ޖަޕާނުގެ ފަރިތަކުރުންތަކުގެ ތެރެއިން ކޫބޯ.- ފޮޓޯ: އޭއެފްޕީ
16 ޖޫން 2019 - 12:50
ސައޮ ޕައޮލޯ، ބްރެޒިލް (ޖޫން 16) - ޖަޕާން ގައުމީ ޓީމާ އެކު ކޮޕާ އެމެރިކާގައި ކުޅުމުގެ ފުރުސަތު ލިބުމުން މިހާރު ގުނަމުންދަނީ އޭނާގެ ހަޔާތުން މިހާތަނަށް އައި އެންމެ އުފާވެރި ދުވަސްތައް ކަމަށް ޖަޕާނުގެ މެސީގެ ނަމުން މަޝްހޫރުވެފައިވާ ޓަކެފޫސާ ކޫބޯ ބުނެފި އެވެ.
ބާސެލޯނާގެ ޔޫތު ޓީމަށް 2011 އިން 2015 އާ ހަމައަށް ކުޅުނު މިހާރު އުމުރުން 18 އަހަރުގެ ކޫބޯ އަންނަ ޖުލައި މަހު ރެއާލާ ގުޅެން މިހާރު ވަނީ ހުރިހާ ކަމެއް ނިމިފަ އެވެ. އަންނަ ސީޒަނުގައި ކޫބޯ ކުޅޭނީ ރެއާލުގެ ބީ ޓީމަށެވެ. ރިޕޯޓްތައް ބުނާގޮތުން ކޫބޯ ވަނީ ރެއާލާ އެކު ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފަ އެވެ. އެއީ މުސާރައިގެ ގޮތުގައި 2.25 މިލިއަން ޑޮލަރު ލިބޭގޮތަށެވެ.
ބްރެޒިލްގައި މިހާރު ކުރިއަށްދާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ކުޅޭ ޖަޕާން ޓީމުގައި ހިމެނޭ ކޫބޯ ބުނީ ޖަޕާނުގެ މެސީގެ ނަމުން މަޝްހޫރުވުމަކީ އޭނާ އަށް ލިބޭ ފަހުރެއް ކަމަށެވެ.
"އަހަންނަކީ ޖަޕާނުގެ މެސީއޭ ބުނުމަކީ ލިބޭ ފަހުރެއް އަދި އުފަލެއް. އެކަމަކު ހަގީގަތަކީ އަހަރެންނަށް މެސީގެ ލެވެލަށް ނުދެވޭނެ. އަހަރެން ވިސްނަންވީ އަމިއްލަ ހުނަރަށް އަހަރެންގެ ކުރިއެރުމަށް،" ބްރެޒިލްގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ކޫބޯ ބުންޏެވެ.
އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ މެޗެއްގެ ތެރެއިން ކޫބޯ ބޯޅަ ހިފައިގެން. -- ފޮޓޯ: އޭއެފްޕީ
މެސީ އެކޭ އެއްގޮތަށް ކޫބޯ ވެސް ބާސެލޯނާގެ ޔޫތު ޓީމާ ގުޅުނީ ޒުވާން ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ޔޫތު ޓީމުގެ ކޯޗުންނަށް ކޫބޯގެ ކުޅުން ފާހަގަވެ އެކި ލެވެލްތަކުން ޕްރޮމޯޓްވަމުން ދަނިކޮށް އޭނާ އެ ޓީމު ދޫކޮށްލަން ޖެހުނީ ދިމާވި ހާލަތެއްގެ ސަބަބުންނެވެ. އެއީ 18 އަހަރުން ދަށުގެ ކުޅުންތެރިން ގެނައުމުގައި ބާސެލޯނާ އިން ގަވާއިދާ ހިލާފުވެފައިވާތީ ފީފާއިން ދިން އަދަބުގެ ސަަބަބުންނެވެ. ފީފާއިން އަންގާފައިވަނީ އޭރު ގަވާއިދާ ހިލާފަށް ގެނައި ކުޅުންތެރިން ދޫކޮށްލުމަށެވެ. އެ ކަން ތަންފީޒުކުރުމުގެ ގޮތުން ބާސެލޯނާ އިން ކޫބޯ ރިލީސްކުރުމުން އޭނާ ބަދަލުވީ އެފްސީ ޓޯކިޔޯ ޖޫނިއާ ޓީމަށެވެ.
މިދިޔަ އަހަރު ޔޮކަހޯމާ މެރިނޯސް އަށް ކުޅުމަށް ފަހު މި ސީޒަނުގައި ކޫބޯ އަންނަނީ އެފްސީ ޓޯކިޔޯގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ރެއާލުގެ ލޮލުގައި އަޅައިގަތީ މި ފަހަރުގެ ޖަޕާނުގެ ޓޮޕް ޑިވިޝަނުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ކޫބޯ އަކީ ޖަޕާނުގެ އެެއް ވަނަ ޑިވިޝަނުގެ ތާރީހުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އޭނާ ފުރަތަމަ ގޯލު ޖެހިއިރު އުމުރަކީ 15 އަހަރާއި 10 މަސް ދުވަހެވެ.
ޖަޕާން ގައުމީ ޓީމަށް ކޫބޯ ކުޅުނު ފުރަތަމަ މެޗަކީ މި މަހު ނުވަ ވަނަ ދުވަހު އެލް ސަލްވަޑޯ އަތުން 2-0 އިން މޮޅުވި މެޗުގަ އެވެ.
ކޮޕަ އެމެރިކާގައި ވާދަކުރާ ޖަޕާނު ޓީމުގެ އެވްރެޖް އުމުރަކީ 22 އަހަރެވެ. ކޫބޯ ބުނީ ޒުވާން ޓީމަކާ އެކު މި މުބާރާތަށް ނުކުންނަން ޖެހުނަސް ކުޅުންތެރިންގެ އަމާޒަކީ ޖަޕާންގެ ސަޕޯޓަރުން ފަހުރުވެރިކޮށްދިނުން ކަމަށެވެ. ކޮޕާ އެމެރިކާގައި ޖަޕާން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޗިލީއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާގަބާޑި
16 June 2019
ކޮޕަ އޭސިޔާ ތޯ ނޫނީ ކޮޕަ އެރިކާތޯ ނޫނީ ކޮޕަ ޖަޕާނު ތޯ
ރަދީފް
17 June 2019
ޖަޕާން އެއީ ދައުވަތުދީގެން ބައިވެރިވި ޓީމެއް.ޖަޕާން އަދި ގަތަރު އެއީ އޭޝިއަން ކަޕް2019ގެ ފައިނަލްގަ ކުޅުނު 02 ޓީމް.ވ.ވެދުން
ކޯޗް
16 June 2019
ޖަޕާނުގެ ރޮނާލްޑޯ ގެ ނަމުން މަޝްހޫރުވެބަލަ. މެސީ އެއީ ކާކު.
ޢިބޫ
16 June 2019
ދެރަވީދޯ.. ރޮނާލްޑޯއެއީ މާމޮޅުމީހެއް ކަމަށް ބަޔަކު ނުދެކޭކަން ތީގެންވެސް ތިއިނގެނީ..
ރަދީފްް
16 June 2019
ރޮނާލްޑޯގެ ލެވެލަށް ނާދެވެންޏާ އަޅާކިޔާނީ 2ވަނައަށް އެންމެ މޮޅު މެސީއާ ދޯ؟
ހަގީގަތް
17 June 2019
ރޮނާލްޑޯގެ ލެވަލްއޭ. ލޮލް. ބަލަ ރޮނާލްޑޯޔަށްވުރެ މިހާރު އެމްބާޕޭވެސް މޮޅު. މެސީޔަކީ އަބަދުވެސް ފުޓްބޯޅައިގައި ބެންޗްމާރކް. އޭނަޔާ ހުރިހާ އެންމެން އަޅާ ކިޔަނީ. ރޮނާލްޑޯ މެސީޔާ އަޅާކިޔާއިރު މެސީ އަޅާކިޔަނީ މެރަޑޯނާ ޕެލޭމެންފަދަ ކުޅުންތެރިންނާ. ހަމައެކަނި ގޯލް ޖަހަން މޮޅު ކުޅުންތެރިޔަކާ ގޯލް ސްކޯރިންގް، ޕާރސިންގް އަދި ޑްރިބްލިންގައި ދުނިޔޭގެ އެންމެ އުހުގައި އުޅޭ ކުޅުންތެރިޔަކާ އަޅައެއް ނުކިޔޭނެ.
ޝަމްްް
17 June 2019
ފުޓްބޯޅާގައި މޮޅުވަނީ ގިނަ ލަނޑުޖަހާ ޓީމެކޭ ބަލަ. ގިނަ ޑްރިބްލްކޮށް ޕާސްކުރާ ޓީމެއް ނޫން. 4-0 ހަނދާން ނެތުނީތޯ؟ ބަޔާނުން ބާރސާ 7-0 އެގްރިގޭޓުން ބަލިކުރިއިރު ގިނަ ޕާސްކޮށް ޑްރިބްލް ކުރީވެސް ބާރސާ. ލަނޑު ނުޖެހެންޏާ ބޭކާރު ޕާސްކުރުމުގެ މާނައެއް ނެތް. ޕީއެސްޖީ 4-0، ޖުވެންޓަސް 3-0، ރޯމާ 3-0 އިން މޮޅުވީ މެސީ ތިޔަ ޑްރިބްލްކޮށްކޮށް ހުއްޓާ. މިމުއްދަތުގައި ރޮނާލްޑޯ ގިނަ ލަނޑު ޖަހައިގެން ކިތައް ޗެމްޕިއަންސް ލީގު ނަގައިދިން ރެއާލަށް؟
މައްޓޭ
16 June 2019
ލަމާސިއާ އެކަޑަމީވަރެއް ނޯންނާނެ، އެންމެފަހުން ބާސާއިން ފައްކާކޮށްފަހުރި ކުޅުންތެރިއެއް ރެއާލް ލޮލުގަ އަޅައިގެން އޭނަގެ ސޮއި އެހޯދީ..
މަހަށްްދަގަ
16 June 2019
ބާރސާއިން ކޮށްފަ އޮތް ވައްކަމެއް ނޫންތޯ؟ އޭގެ ފަހުން 4އަހަރުވެއްޖެ
ރަދީފް
17 June 2019
Martin Ødegaard ވެސް އެއީ ރެއާލުން އަގުބޮޑުކޮށް 2015ގަ ގެނައި ކުޅުންތެރިއެއް.
ޢަނީ
16 June 2019
ކޮޕާ އެމެރިކާގައި ޖަޕާން ކުޅެންޖެހޭ ސަބަބެއް ނުވިސްނޭ. ޖަޕާނަކީ އޭޝިއާ ގައުމެއް ނޫންތޯ؟!!!
ޢޮޅުން ފިލުވާ
17 June 2019
ޥާނުވާ