ރައީސް ޔާމީން މިއަދު ތ. ވޭމަންޑު އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެއްވި ބަޔަކާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
13 އޯގަސްޓް 2018 - 18:44
ޚިޔާނާތުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދޭ ފަދަ ހިތްވަރެއް އިދިކޮޅު ކޯލިޝަންގެ ކިބައިގައި ނުހުންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން އެގޮތަށް ވިދާޅުވީ، ދައުލަތުން ގެއްލިފައވާ ފައިސާ އަނބުރާ ހޯދުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ކޮމެޓީއެއް އުފައްދަވާނެ ކަމަށް، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެފައިވާތީ އެ އަށް ރައްދު ދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
ތ. ކަނޑޫދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް އެ ރަށަށް މިއަދު ވަަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދައުލަތަށް ގެއްލިފައި ހުރި ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު އެމްޑީޕީގެ ވެރިކަމުގައި މިހާރުގެ އިދިކޮޅު ފަރާތްތަކަށް ލިބުނު ކަމަށެވެ. އެކަމަކު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ހޯދުނު ފައިސާއެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު، އެހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ އެފްޕީއައިޑީގެ މައްސަލައިގެ ތަހުގީގު ވެސް އޮތީ ނިމިފަ އެވެ. ނަމަވެސް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު ހިންގި އެ ބޮޑު ހިޔާނާތުގައި ދައުލަތަށް ގެއްލުނު އެ ފައިސާ ހޯދަން އެމްޑީޕީ އަށް ފުރުސަތު ލިބުމުން މަސައްކަތް ނުކުރީ ކީއްވެގެންތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.
"އެ ބޭފުޅުން، އެ ބޭފުޅުންގެ ތެރޭގައި ގުޅުންތައް ހުރި ގޮތުން އެ މައްސަލަ ބަލާފައި އެ ފައިސާ ނެގި މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެނެވޭހާ ހަކަތައެއް ނޫނީ ހިތްވަރެއް އެ ބޭފުޅުންގެ ނުހުންނާނެ. އެހެން ވެގެން، އޭރު ވެސް ނުކުރެވުނީ. މިހާރު ވެސް އެ ޓީމުގައި އެ ތިއްބެވީ ހަމަ އެއް ބައެއް. އެ ހަކަތަ ހުރި ނަމަ، އެހާ ވަރަށް އެ ވާހަކަ ދައްކަމުން ގެންދިޔައިރު، ތިން އަހަރު ތެރޭގައި އެކަން ކޮށްފައި އޮންނާނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވޭމަންޑޫގައި މިއަދު ވާހަކަ ދައްކަވަނީ: ޚިޔާނާތުގެ ފައިސާ އަނބުރާ ހޯދޭނެ ހިތްވަރެއް އިދިކޮޅު ފަރާތްތަކުގައި ނެތް ކަމަށް ވިދާޅުވި --ފޮޓޯ/ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވީ، ޚިޔާނާތުގެ މައްސަލަތައް ބަލަން އެމްޑީޕީގެ ވެރިކަމުގައި ނަޝީދު އުފެއްދެވި ރިޔާސީ ކޮމިޝަން މެދުވެރިކޮށް ވެސް ހޯދުނު ފައިސާއެއް ނެތް ކަމަށެވެ. އަދި ވިދާޅުވި ގޮތުގައި އޭރު އެ ކޮމިޝަނުން ކުރި ހަމައެކަނި ކަމަކީ މައުމޫންގެ ސަރުކާރުގައި އުޅުއްވި ބޭފުޅުންނަށް ސިޔާސީ ގޮތުން ބިރު ދެއްކުމެވެ. އޭރު މައުމޫނާއި އެމަނިކުފާނު ވެސް ފުލުސް އޮފީހަށް ހާޒިރުކުރީ އެ މަގްސަދުގައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެ ހިސާބަށް ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލައިގެ ރިޕޯޓް އޭރު އޮތީ ނިމިފައި. ފައިސާ އަށް އިހުމާލުވިީ ކޮން ބައެއް ކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގޭ. އެހެންވިއްޔާ އެ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނީ. އެކަމެއް ނޫން ކުރީކީ. ކުރަމުން ދިޔަ ކަންކަމަކީ އެކި މީހުންގެ ނަމުގައި ހުރި ގޯތި ގެދޮރު ނަގައި، ސިޓީ ކައުންސިލްގެ ޖަލްސާތައް މާލޭގެ ބިންމަތީގައި ކޮށް، މި ކަހަލަ ކަންކަން،" ހިޔާނާތުގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ކޮމިޝަނެއް އުފައްދަވައިގެން އެ މަސައްކަތް ކުރައްވާ ރައީސް ޔާމީން ވިދާޅުވި އެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫ އަކީ، އެމްޑީޕީގެ ވެރިކަމުގައި ވެސް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ފާހަގަ ކުރައްވައި، ރައީސް ޔާމީން ވިދާޅުވީ އޭރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް އެ ފައިސާ ހޯދަން މަސައްކަތްތަކެއް ކުރަން އިބޫ އަށް ކެރިވަޑައިނުގަތް ކަމަށެވެ. އެހެންވެ، ގެއްލިފައި ހުރި ފައިސާ ހޯދަން ކޮމެޓީއެއް އުފައްދާ ވާހަކަ މިހާރު ދެއްކެވުމުން އެއްވެސް އޮއްޓަރެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫ، ހދ. އަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި މަކުނުދޫގައި ރޭ ވާހަކަ ދައްކަވަނީ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ދައުލަތަށް ގެއްލިފައި ހުރި ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ކުރަނީ އެމަނިކުފާނުގެ ސަރުކާރުންނެވެ. އެގޮތުން، ގެއްލިފައި ހުރި ފައިސާ އަނބުރާ ހޯދުމަށް ކޮމިޝަނެއް އުފައްދައި، ގެއްލިފައި ހުރި ފައިސާގެ އަދަދާއި ހިސާބުތައް ދެނެގަނެފައިވާ ކަމަށާއި ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް އެކަން އަންގަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ފައިސާ ނުދައްކާ މީހުންގެ މައްސަލަތައް ޝަރީއަތަށް ހުށަހަޅަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތަކީ ފަސޭހަ މަސައްކަތަކަށް ނުވަނީ. އެއީ މި ދެންނެވި ގޮތަށް ގާނޫނީ މަރުހަލާގެ ތެރެއިން ކުރަންޖެހޭ ދަތުރަކަށް ވާތީ،" ރައީސް ވިދާޅުވި އެވެ.
"ކޮރަޕްޝަން ހިނގައިފި ކަމަށް ވަންޏާ އަޅުގަނޑުގެ ސަރުކާރެއްގައި އެ ހިނގާ ކޮރަޕްޝަނަކާ ދޭތެރޭގައި ފިޔަވަޅު އަޅާނެ. އެކަމަކު އެހެން ސަރުކާރުތަކަކަށް ޕޯޑިއަމެއްގައި ދިވެހި ރައްޔިތުންގެ ކުރިމަތީގައި މިހާތަނަކަށް ބުނެވޭކަށް ނޯންނާނެ އެ ވާހަކައެއް."
ރައީސް ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތަކުގައި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން މިނިވަން ކުރާނެ ވާހަކަ ވެސް ދައްކަނީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ. ދައުލަތުގެ އެތައް މިލިއަން ޑޮލަރެއް ގެއްލިގެން ގޮސްފައިވާއިރު، އެފަދަ މައްސަލަތަކުގައި ހިމެނޭ މީހުންނަކީ ސިޔާސީ ކުށްވެރިން ކަމަށް ބުނެ ޖަލުން ނެރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓަކިޓަކަ
15 August 2018
ތެދުވެރި އިޙުލާސްތެރި ވެރިއެއްނަމަ ނަހަމަ ގޮތުގައި އެމީހެއްގެ އެކައުންޓަށް ވަދެފައިވާ ފައިސާތަށް މިހާރު އަނބުރާ ދައުލަތަށް ދައްކާ ޚަލާސް ކޮށްފީސް .
އަޖުވަދު އަހުމަދު
15 August 2018
އެމްޑީޕީ އިން ފައިސާތަށް ހޯދާނެވާހަކަ ދެއްކިކަމުގައިވިޔަސް، ކިހިނެއްތޯ އެބޭފުޅުން އެކަން ކުރާނީ. ތިއުޅެނީ ކޯލިޝަން އެކޭ ކިޔައިގެން މާއްދީ ފައިދާތކެއްގެ ނިވަލުގައި އުޅޭ ބަޔަކާއި ގުޅިގެން. އަނެއްކާ އެމްޑީޕީގެ ސަރުކާރު ހިނގަމުން ދިޔަ ދުވަސްވަރުކަން ހިނގަމުން ދިޔަގޮތަކީ، އެމްޑީޕީގެ ފޭރާމެއް ތުރުކޮއްފި ފަރާތެއްނަމަ، ކިތަންމެ ކޮރަޕްޓް މީހެއެއްވިޔަސް އޭނާއަކީ ހުދު ކަފަކޮޅަކައްވެ،ކުށެއްނުކުރާމީހަކަށް އެމީހަކު ބަދަލްވެގެންދޭ. ނަމަވެސް ރަޢީސް ޔާމީން، ކިތަންމެ އަރިހުގަ އުޅުއްވާ މީހަކު ކަމުގައިވިނަމަވެސް އެމީހަކަށް ކަނޑައެޅިފައިވާ އަދަބު ޖުޑިޝަރީ މެދުވެރި ކޮށް ޤާނޫނުގެ ހަމަތަކުން ލިބިގެން އެބަދޭ. އެކަން އެއޮތީ ސާބިތުވާން. މިތުރެއް، ހަތުރެއް ތިމާގެއެއް އެއްބަނޑެއް ނުބައްލަވާ ޤާނޫނުގެތެރެއަށް އެމީހަކުވެސް ވަދެގެންދޭ. ތިޔަ ވިދާޅުވާ ކޯލިޝަން އަކީ ކޮރަޕްޓް ބައެއް ނޫނޭ ވިދާޅުވެވިދާނެތޯ. ތިޔަ ކޯލިޝަން ހެދިފައިވާ އެންމެ ބޮޑުބޭނުމަކީވެސް ކޮރަޕްޝަންގެ ޖަރީމާތައް ހިންގުން މެނުވީ ކޮންކަމެއްތޯ؟
ހުވަނި
14 August 2018
ނޫން ތިޔަބޭފުޅުން ފަދައިން ފައިސާ ގެއްލުވާލުމުގެ ގާބިލުކަން ނެތީ.
ފޮނިޓައްޕު ހަސަނު
14 August 2018
ހެކި ނާތާލީ ދޯ ؟
އަލީ123
14 August 2018
ތިއީ ތެދުފުޅެއް ހަމަބުއްދި ސަލާމަތުންހުރި ކޮންމެ ދިވެހިދަރިޔަކު ތިވިދާޅުވި ވާހަކަ ގަބޫލުކުރާނެ
ކާޅު
15 August 2018
ކަލޮޔަށް އިނގޭ އެވަރަށް ފޮރުވަފަކަން ހުރީ
މަކުނުދޫ ހަލީމު ދީދީ
14 August 2018
މިހާރު އަޑުއެބައިވޭ ހާކިމާ ވޯޓުލާން ރަޖިސްޓުރީ ކޮއްފަ އޮތީ ސިންގަޕޫރަށޯ
އައްޕި
14 August 2018
މައްސަލަތައް ނުހޯދެނީކީ ނޫނެވެ. ހެއްކާއި ގަރީނާ ދެއްކިޔަސް ކޯޓުތަކުން ސާބިތުނުވާނެ. އެއަށްވުރެން ކޮރަޕްޓް ޖުޑީޝަރީއެއް މިއޮންނަނި މިޤައުމުގަ
ދިގުބޯ
14 August 2018
ކަލޭ ދީފިއްޔާ ލިބޭނެ އޭތިކޮޅު
ޠަޔާޠީޞް
14 August 2018
ފައިސާ ހޯދޭނެ ކަމުގެ ގާބިލްކަން އިދިކޮޅުފަރާތްތަކަކު ނެތޭ އަދި ނުބުނެވޭނެ، އެކަމަކު ފައިސާ ގެއްލުވާލުމުގެ ގާބިލްކަން މަނިކުފާނުގެ އެބަ ހުރި. އަދި ވެސް މިވީހާތަނަށް ފައިސާ ހޯދިފައިނެތުމަކީ މަނިކުފާނުގެ ސަރުކާރުގައި ގެއްލުނު ފައިސާ ހޯދުމުގެ ގާބިލްކަންނެތް ކަމުގެ ވަރަށް ބޮޑު ހެއްކެއް. ފައިސާ ގުނި ކޮޓަރީގެ ވާހަކަ މީހުން ދައްކަނިކޮށް އަޑު އެހިން. އަދިވެސް އެތަން ފޮރެންސިކް ޓީމުން ޗެކްނުކުރޭ.
އައިޖޭ
14 August 2018
މަނިކުފާނު އެކައުންޓް އަށް ވަން ފައިސާ ހުރިއްޔާ އަވަހަށް ހަވާލު ކުރަންވީ ނޫންތޯ