަލެއް އެޅުމަށް ނިންމާފައިވާ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.
ސްޓެލްކޯއިން ކުރިން ބުނެފައި ވަނީ ޑޮންފެންއާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދާ 50 މެގަވޮޓްގެ ކަރަންޓް އުފައްދާ ޕަވާ ޕްލާންޓުން މާލެއާ ދެމެދު އެޅުމަށް ހަމަޖެހިފައި ވަނީ 132 ކިލޯވޮޓްގެ ހައި ވޮލްޓޭޖް ކޭބަލެކެވެ. އަދި އެއީ ކުއްލި ހާލަތްތަކުގައި މާލޭގެ އިތުރުން ހުޅުލެއަށް ކަރަންޓް ދޭން ބޭނުންކުރަން އަޅާ ކޭބަލެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.
ޑޮންފެން އިން ހުޅުމާލޭގައި ކުރިއަށް ގެންދާ ސްޓެލްކޯގެ ފަސް ވަނަ ޕަވާ ޕްރޮޖެކްޓްގެ 1.2 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެ މަޝްރޫއުގެ ދަށުން 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރުގެ އިތުރުން ފިއުލް ފާމަކާއި ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާލިމް
13 February 2018
ސާބަހޭ ޒުހޫރު. ތިކަމަށް ހުރަސް އަޅާ ތިތާގެ ޗެއަރމަން އަހުމަދު އައިމަން ވަކިކޮއްފަ ވެސް ހިންގާތި
ގޮންގް
12 February 2018
އަޅެ އެމްޑީޕީ ކުދިން ހިތްހަމަ ޖައްސާލަން އެންމެ ޕްރޮޖެކްޓެއް ނަމަވެސް އިންޑިއާ ކުންފުންޔަކާ ހަވާލުކޮށްބަލަ. އެ ހެޔޮ ކުރިއަށް ނުދިޔަޔަސް
އަރޫ
12 February 2018
އަހަރެން ވަރަށް ބިރުގަނޭ މިމީހުން ފެނުނީމަ، މުސްތަޤުބަލުގަ އަހަރުމެންގެ ދަރީންނަށް އަނިޔާކުރާނެ މިމީހުން، ޤައުމު ވިއްކާލި މީހުންނަށް މާފެއް ނުކުރެވޭނެ
ބޭޝަރަމް
12 February 2018
ޕޮކެޓު ތަކާ ޖާޑިތައް ފުރާލާތި
މުގޯލި
12 February 2018
މީތާ މުޅި ސްޓެލްކޯގެ ޑިޕާޓްމެންޓްތަކުގެ ވެރިން އެތަށްމިތަނަށް ލުމުގެ ފަހަތުގައޮތް ސިއްރަކީ...
ގުޑްގުޑް
12 February 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
ޒިންދަގީ
12 February 2018
ކިހާވަރެއްތޯ ފައިކޭޓަށް؟؟