އަލްޖީރިއާ ކުޅުންތެރިން އެފްރިކަން ކަޕް ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
20 ޖުލައި 2019 - 08:17
ގާހިރާ، މިސްރު (ޖުލައި 20) - ސެނެގޯލްގެ މައްޗަށް 1-0 އިން ކުރިހޯދައި އަލްޖީރިއާ އިން ދެ ވަނަ ފަހަރަށް އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ 29 އަހަރު ތެރޭ އަލްޖީރިއާ އަށް މި މުބާރާތުގެ ތަށި އުފުލާލެވުނު ފުރަތަމަ ފަހަރެވެ. އެ ޓީމުން 1990 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރީ އަމިއްލަ ގައުމުގައި ބޭއްވި އިރު އެވެ. މި ފަހަރުގެ މުބާރާތުގައި އަލްޖީރިއާ އިން ވަނީ ގްރޫޕް ސްޓޭޖުގައި ވެސް ސެނެގޯލް 1-0 އިން ބަލިކޮށްފަ އެވެ.
ސަސްޕެންޝަނުގެ ސަބަބުން ސެނެގޯލުން އެ ޓީމުގެ އެއް ވަނަ ޑިފެންޑަރު ކަލިދޫ ކުލިބާލީ ނުލައި ކުޅުނު މި މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި އަލްޖީރިއާ އަށް މެޗުގައި ޖަހައިދިން ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ބަގުދާދު ބޫނެޖާ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ސެނެގޯލުގެ ސަލީފް ސާނޭ ގައިގައި ޖެހިފައި ގޮހެވެ.
ނަތީޖާ ހަމަހަމަކުރަން ސެނެގޯލުން ގިނަ ގޮތްގޮތުން މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. ދެ ވަނަ ހާފްގައި ރެފްރީ ވަނީ ސެނެގޯލަށް ޕެނަލްޓީ އެއް ދިނުމަށް ފަހު ފަހުން ނިންމުން ބަދަލުކޮށްފަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު ރެފްރީ ނިންމީ އެ ޕެނަލްޓީ ނުދޭށެވެ. ސެނެގޯލަށް ނަތީޖާ ހަމަހަމަ ކޮށްދޭން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ އެމްބާއޭ ނިޔާން އާއި އިސްމާއިލް ސާ އަށެވެ. ދެ ކުޅުންތެރިންނަށް ހުސްކޮށް ލިބުނު ފުރުސަތުތަކުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.
އަލްޖީރިއާގެ ކުޅުންތެރިން ކޯޗު ބެލްމާދީ އުފުލާލައިގެން. -- ފޮޓޯ: އޭއެފްޕީ
ސިޔާސީ މައްސަލަތަކެއްގެ ސަބަބުން އަލްޖީރިއާ ފާއިތުވި ދުވަސްތަކުގައި އޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. އަލްޖީރިއާގެ ކޯޗު ޖަމީލް ބެލްމާދީ ބުނީ އެ ގައުމަށް ހަމަޖެހުމެއް ގެނެސްދިނުމަށް ކުޅުންތެރިން ތިބީ މި މުބާރާތް ކާމިޔާބުކުރަން ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ.
"މި ކުޅުންތެރިންނަށް ހުރިހާ ޝުކުރެއް ހައްގީ. އެ މީހުން އެ މަސައްކަތްކުރީ ހަމައެކަނި ޗެމްޕިއަންކަން ހޯދާކަށެއް ނޫން. އަމިއްލަ ފަސްގަނޑުގައި ހިނގާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ފުރުސަތެއް ވެސް ހޯދުމަށް. އެކަން ހާސިލްކުރެވޭނެކަމުގެ އުއްމީދުގައި މިތިބީ،" ބެލްމާދީ ބުންޏެވެ.
ސެނެގޯލުން 2002 ވަނަ އަހަރުގެ ފައިނަލުގައި ބަލިވިއިރު ޓީމުގެ ކެޕްޓަނަކަށް ހުރި އަލިއޫ ސީސޭ އަކީ މިހާރު އެ ޓީމުގެ ކޯޗެވެ. ސީސޭ އަށް ވަނީ މި މުބާރާތުގެ ފައިނަލުގައި ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައި ވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.
"މިއީ ވެސް ދަސްކުރަންވީ ކަމެއް. މެޗު ފަށައިގެން ހަމަޖެހިލަން މާ ގިނަ ވަގުތެއް ނުލިބޭނެ. އަހަރެމެންގެ ސަމާލުކަން މާ ބޮޑަށް ގެއްލިފައި އޮއްވައި ގޯލެއް ވަނީ. އެނބުރި މެޗުގެ ތެރެއަށް އަންނަން ބެލިއިރު އަލްޖީރިއާ އޮތީ ހުރިހާ ކަމަކަށް ތައްޔާރުވެގެން ރަނގަޅު ރޫހެއްގައި،" ސީސޭ ބުންޏެވެ.
މިއީ 1998 ވަނަ އަހަރަށް ފަހު އެ ގައުމަކަށް ނިސްބަތްވާ ދެ ކޯޗުން އެފްރިކާގެ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
20 July 2019
މަރުހަބާ އަލްޖީރިއާ.ސެނަގޯލް ކުރި ހިތްވަރަށް ސާބަސް.
ބަބުރަންޖީ ހާޖީ
20 July 2019
އަލްޖީރިޔާ ސަރުކާރުންވެސް މިކަމާ ނިކުތީމާ މިހާފުރިހަމައަށް މިކަން މި ނިމުނީ.
ޔަމްލީޚާ
20 July 2019
ފުޓުބޯޅަ އަކީވެސް ކިޔެވުން ފަދަ ކަމެއް. އަބަދުވެސް އާ ކަންކަން ދަސްކުރުމުގަ މީގަ ބްރެޒީލެކޭ ސެނެގާލް އެކޭ ރާއްޖެއެކޭ ތަފާތެއްނެތް. ވޯލްޑް ކަޕްގެ ފައިނަލްގަ ބްރެޒީލް ކޮޅަށް 7 ލަނޑު ޖެހީމަ އެކަންވެސް ވީ އާކަމަކަށް. ސެނެގާލް ކޮޅަށް އަވަހަށް ލަނޑެއް ވަނުންވެސް ތިވީ އާކަމަކަށް.