ރިވަ ޕްލޭޓް ކުޅުންތެރިން ތައްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
10 ޑިސެމްބަރ 2018 - 11:11
މެޑްރިޑް (ޑިސެމްބަރު 10) - ދެކުނު އެމެރިކާގެ ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ ލިބެޓެޑޯރެސްގެ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ 3-1 އިން ބޮކަ ޖޫނިއާސް ބަލިކޮށް ރިވާ ޕްލޭޓުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ބޮކާ ޖޫނިއާސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 2-2 އިން އެއްވަރުވިއިރު، ރިވާ ޕްލޭޓުގެ ދަނޑުގައި ކުޅެން އޮތް ދެ ވަނަ ލެގު ސަޕޯޓަރުންގެ ހަމަނުޖެހުންތަކާ ހެދި ކުޅެވޭ ގޮތެއް ނުވި އެވެ. އެހެންވެ ދެކުނު އެމެރިކާ ފުޓްބޯޅަ ކޮންފެޑެރޭޝަނުން ނިންމީ މި މެޗު އާޖެންޓީނާ އިން ބޭރުގައި މެޑްރިޑުގައި ކުޅޭށެވެ. މެޑްރިޑްގައި މެޗު ކުޅެން ފުރަތަމަ ދެކޮޅު ހެދި ނަމަވެސް ފަހުން ދެ ޓީމުން ވެސް މެޗު ކުޅޭގޮތަށް ނިންމި އެވެ.
ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ފުރަތަމަ ހާފުގައި ލީޑުނެގީ ބޮކަ ޖޫނިއާސް އިންނެވެ. މެޗުގެ 44 ވަނަ މިނިޓްގައި އެ ޓީމުގެ ލަނޑު ޖަހައިދިނީ ޑާރިއޯ ބެނެޑޭޓޯ އެވެ. ދެ ވަނަ ހާފުގައި ރިވާ ޕްލޭޓުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 67 ވަނަ މިނިޓްގައި ލޫކަސް ޕްރާޓޯ ޖެހި ގޯލުންނެވެ.
ބޮކަގެ ލިއޮނާޑޯ (ވ) ފޮނުވާލާ ބޯޅަ ހުއްޓުވަން ރިވަ ޕްލޭޓްގެ ޕިނޯލާ މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވެގެން ނިމުމުން ވަނީ ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ރިވަޕްލޭޓުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ރިވާ ޕްލޭޓަށް މެޗު ފަސޭހަވީ މެޗުގެ 92 ވަނަ މިނިޓްގައި ބޮކަ ޖޫނިއާސްގެ ވިލްމާ ބަރިއޯސް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ރިވާ ޕްލޭޓަށް ލީޑުނަގައިިދިނީ ހުއާން ކުއިންޓޭރޯ އެވެ. ތިން ވަނަ ލަނޑު ޖެހީ ގޮންޒާލޯ މާޓިނޭޒް އެވެ.
ރިވާ ޕްލޭޓުން 5-3 ގެ އެގްރިގޭޓް ނަތީޖާ އަކުން މެޗުން މޮޅުވިއިރު، މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. މެޗުގެ ފަހު ކަށިގަނޑަށް ފަހު ރިވާ ޕްލޭޓްގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.
ރޭގެ މެޗު ބެލުމަށް ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވަނީ ދަނޑަށް ގޮސްފަ އެވެ. ދެކުނު އެމެރިކާގެ ކްލަބް ފުޓްބޯޅައިގެ އެންމެ ބޮޑު މެޗު ބެލުމަށް ރޭ ދަނޑަށް ދިޔަ ކުޅުންތެރިންގެ ތެރޭގައި އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕައޮލޯ ޑިބާލާ ހިމެނެ އެވެ.
މެޗު ބެލުމަށް ރިވަ ޕްލޭޓާއި ބޮކަ ޖޫނިއާސް ސަޕޯޓަރުންނަށް ކޮންމެ ޓީމަކަށް 5000 ޓިކެޓް ދިންއިރު، ސްޕެއިނަށް މެޗު ބަލަން ދިޔައީ ކޮންމެ ޓީމަކުން 400 ސަޕޯޓަރުންނެވެ. ރެއާލުގެ މެމްބަރުންނަށް ހާއްސަކޮށްގެން ވިއްކި ޓިކެޓްތައް ވަނީ ގަޑިއިރެއްހާއިރު ތެރޭގައި ވިކި ހުސްވެފަ އެވެ. ރޭގެ މެޗު ކުރިއަށް ދިޔަ ވަގުތުގައި ހަމަނުޖެހުމެއް ހިނގައިފާނެތީ ދަނޑު ތެރޭގައި ދަނޑު ބޭރުގައި ގިނަ އަަދަދެއްގެ ޕޮލިހުން ވަނީ ހަރަކާތްތެރިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިބަޓަޑޯރެސް
10 December 2018
ސާބަހޭ ރިވަރ
ރަދީފް
10 December 2018
މަރުހަބާ ރިވަ ޕްލޭޓް.ސައުތު އެމެރިކަން ފުޓްބޯޅައިގެ ހަބަރުތައް ގިނަގިނައިން ''މިހާރުއޮންލައިން'' އިން ގެނެސްދިނުން އެދެން.އަބަދު ޔޫރަޕް ކަވަރ ނުކޮަށް އޭޝިޔާ އަދި ސައުތު އެމެރިކާއަށް ވެސް ކަޅި ބޭއްވުން އެއީ ރަނގަޅުކަމެއް.ހަމަ ހިޔާލެއްގެ ގޮތުގަ ބުނެލީ.ވ.ވެދުން
ނިއްޓެ
11 December 2018
ނުބެހޭ ކަމެއް އަޅެ ނެތީތަ