ސިޔާސީ / ޔާމީން ރަޝީދު މަރާލުން

އާއިލާ އެކަހެރިކޮށްލިޔަސް އިންސާފު ހޯދަން ސަލާން ޖަހާނެ!

"އެއީ، ހާދަ ލޯބިން ގެންގުޅުނު ކުއްޖެކޭ، ކޮށައި ކުދި ކުދިކޮށްލީއޭ،" ލިޔުންތެރިޔާ ޔާމީން ރަޝީދުގެ ނަން، އަޅުގަނޑަށް ބުނެ ނުނިމެނީސް މަންމަ، މަރިޔަމް ޝަފީގާގެ ދުލުން ބޭރުވީ މި ބަސްކޮޅެވެ.

އެއާއެކު، ދެމަފިރިންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށީ އެވެ. ހަނދާނަށް އައީ، އެޕްރީލް، 23، 2017 ރޭ ދަންވަރު، އަނިޔާވެރިކޮށް ޔާމީން ރަޝީދު މަރާލި ޚަބަރާ ގުޅިގެން އެ ދެމަފިރިންނާ ފުރަތަމަ ބައްދަލުވި ވަގުތުކޮޅެވެ. އެ އިންޓަވިއުގައި ވެސް އެ ދެމަފިރިންނަށް ވާހަކައެއް ނުދެއްކުނެވެ. އަޑުން އަޑު ނަގައި ރުއީ އެވެ.

އޭގެ އަހަރެއްހާ ދުވަސް ފަހުން، މިދިޔަ ހޮނިހިރުދުވަހު، އެ ދެމަފިރިންނާ ބައްދަލު ކުރިއިރު ވެސް އެ ހިތްދަތި ކަމަށް ލުޔެއް ނުލިބެ އެވެ. އިންޓަވިއުގައި ތަކުރާރުވީ، ލޯބިވާ ދަރިފުޅު ވަކިވެ، އާއިލާ އަށް ކުރިމަތިވެފައިވާ ހިތްދަތި ކަމުގެ އަސަރުތަކެވެ.

ޔާމީން ރަޝީދު: އޭނާގެ މަރަށް މިއަދު އަހަރެއް ފުރުނުއިރު އިންސާފެއް ނުލިބޭ.

"އަދިވެސް ހީވަނީ އެއީ، އިއްޔެ ވީ ކަމެއް ހެން. ގަބޫލުކުރަން އަދިވެސް އުނދަގޫ ޔާމީން ވަކިވީ ކަމަށް. ރޭގަނޑު، މީހަކު ގޭގެ ދޮރަށް ތަޅުދަނޑި ޖެހިޔަސް ހިތް ބުނަނީ، އެއީ ޔާމީންއޭ. ދަންވަރު މަގުމަތިން ޕިކަޕެއްގެ އަޑު އިވުނަސް ނުނިދޭ. ހިތަށް އަރަނީ އެއީ، ޔާމީން މަރާލި ރޭ ގޭ ކުރިމަތީގައި އޮތް ޕިކަޕޭ،" ޔާމީން މަރާލި ރޭ ހިނގި ހާދިސާތައް ތަކުރާރުކުރަމުން މަންމަ، ކިޔައިދިނެވެ.

އެ އާއިލާގެ އެންމެ ދޮށީ ދަރިފުޅު ޔާމީނަކީ، މަންމަގެ ހިތްވަރެވެ. ބައްޕަގެ އުއްމީދެވެ. ކޮއްކޮމެންގެ ހިތްހަމަޖެހުމެވެ. ޔާމީނާއެކު އާއިލާގެ ހުރިހާ އުފަލެއް ފޭރިގަނެ، މުޅި އުމުރަށް ހިތްދަތިކޮށްލައިފި އެވެ.

ޔާމީންގެ މަންމަ އާއި ބައްޕަ "މިހާރު"އާ ވާހަކަ ދައްކަނީ: ދަރިފުޅުގެ މަރާ އެކު ދެމަފިރިންގެ ދިރިއުޅުމަށް ވަނީ ހިތްދަތިކަން ވެރިވެފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ގައިގެ އެތަން މިތަނަށް ވަޅި ހަރައި މަރާލާފައި އޮއްވައި ޔާމީން ފެނުނީ އޭނާ ދިރިއުޅޭ މ. ސްޕެކްޓިއުލާ، ސިޑި ކައިރިންނެވެ. އޭނާ މަރާލީ، އެ ރޭ ދަންވަރު އޮފީހުން ނިކުތް ވަގުތުން ފެށިގެން ބަޔަކު ފާރަލަމުން ގޮހެވެ. ހަމަލާދޭން، އެއް ބަޔަކު އޭނާގެ ފަހަތުން ގެއާ ހަމައަށް ދިޔައިރު، އަނެއް ބަޔަކު ތިބީ ބިސްބުރު ކައިރީގައި ހުންނަ އެ ގެއާ ކައިރި ސަރަހައްދުތަކުގައި ފާރައަށެވެ. ފުރަގަހުން ގޮސް ޔާމީންގެ ބޮލަށް ފުރަތަމަ ހަމަލާ އަމާޒުކުރީ، އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް އަރަން ލިފްޓަށް ވަތް ވަގުތެވެ.

"ރޭގަނޑު ގޭގައި މިހެން އިންނައިރު، ހީވަނީ ދޮރު ހުޅުވާލާފައި ޔާމީން ގޭތެރެއަށް ވަންނަނީއޭ. މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ކުއްޖާ ހަނދާންވެގެން ކިތަންމެ ރެއަކު ނުނިދިގެން ހޭލާ އިންނަން،" މަންމަ ބުންޏެވެ.

ޔާމީންގެ ބައްޕަ، ހުސެއިން ރަޝީދު ބުނިގޮތުގައި ރަހުމްކުޑަ ގޮތަކަށް ދަރިފުޅު މަރާލުމަކީ "ބަރުދާސްތު ނުކުރެވޭ ފަދަ ވޭނެކެ"ވެ.

"އަޅުގަނޑަށް ވަރަށް އުނދަގޫ، އެ ވާހަކަ ދައްކަން ވެސް."

ތޫނު އެއްޗަކުން ހަމަލާދީ އެޕްރީލް 23، 2017 ގައި މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދު

އިންސާފަށް ކުރި މަސައްކަތުގެ ބަދަލު؟

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ އަނިޔާވެރި އެއް ގަތުލުގެ ތަހުގީގަށް ފުލުހުން އަށް މީހަކު ހައްޔަރުކޮށް، ހަތް މީހެއްގެ މައްޗަށް ދައުވާ ވެސް އުފުލައިފި އެވެ. ތަހުގީގަށް ފަހު، ފުލުހުން ބުނެފައި ވަނީ، ޔާމީން މަރާލީ، ދީނީ ޚިޔާލުތަފާތުވުންތަކެއްގެ ތެރޭގައި ކަމަަށެވެ. އެ މީހުންނަކީ، ފުލުހުން ބުނިގޮތުގައި، އިސްލާމްދީނަށް ފުރައްސާކުރުމާ ދެކޮޅު ހަދާ ބައެކެވެ. އެ މީހުންގެ ވިސްނުމުގައި ޔާމީނަކީ ދީނަށް ފުރައްސާރަކުރާ މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އާއިލާ އިން ދެކޭ ގޮތުގައި، ތަހުގީގުން އެނގުނު ކަންކަން ކަމަށް ބުނެ ޔާމީންގެ މަރާ ގުޅުވަނީ ހަގީގަތެއް ނެތް ވާހަކަތަކެކެވެ. ދީނީ ގޮތުން، ޔާމީން މަރާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބައްޕަ ބުންޏެވެ.

ގެއްލިގެން ހޯދަމުން އަންނަ ރިލްވާން (ކ) އާއި ޔާމީން

"ޔާމީންގެ މަރުގައި، ހިމެނޭ މީހުން ކަމަށް ބުނެ ފުލުހުން އާއްމުކުރި ބައެއް މީހުންނަކީ، ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، މަސްތުވާތަކެއްޗާއި ވައްކަމާއި މިފަދަ ކުށްތަކުގެ ރެކޯޑު އޮތް މީހުން. ގަބޫލު ނުކުރެވެނީ، ދީނީ ކަމަކާ ގުޅުވައިގެން ފުލުހުން އެބުނާ ފަދަ ސަބަބެއް، ޔާމީން މަރާލުމުގައި މި މީހުންގެ އޮވެދާނެ ކަމަށް،" ހުސެއިން ރަޝީދު ބުންޏެވެ.

ޔާމީން ރަޝީދު އާއިލާއިން މިއަދު ފުލުސް އޮފީހަށް ހުށަހެޅި ސިިޓީތަށް ބަލައިނުގަތުމުން ޔާމީންގެ ބައްޕަ ސިޓީތަކާއެކު ފުލުސް އޮފީސް ބޭރުގައި.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

އަނެއްކޮޅުން، ޔާމީންގެ މަރާ ގުޅޭ މައުލޫމާތު އާއިލާއާ ހިއްސާނުކޮށް، މި މީހުންގެ ދިފާއުގައި ފުލުހުން މަސައްކަތް ކުރާ ކަމަށް ވެސް އާއިލާ އިން ތުހުމަތު ކުރެ އެވެ.

ޔާމީންގެ މަރާލި ސަބަބެއް ކަމަށް އާއިލާ އިން ލަފާ ކުރަނީ، ގެއްލުވާލި ނޫސްވެރިޔާ އަހްމަދު ރިލްވާނަށް އިންސާފު ހޯދަން، އޭނާ ކުރި މަސައްކަތެވެ. އިންސާނިއްޔަތު ކަމާއި އަދުލު އިންސާފަށްޓަކައި ޔާމީން ކުރި ހިތްވަރެވެ. އެކި މައްސަލަތަކުގައި ޚިޔާލުފާޅުކޮށް، ބްލޮގުގައި ލިއުނު ލިއުންތަކެވެ.

އެ ލިއުންތަކާ ގުޅިގެން، ތަކުރާރުކޮށް ޔާމީނަށް މަރުގެ އިންޒާރުތައް ދިނެވެ. ހިމާޔަތަށް އެދި ފުލުހުންނަށް މައްސަލަ ވެސް ހުށަހެޅި އެވެ. އެކަމަކު ޔާމީނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ނުދީ އޮއްވައި އޭނާ މަރާލި މައްސަލައިގައި ފުލުހުންގެ އިހުމާލު ހިމެނޭ ކަމަށް ބުނެ އާއިލާ އިން މައްސަލައެއް ކޯޓަށް ވެއްދި އެވެ. ސިވިލް ކޯޓުން އެ މައްސަލަ ނުބަލައި ބޭރުކޮށްލުމުން މިހާރު ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ.

އާއިލާ އިން ބުނިގޮތުގައި، ޔާމީންގެ މަރާ ގުޅިގެން އާއްމުންގެ ކުރި މައްޗަށް ނެރުނު މީހުންގެ އިތުރުން ފަހަތުގައި ބަޔަކު ފޮރުވިގެން އެބަ ތިއްބެވެ.

ޔާމީން ރަޝީދުގެ މަރާ ގުޅިގެން ފުލުހުން ތުހުމަތު ކުރި ބައެއް މީހުން.

"ޔާމީނަކީ މަގުމަތީގައި އުޅޭ ކުއްޖެއް ނޫން. އޭނަ ކުރާ ކަމަކީ ލިއުން. ޔާމީން މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އޭނަ ލިޔާ އެއްޗެހި ފޮލޯކުރާ ކުދިންނެއް ނޫން. ކިހިނެއް އެ ކުދިންގެ ބޮލަށް މި މަރު ޖަހާފައި ދޫކޮށްލާނީ. ވެދާނެ، ޔާމީން މަރާލީ އެ ކުދިން ކަމަށް. އެކަމަކު އެ ކުދިންގެ ބޮލަށް އެކަނި މިކަން ޖަހާފައި ނިންމޭވަރުގެ ކަމެއް ނޫން މިއީ،" މަންމަ ބުންޏެވެ.

"ޔާމީން މަރާލި ކުދިންނަކީ ޕާސަނަލީ އޭނަ ދަންނަ ކުދިން ނަމަ އަޅުގަނޑަށް 100 ޕަސެންޓް ޔަގީން ނުމަރާނެ ކަން. އެހާ ވެސް މީހުންނަށް ރަނގަޅު ހެޔޮ ކުއްޖެއް ޔާމީނަކީ."

ޔާމީންގެ މަންމަ "މިހާރު"އާ ވާހަކަ ދައްކަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ސިއްރު މި ކުރަނީ ކޮން ކަމެއް؟

ޔާމީންގެ މަރުގެ މައްސަލައިގައި އެކަށީގެންވާ ހެކި ހޯދިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ޔާމީން އެ ރޭ ދަންވަރު، އޮފީހުން ނުކުމެގެން ގެއަށް ވަންނަން ދެން އޭނާ އަށް ފާރަލި މީހުންނާއި ގޭގެ ލިފްޓަށް އަރަނިކޮށް އޭނާ އަށް ހަމަލާދިން މީހުންނާއި އެހީތެރިވި މީހުންގެ ކުދިކުދި ތަފްސީލުތައް ވެސް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހެކިތަކާ އެކު މައްސަލަ ކޯޓަށް ފޮނުވުމަށް ފަހު، ދައުލަތުން އެދިފައި ވަނީ ޝަރީއަތް ސިއްރުކޮށްދޭށެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

މިއީ ހުޅުވާލައިގެން ބާއްވަން ޖެހޭ ޝަރީއަތެއް ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. ޔާމީންގެ ޝަރީއަތަށް ވަންނަން ބޭނުންވެގެން، އާއިލާ ދަނީ މުއައްސަސާތަކުގައި އާދޭސްކުރަމުންނެވެ. އެކަމަކު، އެ ޝަރީއަތް ހުޅުވާލައިގެން ބޭއްވިދާނެ ކަމުގެ އެއްވެސް އުއްމީދެއް އާއިލާ އަކަށް އަދި ނުލިބެ އެވެ.

ޔާމީނަށް އިންސާފު ހޯދަން އެދި އާއިލާ އިން ނުވަންނަ މުއައްސަސާއެއް ނެތެވެ. އެކަމަކު، ހުރިހާ މުއައްސަސާތަކުން ވެސް އެކަމުގައި އިހުމާލުވެ އާއިލާ އަށް އިތުރު ހިތްދަތިކަން ދީ، ކުރީ ފުރައްސާރަ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

"އަޅުގަނޑަކަށް ނުވިސްނޭ، ޔާމީންގެ ޝަރީއަތްތައް ސިއްރު ކުރަން ޖެހޭ ސަބަބެއް. އެއްވެސް މައުލޫމާތެއް އާއިލާއަކަށް ނުދޭ. އެ ޝަރީއަތް ސިއްރުކުރަން ޖެހުމަކީ އަޅުގަނޑުމެން ދެކޭ ގޮތުގައި ވަރަށް އާދަޔާޚިލާފު ކަމެއް. ބައެއް އެހެން މީހުންގެ ޝަރީއަތްތައް ވެސް ހާމަކޮށްފައި އެބަހުރި."

"އެކަމަކު ޔާމީންގެ މަރުގެ މައްސަލައިގެ ހުރިހާ މަރުހަލާއެއް ވެސް މި ދިޔައީ ސިއްރުން. ހެކި ހޯދުމާއި ތަހުގީގު ކުރުމާއި ޝަރީއަތް ވެސް ސިއްރު."

އުއްމީދެއް ނެތް، މާޔޫސްކަން!

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ އަނިޔާވެރި އެއް މަރުގެ ބަދަލުގައި އާއިލާ އިން އެދެނީ އިންސާފެވެ؛ އެކަމަކު ޔާމީންގެ މަރަށް އެއް އަހަރުވި އިރު، އިންސާފު ލިބިދާނެ ކަމުގެ ކުޑަ ވެސް އުއްމީދެއް އާއިލާ އަކަށް ނެތެވެ.

ޔާމީން މަރުވި ފަހުން މިވީ އެއް އަހަރުގެ ތެރޭގައި އެތައް ކަމެއް ހިނގައިފި އެވެ. އާއްމުންނަށް އެނގިގެންނާއި ނޭނގި ވެސް އާއިލާ އަށް އެތައް ކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. ޔާމީނަށް، އިންސާފު ހޯދަން ކުރި މަސައްކަތުގައި ހިތްދަތި އެތައް ކަމެއް އާއިލާ އަށް ތަހައްމަލް ކުރަން ޖެހިއްޖެ އެވެ.

ސަރުކާރުގެ ވަޒީފާގައި ތިބި އެ އާއިލާ އަށް ނިސްބަތްވާ ބަޔަކު ވަޒީފާ އިން ވަކިކޮށްފި އެވެ. މައްސަލައަކަށް ވީ ޔާމީނަށް ހައްގު ހޯދަން އަޑު އުފުލުމެވެ.

ޔާމީންގެ މަރުގެ މައްސަލަ ސިޔާސީކޮށްފި ކަމަށް ބުނެ އާއިލާ އަށް އެތައް ތުހުމަތުތަކެއް ވެސް ކޮށްފި އެވެ. ޔާމީންގެ މަރާ ގުޅޭ ގޮތުން، އާއިލާއާ ބައްދަލުކޮށް، ސަރުކާރަށް ނިސްބަތްވާ ސިޔާސީ އެއްވެސް ބޭފުޅަކު މިހާތަނަށް އެންމެ ކުޑަމިނުން ހަމްދަރުދީ ވެސް ފާޅުކޮށްފައި ނުވެ އެވެ. އާއިލާއާ ގާތްގުޅުން އޮންނަ، ސަރުކާރުގެ އިސް މަގާމުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް، ޔާމީންގެ މަރަށް ފަހު އާއިލާއާ މުޅިން ދުރުވެއްޖެ އެވެ. ޔާމީންގެ މަރާ އެކު އެ އާއިލާ "ސިޔާސީ ގޮތުން ކުށްވެރިވެއްޖެ" ކަމަށް ދެކެން ފަށައިފި އެވެ.

ޔާމީންގެ މަންމަ އާއި ބައްޕަ "މިހާރު"އާ ވާހަކަ ދައްކަނީ: އެ ދެމަފިރިންގެ އުއްމީދަކީ ދަރިފުޅުގެ ގަތުލުގެ އަޑީގައި ތިބި މީހުން ދެނެގަނެވި އިންސާފު ލިބުން.-- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"އަޅުގަނޑުގެ ދަރިފުޅު މަރާލީމާ، އަޅުގަނޑު ނުކުންނާނެ، އަޅުގަނޑު އުޅޭނަން. އެކަން ހަނދާނެއް ވެސް ނުނެތޭނެ. ހުއްޓައެއްވެސް ނުލާނަން، ހުއްޓުވައެއް ނުވެސް ލެވޭނެ. މުއައްސަސާތަކުގެ ކައިރއަށް ދަނީ އަޅުގަނޑުގެ ހިތާމަތަކާއި ވޭނާއި އުދާސްތަކާ އެކު. އެއީ ފުލުހުންގެ ތަހުގީގަށް ހުރަސްއެޅޭ ކަމެއް ވަންޏާ، ނުވަތަ ސިޔާސީވުން ކަމަށް ވަންޏާ އަޅުގަނޑަކަށް ނުވިސްނޭ އިންސާފަށް އަޑު އުފުލާނެ ގޮތެއް،" ޔާމީންގެ ބައްޕަ ބުންޏެވެ.

އާއިލާގެ އާދޭހަކީ މިއެވެ؛

"ޔާމީންގެ ގާތިލް ހޯދުމުގައި، އެންމެ ފުނަށް ދާން އަޅުގަނޑުމެންނަށް އެހީތެރިވެދީ. އަދުލު އިންސާފު ލިބެން ޖެހޭ. ދެން ތިބި ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ވެސް މުޖުރިމުން ހޯދައި އަދަބު ލިބެން ޖެހޭ. މި މައްސަލައިގައި އަޅުގަނޑުމެން ދުލެއް ނުދޭނަން، އުއްމީދަކީ އާއިލާ އެކު ރައްޔިތުން ދެމިތިބުން."

60 ކޮމެންޓް, 295 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 86%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުއްލާ

25 April 2018

ކާފަރަކު ނަމަވެސް އިންސާނަކު މަރާލުމަކީ ހަރާމް ކަމެއް .ފާފަވެރިވާކަމެއް . ކާފަރަކު ނުވަތަ މުރުތައްދު ވެފައިވާ މީހަކު މީހެއްގެ އަތުން މަރުވެ ނުވަތަ މަރާލައިފިނަމަ މަރުގެ ދިޔަ ދިނުމާއެކު ތައުބާވެ ފާފަ ފުއްސެވުމަށް އެދި ދުއާ ކުރަންވާނެ. މުއުމިނު އަޅަކު މަރައިފިމީހާ އަށް ހުރީ ނަރަކަ ދާއިމަށް އެތާގަ ދެމިހުންނަ ގޮތުގަ. މީހަކު މެރުމުން ފާފަ ވެރި ނުވާނީ ދެހާލަތެއްގަ އެއީ ސަރުއީ ހުކުމެއް ތަންފީޒުކުރުމަށް ޓަކާ މީހަކުމަރާލުމާ. .ފަސާދައިގެ ވަގުތު ގައުމުގެ ސިފައިން އަތުންމަރުވާ މީހުން

The name is already taken The name is available. Register?

މަގޭ ގައުމު

24 April 2018

މިފަދަ ހިތާމަވެރި ޙާދިޘާ އަކީ އިންސާނިއްޔަތު ކަމެއްހުރި ކޮންމެ މީހަކަށްވެސް އަސަރުކުރާނެ ކަމެއް. ނަމަވެސް މިމައްސަލަ މާބޮޑަށް ސިޔާސީކޮށް ވަކިބައެއްގެ ބޮލުގައި އަޅުވަން މަސައްކަތް ކުރުމުގެ ބަދަލުގާ ޙަގީގަތަށް އެބުރި ރުޖޫޢަވުން ކިހިނެތްތޯ؟

The name is already taken The name is available. Register?

ދޮންފުތު

23 April 2018

ބަލަ ގާނޫނީ ވަކީލުންނަށް ސިއްރެއް ނޫނޭ.. ކީއްވެތަ އެހެން ބުނަން ބޭނުންނުވަނީ

The name is already taken The name is available. Register?

ޙުސް

23 April 2018

މިގައުމުގައި އިންސާފުގެ ވާހަކަ ދައްކާނީ މޮޔައިން

The name is already taken The name is available. Register?

މުހައްމަދު އަހްމަދު

23 April 2018

ޔާމިން މަރާލީ ދީނައް ފުރައްސާރަ ކުރާތީ ދީނުގެ ހިމާޔަތުގައި ކަމައް ބުނާ ބަޔަކު ރާއްޖޭގައި އުޅޭ. ޜަސޫލާޔައްވުރެ ބަޑަައް ފުރައްސާރަ ލިބުނު މީހެއް ދުނިޔޭގައި އުޅެފައެއް ނުވާނެ. ޙުދު އަމިއްލަ އާއިލާވެސް އެފުރައްސާރައިގައި ބައިވެރިވި. ޢެއެންމެން ރަސޫލާ މަރަން ބޭނުންވިނަމަ ރަސޫލާޔައް އެކަން ކުރެވުނީސް. ޢެކަމަކި އެކަކައްވެސް އިމޭޖިން ކިރެވޭތޯ ގެއެއްގެ ސިޑި ދަށުގައި އިސްލާމްދީން ހިމާޔަތްކުރަން ސަހާބިން ރަސޫލާ އަންގަވައިގެން މީހަކު ކަތިލަން ތިބޭނެތޯ. ޢިސްލާމްދީނެއްނުން މިޔައް ވަދެގެން މިއުޅެނީ. ޢިސްލާމްދީނައް ފުރައްސާރަ ކުރާތީ މަރަން މާ ހައްގު މީހުން ރާއްޖޭގަ އުޅޭ. ޙަމަ ބޭނުމަކީ ރިލްވާންގެ ސްޓޯރީ ޝަޓްޑައުން ކޮއްލުން.

The name is already taken The name is available. Register?

ނުހައްގު މަރު

23 April 2018

މީހަކު ކިތައްމެ ނުބައިވިޔަސް ބަޔަކު ނިކުމެ ދީނަށްޓަކައި އެއްވެސް މީހަކު މަރާލުން ހުއްދަ ޝަރީއަތެއް ދީނެއް ބާވާލައްވާފައެއް ނެތް. ޖަހާލަތުގެ އަމިއްލަދީން އެއީ މުރުތައްދުވީއޭ، ކާފަރެކޭ ކިޔާފަ މެރުމަކީ.

The name is already taken The name is available. Register?

މީރާ

23 April 2018

ހަޤީގަތް. އެއީ ނާތަހުޒީބު އަމަލެއް ނޫން. އެއީ އެޔަށްވުރެއް މާ ނުބައި އަމަލެއް. ދީނުގައި ހުކުމެއް އޮތަސް، އެ ހުކުމެއް ކުރެވޭނީ، މި ގޮތަކަށް ނޫން. އެގޮތަށް ހީކުރެވުމަކީ ބޮޑު ކުށެއް. ނަމަވެސް އެމީހަކު ލިޔުނު ލިޔުމަކަށް އެމީހަކު ޒިންމާ ވާން ޖެހޭނެ. އަދި ދީނީ އަސާސްތަކާއި އުސޫލްތަކަށް އިސްލާމްދީނުގެ އިލްމު ރަނގަޅަށް ނޭގޭ މީހަކު ، ނޭގި ހުރެ ހާލުގައި ވާހަކަ ދެއްކުމަކީ، އިލްމީ ވާހަކަ ތަކެއް ނޫން.

The name is already taken The name is available. Register?

ބޮޑމަންޒަރު

23 April 2018

ބައެއް ޝަރީއަތް ސިއްރުކުރުމުން ލިބޭ ފައިދާ މާބޮޑުވާނެހެން ހީވޭ. ސިއްރުނުކުރާނަމަ ވާ ފަލީހަތް މާބޮޑުވެދާނެ އަދި ނޭނގި އޮތް އެތައް ހަގީގަތެއް އެންމެންނަށް އެނގި ކަމެއް ގަބޫލުނުކޮށް ނުހުރެވޭ ހިސާބަށް ކަންކަން ގޮސްފާނެ. ބައެއް ހަގީގަތްތަކަކީ އެކަންކަން ނޭގުމުން އެތައް ގޮތަކުން ފައިދާވާ ކަންކަން. ކަމެއް އެނގުމަށްފަހު ދެން ނޭގޭ ކަމަކަށް އެކަމެއް ނުހެދޭނެ.

The name is already taken The name is available. Register?

ފާތުން

23 April 2018

އަދިވެސް ޔާމިންގެ ޓްވީޓު ދޯ މިގޯސްވީ. ތިކަހަލަ މީހުންނާ ހެދި މިގައުމު މިހާލަތުގަ މިއޮތީ.

The name is already taken The name is available. Register?

ޕާތުން

23 April 2018

ގޯސް ޓްވީޓެއްވާނީ ގޯސް ޓްވީޓަކަށް.

The name is already taken The name is available. Register?

ޙަޤީޤަތް

23 April 2018

ކޮމެންޓްތައް ކިޔާލާފައި މަ ވެސް ހާރާންވެ... ހީވަނީ މީހަކު އިލްމީ ގޮތުން އެއްޗެއް ލިޔެލާއިރަށް ނުވަތަ ކަމަކާމެދު ސުވާލުކޮށްލާއިރަށް އެމީހަކީ "ކާފަރު" ނުވަތަ "މުރުތައްދު" މީހެއްގެ ޓެގް އަޅުވާ އެމީހާ މެރުން ވާޖިބުވީކަމަށް.... ބައެއް ދިވެހިން އަދިވެސް ވަރަށް ނާތަހުޒީބު...

The name is already taken The name is available. Register?

ޕޮކަންޑި

23 April 2018

ޔާމީންގެ ގާތިލުންނަށްވުރެ ނުބައި ބަޔަކީ ޔާމީންގެ މައްސަލަ ސިޔާސީ ކުރާ އެންމެހާ ފަރާތްތައް، އާއިލާ އާއި ނޫސްވެރިންވެސް ހިމެނޭގޮތަށް. މިމީހުން ބޭނުމެއްނުވޭ ޔާމީންގެ މަރަށް އިންސާފު ލިބޭކަށް. ބޭނުންވަނީ ސިޔާސީ މަންފާއާއި ސަމާލުކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454