30 މާޗް 2018 - 08:19
ކޮޑޯބާ، އާޖެންޓީނާ (މާޗް 30) - ބޮކަ ޖޫނިއާސް އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ކާލޯސް ޓެވޭޒް ޖަލުގައި ކުޅުނު މެޗެއްގައި އުކުޅުވަޅަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.
ކްލެރިން ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި އުމުރުން 34 އަހަރުގެ ޓެވޭޒް ޖަލަށްދިޔައީ އޭނާގެ ކޮއްކޮ ހުއާން އަލްބާޓޯ މާޓިނޭޒްއާ ބައްދަލުކުރުމަށެވެ. މާޓިނޭޒް އަންނަނީ ހަތިޔާރު ހިފައިގެން ފޭރުމުގެ މައްސަލައެއްގައި 16 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރަމުންނެވެ.
ޓެވޭޒްގެ އުކުޅުވަޅަށް އަނިޔާވީ ޖަލުގައި ގައިދީންނަށް ކުޅެން ހާއްސަކޮށްފައިވާ ދަނޑެއްގައި ކުޅުނު 20 މިނިޓްގެ މެޗެއްގެ ތެރެއިންނެވެ.
ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ސިޓީ އަދި ޔުވެންޓަސް އަށް ކުޅުނު ޓެވޭޒް އަލުން ބޮކަ ޖޫނިއާސް އަށް ބަދަލުވީ މި އަަހަރު އެވެ. އެއީ ބޮޑު އަގުގައި ޗައިނާގެ ސުޕަ ލީގުގައި އެއް އަހަރު ކުޅުމަށް ފަހު އެވެ. މި ފަހަރު ރަޝިއާއަށްދާ އާޖެންޓީނާ ގައުމީ ޓީމުން ވެސް ފުރުސަތު ހޯދާން މަސައްކަތް ކުރަމުން އަންނަ ޓެވޭޒް ވަނީ ބޮކަ ޖޫނިއާސް އަށް ފަސް މެޗުން ތިން ގޯލު ޖަހައިފަ އެވެ.
އާޖެންޓީނާ ލީގުގެ އެއް ވަނައިގައި 20 މެޗަށް ފަހު ބޮކަ ޖޫނިއާސް އޮތް ނަމަވެސް ކުރިއަށް އެ ޓީމަށް އޮތީ އުނދަގޫ މެޗުތަކެކެވެ. ޓެވޭޒަށް މި ލިބުނު އަނިޔާއާ ގުޅިގެން އޭނާ މަދުވެގެން ތިން ހަފްތާ ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މުހިއްމު މެޗުތަކެއް އޮއްވާ ޓެވޭޒަށް އަނިޔާވުމުން ބޮކަ ޖޫނިއާސް އަށް ވަނީ މައްސަލަތަކެއް ކުރިމަތިވެފަ އެެވެ. އާޖެންޓީނާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބޮކަ ޖޫނިއާސް އިން ވަނީ މިކަމުގެ ސަބަބުން ޓެވޭޒް ޖޫރިމަނާކުރަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސްތީ
30 March 2018
ލޯތްބަކީ ދެމީހެއްގެ ، ދެބައެއްގެ ދެމެދުގައި އޮންނަ ލޭގެ ނުވަތަ ރަޙިމްގެ ނުވަތަ އެކުވެރި ކަމުގެ ގުޅުމުގެ ސަބަބުން ހިތުގައި އުފެދި ކުރިލައި ހެދެމުންދާ އިޙްސާސް ތަކެއް. ތިޔަހެން ކުރާ ޓްވީޓަކުން ވެވޭ އެއްޗެއް ނޫން.