ކުޅިވަރު / ވޯލްޑް ކަޕް 2018

ސްވިޒަލެންޑުން ފަހަތުން އަރައި ސާބިއާ ބަލިކޮށްފި

ކަލިނިންގްރަޑް، ރަޝިއާ (ޖޫން 22) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ފަަހަތުން އަރައި ސާބިއާގެ މައްޗަށް 2-1 އިން ކުރި ހޯދައި ސްވިޒަލެންޑުން ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މިއީ ސާބިއާ ވަކި ޓީމެއްގެ ގޮތުގައި ވޯލްޑް ކަޕްގައި ކުޅެން ފެށި ފަހުން މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗެވެ. މީގެ ކުރިން ސާބިއާ ކުޅުނީ ޔޫގޯސްލާވިއާގެ ނަމުގަ އެވެ. ޔޫގޯސްލާވިއާ އަތުން ސްވިޒަލެންޑް އެންމެ ފަހުން މޮޅުވީ އެކުވެރިކަމުގެ މެޗެއްގައި 1983 ވަނަ އަހަރު އެވެ.

ގްރޫޕް އީގެ އެއް ވަނައިގައި މި ވަގުތު އޮތީ ހަތަރު ޕޮއިންޓާ އެކު ބްރެޒިލް އެވެ. ދެ ވަނައިގައި އޮތް ސްވިޒަލެންޑަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ސާބިއާ އަށް މިރޭގެ މެޗުން މޮޅުވެގެން ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވެން އޮތްއިރު، އެ ޓީމު ބަލިވުމުން އޮތީ ތިން ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެންމެ ފުލުގައި އޮތް ކޮސްޓަރިކާ އަށް އަދި ޕޮއިންޓެއް ލިބިފައިނުވާއިރު، އެ ޓީމު ވަނީ ކަޓައިފަ އެވެ.

މި ގްރޫޕުން ދެ ވަނަ ބުރުގެ ޖާގަތަކަށް ވާދަކުރަނީ ބްރެޒިލާއި ސްވިޒަލެންޑް އަދި ސާބިއާ އެވެ. ފަހު މެޗުތަކުގައި ބްރެޒިލް ނުކުންނާނީ ސާބިއާއާ ދެކޮޅަށެވެ. ސްވިޒަލެންޑް ބައްދަލުކުރާނީ ކޮސްޓަރިކާއާ އެވެ.

މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ސާބިއާ އިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. މެޗުގެ ފުރަތަަމަ ހަމަލާ އުފެއްދީ ވެސް އެ ޓީމުގެ ފޯވާޑް އަލެކްސާންޑަ މިޓްރޮވިޗް އެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ ސްވިޒަލެންޑުގެ ކީޕަރު ޔެން ސޮމާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ލިބުނު ފުރުސަތުން މިޓްރިޗް ވަނީ ލަނޑު ޖަހައިފަ އެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި ޑޫސަން ޓަޑިޗް ނަގައިދިން ބޯޅަ އަކުން މިޓްރޮވިޗް ލަނޑު ޖެހީ ބޮލުންނެވެ.

ސާބިއާ އިން މެޗުގެ ކުރީކޮޅުގައި ލީޑުނެގުމާ އެކު ސްވިޒަލެންޑުން މެޗުގެ ތެރެއަށް އަނބުރާ އައިސް ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެން ފެށި އެވެ. އަދި ރަނގަޅު ފުރުސަތުތައް ވެސް ވަނީ ތަނަވަސްކުރި އެވެ. އެ ގޮތުން ސްވިޒަލެންޑުގެ ފުލްބެކް ރިކާޑޯ ރޮޑްރިގޭޒް ނަގައިިދިން ބޯޅަ އޭރިއާތެރޭގައި ހުސްކޮށްހުރި ބްލެރިމް ޖެމައިލީ އަށް ރަނގަޅަށް ފޮނުވާނުލެވުނެވެ.

ސާބިއާގެ މިލިވޯޔެވިޗް (ވ) އާއި ޝާކާ ބޯޅަ ހޯދަން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޒެރްޑަން ޝަގީރީ އާއި ގްރޭނިޓް ޝާކާގެ ހިތްވަރާ އެކު ސްވިޒަލެންޑުން ދިޔައީ އެޓޭކް ކުރަމުންނެވެ. މެޗުގެ 24 ވަނަ މިނިޓްގައި އޭރިއާ ތެރެއަށް ޝާކާ ހުރަސްކޮށްލި ބޯޅަ ޖެމައިލީ ފޮނުވާލި ނަމަވެސް ސާބިއާ ކީޕަރު ލަޑިމީރް ސްޓޮއިކޮވިޗް ވަނީ މަތަކޮށްފަ އެވެ.

ސާބިއާ އިން ފުރަތަމަ ހާފު ނިންމާލީ ވަރުގަދަކޮށެވެ. ފުރަތަމަ ހާފުގެ ފަހުކޮޅުގައި ދެ ފަހަރެއްގެ މަތިން އެ ޓީމުން ދެ ވަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. ކޯނަރަކުން ހުރަސްވި ބޯޅައަކަށް މުޅިން ހުސްކޮށްއެރި ޑުސްކޯ ޓޮސިޗް ބޮލުގައި ލައްވާނުލިއިރު، ޓަޑިޗް ވޮލީ އަކުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތް ވަނަ މިނިޓްގައި ސްވިޒަލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޝާކާ އެވެ. މެޗުގެ 52 ވަނަ މިނިޓްގައި ޝަގީރީ އޭރިއާ ތެރެއިން ޖެހި ބޯޅަ ސާބިއާ ޑިފެންޑަރެއް ގައިގައި ޖެހިފައި އޭރިއާ ބޭރުން ޝާކާ އަށް ލިބުމުން އޭނާ ވަނީ އެއް ފަހަރުން ޖަހައި ބޯޅަ ގޯލުގެ ދުރުކަނުގައި ތަތްކޮށްލައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން ޝަގީރީ ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

މެޗުގެ ފަހު ކޮޅުގައި ދެ ޓީމުގެ ފަރާތުން ވެސް އަވަސްކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމުން ވެސް ގިނަ އެޓޭކްތަކެއް ކުރި އެވެ. އަދި ނުރައްކާތެރި ހަމަލާތަކެއް ވެސް ފޮނުވާލި އެވެ. ސްވިޒަލެންޑް މޮޅުކޮށްދިން ލަނޑު ކައުންޓަ އެޓޭކެއްގައި ޝަގީރީ ޖެހީ މެޗު ނިމެން އެއް މިނިޓަށް ވެފައި ހުއްޓަ އެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި ފަހަތުން އަރައި ޓީމަކުން މޮޅުވި ފުރަތަމަ ފަހަރެވެ.

މި މެޗުގެ ނަތީޖާއާ އެކު ސްވިޒަލެންޑް ވަނީ ބަލިނުވެ އަށް މެޗު ހަމަކޮށްފަ އެވެ. އެންމެ ފަހުން ކުޅުނު 24 މެޗުގެ ތެރެއިން ސްވިޒަލެންޑް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޕޯޗުގަލް އަތުންނެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 33%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިންތިލީ ވޫމް

23 June 2018

މަރުޙަބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454