ޕެރޫގެ އެޑްވިންކޫލާ (ކ) ކައިރިން އުރުގުއޭގެ ސުއަރޭޒް ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ
30 ޖޫން 2019 - 09:01
ސަލްވަޑޯ، ބްރެޒިލް (ޖޫން 30) - ކޮޕާ އެމެރިކާގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު ކަމަށްވާ އުރުގުއޭ އަތުން ޕެނަލްޓީ ޖަހައިގެން 5-4 އިން މޮޅުވެ ޕެރޫ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
އަންނަ ބުދަ ދުވަހުގެ ސެމީގައި ޕެރޫ ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޗިލީއާ އެވެ. ސެމީން ޗިލީ ފުރުސަތު ހޯދީ ކޮލަމްބިއާގެ މައްޗަށް ކުރި ހޯދުމަށް ފަހު އެވެ. އަނެއް ސެމީގައި ބްރެޒިލް ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ.
ގްރޫޕް ސްޓޭޖުގައި މެޗަކުން ބަލިނުވެ ސެމީ އަށް އައި އުރުގުއޭ އިން ރޭގެ މެޗުގައި ޕެރޫ ކޮޅަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އަނެއްކޮޅުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ބްރެޒިލް އަތުން 5-0 އިން ބަލިވި މެޗަށް ވުރެ ރަނގަޅު ޑިފެންސިވް ކުޅުމެއް ޕެރޫގެ ފަރާތުން ރޭގެ މެޗުގައި ފެނުނެވެ.
ރޭގެ މެޗުގައި އުރުގުއޭގެ އެޑިސަން ކަވާނީ އާއި ލުއިސް ސުއަރޭޒް އަދި ޖިއޯޖިއަން ޑި އަރަސްކައޭޓާ ވަނީ ލަނޑު ޖަހައިފަ އެވެ. އެކަމަކު މި ތިން ގޯލު ވެސް ޖެހީ އޮފްސައިޑްގައި ހުރެ ކަމަށް ވުމުން ރެފްރީ އެ ލަނޑު ގަބޫލެއް ނުކުރި އެވެ.
ލަނޑެއް ނުޖެހި އެއްވަރުވެގެން މި ފަހަރުގެ ކޮޕާ އެމެރިކާގައި ކުއާޓާ ފައިނަލުގެ ތިން މެޗެއްގައި ވަނީ ޕެނަލްޓީ ޖަހައިފަ އެވެ. ރޭގެ މެޗުގައި ނާކާމިޔާބުވީ ސުއަރޭޒް ޖެހި ޕެނަލްޓީ އެވެ. އެ ޕެނަލްޓީ ޕެރޫގެ ގޯލްކީޕަރު ޕެޑްރޯ ގަލެސޭ ވަނީ ހުއްޓުވައިފަ އެވެ. އުރުގުއޭ އިން ޕެނަލްޓީ ކާމިޔާބުކުރީ ކަވާނީ، ކްރިސްޓިއަން ސްޓުއާނީ، ރޮޑްރީގޯ ބެންޓަންކޫރާއި ލޫކަސް ޓޮރޭރާ އެވެ. ޕެރޫން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއިރު، އެ ޓީމުގެ ޕެނަލްޓީތައް ޖެހީ ޕައޮލޯ ގަރޭރޯ، މާރިއޯ ރުއިޑިއާޒް، ޔޮޝިމާ ޔޮޓުން، ލުއިސް އެޑްވިންކޫލާ އަދި އެޑިސަން މިކޭލް ފްލޯރެސް އެވެ.
ޕެރޫގެ ކެޕްޓަން ގަރޭރޯ ބުނީ މެޗަށް ނުކުތްއިރު ވެސް ގިނަ ބަޔެއްގެ ނަޒަރުގައި އެ ޓީމު އޮތީ ކަޓާފައި ކަމަށާއި އެކަމަކު އެ އެންމެން ގޯސްކަމަށް ސާބިތުކޮށްދީ ޕެރޫ ކުޅުންތެރިން ދެއްކި ހިތްވަރު ފާހަގަކުރާ ކަމަށެވެ.
އުރުގުއޭގެ ކެޕްޓަން ޑިއޭގޯ ގޮޑިން ބުނީ އެ ޓީމަށް ދިމާވި މައްސަލައަކީ ލަނޑެއް ނުޖެހުން ކަމަށާއި މިއީ ފަސޭހަކޮށްލައިގެން ބަލިވި މެޗެއް ކަމަށް ގަބޫލުނުކުރާކަމަށެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފައިވާ ޕެރޫ މީގެ ހަތަރު އަހަރު ކުރިން ސެމީ ފައިނަލުގައި ވާދަކުރި އެވެ. އެ ފަަހަރު އެ ޓީމު ބަލިވީ ޗިލީ އަތުންނެވެ. އެހެން ކަމުން މި ފަހަރުގެ ސެމީ އަކީ އޭގެ ބަދަލު ހިފަން ޕެރޫ އަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޑިފް
02 July 2019
ކޮން ގޮތަކުން ހޭ އެޓޫ ލެޖެންޑަކަށް ވީ؟
ސަނީީ
30 June 2019
މެސީ ފޭނުންނަށް މަރުހަބާ. މޮޅު ޓީމެއް ކެޓުމަކީ އެމީހުން ދެކެން ބޭނުންވާ ގޮތް
ހަގީގަތް
30 June 2019
މެސީ ފޭނުން އަބަދުވެސް ބޭނުންވާނީ މޮޅެތި ޓީމްތަކާ ދެކޮޅަށް ކުޅެން. ފަހަރެއްގަ ތިއީ ދޮންކަލޯ ބޭނުންވާގޮތް ކަމަށްވެދާނެ. އަނެއްކާ އުރުގުއޭއާ އާރޖެންޓީނާޔާ ކޮން ގުޅުމެއް އޮތީ. އާރޖެންޓީނާ ފައިނަލަށް ދިޔަ ނަމަވެސް އުރުގުއޭއާއި ޗިލީ ތެރެއިން އެއް ބަޔަކާ ކުޅެން ޖެހޭނީ. (އުރުގުއޭ ކުއާރޓާގަ މޮޅުވިނަމަ)
ޝަމްްް
30 June 2019
ފައިނަލަށް ގޮސްފިނަމަ އެއިރުން އަނެއްކާ ޗިލީއާ ނޫނީ އުރުގުއޭ އާ ދޯ ޖެހޭނީ. ބާރސާ ފޭނުން ބޭނުންވާނީ ފަސޭހައިން މޮޅުވެވޭނެ ގޮތެއް.
ހަގީގަތް
30 June 2019
ޗިލީ އަދި އުރުގުއޭއެއީ އާރޖެންޓީނާޔަށްވުރެ މޮޅު ޓީމްތަކެއް. ސްކޮޑުގެ ފެންވަރަށް ބަލަންޏާ. އެހެންވީމާ ފައިނަލްގަ ވަކި ފަސޭހަވާނެތަ. (އާރޖެންޓީނާ ފައިނަލަށް ގޮސްފިނަމަ) މެސީ ފޭނުން އާރޖެންޓީނާޔަށް ސަޕޯރޓްކުރިޔަސް ހުރިހާ ބާސާ ފޭނުން އެޓީމަށް ސަޕޯރޓެއް ނުކުރާނެ. އަހަރެންވެސް މިއީ ބާސާ ފޭނެއް. އެކަމަކު ސަޕޯރޓްކުރަނީ ބްރެޒިލްއަށް.
ރަދީފްް
30 June 2019
ކަލެއަށް ދޭހަނުވާހާ ގަމާރީތަ ހަމަ؟ ފުރަތަމަ ކޮމެންޓްގަ އެއޮތީ ޕެރޫ މޮޅުވީމަ އުފާވާނެ ވާހަކަ. ޗިލީއަދި އުރުގުއޭއަކީ ވަރުގަދަ ޓީމުތަކެއްވީމަ ހަގީގީ މެސީ ފޭނުން ފައިނަލުގައިވެސް ކުޅެލަން ބޭނުންވާނީ ޕެރޫއާ. (ފައިނަލަށް ގޮސްފިއްޔާ). ޗިލީއާ އެންމެ ފަހުން ޖެހުނު ދެފަހަރުވެސް ކަރު ބުޑުގަ ލީ ހިތި ރަހަ އަދިވެސް ނުފިލާ. ބްރެޒިލް ސަޕޯރޓަރުންނަކީ ޕްލާސްޓިކް ބާރސާ ފޭނުން. މުބާރާތް ފެށުނީއްސުރެ އާރޖެންޓީނާއަށް ތިޔަ ކުރާ ފުރައްސާރަ ހުއްޓާލާ
ރާވެރިބެ
30 June 2019
އުރުގުއޭ 3 ގޯލެއް ނުޖަހާ. އެކަމަކު ގޯލުގެ ތެރެއަށް 3 ފަހަރު ބޯޅަ ފޮނުވާލި. އޮފްސައިޑްގައި ހުރުމުން 3 ފަހަރުވެސް ގޯލެއް ކަމަށް ނުނިންމި.
ޢިބޫ
30 June 2019
އޮފްސައިޑް ގޯލޭ ކިޔަނީ ކީއްވެކަން އިނގޭތަ ސޮރާ؟
ރާވެރިބެ
01 July 2019
އިބޫ ... އަަދި އެއްފަހަރު ލިޔުން ވިދާލުވެލައްވާ... ލިޔުމުގައި އޮފްސައިޑް ގޯލޭ އޮތްނަމަ މަވެސް އެ ކޮމެންޓެއް ނުލިޔުނީމުސް. އޮތީ 03 ލަނޑު ޖެހިވާހަކަ...
ރަދީފް
30 June 2019
މަރުހަބާ ޕެރޫ.އަބަދުވެސް މޮޅުވާނީ ކޮންމެވެސް އެއް ޓީމެއް.
ބޮއްރަދީފު
30 June 2019
4 ޓީމުމޮޅުވެގެންސެމީއައްގޮއްސި