ފުލުހުން ކުރިން އަތުލައިގަތް މަސްތުވާއެއްޗެހިތަކެއް: މިދިޔަ ހަފުތާގައި މާލެއިން ވަނީ ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފައި --ފޮޓޯ/ޕޮލިސް
23 އެޕްރީލް 2018 - 17:36
މިދިޔަ ހަފުތާގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ކިލޯ އަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމެންޓްގެ އެކްޑިން ހެޑް ރަޖްނީ ޝުއައިބު ވިދާޅުވީ ފުލުހުން ހިންގި ފުރަތަމަ އޮޕަރޭޝަންގައި، މާލެ އާއި ރ. އިނގުރައިދު އަށް މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށް މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
އެ މައްސަލާގައި މ. ހެޕީވިލާގެ ބަލައި ފާސް ކުރިއިރު އެ ގެއިން ބައި ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު ފަސް ލައްކަ ރުފިޔާ އަށް އަރާނެ ކަމަށް ރަޖްނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މާލޭގެ އިތުރު ބައެއް ތަންތަނާއި އިނގުރައިދޫގެ ދެ ގެއެއް ފާސް ކުރިއިރު އެ ތަންތަނުން ވެސް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރާ އާލާތްތައް ފެނުނެވެ. އެ މައްސަލާގައި މާލެއިންނާއި އިނގުރައިދޫން ހަތް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންނަކީ ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށް ރަޖްނީ ވިދާޅުވި އެވެ. އެ އެންމެން ވެސް މިހާރު ތިބީ ހައްޔަރުކޮށްފަ އެވެ.
"އަވަސް ފުރުސަތެއްގައި މި މައްސަލަ ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ވާހަކަ ދަންނަވަން،" ރަޖްނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެން މަސްތުވާތަކެތި އަތުލައިގަތީ ސޯސަންމަގު މަޖީދީމަގު ސްކޫލް ކައިރީގައި މަސްތުވާތަކެތި ވިޔަފާރި ކުރާކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ މައްސަލާގެ ތުހުމަތު ކުރެވުނު ހަތަރު މީހަކު ހައްޔަރުކޮށް، ފާސް ކުރިއިރު ބައި ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އެ މީހުން ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އެ މައްސަލައިގެ ތަހުގީގު ވެސް މިހާރު ކުރިއަށް ދާ ކަމަށް ރަޖްނީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޯހަމަނުޖެހޭ
24 April 2018
މިއީ އަދި ހައްލެއް ނޫން. ހައްލަކީ މިހާ ގިނަ އަދަދެއްގެ މަސްތުވާ ތަކެތި މި މީހުންނާ ހަމައަށް ގެނެސްދިން ބަޔަކާއި ގެނެސްދިން ގޮތެއް ހޯދައި އެބައެއްގެ މައްޗަށް ފިޔަވަޅުއެޅުން. ރާއްޖެއަށް އެތެރެވި ގޮތެއް ހޯދުން. އެތެރެކުރި ބަޔަކަށް އަދަބު ދިނުން. އެކަން ވާތަނެއް ނުފެނޭ. ފުލުހުން މަޢުލޫމާތު ދޭއިރުވެސް ދުވަހަކުވެސް މިގޮތަށް ހޯދާ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރީ ކިހިނެއްކަމެއް ބުނެއެއް ނުދޭ.
ދަރަނިބޯ
24 April 2018
ތީދެން މީހަކު މިހާރު ޝައުގުވެރިކަމެއް ހުރިކަމެއްނޫން މިފަހަރު މެނިފެސްޓޯގަ އޮތީ ކޮންމެ ގެއަކަށް ޖަލުގޮޅިއެއް ހަހަހަހަހަހަ
ހަނީ.
23 April 2018
ބިރުގަންނަނީ ހެކި ގެއްލިދާނެތީ ދެއްތޯ!
ޝާހިދު
23 April 2018
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންގެ ނަން ފުލުހުން ހާމަ ނުކުރަނީ އެމީހުންނަށް ލިބޭ ޚާއްސަ ރައްކާތެރިކަމެއް އޮތީމަ ތޯ...؟
ހައްޔަރުކުރާނެ ނަމަވެސް....
23 April 2018
މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކައްޗާއި ފައިސާ އަދި މީހުން އަތުލާ. ނަމަވެސް ޝަރުޢި 3 މަރުހަލާއިން ކުށް ސާބިތުވެ ކުށްކުރާ މީހާއަށް ޙައްޤު އަދަބު ލިބޭތަނެއް ނާދޭ. ދަށުކޯތުން މިބާވަތުގެ ގިނަ މައްސަލަތައް ސާތިބުނުވާކަމަށް ނިންމާ. އަދި ދަށުކޯޓުތަކުން ސާބިތުވާ މައްސަލަތައް ހައިކޯޓުން ސާބިތުނުވާކަމަށް ކަނޑައަޅާ. މާނައކީ މައްސްއޫލިއްޔަތު އަދާކުރަންތިބި ކޮންމެވެސް ބަޔެއްގެ އިހުމާލުން މައްސަލަތައް ސާބިތު ނުވަނީ ނުވަތަ ސާބިތު ނުވާފަދަ ދަށްފެންވަރެއްގައި މަސައްކަތްކުރަނީ ނުވަތަ ކުރުވަނި. އެނގޭ އެއްކަމަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑުން މުޖުތަމައަށް ދޫވެފަތިބިކަން އަދި މިމީހުންނަށް އެއްވެސް ފިޔަވަޅެއް ނޭޅި ސިޔާސީ މީހުން ފަހާ ޕޮލިހުން ދުވެނަގާއިރު މުޖުތަމައު ގެ އަމާންކަން ކިލަނބުކުރާ މަސްތުވަތަކެތީގެ ބޮޑުން ހިފާ ހައްޔަރުކުރުމަށް ޕޮލިހުންގެ ފަރާތުން އެކަށޭނަ މަސައްކަތެއް ނުކުރާކަން. އަދި ވެރިކަން ހިމާޔަތްކުރުމަށް ޕޮލިހުންގެ ހުރިހާ ރިސޯސަކާއި ހަކަތަ ބޭނުންކުރާކަން
ޖޭޖޭ
23 April 2018
ކޮންމެ ދުވަހަކު ތިއޮޕަރޭޝަން ޖައްސަންޏާ ހާދަ ކިލޯއެއް އަތުލައި ގަނެވޭނެއޭ.
ރަދީފް
23 April 2018
ސާބަހޭ ދިވެހި ފުލުހުން.އަވަހަށް ތިޔަ މައްސަލައިގަ ހިމެނޭ މީހުން ނުސަކަންބަންގް ޖަލަށް ގެންދަންވީ.ދެން ޑުޓަޓޭ އަދި ވިޑޯޑޯ ގެންގުޅޭފަދަ ހުކުމެއް ތަންފީޒްކޮއްފިނަމަ ވަރަށް ފުރިހަމަ ވާނެ.ވ.ވެދުން