ރެކޯޑް ހެދި މޮޅަށް ފަހު ސެރީނާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
04 ސެޕްޓެމްބަރ 2016 - 09:28
ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 4) - ޔޫއޭސް އޯޕަންގެ ތިން ވަނަ ބުރުގައި ސްވިޑަންގެ ޔޮހާނާ ލާސަން ބަލިކޮށް ސެރީނާ ވިލިއަމްސްގެ ކެރިއަރުގައި ހޯދި 307 ވަނަ މޮޅާ އެކު އެންމެ ގިނަ މެޗު ކާމިޔާބުކުރި އަންހެން ޓެނިސް ކުޅުންތެރިއާގެ ރެކޯޑް ހަދައިފި އެވެ.
މި ރެކޯޑް ކުރިން އޮތީ ކުރީގެ ކުޅުންތެރިއާ މާޓީނާ ނަވްރަޓިލޯވާ އަތުގަ އެވެ. އޭނާ ވަނީ ޓެނިސް ކެރިއަރުގައި 306 މެޗުން މޮޅުވެފަ އެވެ. އެންމެ ގިނަ މެޗުން މޮޅުވެ، ފިރިހެން ޓެނިސް ކުޅުންތެރިންގެ ރެކޯޑް އޮތީ ރޮޖާ ފެޑެރާ އަތުގަ އެވެ. ފެޑެރާ އަތުގައި ވެސް ރެކޯޑް އޮތީ 307 މެޗުން މޮޅުވެގެންނެވެ.
"މިއީ ވަރަށް ހާއްސަ ކާމިޔާބެއް. އެންމެ ބޮޑަށް ހާއްސަވަނީ އަހަރެންގެ ކެރިއަރު ފެށި މުބާރާތުގައި މިކަން ހާސިލްވުމުން. މިއީ ވަރަށް އުފާވެރި ވަގުތު ކޮޅެއް،" އުމުރުން 34 އަހަރުގެ ސެރީނާ ބުންޏެވެ.
ސެރީނާ އޭނާގެ ކެރިއަރުގައި އެންމެ ފުރަތަމަ މޮޅު ހޯދި މުބާރާތަކީ 1999 ވަނަ އަހަރުގެ ޔޫއެސް އޯޕަން އެވެ. ސެރީނާގެ ފަހަތުން ތިން ވަނައިގައި އޮތީ ކުރީގެ ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ އެމެރިކާގެ ކްރިސް އެވާޓެވެ. އުމުރުން 61 އަހަރުގެ އެވާޓް ތިން ވަނައިގައި އޮތީ 299 މޮޅާ އެކު އެވެ. މިހާރު ކުޅޭ ކުޅުންތެރިންގެ ތެރެއިން ސެރީނާއާ އެންމެ ކައިރީގައި އޮތީ އޭނާގެ ދައްތަ ވީނަސް ވިލިއަމްސް އެވެ. އޭނާ މޮޅުވި މެޗުގެ އަދަދު 241 ގައި އުޅޭއިރު، ސެރީނާއާ ދެން އަރާ ހަމަކުރުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.
އޭނާ ވަނީ މިހާތަނަށް ކެރިއަރުގައި 22 ގްރޭންޑްސްލޭމް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މި ފަހަރުގެ ޔޫއެސް އޯޕަން މުބާރާތް ކާމިޔާބު ކޮށްފިނަމަ އޭނާ ވެގެންދާނީ އޯޕަން އިރާގައި އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔާ އަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy